ޕާކިސްތާނުގައި ތަޢާރުފް ކުރެވިގެން އެދަނީ، ސަރުކާރާދެކޮޅަށް ޢަރަބި ޤައުމުތަކުގައި ކުރެވެމުންދާ މުޒާހަރާތައްފަދަ، ޕާކިސްތާނުގެ ގޮތަށް އުފަންވާ ދެކޮޅުވެރި ޙަރަކާތްތަކެއްގެ ފެށުންބާވައެވެ. ޕިޝާވަރުން ފެށިގެން އިސްލާމްއާބާދަށް އަދި ލާހޯރުން ފެށިގެން ކަރާޗީއަށް، އަދި އެނޫންވެސް އެހެން ސަރަޙައްދުތަކުން ފެންނަމުންދާ ރައްޔިތުންގެ ބާރު ދައްކައިދޭ މަންޒަރުތަކުގައި، ޕާކިސްތާނުގެ 227 މިލިއަން ރައްޔިތުން ފެންނަމުންދަނީ، ޙާލަތުބަދަލުވެދާނެ ހިނދުކޮޅެއްގެ އިންތިޒާރުގައި ތިބިތަނެވެ. އެކަން އެހެން ވެއްޖެނަމަ، އެބައިމީހުން ޕާކިސްތާނުގެ ސިޔާސީ ޙަޔާތުގެ ތަޞައްވުރު އަބަދުގެ އަބަދަށް ބަދަލުކޮށްލާނެއެވެ.
ދާދި މިދާކަށްދުވަހު، ވެރިކަމުން ބޭލި އިމްރާން ޚާން އެވަޑައިގަންނަވަނީ، އެތައް ޖީލަކުއްސުރެ، އެޙަޤީޤަތް ރައްޔިތުންނަށް ވިސްނައިދެއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ސިޔާސީ މޫތައް ލުހެލައި، ޚިޔާނާތާއި ފަސާދަ ފުހެލައި ޕާކިސްތާނަކީ، ބޭރުގެ ނުފޫޒުން އެއްކިބާވެ އޮވެ އަމިއްލަ ވެރިކަމެއްހިންގާ ޤައުމަކަށް ހެއްދެވޭތޯ އެވެ. މިކަންކަމަކީ، 1947 ގައި، އިންޑިއާ އާއި ޕާކިސްތާން ދެބައިކުރެވުނުފަހުން ސަލާމަތްނުވެގެން އުޅޭ ބޮޑެތި މުޞީބާތެވެ. އެކަކަށްފަހު އަނެކަކު ވެރިކަމަށް އައިސް، އެކަކަށްވުރެ އަނެކަކު ވާ ޚިޔާނާތް ބޮޑުވެ، އިންޤިލާބީ ސިފައިން ވެރިކަމަށް އަރައި ފައިބައި، މިކަންކަމާ ގުޅިގެން، ޤައުމުގައި އޮންނަންވީ ޤުދްރަތީ މުއްސަނދިކަމާއި އިސްލާމީވަންތަ ވެރިކަން އަބަދުވެސް އޮންނަނީ އެއްއަތަށް އަރިއަޅައިލާފައެވެ. ބޭރުގެ ނުފޫޒަށް ނުހެއްލި، މަދަނީ ވެރިކަމުން ނުގެއްލި، ޢަސްކަރީ ބާރަށް އަތްނުބޭނޭފަދަ ވެރިކަމެއް، ޕާކިސްތާނުގައި ޤާއިމްކުރެވިފައެއް ނުވެއެވެ. މިކަން މިހެން ދިމާވުމުގައި އެތައް، އެތައް ސަބަބުތަކެއް އެބަހުއްޓެވެ.
ޢިމްރާން ޚާންގެ ބޮޑުވަޒީރުކަން ދެމިގެންއައީ، ދިރުންހުރި އުއްމީދެއްގައި ވިލޭ އައު ފަތިހަކަށް ޕާކިސްތާން ދޮންވެ ފައްކާވަމުންނެވެ. ސިޔާސީ މައިދާނުގައި އެހެން ލީޑަރުންނާ ތަފާތު އުކުޅުތަކެއް ޢިމްރާން ޚާން ގެންގުޅުއްވިއެވެ. މިޞްރާބު ބަދަލުކުރެއްވިއެވެ. ފަސާދައާއި ޚިޔާނާތުގެ ދޮރުތައް ބަންދު ކުރައްވައި، މަގުތައް ހަނިކުރައްވައި އެމަގުން ހިނގާ މީހުން އެއްކައިރި ކުރައްވައި، ސިޔާސީ އައު ވިސްނުމަކަށް ޕާކިސްތާން ހުޅުވައިލަ ދެއްވިއެވެ. އަދި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާ ދުރަށް މިޞްރާބު ބަދަލުކޮށް، އެޤައުމުތަކުގެ ނުފޫޒުން ޤައުމު ސަލާމަތް ކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. ހަމައެއާއެކު ، ޗައިނާއާއި ރަޝިއާއާއެކު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތ ކުރެއްވިއެވެ. އެކަމުގައި ޢިމްރާން ޚާންވަނީ ކާމިޔާބީތަކެއް ޙާޞިލް ކުރައްވާފައެވެ. މިއީ ޕާކިސްތާނުގެ ތާރީޚުގައި އަލަށް ލިޔަން ފެށުނު ޞާފުޙާތަކެކެވެ.
ޢިމްރާން ޚާންވަނީ، 24 ފެބްރުއަރީ 2022 ގައި، ރަޝިއާއަށް ދަތުރެއް ކުރައްވާފައެވެ. މިކަމާގުޅިގެން އެމެރިކާއާއި ޕާކިސްތާނާ ދެމެދުގައި ހިތްހަމަނުޖެހުމުގެ ފިނި ބަޙުސްތަކެއް ބަދަލުކުރެވިގެން ދިޔައެވެ. އެދަތުރު ކެންސަލް ކުރުމަށް އެމެރިކާއިން އެދުނު ނަމަވެސް، ނޫނެކޭ ވިދާޅުވެ، ޢިމްރާން ޚާންވަނީ ރަޝިއާއަށް ވަޑައިގެންފައެވެ. ކަންދިމާކުރި ގޮތުން އެދުވަހަކީ، ޔުކްރެއިނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ރަޝިއާ ސިފައިން، ޔުކްރެއިނަށް އަރައިގަތް ދުވަހެވެ.
ޕާކިސްތާނުގެ ވެރިޔަކު އެއްވެސް އިރެއްގައި އެމެރިކާއާއި ހުޅަނގަށް ނޫނެކޭ ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، އެމެރިކާއަށް ނޫނެކޭ ވިދާޅުވެ، ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގެ އަގު، އިމްރާން ޚާން އަދާކުރައްވަން ޖެހިވަޑައިގަތީ، ރައްޔިތުންގެ މަޖިލލީހުގައި ނެގުނު، އިތުބާރުނެތްކަމުގެ ވޯޓަކުން ވެރިކަން ގެއްލިގެންނެވެ. އެމެރިކާގެ ނުފޫޒަކީ އެހައިގަދަ އެއްޗެކެވެ. އޭގެއިތުރަށް، އެހެން ޙާދިސާއެއްގައިވެސް، ޢިމްރާން ޚާންވަނީ، އެމެރިކާއަށް ނޫނެކޭ ވިދާޅުވެފައެވެ. އެއީ މިދިޔައަހަރު ހިނގާފައިވާ ކަމެކެވެ. އަފްޣާނިސްތާނާ އިންވެގެން އޮންނަ ސަރަޙައްދީ ރޮނގުކައިރީގައި ޤާއިމްކޮށްފައިވާ ސިފައިންގެ މަރުކަޒުތައް އެމެރިކާގެ ޢަސްކަރިއްޔާއިން ބޭނުންކުރުމަށް ދޭން އެދުމުން، އެކަމަށް އިންކާރުކޮށް ، "އެއްގޮތަކަށްވެސް ނުދެވޭނެ" ކަމަށް ޢީމްރާން ޚާންވަނީ ވިދާޅުވެފައެވެ. މިއީވެސް އެމެރިކާގެ މޫނުމަތީ ޕާކިސްތާނުން ޖަހަހއިފައިވާ ތަފާލެކެވެ. ޕާކިސްތާނުގެ ދާޚިލީ ހިންގުމާ އެމެރިކާއިން ބެހޭކަމުގެ ތުހުމަތުވެސް ޢިމްރާން ޚާންވަނީ ކުރައްވައިފައެވެ. ޕާކިސްތާނުގެ އެތެރޭގެ މައްސަލަތަކާ އެމެރިކާއިން ބެހޭކަމަށް، އިމްރާން ޚާން ވިދާޅުވުން އެއީ ވަރަށް ނާޒުކު މައްސަލައެކެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރު ބަދަލުކުރުމަކީ، ޒަމާނުއްސުރެ އެމެރިކާ ކުޅެމުން އަންނަ ކުޅިއެކެވެ. އެމެރިކާގެ ބަސްނުވިކޭ މީހަކު ވެރިކަމުގައި ހުރެއްޖެނަމަ، އެމީހަކު ވައްޓައިލަން އެތެރެއިންނާއި ބޭރުން އެހީވެ، ޖާސޫސްކޮށްދީ، އެވެރިކަމެއް ބަދަލުކުރުމަކީ އެމެރިކާގެ ކަށީގައި ހިފައިފައިވާ ޢަމަލެކެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު، ޢިމްރާން ޚާން، ވެރިކަމުން ދުރުކުރުމަކީވެސް، އަނދިރި ލަޝްކަރަކުން، އެމެރިކާގެ ސީއައިއޭ އާއި އެހެނިހެން އެޖެންސީތަކާގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށް، ޢިމްރާން ޚާންވެސް ވަނީ ވިދާޅުވެފައެވެ. މިއީ ޕާކިސްތާނުގެ ޢާންމު ރައްޔިތުންގެ ސިކުނޑިތަކާ ނިކަން ރަނގަޅަށް ކުޅެލާނެ ވާހަކަ އެކެވެ.
