ހެޔޮ ޢަމަލު - 8

މާޒީވެގޮސްފައިވާ ކަންކަމުގެމައްޗަށް ހިތާމަކޮށް އެކަންކަމުގެ ތެރޭގައި ލިބިފައިވާ ގެއްލުންތަކުގެ ހަނދާނާއެކު ދިރިއުޅުމަކީ، އެއްވެސްގޮތަކުން ފައިދާއެއް އޮތްކަމެއްނޫނެވެ. އެއީ ބަލިމަޑުކަމެއްފަދަ ކަމެކެވެ. އެފަދަ ކަންކަމުން މިހާރުގެ ޙާލަތު އިތުރަށްގޯސްވެ، ހަމަޖެހުންގެއްލުން ނޫންކަމެއް ނުވާނެއެވެ. ހިތްވަރުގަދަ އިންސާނުން، އެކަންކަން ހަނދާންނައްތައިލައި އުއްމީދުންފުރިގެންވާ ދުވަސްތަކެއް ހޯދައެވެ. އެފަދަ އިންސާނުން ޤަބޫލުކުރާގޮތުގައި، އެއަނދިރިދުވަސްތަކުގައި ދިރިއުޅުންހޭދަކުރުމަކީ ބޭކާރު ކަމެކެވެ. ނަފްސާނީބަލިމަޑުކަމެއްގައި ހޭދަވާ އެފަދަވަގުތުތަކުން، ވެނިމިގޮސްފައިވާ އެއްވެސްކަމެއް ރަނގަޅެއް ނުކުރެވޭނެއެވެ.

މާޒީވެގޮސްފައިވާ ކަންކަމުގެ ހިޔަނީގައި ދިރިއުޅުން އާބާދެއްނުވާނެއެވެ. ވިހާ ދަރިފުޅު  އަނބުރާ، މަންމަގެ ބަނޑަށް ވާޞިލްކޮށްދެވޭނެކަމަށް ހީނުކުރާށެވެ. ގެރީގެ ވަށްގަނޑުން ފައިބާކިރު، އަނބުރާ އެވަށްގަނޑަށް އެޅޭނެކަމަށް ހީނުކުރާށެވެ. ނުވަތަ، ލޮލުން ފައިބާ ކަރުނަ އަނބުރާ ލޮލަށް ފޮނުވޭނެކަމަށް ހީނުކުރާށެވެ. އެކި ޙާދިސާތަކުން، ސިކުނޑިއާއި ހިތަށް ލިބިފައިވާ ގެއްލުމުގައި، ދިރިއުޅުން އާބާދުކުރުމަކުން ހަމަޖެހުމެއް ނުލިބޭނެއެވެ. މާޒީވެގޮސްފައިވާ ކަންކަން ހަނދާންކޮށ ކިޔައިހެދުމުން، މިހާރުގެ ވަގުތު ބޭކާރުވެގެންދާނެއެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 134 ވަނަ އާޔަތުގައި ﷲ ސުންޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

تِلْكَ أُمَّةٌ قَدْ خَلَتْ لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ وَلاَ تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ

"އެއީ، ހަމަކަށަވަރުން، ފާއިތުވެ ހިނގައްޖެ އުއްމަތެކެވެ. އެއުއްމަތް ހޯދިކަމެއް އެ އުއްމަތަކަށެވެ. އަދި، ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ ސުއާލެއް ނުކުރައްވާ ހުއްޓެވެ."

މާޒީވެދިޔަދުވަސްތައް އެއީ ފާއިތުވެގޮސްފައިވާ ކަމެކެވެ. އެކަންކަން ހަނދާންކުރުމަކުން ވާނެ، އެއްވެސް ފައިދާއެއް ނުވެއެވެ. މާޒީގައި ދިރިއުޅުން އާބާދުކުރާމީހެއްގެ މިސާލަކީ، ކީހުކުނޑި ކީހާ މީހެއްގެ މިސާލެވެ. މުސްކުޅި ހަރުބަހެއްގައި ބުނެފައި އޮވެއެވެ. "ކަށްވަޅުގައި އޮންނަ މީހާ ކޮނެ ނަގަން ނޫޅޭށެވެ."

އިންސީންނާއި ޖިންނިން، އެބައިމީހުންގެ މާޒީ ގެންނަން މަސައްކަތްކުރާނަމަ، އެއީ އެބައިމީހުން ފެއިލްވެފައިވާކަމުގެ ހެއްކެކެވެ. ދުނިޔޭގެ ކޮންމެ ކަމެއްވެސް ހިނގަނީ ކުރިޔަށެވެ. ފަހަތަކަށްނޫނެވެ. އެހެންކަމުން، މުސްތަޤްބަލަށް ވިސްނައިގެން ކުރިޔަށްދާން ބޭނުންވާމީހާ، ފަހަތްނުބަލައި ކުރިޔަށް ބަލައިގެން ހިނގައިގޮސް ދުނިޔެ އާބާދު ކުރާށެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.