އަނެކާއަށް އެހީތެރިވެ ހެޔޮކަމެއްކޮށްދިނުމަކީ، ތިބާގެ ހިތަށްވެސް ހަމަޖެހުމާއި އަރާމު ލިބިގެންދާނެ ކަމެކެވެ. ޞަދަޤާތެއް ކުރެވޭހިނދު، އެކަމުން އެންމެ ފުރަތަމަ ފައިދާއެއްކުރާނެ މީހަކީ އެ ޞަދަޤާތެއްކުރާ މީހާއެވެ. އެފަދަ ޢަމަލުގެ އަސަރު ތިބާގެ ދިރިއުޅުމުންވެސް އިސާހިތަކު ފެނިގެންދާނެއެވެ. އަދި ޢަމަލުތައްވެސް ސީދާވެގެންދާނެއެވެ.
ތިމާއަށް ހިތްދަތިކަމެއް ނުވަތަ ދަތިޙާލަތެއް ކުރިމަތިވާހިނދު، އެހެންމީހުންނަށް ހެޔޮކޮށްހިތުމަށް އިސްކަންދޭށެވެ. މިފަދަ ކަމަކުން، އެންމެފުރަތަމަ ހިތަށް ހަމަޖެހުމެއްލިބޭނީ ތިމާއަށެވެ. ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވެދޭށެވެ. ސަލާން ޖަހައިފި ހިނދަކު، ސަލާންޖަހާމީހާއަށް ނުވަތަ އޭނާގެ ނިޔަތާއި ޙާލަށް ނުވިސްނާށެވެ. އެއީ އޭނާ އާ ﷲ އާ ދެމެދުގައިވާ ކަމެކެވެ. ސަލާންޖަހާމީހާއަށް، އަތުގައި އޮތްއެއްޗެއް ދެވޭތޯ ބަލާށެވެ.
ބަލިމީހުންނަށް ހެޔޮދުޢާކޮށް، ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. ތިބާގެ ހަފަރާތުން، ވަށައިގެން އުފާވެރިކަން ފައުޅުވާނެއެވެ. ޞާދަޤާތަކީ، މީރުވަސްދުވާ އަތަރެއްކަހަލަ އެއްޗެކެވެ. އަތަރު ވިއްކާ މީހާއާއި ގަންނަމީހާއާ އަދި އޭގެ ވަސްދުވާ މީހުންނަށް އޭގެ ވަހުން ހިތްހަމަޖެހުން ލިބޭނެއެވެ. ހިތަށް ނުތަނަވަސްކަން ލިބި، ނަފްސާނީ ވެފައިވާމީހާ ކުރާ ޞަދަޤާތަކީ، އެބައްޔަށް ހޯދިފައިވާ ބޭސްބޭހަށްވުރެ ފައިދާހުރި އެއްޗެކެވެ. އަނެކާއާ ބައްދަލުވާހިނދު ހިނިތުންވެލުމަކީވެސް ބޮޑުވެގެންވާ ޞަދަޤާތެކެވެ. ކީރިތި ޤުރުއާނުގެ އައްލައިލް ސޫރަތުގެ 18 އިން 21 ވަނަ އާޔަތުގެ ނިޔަލަށް، ކީރިތި ﷲ ވަޙީކުރައްވާފައި ވެއެވެ.
ٱلَّذِى يُؤْتِى مَالَهُ يَتَزَكَّىٰ ﴿١٨﴾ وَمَا ِلأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾ وَمَا ِلأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾ إِلاَّ ٱبْتِغَآءَ وَجْهِ رَبِّهِ ٱلأَعْلَىٰ ﴿٢٠﴾ وَلَسَوْفَ يَرْضَىٰ ﴿٢١﴾
"އެމީހާއީ، އެމީހާ ޠާހިރުވެގަތުމަށްޓަކައި، އޭނާގެމުދާ ހޭދަކުރާ މީހާއެވެ. އެހެންމީހެއްގެ ފަރާތުން، އޭނާއަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއްނޫނެވެ. (އެހެނެއްކަމަކު) އޭނާހޭދަކުރަނީ، އޭނާގެވެރި، މަތިވެރިވަންތަ ﷲ ގެ ވަޖުހަފުޅު އަދައިގެންނެވެ. އަދި ނިކަންހުރެ، އޭނާ ރުހޭނެކަން ކަށަވަރެވެ."
ހެޔޮ ޢަމަލަކީ، އެފަދައިން ސަވާބާއި ދަރުމަލިބިގެންދާފަދަ ކަމެކެވެ. ހެޔޮ މައްސަރެއްގައި ހެޔޮޢަމަލުކުރުމަށް އިސްކަން ދޭށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުންވަނީ ހެޔޮޢަމަލުގެ އަހުލުވެރިންނަށެވެ.