ދުޝްމަން ލޯބިވެރިޔާ - 8

(8 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކީއްވެތޯ! ސީމާ އިންދަރްޖީތުގެ ލޮލޮގެ ތެރެއަށް ބަލާލާފައި ސުވާލުކުރިއެވެ. ކަލޭއަކީ އެހެން މީހެއްގެ އަތްނބަކަށް ވާތީ... އަދި އަހަރެންނަކީ ކަލޭ ދެކެ ލޯބިވީ މީހަކަށް ވާތީ . އަދި މިހާރުވެސް ލޯބިވާ .... " އިންދަރްޖީތުގެ ވާހަކަ ހުއްޓާލިއެވެ. އެވަގުތު އިންދަރްޖީތަށާއި ސީމާއަށް އެކަކު އަނެކަކާ ދިމާއަށް އެއްފަހަރާ ބަލާލެވުނެވެ. ކަލެއަށް ހަމައެކަނި އެންމެ ރެއަކު އަޅުގަނޑުގޭގައި އަޅުގަނޑުގެ މެހެމާނެއްގެ ގޮތުގައި ނުހުންނެވޭނެތޯ؟ ދެވަނަ ފަހަރަށް ވެސް ސީމާ އަހާލިއެވެ. ސީމާ .... އަހަރެންނަށް އަހަރެން އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރެއް ނުކުރެވޭ... އެންމެ ރަނގަޅު... ކަލޭގެ ނިދާ ކޮޓަރިއަކީ ކޮންކަހަލަ ގޮތަކަށް ހުންނަ ކޮޓަރިއެއްކަން އަހަންނަށް ބުނެދީބަލަ! ސީމާ އިންދަރްޖީތު ގޮވައިގެން އޭނާގެ ނިދާކޮޓަރި ދައްކަން ހިނގައްޖެއެވެ. އިންދަރްޖީތު ވަރަށް ފަރުވާތެރިކަމާއި ވިސްނުމާއި އެކު ކޮޓަރި ބަލަމުން ގެންދިޔައެވެ. އެކޮޓަރީގައި ބޭރަށް ހުޅުވޭ ގޮތަށް ހުރި، ކުޑަދޮރެއް ހުއްޓެވެ. އެކުޑަދޮރު ކައިރިއަށް ޖެހިލައިފައި ދޮރުފަތުގައިވާ ބިއްލޫރިގަނޑުން ބޭރު ބަލާލިއިރު ކުރިމަތީގައިވަނީ ޓޫރިސްޓް ބަންގްލޯއެކެވެ. އިންދަރްޖީތު އެތަން ބަލަން ހުރެފައި ބުންޏެވެ. ސިމާ ބަލާބަލަ. ކުރިމަތީގައި އެހެރީ ޓޫރިސްޓް ބަންގްލޯ.... ކަލޭ ބުނި ގޮތަށް އެ ބަންގްލޯގައި މިދިމާއަށް ހުރި ކުޑަދޮރު އެހެރީ ހުޅުވާލާފައި އެއީ އަހަރެން ހުންނަން ހަމަޖެއްސި ކޮޓަރިދޯ! އޭނާ ސީމާއާއި ދިމާއަށް ބުނެލިއެވެ. ލައްބަ... ނަމަވެސް ކަލާ ބުނުއްވަން ތިޔަ އުޅުއްވަނީ ކީކޭތޯ؟ ސީމާ ހައިރާންވެލާފައި ބުންޏެވެ. އަހަރެން ބުނަން މިއުޅެނީ، މިރޭ ކަލޭއަށް އެއްވެސް ބާވަތެއްގެ ބިރުވެރިކަމެއް ވެއްޖެނަމަ ނުވަތަ ޝައްކުވާ ކަހަލަ މީހަކު ފެނުނު ނަމަވެސް ކަލޭ މިހާރު ކުޑަމޭޒުމަތީގައި މިހުރި ބައްތި އަވަހަށް ދިއްލާލާށޭ. މިރޭ އަހަރެންނަށް ޖެހޭނީ މުޅިން ހޭލާ ހުންނަން ކަންނޭނގޭ... ވީމާ އަހަރެން އަބަދުވެސް ކަލޭގެ މިކޮޓަރީގެ ކުޑަދޮރާދިމާއަށް ބަލަމުން ގެންދާނަން. އެބައްތި ދިއްލިއްޖެނަމަ އަހަރެން އަވަސް އަވަހަށް މިތަނަށް އަންނާނަން... އެންމެ ރަނގަޅެއްނޫން. ޓީޗަރަކު އޭނާގެ ސްޓޫޑަންޓަކަށް ފިލާވަޅެއް އޮޅުން ފިލުވައިދޭ އިރު އެކުއްޖާއާއި ދިމާއަށް ބަލާ ކަހަލަ ގޮތަކަށް އިންދަރްޖީތު ސީމާ އާއި ދިމާއަށް ބަލާފައި ބުންޏެވެ.

