ތިމާގެ ވަޒީފާއަކީ، ޙަވާލުވެފައިވާ އަމާނާތެއް

ސަރުކާރުގެ ނުވަތަ އަމިއްލަ މީސްމީހުންގެ ތަފާތު ވަޒީފާތަކަކީ، އެ ވަޒީފާއެއް ޙަވާލުކުރެވުނު މީހެއްގެކިބާގައިވާ އަމާނާތެކެވެ. އެ ވަޒީފާއެއް އަދާކުރުމުގައްޔާއި، ވަޒީފާގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސަށް، ނުވަތަ ތިމާ ހެޔޮއެދޭ ފަރާތަކަށް ވިއަސް އެއްވެސް އިތުރު މަންފާއެއް ނުނެގުމަކީ، އެ ކަމާމެދު ރައްކާތެރިވުން ލާޒިމު ކަމެކެވެ. ތިމާއާ ޙަވާލުކުރެވިފައިވާ ވާޖިބު އަދާކުރުމުގައި، ފުރިހަމަ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ތިމާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް އެ ވާޖިބު އަދާކުރުމަކީ، ކޮންމެ މުސްލިމަކުމެ ކަންކުރަން ޖެހޭ ގޮތެވެ. ތިމާއާއި ޙަވާލުވެފައިވާ މުދަލާއި ތަކެއްޗަށް ރައްކާތެރިވުމާއެކު ވެރިފަރާތުގެ ރުހުމާ ޚިލާފުވާފަދަ ގޮތެއްގައި އެއިން އެއްޗެއްގެ ބޭނުން ނުކުރުމަކީ، ތިމާގެ މަސްއޫލިއްޔަތެކެވެ.

ރަސޫލުاللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. {مَنِ اسْتَعْمَلْنَاهُ عَلَى عَمَلٍ، فَرَزَقْنَاهُ رِزْقًا، فَمَا أَخَذَ بَعْدَ ذَلِكَ فَهُوَ غُلُولٌ.} (رَوَاهُ أَبُودَاوُدُ) މާނައީ: {އެއްވެސް ކަމެއްގެމައްޗަށް ތިމަންކަލޭގެފާނު މީހަކު ޢައްޔަންކުރައްވައި، އެ މީހަކަށް އެ ކަމަށްޓަކައި އުޖޫރައެއް ކަނޑައެޅުއްވުމަށްފަހު، އެ ކަމުގެތެރެއިން އެ މީހަކު އިތުރު މަންފާއެއް ލިބިގެންފިނަމަ، އެއީ ޚިޔާނާތެކެވެ.}

މާތް اللهُ ވަޙީކުރައްވާފައިވެއެވެ. وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ } (آل عمران: 161) މާނައީ: {އަދި، މުދަލަށް ޚިޔާނާތްތެރިވާ މީހާ އެމީހަކު ޚިޔާނާތްތެރިވި ތަކެއްޗާއިގެން ޤިޔާމަތްދުވަހުން (އެކަލާނގެ ޙަޟުރަތަށް) އަންނާނެތެވެ. ދެން، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.}

ކަން މިހެން ހުރުމާއެކު، ތިމާމެންގެ މަޤާމާއި ނުފޫޒުގެ ބޭނުންކޮށް، ޖާއިޒުނޫން ފައިދާ ނެގުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. ޖަމާޢަތުގެ ފައިދާއާއި މަޞްލަޙަތަށްޓަކައި ހޭދަކުރަން ޖެހިފައިވާ ޢާއްމު ރައްޔިތުންގެ ފައިސާއާއި ތަކެތި އެކިއެކި މަސްއޫލިއްޔަތާ ޙަވާލުވެތިބޭ ފަރާތްތަކުން ބޭނުންކުރުމަކީ ޚިޔާނާތްތެރިކަން ބޮޑު ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.