ދުޝްމަން ލޯބިވެރިޔާ - 15

(15 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސީމާ އަހަރެން މިތަނަށް އަންނަން އެންގީ އަހަރެން ދަލުގައި ޖެއްސުމަށޭ؟ އެއީ އެކަށީގެންވާ  ކަމެއް ނޫން.. ފަހަރެއްގައިވެސް އެހެންނުވާނެ. "އިންދަރްޖީތުގެ ހިތާއި ސިކުނޑިއަށް ވަރުގަދަ ތޫފާނެއް އަތުވެއްޖެއެވެ. ޑޮރޮތީގެ  ވާހަކައިގައިވެސް ތެދު އެބަހުއްޓެވެ. ސީމާ އެހާބޮޑު ޑްރާމާއެއް ކުޅެފާނެބާއެވެ. އެހެންވެސް ވެދާނެއެވެ. އެހެންނުވެވެސް ހިނގައިދާނެއެވެ. ތެދަކީ ކޮބައިބާވައެވެ. ދޮގަކީ ކޮބައިބާވައެވެ. ފަހަރެއްގައި މިއަންހެން ކުއްޖަކީވެސް ޑާގަރްމެން ބައި ކުއްޖަކަށްވުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ. އެކަމަކު އެކުއްޖާގެ  ވާހަކަ ވަރަށް  ދެކޮޅު އެއްވަރެވެ. ބެލެންސްވެއެވެ. އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ލޯބިވެސް ދޮގުވެރިއަކަށް ވެދާނެބާވައެވެ.  ރޭގައި ސީމާއާއެކު ހޭދަކޮށްލެވުނު ވަގުތުތަކަކީ  ރީތި ސަމާސާއެއްބާވައެވެ.  ސީމާ އޭރު ވާހަކަ ދައްކަމުން ދިޔަގޮތް... އޭނާގެ ޖަޒްބާތު.. ފަހެ އެއީ ހަމަ މުލައްމާ ދެއްކުމެއް ބާވައެވެ...."

އިންދަރްޖީތު ވިސްނަމުން ފިކުރުކުރަމުން  ދިޔައެވެ. އަދި ބްރެންޑީގެ އެތައް ތަށްޓެއް ހުސްވަމުން ދިޔައެވެ.

އިންދަރްޖީތު އަދިވެސް ވިސްނަމުން ދަނީއެވެ. "މި ޖަޛްބާތަކީވެސް ކޮންކަހަލަ އެއްޗެއް ހެއްޔެވެ؟ ކޮންމެ ކަމަކަށްވެސް ޖަޛްބާތު އުފެދިދާނެއެވެ. އަދި ޖަޛްބާތު އުފެއްދުން ދިމާވެދާނެ ކިތަންމެ ގޮތެއްވެސް މެދުވެރިވެދާނެއެވެ. ނަމަވެސް މިދުވަސްވަރުގެ ދުނިޔޭގައި ޖަޛްބާތުގެ އަގު ވަޒަން ކުރަނީ ކާކު ހެއްޔެވެ؟ އެއްވެސް ޖަޛްބާތެއްގެ އަގެއް ނެތެވެ. ހަތަރުފަސްގަޑިއިރުތެރޭގައި ޖަޛްބާތު ބަދަލުވެދެއެވެ. ޖަޛްބާތުވެސް މިއަދުވަނީ އެދުންތަކާ ގުޅިފައެވެ." އިންދަރްޖީތު އިސްއުފުލާލާފައި ޑޮރޮތީއާ ދިމާއަށް ބަލާލިއެވެ. އޭނާވެސް އިނީ ޚިޔާލުގެތެރެއަށް ގެއްލިފައެވެ. ނަމަވެސް އިރުކޮޅުން ބްރެންޑީ ފޮދެއް ބޮމުންގެންދެއެވެ. އަނެއްކާވެސް އިންދަރްޖީތު ޚިޔާލުގެ ދުނިޔެއަށް ގެއްލުނެވެ.

