ދުޝްމަން ލޯބިވެރިޔާ - 27

(27 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މި ފެންގަނޑާއި، މިހަދާފައިވާ ބިމުގެ ބަޔާއި ގޭޓްގެ ކަންތައް އިންދަރްޖީތު ހިތަށްވެސް ގެނަޔަ ނުދިނުމަށް ޓަކައެވެ.  ބޭރުން ނުކުތް ކާރުގައި ތިބީ ދެމީހުންނެވެ. ކާރު ނިކުމެގެން ދިޔުމުން އިންދަރްޖީތު ފިލާހުރި ތަނުން ނުކުމެގެން އަނެއްކާވެސް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް މިފަހަރު ވެސް އޭނާއަށް ޖެހުނީ މަޑުކުރާށެވެ. އެތެރެއިން އަންނަ މީހާ ގޭޓާ ދިމާއަށް އަންނަތަން ފެނިގެންނެވެ. އެމީހާ އައިގޮތަށް އައިސް ގޭޓް ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާ ހުރީ ނޫ ކުލައިގެ ހެދުމެއްގައެވެ. ބޮލުގައިވެސްވަނީ ނޫ ކުލައިގެ ހެލްމެޓެއް އަޅާފައެވެ. ގޭޓް ކައިރީގައި ހުރެގެން އޭނާ ހަތަރު ފަރާތަށް ބަލާ ހެދިއެވެ. ހީވަނީ އޭނާ ކޮންމެވެސް މީހަކު ހޯދަނީހެންނެވެ. އިންދަރްޖީތު އަވަސްއަވަހަށް ފިސްތޯލަ ނަގައި ތައްޔާރުވެލިއެވެ. އެމީހާ ގޭޓުން ނިކުމެގެން އިންދަރްޖީތު ހުރިތަނާ ދިމާއަށް އަންނަން ފަށައިފިއެވެ. އޭނާއަށް ކޮންމެވެސް ކަހަލަ ޝައްކެއްވީކަން ނޭނގެއެވެ. އޭނާވެސް އޭނާގެ ޖީބުގައި އޮތް ފިސްތޯލަ ނަގައި އަތަށްލައިފިއެވެ. އަދި ދެ ފަރާތަށް ބަލަމުން އިންދަރްޖީތާ ދާދި ކައިރިއަށް އަތުވެއްޖެއެވެ. އަދި ކުރިމަތީގައި ހުރި ޕައިންގަހާ ދިމާއަށް ވަރަށް ބޮޑަށް ބަލާލުމަށްފަހު މަޑުމަޑުން އެދިމާ އަށް ދާން ފަށައިފިއެވެ. އިންދަރްޖީތު އޭނާ އަތުގައި އޮތް ފިސްތޯލަ އަވަސް އަވަހަށް ޖީބަށްލާފައި، ވަޅި އަތަށް ނަގައިފިއެވެ. މިހާރު އެ މީހާވަނީ އޭނާއާ ވަރަށް ކައިރީގައެވެ. އިންދަރްޖީތު ފުންމައިގެންގޮސް އެމީހާއާ ޙަމަލާދިނެވެ. އޭނާ އަތުގައި އޮތް ވަޅި އެމީހާގެ ބުރަކަށްޓަށް މުށްގަނޑާ ހަމައަށް ވައްދާލިއެވެ. އަދި ހަމައެތަންވަޅު އޭނާގެ ވައަތުން އެމީހާގެ އަނގަމަތީގައި އަތްއަޅާ އެއްވެސް އަޑެއް ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. އެމީހާއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް އެ އަޑު މާދުރަށް ނުގޮސްހިފެއްހެއްޓުނެވެ. އިންދަރްޖީތު ވަޅި އުފުރާލާފައި ދެވަނަ އެތިފަހަރު އެމީހާގެ ބަނޑަށް ވައްދާލިއެވެ. ވަޅިން އޭނާ ބުރަކަށްޓަށާއި ބަނޑަށް މިދެވުނު ޙަމަލާ އެމީހާ މަރާލުމަށް ފުދޭހާވިއެވެ.