ޤައުމުތަކުގެ ވެރިކަން ބަދަލުކުރުމުގައި އެމެރިކާއާއި އިނގިރޭސީން ކުޅޭ ޙީލަތްތެރި ކުޅިވަރުގެ ޙަޤީޤީ މަޢުލޫމާތު ޢާންމުވެގެން ދިޔައީ، އެމެރިކާ ސަރުކާރުގެ ދުވަސްވީ ލިޔުންތައް ޢާންމުންނަށް ހުޅުވައިލުމާ ގުޅިގެންނެވެ. 1999 ގައި، ރައީސް ބިލްކްލިންޓަންވަނީ، ގުއަޓިމާލާގައި އެމެރިކާއިން ސާޅީހަކަށް އަހަރު ހިންގި ހަނގުރާމަޔަށް މަޢާފަށް އެދިވަޑައިގެންފައެވެ. 1960 ގެ އަހަރުތަކުންފެށިގެން، އިންސާނިއްޔަތާ ޚިލާފު ޢާމަލުތައްކޮށް، މީހުންމަރައި ހަދަމުން އައި ގުއަޓިމާލާގެ ސިފައިންނަށް އެމެރިކާއިންވަނީ އެހީވެފައެވެ. މަޔާން ނަސްލު ނައްތައިލުމަށް ހަނގުރާމަކުރަމުންގެންދިޔަ ގުއަޓިމާލާ ސިފައިން، މަޔާނުން މެރުމުގެ ކުރިން އެތައް ވޭނަކާއި އަނިޔާއެއް ތަޙައްމަލުކުރަން މަޖްބޫރު ކުރުވައެވެ. ކްލިންޓަން މަޢާފަށް އެދިވަޑައިގަންނަވަމުން ވިދާޅުވެފައިވަނީ، އެމެރިކާއިން އެފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލެއްގެ ތެރެޔަށް ދެން ނުވަންނާނެ ކަމަށެވެ. އެހެނަސް، އޭގެފަހުން އެމެރިކާގެ ރައީސްކަމަށް އައި ކޮންމެ މީހަކީވެސް، ހަނގުރާމައިގެ ލެއިން ތަތްތެޅި، ހަނގުރާމައިގެ ކުށްވެރިންގެ ތެރޭގައި ގުނަންޖެހޭބަޔަކަށްވަނީ ވެފައެވެ. 21 ވަނަ ޤަރުނު ފެށުނުތަނާ، ޖޯޖް ޑަބްލިޔޫ ބުޝްވަނީ ހަނގުރާމައިގެ ތެރެޔަށްވަދެ، އެތައްހާސްބަޔަކު މަރައިފައެވެ. ދެކުނު އެމެރިކާގެ ސިޔާސީ މަޝްރަޙަށް އެމެރިކާއާއި އިނގިރޭސީން ވަނުމުގެ ކުރިން، 1953 ގައި އީރާނުގައި ދިމިޤްރާތީ އުޞޫލުން އިންތިޚާބުވެ ވެރިކަމަށް ވަޑައިގެން ހުންނެވި ބޮޑުވަޒީރު މުޙައްމަދު މުޞައްދިޤް ވަނީ، އިންޤިލާބެއްގެނުވައި ވެރިކަމުން ބައިލާފައެވެ. މުޞައްދިޤް ވެރިކަމުން ބޭލުމުގައި، އެމެރިކާއަދާކޮށްފައިވާ ދައުރު، 2013 ގައި ސީއައިއޭއިން ހާމަކޮށްފައިވާ ރިޕޯރޓެއްގައި ތަފްޞީލުކޮށްދީފައި ވެއެވެ.