ޑޮރޮތީ... ސިކްރެޓް ސާރވިސް... ވިސްކީ އާއި ބްރޭންޑީ … ޕޮލިސް.... އިޝްޤު...ލޯބި.. އަގުރްވާލް.. މިހުރިހާ ކަމެއް އޭނާގެ އަތުގައިވާ ބްރޭންޑީތަށީގެ ހަހާސް ރުފިޔާ... ބޯލައިފިއެވެ. މިއަދު އަނެއްކާވެސް އޭނާގެ ލޯބީގައި ކެހި ލިބިއްޖެކަން އިންދަރްޖީތަށް އިޙްސާސްވެއްޖެއެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވެއްޖެއެވެ.

އިންދަރްޖީތާއި ޑޮރޮތީ ކްލަބްގޭގެ ފެންޑާ މަތިން ބޭރަށް އަތުވެއްޖެއެވެ. އަދި އިންދަރްޖީތު މިއަދު ވަނީ ބޭނުންވަރަށްވުރެ ގިނައިން ބްރޭންޑީ ބޮއިފައެވެ. ދެމީހުން ހިނގަމުން އައިސް އެތާނގައި ލަކުޑިން ހަދާފައިވާ ފާލަމެއްގެ މައްޗަށް އެރުމަށްފަހު އިންދަރްޖީތު އަހާލިއެވެ.

"ޑޮރޮތީ.. ކަލާއަކީ ކޮންތަނެއްގެ ކޮންކުއްޖެއްތޯ؟"

"އަޅުގަނޑުގެ މަންމައަކީ ފަރަންސޭސި ވިލާތުގެމީހެއް. ބައްޕައަކީ އިނގިރޭސިއެއް..." އޭނާ ޖަވާބު ދިނެވެ.

"އަޅުގަނޑުވެސް ވިސްނަމުން މިދަނީ ތިޔަހެން..." އިންދަރްޖީތު ބުންޏެވެ. "ކަލާގެ ތިޔަހެރަ ރީތި މޫނާއި، ފަރި ޙަރަކާތްތައް ހަމައެކަނި އިނގިރޭސި ލެއަކުން ނާންނާނެއޭ. ފަރަންސޭސި ލެއާ ގުޅާލަމުން މިހާރު ކަލާގެ ތިޔަ ބިރުވެރި ރީތިކަމުގެ ސިއްރު ވިސްނިއްޖެ."

"ރީތިކަން އެއީ ދުވަހަކުވެސް ވިސްނާ ކޮޅުންނުލާނޭ ކަމެއް!"

"އަޅުގަނޑުމެންގެ ކުރީގެ އެޖެންޓް ކަލައާ ބައްދަލުވީ ކިހިނެތޯ؟" އިންދަރްޖީތު ސުވާލު ކޮށްލިއެވެ.

"އޯ.ޕީ.އާ.... އަޅުގަނޑު ބައްދަލުވީ މިތަނުން. ޕެހެލްގާމް ކްލަބްގައި އޮތް ކަލްޗަރަލް ޕްރޮގްރާމްގައި... އޭރުން ފެށިގެން އަޅުގަނޑުމެންނަކީ ވަރަށް ބޮޑު ދެ ރަޙްމަތްތެރިންނަށް ވެއްޖެ. ގާތްގަނޑަކަށް ދޮޅުމަސްދުވަސް ވަންދެން އަޅުގަނޑުމެން އުޅުނީ އެކުގައި....އޭނާ އަޅުގަނޑަށް ވަރަށް ގިނަ ވާހަކަ ކިޔާދިން. އަޅުގަނޑު ގޮވައިގެން ޕެހެލްގާމްގެ އެތަންމިތާނގައި ދަތުރުކޮށް އަޅުގަނޑަށް ޕެހެލްގާމް ވަރަށް ރަނގަޅަށް ދައްކާދިން. އެކަމަކު އެއްދުވަހަކު އޭނާ އަޅުގަނޑުގެ ކޮޓަރިއަށް އައި އިރު ހުރީ ވަރަށް ބޮޑަށް ޒަޚަމްވެފައި. އަދި އޭނާގެ ކޮޓަރިއަށް ވަނުމާއެކު މިވާހަކަތައް ކަލާއަށް އަންގައިދިނުމަށް އަޅުގަނޑު ގާތު ބުނެފައި ނުކުމެގެން ހިނގައްޖެ. ފަހުން އަޅުގަނޑަށް ޚަބަރު ލިބުނީ އޭނާ މަރުވެއްޖެކަމަށް....އޭނާ އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔާދިން... ހުރިހާ ވާހަކައެއް..."

