(22 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެހެންވީމާ އޭގެ މާނައަކީ އަހަރުމެންނާ ދިމާކޮށް އުނދަގޫކުރަން ދެން އަންނަ އެޖެންޓަކާ ވެސް އަޅުގަނޑު މިގޮތަށް ކުރިމަތިލާން ޖެހޭނެއޭ... މިގޮތަށް އެޖެންޓުން އައުމުގެ ސިލްސިލާ ބަންދުވާނެ ގޮތެއް ނޯންނާނެތަ؟"
އިންދަރްޖީތު ކޮންމެވެސް އެއްޗެއް ވިސްނަން އިންނަހެން އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ. އަދި ސިނގިރޭޓުގެ ވަރަށް ދިގު ކިޝްއަކަށް ފަހު ބުނެލިއެވެ. "ނޯންނަންވީ ކީއްވެ.. އެކަމަކު އެހެންވާނީ އަޅުގަނޑު ކުށް ރިޕޯރޓެއް ހެޑްކްއާރޓަރަށް ފޮނުވައިގެން އޭގައި އަޅުގަނޑު އަންގަން ޖެހޭނީ ކަލާގެ ހުރިހާ ކަންތައްތަކެއް ނިންމާ ލެވިއްޖެކަމަށް... ފަހަރުގައި ކަލާ މަރުވެއްޖެ ކަމަށްވެސް އަންގަން ޖެހިދާނެ..."
"ވަރަށް ރަނގަޅު" ޑާގަރް އިންދަރްޖީތުގެ ވާހަކަ މެނދުކަނޑާލާފައި ވާހަކަ ދައްކަން ފެއްޓިއެވެ. "ކަލާ ކުށް ރިޕޯރޓެއް ފޮނުވައިގެން އެކަންތައް ވެދާނެ..އެކަމަކު އިންސްޕެކްޓަރް! ކަލާއަކީ ވަރަށް ވިސްނުންތެރި މީހެއް ކަލާވަނީ ވަރަށް ބޮޑެތި ބޮޑެތި މުޖްރިމުން ހައްޔަރު ކުރުވާފައިވީ އިރު ކަލާގެ ކުށް ރިޕޯރޓެއް ފޮނުވާދޭނެކަން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭނީ ކިހިނެއް؟"
"އަޅުގަނޑުގެ ވާހަކައަކީ ފިރިހެނެއްގެ ވާހަކަކަމަށް ކަލާ ވިސްނަވާ ކަމަށްވާނަމަ، ގައިމުވެސް އަޅުގަނޑުގެ ވާހަކައަށް ޔަޤީންކުރައްވާ! އެއްފަހަރު ވަޢުދުކޮށްފައި އެވަޢުދު ފުރިހަމަކުރުމަށް ވެސް މިހާރު މިދަނީ މަސައްކަތް ކުރަމުން ނޫންތޯ؟" އިންދަރްޖީތު ބުންޏެވެ.
ބަޓްލަރް، ޝީވާޒް ރީގަލްގެ ރާފުޅިއެއްގެ މަތިނަގާފައި ތަށްޓަށް އަޅަން ފަށައިފިއެވެ.
"އަސްތާ... މިސްޓަރް އިންދަރްޖީތު.. އަޅުގަނޑު އަދި މީނީ ކަލާއަށް މިކުއްޖާ އިންޓަރޑިއުސް ކޮށްދޭންވެސް ހަނދާން ނެތިފައި" ޑާގަރް ސީމާއާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
އިންދަރްޖީތު އެވަގުތު ބަލަންއިނީ ރާތަށްޓާ ދިމާއަށެވެ.
"ޑާރލިންގް.. މިއީ އިންދަރްޖީތު އިނިސްޕެކްޓަރް އިންދަރްޖީތު އޭނާއާ ބެހޭގޮތުން ހުރިހާ ވާހަކައެއް މިހާރު އޮންނާނީ ކަލާއަށް ކިޔާދީފައި. މިސްޓަރް އިންދަރްޖީތު.. މިއީ ސީމާ" ޑާގަރް ސީމާގެ އަތުގައި ހިފާލިއެވެ.
ކުއްލިއަކަށް ސީމާ ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. "އަހަރެން ގައިގާ އަތްނުލާ" !
"އެންމެ ރަނގަޅު" ޑާގަރް ބުންޏެވެ.
