ހެޔޮ ޢަމަލު  -21

ޙަޔާތެއްގެ އުފަލަކީ, ކުޑަވަގުތުކޮޅަކަށް ދެމިގެން ހިނގައިދާނެ އެއްޗެކެވެ. ނުވަތަ އެހެން ނުވެވެސް ހިނގައިދާނެއެވެ. އެހެންނަމަވެސް, އެއާވިދިގެން ހިތާމައެއްވެސް ކުރިމަތިވެދާނެއެވެ. ޙަޔާތަކީ އުފަލާއި ހިތާމައިން މަސްހުނިވެފައިވާ ދަތުރެކެވެ. ޙަޔާތަކީ މަސްއޫލިއްޔަތުން ފުރިގެންވާ ދަތުރެކެވެ. ކުރިމަތިވާ އެކިކަންކަމުގައި ވިސްނުންތެރިކަމާއެކު ކެތްތެރިކަން އިސްކުރަންޖެހޭ ފާލަމެކެވެ. އެއްވެސް މައްސަލައެއްނެތް, ބައްޕައެއް، މަންމައެއް އަދި އަނތްބެއް ނުވަތަ ފިރިއެއް އަދި ދަރިއެއް ނުހުންނާނެއެވެ. ﷲ ވަނީ ދެކަމަކުން މިދުނިޔެ އިންސާނާއަށް ދެއްވާފައެވެ. އެއީ ރަނގަޅާއި ނުބައެވެ. އުފަލާއި ހިތާމައެވެ. ރަނގަޅު ކަންތައްތަކުން އުފައުވެރިކަން ލިބޭނެއެވެ. ފަސާދައާއި ޚިޔާނާތުން ދުނިޔެ ބަނަވެގެންދާނެއެވެ.

ﷲ ހަނދުމަކުރުމުން, ތިބާގެ ދުނިޔެ އާބަދުވެގެންދާނެއެވެ. ހުރިހައި ނުބައެއްގެ ނުރަނގަޅުން ދިރިއުޅުން ފަސޭހަވެގެނދާނެއެވެ. ނަމާދު ޤާއިމްކުރުމުން ކުދިފާފަތަކުން ނަފްސު ދުރުކޮށް, ރަނގަޅު ކަންކަމަށް އެ ނަފްސު ހާނުވާނެއެވެ. އެހެންކަމުން, ތިމާއަށް ލިބިފައިވާ ޙަޔާތުން ޢިބްރަތް ޙާޞިލްކޮށްގެން ހެޔޮޢަމަލުތަކުން ތިމާގެ ދުވަސް ފުރިހަމަކުރާށެވެ. ހުރިހައި ކަމެއް އެންމެ ފުރިހަމަޔަށް ނުދާނެކަން ޤަބޫލުކުރާށެވެ. ދިރިއުޅުމަކީ, މައްސަލަތަކުން ފުރިގެންވާ ކަމެކެވެ. އެމައްސަލަތަކާއެކު ދިރިއުޅެން އާދަކުރާށެވެ. ކުރިމަތިވާ ކަންކަމުން ހިތްދަތިވާ ޙާލަތްތަކާ ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ. އަދި ހިތްހަމަޖެހޭ ކަންކަމުން އުފައު ލިބިގަންނާށެވެ. އަދި ދުނިޔެދައްކާ ފިލާވަޅުތަކުން ޢިބްރަތް ލިބިގަންނާށެވެ.

ޙަޔާތަކީ, ލިބިފައިއޮތް ޙާލަތެއްގައި ޤަބޫލުކޮށްގެން, ﷲ އަށް ވަކީލުކޮށްގެން ކުރިޔަށް ދާންޖެހޭ ދަތުރެކެވެ. ޢާޚިރަތަށްޓަކައި ތިމާގެ ޢަމަލުތައް ސީދާކުރުމަށް ލިބޭ ފުރުޞަތެކެވެ. އެ ފުރުޞަތު އޭގެ އެންމެ ފުރިހަމަގޮތުގައި ހިފާށެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.