އެންމެ ރަނގަޅު އެއްވެސް ކަމެއް ދިމާވެއްޖެނަމަ އަޅުގަނޑު މިބައްތި ދިއްލާނަން.

އާނ. އެންމެ ރަނގަޅު. ދެން މިހާރު އަހަރެން ދާނަން އިނގޭ! ކަލޭ އެއްގޮތަކަށްވެސް ހާސްނުވާތި.... އަހަރެން މިހިރީ އެންމެ ދެފިޔަވަޅު މިތަނުން އާދެވޭ ހިސާބުގައި... ދެން މާދަމާ ހެނދުނުން ބައްދަލުވެލަން ވަކިވެލާނަން.... އަހާނ...މާލީ އަހަރެންގެ ސޫޓް ކޭސް އެކޮޓަރިއަށް ގެންގޮސްފައިވާނެ ދޯ!  ލައްބަ... މާލީއަކީ އަޅުގަނޑުމެން ކައިރީގައި އުޅޭތާ ލައްކަ ދުވަސްވެފައިވާ ނޯކަރެއް... އޭނާއަށް އަޅުގަނޑުމެން ފުރިހަމައަށް އިތުބާރުކުރަން...." "އެންމެ ރަނގަޅު... ގުޑްނައިޓް "

" ގުޑްނައިޓް" އިންދަރްޖީތް ކޮޓެޖުން ނިކުމެއްޖެއެވެ. އަދި ޓޫރިސްޓް ބަންގްލޯއާއި ދިމާއަށް ދާން ފަށައިފިއެވެ. ސީމާ ކޮޓެޖްގެ ފެންޑާމަތީގައި އިންދަރްޖީތު ދާތަން ބަލަން ހުއްޓެވެ. އިރުކޮޅަކު ހުރެފައި އޭނާ އެތެރެއަށް ގޮސް ނިދާކޮޓަރި ތެރެއިން ބޭރަށް ހުޅުވެން ހުރި ކުޑަދޮރު ކައިރިއަށް ހުއްޓި އިންދަރްޖީތު، ޓޫރިސްޓް ބަންގްލޯއަށް ވަންނަންދެން އޭނާ ބަލަން ހުއްޓެވެ. ސީމާގެ ކޮޓެޖުން ނިކުމެގެން ޓޫރިސްޓް ބަންގްލޯއާއި ދިމާއަށް ހިނގަމުންދިޔައިރު އިންދަރްޖީތުގެ ސިކުނޑީގައިވަނީ އެންމެ ޚިޔާލެކެވެ. އެޚިޔާލަކީ އޭނާގެ ސޫޓްކޭސް ސީމާ ގޭގައި އުޅޭ މާލީއާއި ހަވާލު ކުރުމުން އެނާއަށް އެކުރެވުނީ ވަރަށް ބޮޑު ކުށެއްކަން ހިތަށްއަރައި ކުރާ ޚިޔާލެވެ. ޓޫރިސްޓް ބަންގްލޯއަށް ވަނުމަށްފަހު އޭނާގެ ކޮޓަރީގެ ތަޅުގަނޑި އަތުލައިގެން އެތެރެއަށް ދާންހުރި ސިޑިން މައްޗަށް ހިނގައްޖެއެވެ. ފުރަތަމަ ފުލޯރގައި ވަނީ އެއްކޮޓަރި އަނެއް ކޮޓަރިއާއި ކުރިމަތި ވާގޮތަށް ހުރި އެންމެ ދެކޮޓަރިއެވެ. ހަތްނަންބަރު ކޮޓަރިއާއި އަށްނަންބަރު ކޮޓަރިއެވެ. އިންދަރްޖީތު އޭނާގެ ހަތްނަންބަރު ކޮޓަރީގެ ތަޅަށް ތަޅުދަނޑިޖަހާފައި އަނބުރާލިއެވެ. އޭނާގެ އަނެއް އަތުންވަނީ ޖީބަށް ލާފައިވާ ފިސްތޯލާގައި ހިފައިގެންނެވެ. ވަރަށް ފަރުވާތެރިކާމާއި ރައްކާތެރިކަމާއި އެކު ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރީގެ ބޮކި ދިއްލާލުމާއި އެކު އޭނާ ސިއްސައިގެން ދިޔައެވެ. އެތައް ހަފްތާއެއް ވުމަށް ފަހު މިރޭ އަނެއްކާވެސް އޭނާއަށް މިފެނުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑެވެ. އިންދަރްޖީތުގެ ސޫޓްކޭހަކީ ބަލާބެލުމަށް ހަމަ އާދައިގެ ފޮއްޓެކެވެ. ނަމަވެސް ހަމަ އެފޮށީގައި ބައެއް ޚާއްޞަ ކަންތައްތަކެއް އެބަހުއްޓެވެ. ސޫޓްކޭސްގެ ކުރިމަތީބައި ތަޅުލުމަށްޓަކައި ދަގަނޑުން ހަދާފައިވާ ވަރަށް ދިގު ޕްލޭޓެއް ހަރުކޮށްފައިވެއެވެ. ބަލާބެލުމަށް އެ ޕްލޭޓްގަނޑު ފެންނަގޮތުން އެހެންވެސް ސޫޓްކޭހެއްގެ ތަޅަކާ މާބޮޑު ތަފާތެއް ނުހުރެއެވެ. ނަމަވެސް އެޕްލޭޓްގަނޑުގައި ފަސްއިންޗުގެ ދުރުމިނުގެ ދެކޮޅުގައި، ތަޅު ހުޅުވަން ހަދާފައި ހުންނަ ދެތަން ހުއްޓެވެ. ގާތްގަނޑަކަށް ބައި އިންޗީގެ ބޮޑުމިނުގައިހުރި މި ދެލޯވަޅު ފެނިފައި އެއްވެސް މީހަކު އެއީ އާދަޔާ ޚިލާފް އެއްޗެކޭ ހިޔެއް ނުކުރާނެއެވެ. އަދި އެ ދެލޯވަޅުގެ އެތެރޭގައި ފޮރުވިފައި ވަނީ ދިހައިންޗި ދިގު ތިލައެއް ލާފައިވާ ދެވަޅިކަން އެއްވެސް މީހެއްގެ ހިތަކަށް ނުގެނެވޭނެއެވެ. މި އާދަޔާ ހިލާފް ދެވަޅި އެ ފޮށީގައި ރައްކައު ކުރެވިފައިވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. މިފޮށި ގެންގުޅޭ މީހެއްނޫން މީހެއްގެ އަތަށް މިފޮށި ލިބިގެން ފޮށިހުޅުވަން އުޅެފިނަމަ އެދެވަޅި އޭގެ މަސައްކަތް ކުރާނެއެވެ. ތަޅުހުޅުވަން މަސައްކަތް ކުރުމުން އެދެލޯވަޅަށް އެއްވެސް ކަހަލަ ބާރެއް ކޮށްފިނަމަ، މި ދެވަޅި ތީރެއްހެން ވަރަށް ބާރަށް ނުކުމެ ފޮށި ހުޅުވަން އުޅޭ މީހެއްގެ ބަނޑަށް ނުވަތަ މެއަށް ހެރޭނެއެވެ. މި ފޮށި ހުޅުވަން އެނގޭނީ ހަމައެކަނި އިންދަރްޖީތަށެވެ. އަދި މި ފޮށި ހުޅުވުމަށްޓަކައި ނުވަތަ ތަޅުލުމަށްތަކައި އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ފޮށީގެ އެންމެ ފަހަތުބައިގައި ހުންނަ އިސްކުރެއް ނެގުންކަން ނުވަތަ އިސްކުރެއް ޖެހުންކަން އެގޭނެ ހަމައެކަނި މީހަކީވެސް އިންދަރްޖީތެވެ. މިއިސްކުރަކީ ދާދި ކުޑަކުޑަ އިސްކުރެއް ކަމަށްވާތީ އާދައިގެ މީހަކަށް މިއިސްކުރާމެދު ޚިޔާލު ކުރަންވެސް ނޭނގޭނެއެވެ. މިސޫޓްކޭހަކީ ދާދިފަހުން އިންދަރްޖީތު އަމިއްލައަށް ވިސްނައިގެން އޭނާގެ ޚާއްޞަ ރައްޓެއްސަކު ލައްވާ ހައްދާފައިވާ ފޮއްޓެކެވެ. ކޮންމެ އަކަސް މިއަދު މިފޮށީގެ ސަބަބުން މިއޮތީ މިމީހާ މަރުވެފައެވެ. އެއީ އިންދަރްޖީތު ޤަސްދުގައި ކުރި ކަމެއް ނޫނެވެ. ސޫޓުކޭހުން ނިކުމެފައިވާ ތިލަދިގު  ދެ ވަޅިވެސް ހެރިފައިވަނީ މަރުވެފައިވާ މީހާގެ މެޔަށެވެ. ގަނޑުގަނެފައިވާ ލޭތައް ދޫލަމަތީގައި އޮތެވެ. މިހާރު ލޭގެ ކުލަވެސް ވަނީ ކަޅުކުލައަށް ބަދަލުވެފައެވެ. ވަޅިން ސަލާމަތްވެވޭތޯ އެމީހާ މަސައްކަތް ކޮށްފައިވާ ކަމަށް ފެނެއެވެ. އެހެނީ އޭނާގެ ވައަތް ވަނީ މެޔާ ދިމާލަށް އުފުލާލެވިފައެވެ.ނަމަވެސް  އެއް ފިޔޮހި ވަނީ އޭނާގެ އަތް ތިލައަށް ހެރިގެން އައިސް މެޔާ ދިމާއަށް ވަދެފައެވެ. އެހެންވީމާ އެއަތްއެއޮތީ މޭމަތީގައެވެ. އަނެއްއަތުން އޭރުވެސް އޮތީފޮށީގައި ހިފަހައްޓައިގެންނެވެ. ކުއްލިއަކަށް އޭނާއަށް ދިމާވި ޙަމަލާއިން ލިބުނު ބިރާއި ތަދުގެ ސަބަބުން މަރުވެފައިވާ މީހާގެ ދެލޯވަނީ ހުޅުވިފައެވެ. ހީވަނީ ވަޅިއާ  ދިމާއަށް ބަލަން އޮތްހެންނެވެ.

އިންދަރްޖީތު އަވަސް އަވަހަށް ކޮޓަރީގެ ބޮކި ނިވާލިއެވެ. އޭނާ ބަލަން ބޭނުންވާ ހުރިހާ އެއްޗެއް އެހިނދުކޮޅުގެ ތެރޭގައި ބަލާ ނިމިއްޖެއެވެ. އޭނާ ކޮޓަރީގެ ދޮރު ދެވަނަ ފަހަރަށް ތަޅުލާފައި، ކޮރިޑޯރ ތެރޭގައި ހިނގަންފަށައިފިއެވެ. އެވަގުތު އޭނާގެ ސިކުނޑި އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރިއެވެ. އެވަގުތު އޭނާ ކުރަންވީ ކީއްކަމެއް އޭނާއަށް އެއްވެސްގޮތަކަށް ނޭނގެއެވެ. ކޮޓަރީގެ ދޮރުކައިރީގައި ހުރެގެން އޭނާ ވިސްނަމުން ގެންދިޔައެވެ. " އެވަގުތު  އޭނާ މަރުވެފައި އޮތް މީހާގެ ވާހަކަ ޓޫރިސްޓް ބަންގްލޯގެ ކަންތައްތައް ހިންގަން ތިބި މީހުންނަށް އަންގައިފިނަމަ ކުއްލިއަކަށް މިޚަބަރު ފެތުރިގެންދާނެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.