"އަޅުގަނޑުވެސް ކަލާއަކަށް މާބޮޑަށް މަޖްބޫރެއް ނުކުރާނަން..... އެކަމަކު އަޅުގަނޑަށް ކުރެވިދާނެ." އޭނާ މަލާމާތުގެ ހިންޏެއް ހީނލިއެވެ. އަދި ރާތަށި ނަގާފައި އިންދަރްޖީތާ ދިމާއަށް ބަލާލާފައި ބުނަން ފެއްޓިއެވެ. "މިދުނިޔޭގައި ރީތި އަންހެންކުދިން މަދެއް ނޫން.. ހުރިހާ ކުދިންވެސް ރުފިޔާގެ ދަޅައަށް ދެމެމުން އަންނާނެ- ރުފިޔާއަކީ ވަރަށް ބާރުގަދަ އެއްޗެއް އެހެންނޫންތޯ މިސްޓަރ އިންދަރްޖީތު؟"
"ޓު ދި ބެސްޓް އޮފް ޔުއަރ ހެލްތް" (ކަލާގެ އެންމެ ފުރިހަމަ ޢާފިޔާއަށް) އިންދަރްޖީތު ރާތަށި މައްޗަށް ހިއްލާލާފައި ބުންޏެވެ. އޭނާ ޑާގަރްކޮށްލި ސުވާލަކަށް ޖަވާބެއް ނުދެއެވެ. "ޓު ދި ބެސްޓް އޮފް ޔުއަރ ހެލްތް އެންޑް ވެލްތް" (ކަލާގެ އެންމެ ފުރިހަމަ ޢާފިޔާއާއި މުއްސަނދިކަމަށް) ޑާގަރް ރާތަށި އުފުލާލަމުން ބުންޏެވެ.
"ޗިއާރޒް"
"ޗިއާރޒް" ދެ މީޙުން އެކެއްގެ ތަށި އަނެއްގެ ތަށީގައި ޖައްސާލިއެވެ.
އިންދަރްޖީތު ފުރަތަމަ ކޯވަރުންވެސް ވަރަށް ގިނައިން ބޯލިއެވެ.
"އިރުކޮޅެއް ވަންދެން އިހަށް މައްސަލައާ ބެހޭ ވާހަކަ ދައްކާލަމާތޯ؟ "ޑާރަގްވެސް ފުރަތަމަ ކޯވަރު ބޯލާފައި ބުންޏެވެ.
"އެންމެ ރަނގަޅު... ކަލާ އެދިއްލައްވާ ގޮތަކަށް..." އިންދަރްޖީތު ޗިކަން ޓިއްކާކޮޅެއް އަނގައަށްލަމުން ބުންޏެވެ.
"އިންދަރްޖީތު ... ކަލާ މާދަމާ ހެނދުނު މިތަނުން ދުރުވާނީ... އެހެންނޫންތޯ؟"
"މުޅިން ރަނގަޅު" އިންދަރްޖީތު ލޮނުލާފައިވާ ހަނާކޮށްފައިވާ ކަޖޫނަޓެއް ކާލަމުން ބުންޏެވެ.
ޑާގަރް ކައިރީގައި ސީމާ ހިމޭނުން އިނެވެ. އޭނާ އިންދަރްޖީތާ ދިމާއަކަށް ނުބަލައެވެ. ބަލަން ނުވެސް ކެރެނީއެވެ. އިންދަރްޖީތުވެސް ހީވަނީ މިހާރު އޭނާމަތިން، އަދި އޭނާއާ ބެހޭ ހުރިހާ ކަންތައްތަކެއް ހަނދާން ނައްތާލާފައިވާހެންނެވެ. އޭނާގެ ހިތުގައިވެސް އަދި ސިކުނޑީގައި ވެސް ސީމާއަށް ޓަކައި އެއްވެސް ތަންކޮޅެއް ބާއްވާފައި ނެތްހެންނެވެ. ނަމަވެސް މިވަގުތު ސީމާ އެއިނީ އޭނާ ކުރިމަތީގައެވެ. އޭނާ އެތާނގައި އެގޮތަށް އިންތަން ބަލަން، އަދި އެކަމަށް ކެތްކުރަން މިވަގުތު ވަނީ އިންދަރްޖީތަށް މަޖްބޫރުވެފައެވެ. ނަމަވެސް އިންދަރްޖީތުގެ ނަޒަރު ސީމާގެ މޫނާ ދިމާވާއިރަށް އޭނާގެ ހިތުގެތެރޭގައި މޮޅިވެރިކަމާއި ރުޅިވެރިކަމުގެ ރާޅުތައް އުފެދިގެންދެއެވެ.
"ޑާގަރް..! މިހަދަނީ ދޮގުކަމަށް ހީކުރިޔަސް، އަދި މާދަމާ މިތަނުން ދިޔަނަމަވެސް ކަލާއާ ބެހޭގޮތުން އަޅުގަނޑު ޑިޕާރޓްމަންޓަށް ފޮނުވާނީ ކޮންމަޢުލޫމާތެއްތޯ؟ މިހާތަނަށް ކަލާއާ ބެހޭގޮތުން އަޅުގަނޑަށް ހަމަ އެއްވެސް އެއްޗެއް ނޭނގޭ... އެހެންވީމާ އަޅުގަނޑު މާދަމާ މިތަނުން ދިޔުމަށްފަހު އަލުން އައު އެޖެންޓެއް އައިނަމަވެސް އޭނާއަށްވެސް ކުރިމަތިލާންޖެހޭނީ އަޅުގަނޑާ ޙަވާލުކުރި ތަޙްޤީޤާބެހޭ މަސައްކަތް ފުރިހަމަނުކޮށް އެނބުރި އައުމުގެ ކުށާ... އަޅުގަނޑު ކަލާއަތުން މިއަތުލަނީ އެކަމުގެ އަގު.."
