ހެޔޮ ޢަމަލު - 15

ކޮންމެ ކަމެއްވެސް ﷲ މިންވަރު ކުރައްވާނީ އެކަމެއްގައި އޮތް އެންމެ ރަނގަޅަކަށެވެ. އަދި ވަކި މަޤްޞަދެއް ޙާޞިލް ނުވުމުން އޭގެ މާނަޔަކީ، އޭގެ ފަހަތުގައި ރަނގަޅު އެހެންކަމެއް އޮތުމެވެ. މިކަންކަމަކީ، ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ކަންކަމެވެ. އެހެނީ، ކޮންމެކަމެއްވެސް މިންވަރުކުރައްވަނީ ކުރިން ލިޔެވި ނިމިފައިވާ ގޮތެއްގެމަތިން، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަމުންނެވެ. ކީރިތި ޤުރުއާނުގެ އަލްޙަދީދު ސޫރަތުގެ 22 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلأَرْضِ وَلاَ فِيۤ أَنفُسِكُمْ إِلاَّ فِى كِتَابٍ مِّن قَبْلِ أَن نَّبْرَأَهَآ إِنَّ ذٰلِكَ عَلَى ٱللَّهِ يَسِيرٌ

"އެއްވެސް މުސީބާތެއް، ތިމަންރަސްކަލާނގެ އެމުސީބާތެއް ވުޖޫދަށް ނެރުއްވުމުގެކުރިން، ފޮތެއްގައި ( އެބަހީ : ލަވްޙުލް މަޙްފޫޟުގައި ) ލިޔުއްވައިފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް، އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ، ﷲ އަށް ދާދި ފަސޭހަ ކަމެކެވެ."

މީގެ އިތުރަށް، ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 51 ވަނަ އާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

قُل لَّن يُصِيبَنَآ إِلاَّ مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلاَنَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

"ކަލޭގެފާނު ވިދާޅުވާށެވެ ! ﷲ އަޅަމެންނަށް ލިޔުއްވައިފައިވާކަމެއްމެނުވީ، އަޅަމެންނަކަށް ނުޖެހޭނެއެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލުކުރާހުށިކަމެވެ."

ދިރިއުޅުމުގެ ހިތްހަމަޖެހުމާއި އަރާމާއި އުފާވެރިކަން ލިބޭނީ، ޤަޟާ ޤަދަރަށް އީމާންވެ، ﷲ މިންވަރުކުރައްވައިފައިވާ ގޮތެއްގެމަތިންނޫނީ އެއްވެސްކަމެއް ނުހިނގާނެކަން ކަށަވަރުކޮށް، ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.