ވެރިކަމާ ތޮޅެން އެހީވުމާއި މީހުން ތަމްރީނުކުރުން އަދި އެކަމަށް ޚަރަދުކުރުމާއި ޖާސޫސްކޮށްދިނުމަކީ، ޔަހޫދީންގެ ޢަމަލެކެވެ. އަދި އެމެރިކާގެކަށީގައި ހިފައިފައިވާ ފަރުވާއެއްނެތް ބައްޔެކެވެ. ތެލަށް ހިތްކިއުމާ އަދި އެއްވެސް ޤައުމަކުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ހިންދަމައިލުމަށް ލިބޭ ފުރުޞަތަށް ނުރުހެވުމަކީ، އެމެރިކާ ދެވިހިފައިފައި އޮންނަ ކަންކަމެވެ. މުޞައްދިޤްގެ ވެރިކަން ވައްޓައިލީ، އީރާނުގެ ތެޔޮއުފެއްދުމުގެ ވިޔަފާރި ސަރުކާރަށް ނަގާގޮތަށް، 1951 ގައި އިޢުލާން ކުރުމާގުޅިގެންނެވެ. ދެ އަހަރުވަންދެން މީހުން ބިނާކޮށް، ޖާސޫސްކޮށް، ޚަރަދުކޮށް އަދި ދޭތެރެ ޖައްސައިގެން ބަޔަކު ތައްޔާރުކޮށް ސަރުކާރާ ދެކޮޅަށް ނެރެ، އެންމެފަހުން ވެރިކަން ބަދަލުކޮށްލުވިއެވެ.
އެމެރިކާއިން އެދުނު ހިނދު، ޕާކިސްތާނުގެ ސަރަޙައްދުތެރޭގައި އެމެރިކާގެ ޢަސްކަރީ ޙަރަކާތްތައް ހިންގައި އަވަށްޓެރި އަފްޣާނިސްތާނަށް ޙަމަލާދިނުމަށް، އަފްޣާނިސްތާނާ ޕާކިސްތާން އިންވެގެންވާ ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ޕާކިސްތާނުގެ ޢަސްކަރީ މަރުކަޒުތައް " އެއްގޮތަކަށްވެސް ނުލިބޭނެ " ކަން އެމެރިކާއަށް އެނގުނުހިނދުން ފެށިގެން، ޢީމްރާން ޚާން ވެރިކަމުން ބޭލުމުގެ މަސައްކަތް އެމެރިކާއިން ފަށާނެއެވެ. އަފްޣާނިސްތާނުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތައް މިހާރަކު ނެތެވެ. އެހެންކަމުން އެންމެ ގާތުން ފުރުޞަތެއް ލިބޭނީ ޕާކިސްތާނުންނެވެ. މުޅި އެ ސަރަޙައްދުގައިވެސް އެމެރިކާގެ ޢަސްކަރީ އެއްވެސް ކަމެއް މިހާރަކު ނެތެވެ. ޕާކިސްތާނުގައި ޢަސްކަރީ މަރުކަޒުތަކެއް ޤާއިމްކުރުމުގެ ހުއްދަޔަށް އެމެރިކާއިން އެދުނު މައިގަނޑު ސަބަބަކީ އެއީއެވެ. ނަމަވެސް، ޕާކިސްތާނުން އެވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. އެހެންވީމައި، ޕާކިސްތާނުގައި އެމެރިކާގެ ބަސްވިކޭ ސަރުކާރެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ޢިމްރާން ޚާން ވެރިކަމުން ބޭލުވި ސަބަބަކީ އެއީއެވެ. ރައްޔިތުންގެ މަޖިލީހެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ގަންނަން ޚަރަދުކުރުމަކީ އެމެރިކާއަށް އެހައިބޮޑުކަމެއްނޫނެވެ. އެހެންނަމަވެސް، ޢިމްރާން ޚާނާއެކު، ޕާކިސްތާނުގައި އުފެދިގެންއެދާ އައު ސިޔާސީ ވިސްނުމުގެ ފަލްސަފާގައި، ކުރިންތިބިގޮތަށް، ޕާކިސްތާނުގެ ރައްޔިތުން ބަސްއަހައިގެންނެއް ނުތިބޭނެއެވެ.
