"ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ!"

ދިރިއުޅުމުގެ މައިދާނުގައި މީސްތަކުންގެމެދުގައި ކަންތައްތައް ބައްސަވާފައިވަނީ اللَّهُއެވެ. ތަނަވަސްކަމުގެ އަހުލުވެރިންނާއި، ދިރިއުޅުމަށްޓަކައި މީހުންނަށް އާދޭސްކޮށް ސަލާންޖަހައި އުޅެން މަޖުބޫރުވެފައިވާ ނިކަމެތި ފަޤީރުން ވެސް ލެއްވީ اللَّهُއެވެ. ކަން މިހެން އޮތުމާއެކު ތިމާމެންނަށް ދެއްވާފައިވާ ތަނަވަސްކަމުން ނިކަމެތިންނަށް އެހީވެ ހެޔޮފޯރުވައި އުޅުމަށް ވެސް އަމުރުކުރެއްވީ اللَّهُއެވެ.

اللَّهُގެ މަގުގައި ހޭދަކުރުމަށްފަހު އެ ވާހަކަ ދައްކައި އުޅޭ މީހުންނާ ބައެއް ފަހަރަށް ދިމާވެއެވެ. އަނެއްބައި ފަހަރަށް އެހީތެރިވި މީހާއާ އޭނާގެ އެހީ ގަބޫލުކުރި މީހާއާ ދެމެދު ނުތަނަވަސްކަމެއް، ހިތްހަމަނުޖެހުމެއް މެދުވެރިވެއްޖެނަމަ، ކުރިން ވާހަކަދައްކައިއުޅުނު މިންވަރަށްވުރެ މާ ހުތުރުކޮށް ވެސް އެ ވާހަކަ ދައްކައިއުޅޭ މީހުން މުޖުތަމަޢުން ފެނެއެވެ. ކަލަގޮވައި އަނެކާ ނިކަމެތިކުރުމުގެގޮތުން އުނދަގޫދޭ މީހުންނެވެ.

ޙަޤީޤަތަކީ އެ ގޮތަށް އެ ވާހަކަ ދެކެވޭނަމަ، ތިމާކުޅަ ހޭދައަކީ، އެއްވެސް އަގެއްނެތް އެއްޗެއްކަމުގައި ވެ ދިއުމެވެ. އަލްބަޤަރާ ސޫރަތުގައި މިކަން ބަޔާންކުރައްވައި اللَّهُ ވަޙީކުރައްވާފައިވެއެވެ. {يَاأَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَى كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا لَا يَقْدِرُونَ عَلَى شَيْءٍ مِمَّا كَسَبُوا وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ} (البقرة: 264) މާނައީ: {އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލުފަދައިންނެވެ. اللّهُ އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެތެވެ. ފަހެ، އޭނާގެ މިސާލީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިސާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަށް އާޚިރަތް ދުވަހުން އެއުރެންނަކަށް އެއްވެސް ޘަވާބެއް ނުލިބޭ ހުށްޓެވެ.) ކާފިރުވެގެންވާ ޤައުމަކަށް اللّهُ ތެދުމަގެއް ނުދައްކަވައެވެ.}

اللَّهُ އަށްޓަކައި ހޭދައެއް ކުރުމަށްފަހު، އެ ވާހަކަ އެއްވެސް ސިފައެއްގައި ދެކެވިގެން ނުވާނެއެވެ. އަމުދުން ކަލަގޮވުމާއި އެ ވާހަކައިގެ ސަބަބުން އަނެކާއަށް އުނދަގުލަކަށްވާނެ ގޮތުގައި އެ ވާހަކަ ދެއްކުމަކީ ތިމާކުޅަ ހޭދައިގެ ހެޔޮނަތީޖާ ގެއްލިދާނެ ކަމެކެވެ. އިސްވެދިޔަ އާޔަތުގައި ވަރަށް މާނަފުން ޢިބާރާތުން އެ ކަން ހާމަކުރައްވާފައި އެ ވަނީއެވެ. [އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިސާލޭ]  اللَّهُ ވަޙީކުރެއްވުމުން މީހަކަށް އެއްޗެއް ދިނުމަށްފަހު އެ ވާހަކަދެއްކުމުގައިވާ ގެއްލުން ބޮޑުކަން ކަށަވަރުވެއެވެ.

އަލްބަޤަރާ ސޫރަތުގެ 263 ވަނައާޔަތުގެ މާނާގައިވެއެވެ. {އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫކުރުން، ހެޔޮކަން މާބޮޑެވެ. اللّهُއީ، ފުދިވޮޑިގެންވާ، ޙަލީމުވަންތަ ރަސްކަލާނގެއެވެ.} މީގެ މާނައަކީ، ތިމާގެކިބައިން އެހީއަކަށް އެދުނު މީހާގެ ހިތަށް ދަތިނުވާނެފަދަ ހެޔޮބަހެއްބުނެ އެއްޗެއް ނުދީ ދޫކޮށްލުން ވެސް، އެއްޗެއް ދިނުމަށްފަހު ކަލަގޮވައި އެ ވާހަކަދައްކައި އޭނާއަށް އުނދަގޫ ދިނުމަށްވުރެ ހެޔޮކަންބޮޑެވެ. اللّهُއީ އެހެން އެއްވެސް ފަރާތެއްގެ އެހީއަށް ބޭނުންވެވޮޑިގެންނުވާ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި اللّهُގެ މަގުގައި ޞަދަޤާތެއްކުރުމަށްފަހު، ކަލަގޮވައި އަނެކާއަށް އިހާނެތިކޮށް، އޭނާ ނިކަމެތިކުރާ މީހާއަށް ދުނިޔޭގައި ޢުޤޫބާތްދެއްވުން އަވަސްކުރެއްވުމާމެދު ޙަލީމުވަންތަ ރަސްކަލާނގެއެވެ.

ޝައްކެއްނެތެވެ! اللّهُގެ މަގުގައި އެއްޗެއް ހޭދަކުރުމަށްފަހު އެ ވާހަކަދައްކައިހެދުމަކީ ދިވެހިބަހުގެ މިސާލުބަހެއްގައި ބުނާހެން [ފޫނެއްފަޔަށް ފެންފުރުން] ފަދަ ކަމެކެވެ. އެ ކަމުގެ ހެވެއް ނުލިބުނު ތާނގައި ތިމާގެއަތުން ފައިސާތަކެއް ގެއްލި ދިޔުމާއެކު، اللّهُގެ ކޯފާއާއި ޢަޛާބަށް އެ ކަންކުޅަ މީހަކު ހުށަހެޅޭނެ ކަމެކެވެ. މިފަދަ ނުރަނގަޅު ކަންކަމުން اللّهُތަޢާލާ އަޅަމެން ރައްކާތެރިކުރައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.