"ގުޑް.." ޑާގަރް ބުންޏެވެ. "ތިޔައީ ރަނގަޅު ވާހަކައެއް!"
"އެކްސްކިއުޒްމީ އަޅުގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި އެބައަންނަން!" ސީމާ ޑާގަރް ކައިރިން ތެދުވަމުން ބުންޏެވެ. އޭނާގެ ލޮލުން ނުހިފެހެއްޓިގެން ކަރުނަތައް އޮހޮރެމުންދެއެވެ. ނަމަވެސް އިންދަރްޖީތު މިހާރު އެއްވެސް ކަމަކާ މޮޅިއެއްނުވެއެވެ. ސީމާ ދިޔުމުން އިންދަރްޖީތް ޑާގަރްއާ މުޚާޠަބްކޮށް ބުންޏެވެ.
"މިއަންހެން ކުއްޖާއަކީ ހާދަމޮޅު އެކްޓްރެސްއެކޭ! އަދި ޖާދޫގަރެއްވެސް މެ... ހަމަ މީގެ ދާދި ކުޑައިރުކޮޅެއް ކުރީން އޭނާ ފަސްމީހުން ގޮވައިގެން އަޅުގަނޑުގެ ކޮޓަރީގައި ހުރި... މިހާރު މިތާނގައި އެއިނީ- ކަލާ ކައިރީގައި.."
"އެކަމުގައި އޭނާގެ އެއްވެސް ކުށެއްނެތް އިންދަރްޖީތު!" ޑާގަރް ބުންޏެވެ. "އަޅުގަނޑު އަންގާ ކަންތައްތައް އޭނާ ކުރަމުންދަނީ އަދު ހަވީރު ފަސްމީހުންނާއެކު ކަލާގެ ކޮޓަރިއަށް އޭނާ ފޮނުވީ ވެސް އަޅުގަނޑު ކަލާގެ ކޮޓަރީގައި އަޅުގަނޑުގެ ދުޝްމަން މީހާ އުޅޭކަމަށް އަޅުގަނޑަށް ޚަބަރުލިބުނީ... ނަމަވެސް ކޮޓަރީގައި އުޅުއްވީ ކަލާ އެކަނިކަމުން އެމީހުންނަށް ހީވީ އެ ދުޝްމަންމީހާ ބާތުރޫމްގައި ފިލާ އޮތީކަމަށް. ނަމަވެސް އެތާކުވެސް މީހަކުނެތް. ލަފާކުރެވޭގޮތުގައި ކަލާވެސް ބޭރަށް ފުންމާލެއްވީ. ކަލާފަހުން ބަންގްލޯއިން ނުކުންނެވުމުގެ ކުރިން އަޅުގަނޑުގެ މީހުން ސީމާ ކޮޓަރީގެ ކުޑަދޮރުން ނެރެގެން މިތަނުން ގެނައީ.... އޭގައި އޭނާގެ އެއްވެސް ބާރެއްނެތް.."
"ވަރަށް ރަނގަޅު... "ކަންވީ ގޮތަކީ އެއީ ދޯ؟" އިންދަރްޖީތު ކޮންމެވެސް އެއްޗެއް ވިސްނާލާފައި ބުންޏެވެ. "އެކަމަކު ކަލާގެ ދުޝްމަން މީހާއޭ ތޯ... ކަލާގެ ދުޝްމަނަކަށް ކާކު ތޯ" އިންދަރްޖީތު އަޖައިބުވެފާ އަހާލިއެވެ.
"އަގްރަވާލް..." ޑަގަރް ބުނަން އުޅެފައި ކުއްލިއަކަށް ހުއްޓާލިއެވެ. "ކަލާ ވަރަށް ހުޝިޔާރު!.... ވަރަށް ބޮޑަށް ހުޝިޔާރު! އިންދަރްޖީތު!" ހުރިހާ އެއްޗެއް ޑާގަރްއަށް ވިސްނުނު ކަހަލައެވެ.
ޙަޤީޤަތުގައިވެސް އިންދަރްޖީތަށް އެނގެން ބޭނުންވީ މަޢުލޫމާތު އޭނާއަށް ލިބިއްޖެއެވެ. ސީމާގެ ފިރިމީހާ އަގަރްވާލްއާއި ޑާގަރްއާ ދެމީހުންގެ ދެމެދުގައި ކޮންމެވެސް ކަހަލަ ދެކޮޅުވެރިކަމެއް އުޅޭކަން އޭނާއަށް އެނގިއްޖެއެވެ. "އިންދަރްޖީތު.. މި ޓޮޕިކްގެ މައްޗަށް މާގިނަ ވާހަކައެއް ނުދެއްކޭނެ! "
ސީމާ އަންނަން ޑާގަރް އަންގައިފިއެވެ. އޭރު ޑިނަރުވެސް ވަނީ ތައްޔާރުކޮށްފައެވެ.
(ނުނިމޭ)