ޕާކިސްތާނު ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި ދިހަ މީހުން މަރާލައިފި

އިއްޔެގެ ހަމަލާއަށްފަހު ލޮރަލާއި ފުލުހުންގެ މަރުކަޒު ކުރިމަތީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސުގައި ފުލުހުންގެ މަރުކަޒަކަށް ބޮމާއި ބަޑިން ދިން ހަމަލާއްގައި މަދުވެގެން 9 ފުލުހުންނާއި، އާއްމުންގެ އެކަކު މަރުވެ، 21 މީހުން ޒަޚަމްވެއްޖެއެވެ. އަންގާރަ ދުވަހު މި ހަމަލާ ދީފައި ވަނީ ބަލޫޗިސްތާނުގެ ވެރިރަށް ކުއެޓާއާއި 154 ކިލޯމީޓަރު ދުރުގައި އޮންނަ ލޮރަލާއި ޑިސްޓްރިކްޓްގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސްގެ އޮފީހަށެވެ.

ހަމަލާއަށް ފަހު އިންޓަ ސާވިސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރް) އިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ފުލުހުންނާއި، އާންމުންގެ 9 މީހުންނެވެ.

ޕާކިސްތާނުގެ ދުންޔާ ނިއުސްއިން ޚަބަރުދޭ ގޮތުގައި ހަމަލާދީފައި ވަނީ ފުލުހުންގެ ޚިދްމަތަށް ވަންނަން އެދޭ 800 މީހުންގެ އިމްތިހާނެއް ކުރިއަށް ދިޔަ ވަގުތުގައެވެ.

އަނަޑޯލޫ ނިއުސް އެޖެންސީއާ ވާހަކަދައްކަވަމުން، ލޮރަލާއި ފުލުހުންގެ އިސް އޮފިސަރަކު ކަމުގައިވާ ޢަބްދުލްމަޖީދު ދަޝްތީ ވިދާޅުވި ގޮތުގައި، ފުލުހުންގެ 9 މީހުން މަރުވީ ހަމަލާދިން މިހުންނާ ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގައެވެ. 4 ގަޑިއިރަށް ދެމިގެން ދިޔަ ހަމަލާ ނިމުނު އިރު ހަމަލާ ދިން އެންމެން ވަނީ މަރުވެފައެވެ.

އައިއެސްޕީއާރުގެ ބަޔާނުގައި ވާގޮތުން ހަމަލާދިން ތިން މީހުން މަސައްކަތްކުރީ ގައިގަ ބޮން ހަރުކޮށްގެން ފުލުހުންގެ މަރުކަޒަށް ވަދެ އެތަން ގޮއްވާލާށެވެ. ނަމަވެސް، ފުލުހުން މަރުކަޒު ބަލަހައްޓަން ތިބި ފުލުހުން ބަޑިޖެހުމުން ރައްދުގައި ބަޑިޖެހުމަށް ފަހު އެތަނުން އެކަކު އަމިއްލައަށް ބޮން ގޮންވައިގެން މަރުވީއެވެ. އަނެއް ދެ މީހުން ތަނުގެ ކޮޓަރިއެއްގެ ތެރެއަށް ވަދެގަނެ ބަޑި ޖަހަން ފެށީއެވެ. އެ ދެމީހުން ވަނީ މަރާލެވިފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ލޮރަލާއިގެ ސިފައިންގެ މަރުކަޒަށް ދިން މިފަދަ ހަމަލާއެއްގައި ސިފައިންގެ 4 މީހުން މަރާލާފައި ވެއެވެ.

1947 ވަނަ އަހަރު ޕާކިސްތާނު އުފެދުނީއްސުރެ ބަލޫޗިސްތާނު ޕާކިސްތާނުން ވަކިކުރަން ބޭނުންވާ ހަނގުރާމަވެރިން ސަރުކާރުގެ ތަންތަނަށް ހަމަލާދިނުން ކުރިއަށް ގެންގޮސްފައި ވެއެވެ. އެމީހުން ބުނަނީ އިނގިރޭސިން ބަލޫޗިސްތާނަކީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހެދީ އެ ޕްރޮވިންސުގެ މީހުންގެ ރުހުމާ ދެކޮޅަށެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.