ޕާކިސްތާނުގެ ޢަސްކަރިއްޔާއަކީ، ވިކެމުންގޮސް ގޮތްހުސްވެ، ސިފައިންގެ ސަރުކާރުތަކެއް ޤާއިމްކޮށްގެން ވެރިކަން ހިންގާފައިވާ ނަޒާޙަތްތެރިކަން އެއްވެސް މިންވަރަކަށް ފެންނަންނެތް ތަނެކެވެ. ތާރީޚުން އެކަން އެބަ ހެކިކޮށްދެއެވެ. ޕާކިސްތާނުގެ ޢަސްކަރިއްޔާގައި ހުޅަނގާ ދޯޅު، ހުޅަނގަށްވިކިހުސްވެފައިވާ އިސް އޮފިސަރުން އެބަތިއްބެވެ. އޭގެތެރޭގައި ހިމެނޭ އޮފިސަރެއް ބަދަލުކުރަން އުޅޭ މީހެއްގެ ދުވަސް ދާކަށް ލަހެއްނުވާނެއެވެ. ޢިމްރާން ޚާންވެސް ވަނީ ދާދި މިދާކަށްދުވަހު އެކަން ތަޖްރިބާ ކުރައްވާފައެވެ. އެންމެ ކުޑަމިނުން، ޕާކިސްތާނުގެ އާރމީ ޗީފް އޮފް ސްޓާފަކަށް ހަމަޖެހިގެންދާނީވެސް، އެމެރިކާގެ ރުހުން އޮންނަ އޮފިސަރެކެވެ. ޕާކިސްތާނުގެ ޢަސްކަރިއްޔާއަށް އެމެރިކާގެ މުށުތެރެއިން ދެމިގަނެވޭނެގޮތެއް ނޯންނާނެއެވެ.
15 އެޕްރީލްވީ ހުކުރުދުވަހުގެ ހެނދުނު، ޕާކިސްތާނުގެ ޢަސްކަރިއްޔާއިންވަނީ، އަފްޣާނިސްތާނުގެ އުތުރު އިރުމަތީ ކުނާރާއި ދެކުނު އިރުމަތީ ޚޯސްޓް އަވަށަށް ޙަމަލާދީފައެވެ. މިޙަމަލާތަކުގައި، ކުށެއްނެތް އެތައް ބަޔަކުވަނީ މަރުވެފައެވެ. މިއީ ޢިމްރާން ޚާން ވެރިކަމުގައި ހުންނެވިނަމަ ހުއްދަ ދެއްވާނެކަމެއްނޫނެވެ. އަވަށްޓެރި އަފްޣާނިސްތާނުގެ ވެރިކަމުގައި އޮތް ޠާލިބާނުންނާއެކު ގުޅުން އުފެއްދެވުމަށް، ޢިމްރާން ޚާންގެ ވިސްނުންފުޅުގައި އޮތެވެ. މިއީވެސް، ޢިމްރާން ޚާން ވެރިކަމުން ބާލަން އެމެރިކާއިން ބޭނުންވާނެ ވަރަށް މުހިންމު ސަބަބެކެވެ.
ޕާކިސްތާނުގެ ރައްޔިތުންނަކީ، އެބައިމީހުންގެ ދާޚިލީ ކަންކަމުގެ ތެރެޔަށް ބޭރުމީހުން ވަންނަން ބޭނުންވާނެބައެއްނޫނެވެ. ޢިމްރާން ޚާން ވެރިކަމުން ބޭލުމުގައިއޮތް އެމެރިކާގެ ދައުރާގުޅިގެން، އެމެރިކާއާމެދު ޕާކިސްތާނުގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތު އިތުރަށް ވަރުގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. ޢިމްރާން ޚާނަށް ތާއީދުކުރާ އެތައް މިލިއަންބަޔަކު މިހާރު އެގެންދަނީ އެއްވުންތައް ބާއްވަމުންނެވެ. އެމެރިކާގެ ނުފޫޒުން ވެރިކަން ބަދަލުވެގެންދިޔަ މިދަނޑިވަޅުގައި ޕާކިސްތާނުގައި، ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރުމަކީ އެންމެ އަވަހަށް ފެނިގެންދާނެ ޙަޤީޤަތެވެ.