 އިންދަރްޖީތު އަވަސް އަވަހަށް އެމީހާ ލައިގެން އޮތް ހެދުން ބާލާފައި، އޭނާ އެ ހެދުން އެޅިއެވެ. ދެ ފިސްތޯލައާއި ވަޅި ހެދުމުގެ ޖީބަށްލުމަށް ފަހު ގޮވާކަހަލަ ބޮމާއި އެއާގުޅޭ ސާމާނު ލާފައިވާ ޕެކެޓް އަތުން ހިފައިގެން، ރައްކާތެރި ކަމާއެކު ގޭޓާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު އޭނާގެ ބޮލުގައި ވަނީ އެމީހާގެ ބޮލުގައި އޮތް ނޫކުލައިގެ ހެލްމެޓް ވެސް އަޅާފައެވެ. މިހާރު އޭނާ އެ ހަދާފައިވާ ބިމުގެބައި ހުސްކޮށް ގޯތީގެތެރެއަށް ވަދެއްޖެއެވެ. އެތާނގައިވާ ދެ ކޮޓެޖް ކައިރީގައި ހިތްގައިމުކަމާއެކު ހިނގަމުން ދަނީއެވެ. އެވަގުތު އޭނާގެ ކަނާތް ފަރާތުގައި ހުރި ކޮޓެޖްގެ މަތީބުރިން ހުޅުވާފައި ހުރި ކުޑަދޮރަކުން މީހަކު ގޮވާލިއެވެ.

"ކޮބާ! ޝޭރްސިންގްހ. އެއްވެސް މީހަކު އުޅުނުތަ؟"

 އިންދަރްޖީތު އިސްއުފުލާނުލާ ހުރިގޮތަށްހުރެ ޖަވާބު ދިނެވެ."އުނހޫން.."

"މިހާރު ދެން އެތެރެއަށްދޭ. ޝޭރްސިންގްހ ސާމާނު ބާލަންވެއްޖެ..."

އިންދަރުޖީތު ކުރިމަތީގައި ހުރި ދޮރުކައިރިއަށް ގޮސް މަޑުމަޑުން ހުޅުވާލަން ހިފުމާއެކު ދޮރުފަތް ހުޅުވިއްޖެއެވެ. އެތެރެ އޮތީ އަނދިރިކޮށެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެކިއެކި އެއްޗެތި ވަކިވަކިން ބަލަމުން ގެންދިޔުމަށް މަސައްކަތް ކުރިއެވެ. މިއީ ކުޑަކުޑަ ކޮޓަރިއެކެވެ. މި ކޮޓަރީގައި މައްޗަށް އަރާނޭ ސިޑިއެއް ހުއްޓެވެ. އަދި ވައަތްފަރާތުގައި ހުރި ސިޑީއަކުން ދެވޭނީ ތިރިއަށެވެ. މަތިން ކޮންމެވެސް މީހަކު ފައިބާއަޑުވެސް އިވެއެވެ. އިންދަރްޖީތު އެތާނގައި ހުރިގޮތަށް ހުރީއެވެ. އެއަންނަމީހަކީ ދެންމެ މަތިން ގޮވާލި މީހާކަމަށްވެސް ވެދާނެއެވެ.

"ހިނގާ"

އެމީހާ ތިރިއަށް ފައިބަންހުރެ ސިޑީއާ ދިމާއަށް އިޝާރަތްކޮށްލާފައި އިންދަރްޖީތާ ދިމާއަށް ބުންޏެވެ. އިންދަރްޖީތު އެމީހާއާއެކު ތިރިއަށް ފައިބަން ފަށައިފިއެވެ. ކުއްލިއަކަށް އެމީހާ ހުއްޓިފައި އިންދަރްޖީތާ ދިމާއަށް ބަލާލިއެވެ. ހީވީ ކުއްލިއަކަށް އޭނާއަށް އެއްޗެއް ވިސްނުނީހެންނެވެ.

