ދުޝްމަން ލޯބިވެރިޔާ - 26

(26 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މީހަކަށް މާގިނަ ކަންތައް އެނގޭގޮތް ވެއްޖެނަމަ ޖެހޭނީ އެމީހެއްގެ ފުރާނަ އަތުލަން...." އަޑުއައެވެ. އިންދަރްޖީތަކަށް އެއަޑަކީ ކާކުގެ އަޑެއް ކަމެއް އަދިވެސް އެނގޭގޮތެއް ނުވެއެވެ. އޭނާ ވިސްނަން ހުއްޓާ އެމީހާ ވަރަށް ބާރަށް ހީނގެންފައި ދުރަށް ހިނގައްޖެއެވެ. އިންދަރްޖީތަށް އިވުނީ ހަމައެކަނި އޭނާ ހިނގާފައި ދިޔައަޑެވެ. އިންދަރްޖީތު ވެއްޓިފައިއޮތް އެޖެންޓާ ދިމާއަށް ބަލާލިއެވެ. އޭރު އޭނާ ވަނީ މަރުވެފައެވެ. އަނެއްމީހާ ކޮބައިތޯ ބަލާލިއިރު އަނދިރީގެ ތެރެއިން އޭނާ ފެންނާކަށްނެތެވެ. އޭނާގެ ފިޔަވަޅުގެ އަޑުވެސް އޭރަކު ނީވެއެވެ. މިހާރު އިވެނީ ފިސްތޯލައިގެ އަޑަށް ހޭލި ދޫނިތައް ގޮވާ އަޑެވެ.

އިންދަރްޖީތު ހިނގާފައި ގޮސް އޭނާގެ ޖީޕަށް އަރައިފިއެވެ. އޭނާ ވިސްނަމުން ދިޔައީ ދެންމެ ވާހަކަ ދެއްކިމީހާގެ އަޑާ މެދުގައެވެ. އެ އަޑު މީގެ ކުރިންވެސް ކޮންމެވެސް ތަނަކުން އޭނާ އަހާފައިވާކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. ކޮންތާކުން ބާވައެވެ. އެތަންވެސް އޭނާ ހަނދާން ވެއްޖެއެވެ. އެއީ އިންދަރްޖީތު އެންމެ ފުރަތަމަ ޕެހެލްގާމަށް އައި ދުވަހު އޭނާގެ ޖީޕް ޕެހެލްގާމްގެ ހޮޓަލެއްގެ ކުރިމަތީގައި މަޑުކޮށްލިތަނާ އެ ޖިޕަށް އެރި މީހާއެވެ.

މިހާރު އިންދަރްޖީތުގެ ކުރިމަތީގައިވާ އެންމެ ބޮޑު މައްސަލައަކީ ޑާގަރާ ހަމައަށް ދިޔުމުގެ މައްސަލައެވެ. އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. އޭރުގަޑިން ފަސްގަޑި ބައިވަނީއެވެ. އޭނާގެ ޖީޕް އަނބުރާލާފައި ޓޫރިސްޓް ބަންގްލޯއާ ދިމާއަށް ވަރަށް ބާރަށް ދުއްވާލިއެވެ.

ޓޫރިސްޓް ބަންގްލޯ ކުރިމަތީގައި ޖީޕް ހުއްޓާލާފައި އޭނާ އިން ސީޓްދަށުގައި އޮތް ޑައިނަމައިޓްގެ ފަލީތާއާއި ގޮވާގޮތަށް ހުރި ބޮމްތައް ރަނގަޅަށް ޗެކްކޮށްލިއެވެ. އަދި ވަރަށް ސާދާގޮ ތަކަށް ޓޫރިސްޓް ބަންގްލޯއާ ދިމާއަށް އަވަސް އަވަހަށް ބަލާލިއެވެ. އެތާނގައި އަގަރްވާލްއާއި ޑޮރޮތީ މިހާރުވެސް ބަނދެފައި ތިބޭނެއެވެ. ދެން އިންދަރްޖީތު ބަލާލީ ކުރިމަތީގައި ހުރި ގެއާ ދިމާއަށެވެ.