އިންދަރްޖީތު މިހާރު ޑޮރޮތީގެ ވާހަކައަށް ކުޑަކުޑަކޮށް އިތުބާރު ކުރަން ފަށައިފިއެވެ. އަޞްލުގައި އޯ.ޕީ.އަކީ ކުރީގެ އެޖެންޓްގެ ކޯޑު ނަމެކެވެ. މިހެން މިކަން ދިމާވިކަމީ ވެސް ޑޮރޮތީގެ ވާހަކައިގެ ތެދުކަން އިންދަރްޖީތަށް އަޤީންވުން އިތުރުވުމުގެ ސަބަބަކަށްވިއެވެ. އިންދަރްޖީތުގެ ޙަޔާތުގައި މިކަހަލަ ދަނޑިވަޅުތައް ވަނީ މީގެ ކުރީންވެސް ދިމާވެފައެވެ. ދޮގަކީ ކޮބައިކަން ތެދަކީ ކޮބައިކަން ވަކިކުރަން ނޭނގޭކަހަލަ ކިތަންމެ ޙާދިޘާއެއް މީގެ ކުރިންވެސް ވަނީ އޭނާއާ ދިމާވެފައެވެ. ނަމަވެސް މިފަހަރު މިދިމާވަނީ ވަރަށް އާދަޔާ ޚިލާފުގޮތެކެވެ. ދޮގުވެރިއަކަށް ނުވަތަ ތެދުވެރިއަކަށް ވާން މިޖެހެނީ ޑޮރޮތީ ނުވަތަ ސީމާއެވެ. އެއްކޮޅުން އޭނާގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ލޯބިވެރިޔާއެވެ. އަނެއްކޮޅުން އެކުއްޖަކާއެކު މުސްތަޤްބަލްގެ ޚިޔާލުތައް އުދުހޭވަރުގެ ރީތި އަންހެން ކުއްޖެކެވެ. ނަމަވެސް މިދެމީހުންކުރެ އެކަކީ ތެދުވެރިއެކެވެ. އަނެކަކީ ދޮގުވެރިއެކެވެ.

އިންދަރްޖީތު އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. މިހާރުއޭނާ ވަނީ ވަރަށް ބޮޑަށް ބަނޑުހައިވެސް ވެފައެވެ. "އަޅުގަނޑު ބަނޑުހައި ވެއްޖެ. ދަމާ ހިނގާ." އޭނާ ޑޮރޮތީ އާ ދިމާއަށް ބުނެލިއެވެ. އަދި ދެމީހުން އެކުގައި ފާލަން މަތިން ފައިބައިފިއެވެ. އެތާނގައި އޮތް ވިނަގަނޑު މަތިން ހިނގަމުން ދަނިކޮށް ކޮންމެވެސް މީހަކު އެއްޗެކޭ ބުނިއަޑު އިވިގެން އިންދަރްޖީތު ސަމާލުކަން އެދިމާއަށް ދޭން ޖެހުނެވެ. "ސާހިބާ... ކަސްތޫރި ނަންގަވާ... މިއީ ހަމައަސްލު ކަސްތޫރި... އަދި ހަމަ އަސްލު ކުމުންޒާނީ ވެސް މިހިރީ.." ކުރިމަތީގައި ހުރި މަތިމަހެއް ލާފައިވާ މީހަކު ގޮވާލި އަޑަށް އެމީހާއަކީ، މެދުމިނުގެ އިސްކޮޅެއް ލިބިފައިވާ ގައިގެ ކުލަ ދޮންވަރެއްގެ މީހެކެވެ. ބޮލުގައި އަޅާފައިވާ ރީނދޫކުލައިގެ ފޮށައެކެވެ. ލައިގެންހުރީ ވެސް ރީނދޫ ކުލައިގެ ކުރުތާ އާއި ދޯތީއެވެ. އޭނާގެ ކޮނޑުގައި ކޮތަޅެއް އެލުވާލާފައި އޮތެވެ.