"ކަލޭ ތިޔައީ ޝޭރްސިންގްހ އެއްނޫންދޯ؟"

އޭނާއަށް ރަނގަޅަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް ވަރަށް ބާރަށް އޭނާގެ ބަނޑުގައި އިންދަރްޖީތު ޖަހައިފިއެވެ. އޭނާގެ އަނގައިން އެއްވެސް އަޑެއް ނުކުތުމުގެ ކުރިން އަނެއްކާވެސް އަނެއް ފަހަރު އިންދަރްޖީތު އޭނާގެ ބަނޑުގައި ހަމަ އެހާބާރަށް ޖަހައިފިއެވެ. މިފަހަރު ޖެހުނީ އޭނާގެ ބަނޑަށްވުރެ ތިރީގައެވެ. އެހެންކަމުން ގާތްގަނޑަކަށް ހޭނެތިގެން ވެއްޓިއްޖެއެވެ. އިންދަރްޖީތު އަވަސް އަވަހަށް އޭނާ ދަމާފައި މަތީގައި ހުރި ކޮޓަރިއަށް ގެނެސްފިއެވެ. އަދި އޭނާގެ އަތާއި ފައި ވަރަށް ރަނގަޅަށް ބަނދެފައި އަނގައަށް ކުޑަރުމާލެއް ގަންނަވާލައިފިއެވެ. އަދި އަވަސް އަވަހަށް ސިޑީންލާފައި ތިރިއަށް ފައިބައިފިއެވެ.

ތިރިއަށް ފޭބުމުން އޭނާއަށް އިޙްޞާސް ކުރެވުނީ އޭނާއަށް ހުރެވުނި ބިންގަރާހެއްގައިކަމެވެ. އޭނާ މަޑުމަޑުން ކުރިއަށްދިޔައެވެ. ބިންގަރާހުގެ ތެރޭގައި ވަރަށް ފަނޑުފަނޑު އަލިކަމެއް ހުއްޓެވެ. ކުޑަތަންކޮޅެއް  ދުރަށް ހިނގާލިތަނާ ބިންގަރާސް ކަނާއަތް ފަރާތަށް ލަނބާލައިފިއެވެ. އެތާނގެ ކުރިމަތީގައި ވަރަށް ވަރުގަދަ ދަގަނޑު ދޮރެއް ހުއްޓާ ފެނިއްޖެއެވެ. ހީވާގޮތުން އެ ދޮރު ހުންނަނީ އެތެރެއިން ބަންދުކޮށްފައެވެ. އެ ދޮރުގައި ވަރަށް ކުޑަކުޑަ ވަށް އޮށެއް ކަހަލަ ބިއްލޫރިކޮޅެއް ހަރުކޮށްފައި ހުއްޓެވެ. އެބިއްލޫރިކޮޅުގެ ތެރެއިން ކޮޓަރީގެ އެތެރެ ފެންނަ ގޮތްވެއެވެ.

 އިންދަރްޖީތު ކޮރާލާފައި އެ ބިއްލޫރިކޮޅުން އެތެރެ ބަލާލިއެވެ. އެތާނގައި ސަތޭކަ ފަންސާހެއްހާ މީހުން މަސައްކަތްކުރަން ތިއްބެވެ. ވަރަށްބައިވަރު ކުދިކުދި މެޝިންތައްވެސް ހުއްޓެވެ. ވަރަށް ޚާއްޞަ ގޮތަކަށް ހަދާފައިވާ މޭޒެއް ކައިރީގައި ތިބި ބަޔަކުވެސް ތިއްބެވެ. އެމީހުން ތިބީ މައިކްރޮސްކޯޕުން ކޮންމެވެސް އެއްޗެއް ބަލާށެވެ. އެތާނގެ އަނެއްފަރާތުގައި އެންމެވެސް ތިބީ ނޫކުލައިގެ ހެދުން އަޅައިގެންނެވެ. އެތާނގެ އެފަރާތުގައި ހުރި ދޮރެއްވަނީ ހުޅުވާފައެވެ. އެ ދޮރުކައިރީގައި ރައިފަލް ހިފައިގެން ތިބި ބަޔަކުވެސް ތިއްބެވެ. އަދި ލަކުނޑިން ހަދާފައި ހުރި ބޮޑެތި ފޮށިތަކެއް އެ ދޮރުން އެތެރެއަށް ގެނެސް ބަލަހައްޓަމުންދާ ބަޔަކުވެސް އުޅެއެވެ.