ގަޑިއަކު 30 މޭލު ބާރުމިނުގައި ޖީޕް ކުރިއަށް ދުއްވަން ފައްޓައިފިއެވެ. ވައަތްފަރާތަށް ލަނބާލުމަށްފަހު ދެވަނަ ލަނބާލުން ކަނާތް ފަރާތަށް ލަނބާލައިފިއެވެ. ރޭ އިރާކޮޅު ކަނުބަނދެގެން އިންދަރްޖީތު ގޮވައިގެން ޑާގަރް ދިޔަ މަންޒަރު އޭނާ ހިތުން ދެކެމުންދެއެވެ. ގަޑިއަކު ތިރީސް މޭލު ބާރުމިނުގައި ފަސްމިނެޓް ވަންދެން ދުއްވުމަށްފަހު ހަވަނަ މިނެޓްގައި އޭނާ ޖީޕް ހުއްޓާލިއެވެ. އޭނާ ލަފާކުރި ގޮތުގައި ބަންގީގެ އަޑު އިވުނީ މިހިސާބުގެ ކޮންމެވެސް ތަނަކުންނެވެ. ނަމަވެސް މިއިން ހިސާބަކުންވެސް މިސްކިތެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް އިންދަރްޖީތުގެ ނަސީބު ވަރަށް ރަނގަޅެވެ ހަމަ އެވަގުތު ބަންގީގެ އަޑު އިވިއްޖެއެވެ. ކޮންމެވެސް ތަނަކުން ފަތިސްނަމާދުގެ ބަންގި ގޮވަނީއެވެ. ދާދި ކައިރިންނެވެ. ކުރިމަތީގައި ހުސްކޮށް އޮތް މައިދާނެއްގައި އެކަނި މާއެކަނި ހުރި މީހަކު ބަންގި ގޮވަނީއެވެ. "ﷲ އަކްބަރު... ﷲއަކްބަރު... ނަމާދު ނިންޖަށްވުރެ ހެޔޮކަން ބޮޑެވެ." އޭނާގެ އަޑު އެތައްއިރެއް ވަންދެން ފަޒާގެތެރޭގައި ގުގުމަމުން ދިޔައެވެ.

އިންދަރްޖީތު މަޑުމަޑުން ޖީޕް ދުއްވަމުން ކުރިޔަށް ދިޔައެވެ. ތަންކޮޅަކަށް ގޮސްފައި މަގުގެ އެއްކައިރީގައި ޖީޕް ހުއްޓާލިއެވެ. އެތާނގެ ކުރިމަތީގައި ތިރިޔަށް ދާން އޮތް ތަން އޮތެވެ. އޭނާގެ ހިތުގެތެރޭގައި އުފާވެރިކަން އުފެދުނެވެ. ކުރިމަތިން ދުވަސްވީ ގެއެއްވެސް ފެންނަން އެބަ ހުއްޓެވެ. ޕައިން ގަސްތަކުގެ ސަބަބުން އެ ގެ ހުންނަނީ ހިސާބަކަށް ފޮރުވިފައެވެ.

އިންދަރްޖީތު ޖީޕުން ފައިބައިފިއެވެ. ކާރުގެ ސީޓުގެ ދަށުގައި ހުރި ޑައިނަމައިޓްގެ ފަލީތާ އާއި ބޮމްތައް އޭނާގެ އޯވަރކޯޓްގެ ބޮޑެތި ބޮޑެތި ޖީބުތަކަށް އަޅާލިއެވެ. އުންޑަ އަޅާ ފުރާފައިވާ ދެ ފިސްތޯލައިން އެކަތި ފަޓްލޫނުގެ ޖީބަށް އަދި އަނެކަތި އެތެރޭގެ ކޯޓްގެ ޖީބަށްލައިފިއެވެ. ފައިވާނުގެ ދަށުގައި އޮންނަ ވަޅިއާއި ޖީބުގައި އޮންނަ ވަޅިވެސް އެތަކެތީގެ މަޤާމުގައި ރަނގަޅަށް ރުކުރުވާލައިފިއެވެ.

