عَنِ ابْنِ عَبَّاسٍ، قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ. (سنن أبي داود، كتاب الزكاة، باب زكاة الفطر)
އިބްނު ޢައްބާސް ގެ ކިބައިން ރިވާވެެގެންވެއެވެ. ރޯދަވެރިޔާ ދައްކާފައިވާ ބޭކާރު ވާހަކަތަކާއި، ހަޑިހުތުރު ވާހަކަތަކާއި، ކަންކަމުން ތާހިރުކުރާ އެއްޗެއްގެ ގޮތުގައްޔާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލުﷲ ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ. (އީދު) ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފި މީހާއަށް އެއީ ޤަބޫލުކުރައްވާ ޒަކާތެކެވެ. އަދި (ޢީދު) ނަމާދަށް ފަހު އަދާކޮށްފި މީހާއަށް އެއީ ޞަދަޤާތެކެވެ. (ސުނަނު އަބީދާވޫދް، ޙަދީޘު: 1609)
އިސްވެދިޔަ ޙަދީޘުގައި އައިސްފައި ވަނީ ފިޠުރު ޒަކާތުގެ ވާހަކައެވެ. ފިޠުރު ޒަކާތުގެ ޙިކަމަތް ވެސް ޙަދީޘުގައި އައިސްފައި އެވަނީ އެވެ. އެއީ ދެ ކަމަކެވެ. ފުރަތަމަ ކަމަކީ ރަމަޟާން މަހު ރޯދަ ހިފައި ނިމުނު އިރު އެ ރޯދައަށް ކުނިކަން ދޭ ފަދަ ކަމެއް ކުރެވިފައިވާނަމަ އެކަމަކުން ރޯދަ ސާފުކޮށް ތާހިރުކުރުމެވެ. ފިޠުރު ޒަކާތް ނެރުުމުން ނޫނީ ރޯދައިގެ ދަރުމަ ފުރިހަމަ ނުވާނީ އެހެން ވެގެންނެވެ.
ދެން އޮތް ކަމަކީ މުސްލިމުންނަށް ލިބޭ އުފާތަކުގައި މުޖުތަމައުގެ އެންމެން ބައިވެރިކުރުމުގެ މުހިއްމުކަން ވަރަށް ފުރިހަމައަށް ދައްކައިދޭ ކަމެކެވެ. އެއީ އީދު ދުވަހު މުސްލިމުން ކައިބޮއި އުފާކުރާއިރު، އެ އުފަލުގައި ބައިވެރިވާނެ ގޮތެއް ނެތިފައި ފަޤީރުންނާއި، މިސްކީނުންނަށް އެހީވުމެވެ. ޢީދުގެ އުފަލުގައި ކައްކައިގެން ކެއުމުގެ ފުރުސަތު އެމީހުންނަށް ހޯދައި ދިނެމެވެ. އެހެންކަމުން، ފިޠުރު ޒަކާތް ފަރުޟުކުރައްވާފައި ވަނީ ހަމައެކަނި މުއްސަނދިންގެ މައްޗަަކަށް ނޫނެވެ.
ފިޠުރު ޒަކާތް ފަރުޟުކުރައްވާފައިވަނީ އީދު ދުވަހު ތިމާއާއި ތިމާ ބަލަަހައްޓާ މީހުން ކައިގެން ބާކީވާ ވަރަށް ހުރި ކޮންމެ މީހެއްގެ މައްޗަށެވެ. އީދު ދުވަހު ތިމާ ކައިގެން ހުންނަ ނަމަ ތިމާގެ އަޚާވެސް އެ އުފަލުގައި ބައިވެރި ކުރުމަކީ އިސްލާމްދީން އެދޭ ގޮތް ކަމުގައި ވާތީއެެވެ.
އީދު ދުވަހު ނުކުމެ ފިޠުރު ޒަކާތް ދިނުމުގެ ބޭނުމަކީ އެދުވަހުގެ އުފަލުގައި ބައިވެރިވެ ކައިބޮއި ހެދުމަށްޓަކައި ސަލާންޖެހުމުގެ ފުރުސަތު ނިކަމެތީންނަށް ނުދިނުމެވެ. އާއްމު ޞަދަޤާތާއި ޒަކާތަކީ ސިއްރުން ނެރޭ އެއެްޗަކަށް ވިޔަސް، ފިޠުރު ޒަކާތް ފާޅުގައި ދެވޭ އެއްޗެއްގެ ގޮތުގައި ލައްވާާފައި ވަނީ އެއީ ޢީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމަށްޓަކައި ކުރެވޭ ކަމަކަށް ވާތީއެވެ.