ކޮންމެ އެއްޗެއްވެސް ވަނީ ، މޫރިތިކަމުން ރީތިވެ ފުރިހަމަވެގެންނެވެ. ތިބާއާ ދިމާވާ މީހުންނަށް ހަދިޔާއެއްގެ ގޮތުގައި ހިނިތުންވުމެއް ދޭށެވެ. ހިތްހަމަޖެހޭފަދަ ޢިބާރާތަކުން މުޚާޠަބުކޮށް ރައްބީގެ ސަލާމުން ސަލާމް ކުރާށެވެ. އެއީ ހަރުދަނާ އަޚުލާޤަކުން ފުރިހަމަވެގެންވާ ފުރިހަމަ އިންސާނެއްގެ ފުރިހަމަ ސިފައެވެ. މާބުރެއް މަލުގެ ކަރުގަނޑުގައި ޖައްސައި ނިޔަނެތިކަމާއެކު އޭގެ ވާޖިބު އަދާކުރާ ބީދައިންނެވެ. ކަރުގަނޑަށް އެއްވެސް ގެއްލުމެއްނުވާނެގޮތަށް ، މާބުރުގެ ހޮނޑުވައްދައި ، އޭގެ ފޮނިފޮދު އޯގާތެރިކަމާއެކު ބޯލާ ފަދައިންނެވެ. އޯގާތެރިކަމާއި އިޙްސާންތެރިކަމަކީ ، ﷲ ލޯބިވެވޮޑިގެންވާ ސިފައެކެވެ. އިންސާނުންގެ ތެރޭގައި ، ދަގަތްފާނެކޭ އެއްގޮތަށް ، ހިތްދަމައިގަންނަ މީހުން އުޅެއެވެ. އެއީ އެމީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކާ އަދި އިޙްސާންތެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ.
ރަޙުމަތްތެރިކަމަކީ އެހެންމީހުންނަށް އަޅައިލައި އިޙްސާންތެރިވެ ހެޔޮކޮށް ހިތައިގެން އުފެއްދޭނެ ގުޅުމެކެވެ. އެއީ ފައިސާއިން އުފެއްދޭނެ ގުޅުމެއްނޫނެވެ. ފައިސާއިން އުފައްދާ ރަހުމަތްތެރިކަމުގެ ގުޅުމަކީ ، ކަނޑުގައި އަޅާ ރޮނގެއްފަދަ ވަގުތީ އެއްޗެކެވެ. ރަނގަޅު ރަޙުމަތްތެރިންނަކީ ، އެމީހުންގެ ޙާޟިރުގައި އެތަނެއްގައި އުފަލާއި ހިތްހަމަޖެހުމުގެ މާޙައުލެއް ޤާއިމްކުރާ ބަޔެކެވެ. އަދި އެތަނެއްގައި އެމީހަކު ނެތުމުން އެތަނުން އުނި ، އެތައްކަމެއް ފައުޅުވާނެ ބަޔެކެވެ. ކީރިތި ޤުރުއާނުގެ ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.
وَلاَ تَسْتَوِى ٱلْحَسَنَةُ وَلاَ ٱلسَّيِّئَةُ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ
"ރަނގަޅުކަންތަކާއި ނުބައިކަންތައް ، ހަމަހަމަވެގެންނެއް ނުވެތެވެ. އެންމެހެޔޮ ރިވެތިގޮތުން ، ތިބާ (ނުބައި ކަންތައް) ދުރުކުރާށެވެ. ފަހެ ، އެހައިރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ ، ގާތް ރަޙުމަތްތެރިޔަކުފަދައިން ވެދާނެތެވެ."
ﷲ ގެ ރަޙުމަތާއި ނިޢުމަތް ތިބާއަށް ހަނދުމަކުރެވޭ މިންވަރެއްގެ މަތިން ، އެކަލާނގެ ތިބާގެމަތިން ހަނދުމަފުޅު ކުރައްވާނެތެވެ. އަދި އެކަލާނގެ ރަޙުމަތް ، ވާރޭގެ މިސާލުގައި ތިބާގެ މައްޗަށް ވެއްސަވާނެތެވެ.