މަޑުމަޑުން ހިނގާފައިގޮސް ޕައިން ގަސްތަކުގެ ތެރެއަށް އިންދަރްޖީތު ވަދެއްޖެއެވެ. އޭނާގެ އަޑަށް ގަސްތަކުގައި ނިދާފައިތިބި ދޫނިތައް ގޮވައިގަތެވެ. އަދި ބައެއް ދޫނިތައް އުދުހިގަތެވެ. އިންދަރްޖީތު ގަސްތަކުގެ ތެރެއަށް ގޮސް ތަންކޮޅެއް ބޮޑު ގަހެއް ކައިރީގައި ހުއްޓިއްޖެއެވެ. ކުއްލިއަކަށް އޭނާއަށް އިޙްސާސް ކުރެވުނީ އޭނާއަށް ހުރެވުނު ތާނގެ ކުރިމަތީގައި ބޮޑު ފެންގަނޑެއް އޮތްކަމެވެ. ވިސްނުންތެރިކަމާއެކު އެފެންގަނޑު އޮތް ގޮތަށް ބަލާލުމުން އޭނާގެ ޙައިރާންކަން އަންތަރީހަށް ދާންޖެހުނެވެ. ޑާގަރްގެ ގޭގެ ކުރިމަތީގައި ތިން ފަރާތުގައި ވެސް ވަނީ ފެންގަނޑެވެ. ގާތްގަނޑަކަށް ސާޅީހަކަށް ފޫޓް ފުޅާމިނުގައި އޮތް މި ފެންގަނޑުވަނީ ޑާގަރްގެ ގޭގެތިންފަރާތް ވަށާލާފައެވެ. އެހެންކަމުން ރޭ އޭނާ އެގެއަށް ދިޔައިރު ގޮސްފައިވާނީ މިފެންގަނޑުގެ މަތިންލާފަ ތާއެވެ. އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެ ފެންގަނޑުގެ މަތިން ހުރަސް ކުރެވޭނޭ އެއްވެސް ފާލަމެއް ނެތްކަމެވެ. އެހެންނަމަވެސް މިގެއަކީ އެހެން މީހެއްގެ  ގެއަކަށް ވެސް ނުވާނެއެވެ. މިއީ ހަމަ ޑާގަރްގެ ގެއެވެ. އިންދަރްޖީތު މި ޚިޔާލުތަކުގައި ހިމޭންކަމާއިއެކު މަޑުކޮށްލައިގެން ހުއްޓެވެ.

އެގެ ހުރީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ ކޮޓެޖެއްގެ ސިފައިގާ ވަރަށް ބޮޑަށް ހަދާފައިވާ ބައެކެވެ. ގޭގެ ދެވަނަ ބައިވެސް ހަދާފައި ވަނީ ފުރަތަމަ ބައިގެ ކުރިމަތީގައެވެ. ކޮޓެޖެއްގެ ސިފައިގައިވެސް މެއެވެ. ނަމަވެސް އެބައި ތަންކޮޅެއް ކުޑައެވެ. އެބައިގައި އެންމެ ގިނަވެގެންވެސް ހުންނާނީ ދެކޮޓަރި ނުވަތަ ތިން ކޮޓަރިއެވެ. ދެކޮޓެޖުންވެސް މަތީބުރީގެ ކުޑަދޮރިތައް ހުރީ ހުޅުވާފައެވެ.

އިންދަރްޖީތު އަދިވެސް ވަނީ ޙައިރާންކަން މަތީގައެވެ. ރޭގައި އޭނާ އައި ގޭގެ ކުރިމަތީގައި އެއްގޮތަކަށް ވެސް ފެންގަނޑެއް ނެތްކަން އޭނާއަށް ޔަޤީން ކުރެވޭތީއެވެ. ފަހަރެއްގައި ގޭގެ ފުރަގަހުން އޮތް މަގުން ގެނައީކަން ނޭނގެއެވެ. ނަމަވެސް އެހެން ވެސް ނުވާނެތާއެވެ. އޭނާ އައީ މަތީ މަގުންނެވެ. އަދި ތިރިއަށް އައިސް ގެއަށްވަނީ ވިއްޔާއެވެ.

މި ފިކުރުތަކުގައި ހުއްޓާ އޭނާގެ ކައިރިން އަޑެއް އިވޭހެން އިންދަރްޖީތަށް އިޙްސާސް ވެއްޖެއެވެ. އެ އަޑު އެންމެ ވައްތަރީ ކޯރަކުން ފެން ނަގަން ހުންނަ ބުރަފައްޗެއް ހިންގާ އަޑާއެވެ. އެއަޑު އިވުމާއެކު، އޭނާއަށް ފެންނަންފެށި ކަންތައްތަކަކީ އަދި ކުރިއަށްވުރެވެސް ބޮޑަށް ހައިރާންވާން ޖެހުނު ކަންތައްތަކެކެވެ.

