ޢިމްރާން ޚާން ޓްވިޓާގައި އާ ރެކޯޑެއް ހައްދަވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އޭނާއަށް ތާއީދުކުރާ މީހުންނާ ބުދަދުވަހުގެރޭ ޓްވިޓާ މެދުވެރިކުރައްވައި މުޚާޠަބުކުރައްވަނީ

މަގާމުން ދުރުކުރެވިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ޗެއާމަން އިމްރާން ޚާން ބުދަ ދުވަހުގެރޭ ޓްވިޓާގައި އާ ރެކޯޑެއް ހައްދަވައިފިއެެވެ.

އޭނާއާ ތާއީދުކުރާ މީހުންނާ ޓްވިޓާގައި ޚިޔާލު ބަދަލުކޮށްލުމަށް ހުޅުވާލުމުން ދުނިޔޭގެ ކަންކޮޅުތަކުން ބައި މިިލިއަނެއްހާ މީހުން (4 ލައްކަ 46 ހާހަށްވުރެ ގިނަ މީހުން) ވަނީ ޓުވިޓާ މެދުވެރިކުރައްވައި އޭނާ ދެއްކެވި ވާހަކަފުޅު އަޑުއަހާފައެވެ. ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެއްވަގުތެއްގައި 1 ލައްކަ 65 ހާސް މީހުން އޭނާގެ ވާހަކަފުޅު އަޑުއަހަމުން ގޮސްފައި ވެއެވެ. މިއީ ޓްވިޓާގައި އާ ރެކޯޑެކެވެ.

އޭނާގެ ތަގުރީރު ފޭސްބުކާއި، އިންސްޓަގްރާމުންވެސް ލައިވްކޮށްފައި ވެއެވެ.

ގިނަ ބަޔަކު ވަނީ ޓުވިޓާ މެދުވެރިކޮށް އިމްރާން ޚާނާއި އެކި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައެެވެ. ގަޑިއެއްހާ އިރަށް ކުރިއަށް ދިޔަ ލައިވް ސެޝަންގައި "މަނިކުފާނުގެ ހާލުކޮޅު ކިހިނެއްތޯ؟" ފަދަ ސުވާލުވެސް މީހުން ކޮށްފައި ވެއެވެ. ލާހޯރުގައިި ބުރާސްފަތި ދުވަހުގެރޭ ބާއްވާ ބޮޑު އެއްވުމުގައި އޭނާގެ ފުރާނަފުޅަށް ކިހާވަރެއްގެ ނުރައްކަލެއް އޮތްތޯ މީހަކު ސުވާލު ދެންނެވުމުން އޭނާ ވަނީ ކޮންމެ ގޮތެއް ވިޔަސް އޭނާ އެ އެއްވުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އެ އެއްވުމަށް ވަޑައިގެން ތަގުރީރުކުރައްވާފައެވެ.

ޕީޓީއައިގެ ފަރާތުން ލާހޯރުގައި ހުންނަ މީނާރެ ޕާކިސްތާނު ކައިރީގައި ބޭއްވި ބޮޑު އެއްވުމަށް ގިނަ އަދަދެއްގެ މީހުން ހާޒުވިއިރު، ޕަންޖާބު ސަރުކާރުން ވަނީ ބުުރާސްފަތި ދުވަހުގެ ހަވީރު 4 އިން ފެށިގެން ހުކުރު ދުވަހާއި ހަަމައަށް ލާހޯރުގެ މެޓްރޯ ބަސް ދަތުރުތަކާއި، އޮރެންޖް ލައިން ރޭލު ދަތުރުތައް މެދު ކަނޑާލާފައެވެ. އަދި ޢިމްރާން ޚާންގެ ފުރާފަފުޅަށް ނުރައްކާ އޮތްކަމަށް ބުނެ އޭނާ ޖަލްސާއަށް ވަޑައިނުގަތުމަށްވެސް އެންގިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.