ބިންގަރާހަށް ވަންނަންހުރި ދޮރު ބޭރުން ބަންދުކޮށްފައި ބެހެއްޓުމަކީ ބޭނުންކަމެކޭ ކުއްލިއަކަށް އިންދަރްޖީތުގެ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ ވަރަށް ބާރަށް އެ ދިމާއަށް ދުއްވައިގެންފިއެވެ. ސިޑީން މައްޗަށް އަރާފައި އެ ކުޑަކޮޓަރި ބަންދުކޮށްލަން އޭނާ އުޅުނެވެ. އޭރުވެސް އެއްކަލަ މީހާ ބަނދެފައި އޮތްގޮތަށް އެތާނގައި އޮތެވެ. އިންދަރްޖީތު އެ ކޮޓަރީގެ ދޮރު ބަންދުކޮށްލަން އުޅެނިކޮށް ބޭރުން ކޮންމެވެސް ކާރެއްގެ ދޮރުޖެހި އަޑު އިވިއްޖެއެވެ. އޭނާ އަވަސް އަވަހަށް ބޭރު ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް އޮޅުންފިލާގޮތެއް ނުވިއެވެ. ދުންތައް އަރުވާފައި ކާރު ނުކުމެގެން ހިނގައްޖެއެވެ.

މިހާތަނަށް އެއްކަމެއް އިންދަރްޖީތަށް ރަނގަޅަށް އެނގިއްޖެއެވެ. އެކަމަކީ ޑާގަރްގެ ފެކްޓަރީއާ ބެހޭގޮތުން އަގަރްވާލް އޭނާއަށް ދީފައިވާ އެޑްރެހަކީ ރަނގަޅު އެޑަރެހެއް ނޫންކަމެވެ. ހަމައެފަދައިން ޑޮރޮތީ ދީފައިވާ އެޑްރެހަކީވެސް ރަނގަޅު އެޑްރެހެއް ނޫންކަމެވެ. އޭނާއަށް މިހާރު މިހުރެވުނި އެފެކްޓަރީގައެވެ. އެއީ އެދެމީހުންކުރެ އެކަކު ދީފައިވާ އެޑްރެހާވެސް ދިމާވާތަނެއް ނޫނެވެ.

 އަނެއްކާވެސް އޭނާ ބިންގަރާހުގެ އެތެރެއަށް ވަދެއްޖެއެވެ. ކަނާތްފަރާތަށް އެނބުރިލަން އުޅެނިކޮށް ބަޔަކު އަންނައަޑު އިވިއްޖެއެވެ. އޭނާ އަވަސް އަވަހަށް ފާރާ ކައިރިއަށް ޖެހިލައިފިއެވެ. ބިންގަރާހުގެ ކަނާތް ފަރާތުން، އެހެން ގޮތަކަށް ބުނާނަމަ ފެކްޓަރީގެ ދޮރާދިމާއަށް އަންނަ ބަޔަކު އެދިމާއަށް އެބައާދެއެވެ. އިންދަރްޖީތު އަވަސް އަވަހަށް ފަހަތަށް ދާން ފަށައިފިއެވެ. އޭނާ ހިނގާއަޑު އިވުނަ ނުދިނުމަށްޓަކައި ހިނގަމުން ދިޔައީ ދެ ފައިގެ އިނގިލިތަކުގެ ކުރި އެކަނި ބިންމަތީގައި ޖައްސައިގެންނެވެ. މިހާރު އޭނާގެ ދެއަތުގައި ދެ ފިސްތޯލަ އެބައޮތެވެ. އިންދަރްޖީތު ފަހަތަށް ގޮސް ސިޑީން މައްޗަށް އަރަން ފަށާފައި ފަސްއެނބުރި ބަލާލިއިރު އެމީހުން ދާދި ކައިރީގައި ތިއްބެވެ. އޭގެތެރެއިން އެކަކަށް އިންދަރްޖީތު ފެނުނުކަންވެސް ނޭނގެއެވެ. ނަމަވެސް އޭނާވެސް ލައިގެން ހުރީ ހަމަ އެމީހުންކަހަލަ ހެދުމެއް ކަމަށްވާތީ އެމީހާ ހީކުރީ އިންދަރްޖީތަކީވެސް އެމީހުންގެ މީހެއްކަމަށް ވެދާނެ ކަމަށެވެ. އިންދަރްޖީތު ގުދުވެލާފައި އެމީހުންނާ ދިމާއަށް ބަލާލިއެވެ. އަދި މައްޗަށް އެރުމާއެކު ބިންމަތީގައި އޮށޯވެއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.