ދެ ކޮޓެޖްގެ ދޭތެރޭގައި އޮތް ތަނުން ބިމުގެ ބޮޑުބައެއް މައްޗަށް އަރައިފިއެވެ. ހީވަނީ ކޮންމެވެސް ބޮޑު އެއްޗެއްގެ މަތި ނަގާހެންނެވެ. ބިމުން އުފުލިގެން މިދާ ބައިގައި ވިނަވެސް ހައްދާފައި ހުއްޓެވެ. އަދި ބައެއް ކުދި ގަސްތައް ވެސް ހައްދާފައިވެއެވެ. ބިމުން އުފުލިގެން  މިއެރި ގާތްގަނޑަކަށް 40ފޫޓްފުޅާ 50ފޫޓްދިގު މިބައި މިހާރު ގޭގެއޮތް ފެންގަނޑާ ދިމާއަށް އަންނަން ފަށައިފިއެވެ. ހީވަނީ އޭގައި ފުރޮޅުލާފައި ހުރިހެންނެވެ. އެބައި މަޑުމަޑުން އައިސް ފެންގަނޑުތެރެއަށް ފައިބައިފިއެވެ. އޭގެ އެއްކޮޅު މިހާރު ވަނީ އިންދަރްޖީތާ ދާދި ކައިރީގައެވެ. އޭނާއަށް މިހާރު ރަނގަޅަށް އެނގުނުގޮތުގައި އެއީ ލަކުޑިން، ތަނބުޖަހައި ހަދާފައިވާ މަޞްނޫޢީ ބިމެއްގެ ބައެކެވެ. މިހާރު އެ ބައިވަނީ ފެންގަނޑު ތެރެއަށް ރަނގަޅަށް ފައިބާ ހަމަޖެހިފައެވެ. އަދި ދުރުން އެތަން ފެންނަ މީހަކަށް މިހާރު ހީވާނީ އެއްވެސް އިރެއްގައި އެހިސާބުގައި ފެންގަނޑެއް ނޯންނަހެންނެވެ.

އިންދަރްޖީތު އެންމެ ބޮޑަށް އަޖައިބުވީ، ރޭ އޭނާ ގޮވައިގެން ގެއަށް އައިސް ވަންއިރު ހުޅުވި ލަކުޑިން ހަދާފައިވާ ގޭޓުވެސް، ދެންމެ އެ ފެންގަނޑުގެ ތެރެއަށް މިގެނައި ހަދާފައިވާ ބިމުގެ ބައިގައި، ހަރުކޮށްފައި ހުއްޓާ ފެނުމުންނެވެ. އެތަން ބަލާލާފައިވެސް މީހަކަށް ހީވާނީ އެއީ ހަމަ އަބަދުވެސް އެގޭގައި ހުންނަ ގޭޓްކަމަށެވެ. ރޭ އިންދަރްޖީތު އެގެއަށް ވެއްދީ މިގޭޓުން، މިހަދާފައިވާ ބިމުގެ ބައިންކަން ޔަޤީނެވެ.

އިންދަރްޖީތު ގަޑިއަށް ބަލާލިއެވެ. އޭރު ހެނދުނު ހަޔެއް ޖަހަނީއެވެ. އޭނާ ވިސްނާލާފައި ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ޖެހުނީ ހުއްޓޭށެވެ. ހަމަވަގުތު ހުދުކުލައިގެ ކާރެއް ބޭރަށް ނުކުންނަން އަންނަތަން ފެނުނީއެވެ. މަޑުމަޑުން އެކާރު އައިސް ހަދާފައިވާ ބިމުގެ ބަޔަށް އަރައިފިއެވެ. އަދި އެތާނގައިވާ ގޭޓްކައިރިއަށް އައުމާއެކު އޮޓޮމެޓިކްގޮތަކަށް ގޭޓް ހުޅުވިއްޖެއެވެ. އަދި ކާރު ގޭޓުން ބޭރަށް ނިކުމެއްޖެއެވެ. ރޭގައި އެ ގޭޓް ހުޅުވަން ކޮންމެވެސް ބަޔަކު އުޅުނޭ އިންދަރްޖީތުގެ ހިތަށް އެރިއެވެ. ނަމަވެސް މިހާރު މި އެނގުނު ގޮތުގައި ރޭގައި ބަޔަކު ޙަރަކާތްތެރިވީ އަޑުވެސް އެ އިއްވީ، އެމީހުންގެ މަކަރުވެރި ރޭވުމުގެ ބައެއްގެ ގޮތުންނެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.