"ތީ ކޮންއެއްޗެއް...؟" އިންދަރްޖީތު ސުވާލުކޮށްލިއެވެ.

"ކަސްތޫރި.. ސާހިބާ.. ކަސްތޫރި ކޮންމެ ތަނެއްގައި ބެހެއްޓެވި ނަމަވެސް އަބަދަށްޓަކައި މީރުވަސް ދުވާނެ. އަޅުގަނޑު މި ވިއްކަނީ ވަރަށް އަގުހެޔޮކޮށް... ބުނުއްވި ކޮންމެ އަގަކަށްވެސް ދީފާނަން."

"ނޫން.. ބޭބޭ... ނޫން..." އިންދަރްޖީތު އެއިން އެއްޗެއް ގަންނަން ޤަސްދެއް ނުކުރިއެވެ. އެހެންކަމުން އަނެއްކާވެސް ޑޮރޮތީއާއިއެކު ކުރިޔަށް ހިނގައިގަންފިއެވެ. އެތަންވަޅު އެމީހާ އެނބުރިލާފައި ވަރަށް ބާރަށް ބުންޏެވެ. "އެންމެ ރަނގަޅު... ސާހިބާ ނުނެންގެވިޔަސް... ކުރާނެ ކަމެއް ނެތް .. ނުނަންގަވާ ދުރުވޭ... ސާހިބާ އެއްޗެއް ބައްލަވައި ނުގެންނެވި ނަމަވެސް އެކަކުވެސް ބަނޑަކަށް މަރެއް ނުވާނެ...މީރުވަސް ދުވާ އެއްޗެހީގައި އެންމެ ކުޑަމިނުން ވަސްގަތުމަކީ ބޭނުންކަމެއް. އިނގޭތޯ!"

މީރުވަސްދުވާ އެއްޗެހީގައި އެންމެ ކުޑަމިން ވަސްގަތުމަކީ ބޭނުންކަމެއް... "މިއީ ކޯޑް ވޯރޑްއެކެވެ. އިންދަރްޖީތަށް އޭނާގެ ކުރީގެ އެޖެންޓް ބައްދަލުވާން ބޭނުންކުރަން ހަމަޖެހިފައިވާ ކޯޑް ވޯރޑްއެކެވެ."

އިންދަރްޖީތު ކުއްލިއަކަށް ހުއްޓިއްޖެއެވެ.

"ކީއްވެތޯ؟ … އިންދަރްޖީތު .. ކަލާ ހުއްޓިލެއްވީ ކީއްވެތޯ؟" ޑޮރޮތީ އޭނާއާ ސުވާލުކޮށްލިއެވެ. އަދި އޭނާވެސް ހުއްޓިއްޖެއެވެ.

"އެއްވެސް ކަމެއް ނުވޭ... އަސްލުގައި އަޅުގަނޑު ވަރަށް ބޮޑުކަމެއް މަތީން ހަނދާންވީ.. ކަލާ ޓޫރިސްޓް ބަންގްލޯއަށް ދުރުވޭ. އަޅުގަނޑުވެސް މިއަންނަނީ. ގިނައިރެއް ނުވާނަން. އަޅުގަނޑު ލަންޗް ނަގާނީވެސް ތިރިން އިނގޭތޯ!"

ޑޮރޮތީ ބޯހަލުވާލާފައި ހިނގައިގެންފިއެވެ. އޭރު މަތިމަސްލާފައިވާ މީހާ ދިޔަގޮތަށް މަޑުމަޑުން ކުރިޔަށް ދަމުން ދިޔައެވެ. އޭނާ  މަޑުކޮށެއް ނުލައެވެ. އަދި ފަސް އެނބުރި ބަލައެއްވެސް ނުލައެވެ. ހިވާގޮތުގައި އޭނާއަށް އޭނާގެ މަސައްކަތުގެ މައްޗަށް ފުރިހަމަ އިތުބާރު އެބަ އޮތެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.