ހެޔޮ ޢަމަލު - 7

ކީރިތި ﷲ އަޅުގަނޑުމެންނަށް މިންވަރުކުރައްވައި، ދެއްވަމުންގެންދަވާ ނިޢުމަތާއި ރަޙުމަތުގެމަތިން، އަޅުގަނޑުމެންނަށް ހަނދުމަ ކުރެވެނީ ކިހާމިނންވަރަކަށްތޯއެވެ؟ އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައިވާ ރަޙުމަތާއި ނިޢުމަތް އަޅުގަނޑުމެންގެ ހަފަރާތުން ފެންނަމުން އެބަދެއެވެ. މަތިންނާއި ތިރިންނެވެ. އަރިމަތިންނާއި ހުރިހައި ފަރާތަކުންނެވެ. އިބްރާހީމް ސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙިކުރައްވައި އަންގަވައިފާ ވެއެވެ.

"އަދި، އެކަލާނގެ ޙަޟުރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް، އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް، ޢަދަދެއް ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ."

ފުރިހަމަ ޞިއްޙަތާއި، ސަލާމަތާއި ރައްކައުތެރިކަމާ، އަންނައުނާއި ހިތްހަމަޖެހުމާ، ވަޔާއި އޮކްސިޖަން، އަދި ފެނަކީ، އަޅުގަނޑުމެން ބޭނުންކުރުމަށްޓަކައި އެކަލާނގެ ދެއްވާފައިވާ ނިޢުމަތެވެ. އެހެނަސް، އެކަން އިޙްސާސްވަނީ މަދުފަހަރަކު އެވެ. އެއިންކަމެއް އަޅުގަނޑުމެންގެ އަތުން ބީވެއްޖެ ހިނދެއްގައިނޫނީ، އެފަދަ ނިޢުމަތްތަކުގެ މަތިން ހަނދާނެއް ނުކުރެވެއެވެ. އެހުރިހައި ނިޢުމަތެއް ބޭނުންކޮށް ދުނިޔެ ހޯދަމުންދާއިރު އެކަން އޮންނަނީ ހަނދާން ނައްތައި ލެވިފައެވެ. ކީރިތި ޤުރުއާނުގެ މޫރިތި ސޫރަތްތަކުން، ލުޤްމާން ސޫރަތުގެ 20 ވަނަ އާޔަތަށް ބަލައިލަމާތޯއެވެ! އެކަލާނގެ ވަޙީ ކުރައްވައެވެ.

"ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް، ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭ ހެއްޔެވެ؟ އަދި، އެކަލާނގެ ނިޢުމަތްތައް ފައުޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށް ދެއްވިއެވެ. އަދި، އެއްވެސް ޢިލްމަކާނުލައި ނުވަތަ އަލިކަން ދެނިވި ފޮތަކާނުލައި، ﷲ އާ މެދު ޖަދަލުކުރާ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ."

އަޅުގަނޑުމެންނަށް ދެއަތް ދެއްވިފައި ވެއެވެ. ދެލޮލާއި ދެކަންފަތް އަދި ދުލާއި ދެފައި، ހިތަކާއި ސިކުނޑި ދެއްވައި އަޅުގަނޑުމެން ފުރިހަމަކޮށްދެއްވިއެވެ. އައްރަޙްމާން ސޫރަތުގެ 13 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ.

"އޭ (އިންސީންނާއި ޖިންނީންނެވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ވެރި ރަސްކަލާނގެ ދެއްވި ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟"

ﷲ ތަޢާލާދެއްވި ނިޢުމަތްތަކުގެ މަތިން ހަނދުމަކޮށް، އެކަލާނގެޔަށް ޝުކުރުކުރާ އަޅުންގެ ތެރޭގައި އަޅަމެން ލައްވާށިއެވެ!

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.