އަމީރާ ސުލްޠާނާގެ ނާރެސް - 10

(10 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

އަޅުގަނޑުގެ ދެބެންގެ ދެދަރި، ޝާހީޢާއިލާގެ މެންބަރަކު، ރިހެބިލިޓޭޓްކުރުމަށްޓަކައި ކުޑަ ގަނޑުވަރެއް ތައްޔާރުކުރެވިފައި ހުއްޓެވެ. އޭނާ ދިރިއުޅުއްވާ އަޞްލު ގަނޑުވަރާ އެއްވެސް ތަފާތެއްނެތް ގޮތަށެވެ. އެންމެ މޮޅެތި ކައްކާއިން އެތާނގައި ތިބެއެވެ. އަގުބޮޑު ކެއުންތަކާއި ބުއިންތައް، ގަޑިން ގަޑިޔަށް ތައްޔާރު ކުރެވެއެވެ. މުނިފޫހިފިލުވުމުގެ ކަންކަން ބަރާބަރަށް ހުރެއެވެ. އަގުބޮޑު ޒަމާނީ ފެޝަންތަކުން ޖަރީކުރެވިފައިހުންނަ ހެދުންލައި، އޭނާގެ ގާތް ރަޙުމަތްތެރިންނާއެކު އެތަނުގައި މަޖާ ނަގައެވެ. އަގުބޮޑު އަދި މުއްސަނދި ދިރިއުޅުމެއްގެ ތެރެއިން ލިބިދޭ ފަރުވާނިމެންދެން އެމީހުން އެތަނުގައި ބައިތިއްބައެވެ. ސަރުކާރުގެ ނުވަތަ ޝާހީ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އެތަނުން ނުލިބޭނެ އެއްޗަކީ ހަމައެކަނި ރަލާއި ޑްރަގެވެ. އެއީ އެދެކަންތަކަށް ހުސްވެ ގެއްލިފައިތިބޭ ބަޔަކަށް ފަރުވާދޭ ތަނަކަށް، އެތަންތަން ވާތީއެވެ.

އަޅުގަނޑުގެ ތިމާގެ މިކުއްޖާގެ ފަރުވާއަށް ޚާއްޞަކުރެވުނު ކްލިނިކްގައި، ހަމައެކަނި އޭނާއަށް ޚިދުމަތްކުރުމަށް 5 ނަރުހުން ތިބެއެވެ. ފިޒިއޮތެރަޕީ ދިނުމަށްޓަކައި ހުޅަނގުގައި އޮންނަގޮތަށް، ގްރޫޕް ތެރަޕީއަކީވެސް އޭނާއަށް މައްސަލަޔަކަށް ނުވެއެވެ. އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ. ޝާހީޢާއިލާގެ މެންބަރުންނަށް ފަރުވާދޭ ރިހެބްތަކުގައި ފީއަކީ ކިތަންމެ ބޮޑުވިޔަސް މައްސަލައެއްނޫނެވެ. ޢާންމުގޮތެއްގައި ހަފުތާއަކަށް އެއްލައްކަ ސަޢޫދީ ރިޔާލައަށްވުރެ ބޮޑެވެ. އެއީ އެމެރިކާ ޑޮލަރުންނަމަ، 26 ހާހެވެ. އޭނާ 16 ހަފުތާވަންދެން ފަރުވާހޯދިއެވެ. އެއަށްފަހު، ރަނގަޅުވެގެން ދޫކޮށްލިއެވެ. އެހެންނަމަވެސް، ރަނގަޅުވެގެން ދޫކޮށްލިތާ މަދުދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް އޭނާ ރާބޯން ފެށިއެވެ. މިގޮތަށްގޮސް، 5 ފަހަރެއްގެމަތިން، 5 ބުރަކަށް އޭނާއަށް ފަރުވާ ހޯދަންޖެހުނެވެ.

ސުޢޫދީ ޝާހީޢާއިލާގެ ޅީދަރިންނަށް ރިހެބްތަކުގައި ދެވޭފަރުވާ ނިމިގެން ނުކުންނައިރު، ކުރިއާ ތަފާތު އެތައްކަމަކަށް ބަދަލުއަންނާނެއެވެ. މުޅިން ރަނގަޅުވިޔަސް ނުވަތަ އެއްކޮށް ރަނގަޅުނުވިޔަސް، ކައިރީގައި އުޅޭ ޚާދިމުންނާއި އެހެންމީހުން، އޭނާ ބޭޒާރުކޮށް އެވާހަކަ ދައްކާނެއެވެ. އަދި ޝާހީޢާއިލާގެ ފިރިހެނުންގެ ކަޅިއެޅުމާއި ޖެއްސުންކުރުންވެސް ވަރަށް ބޮޑުވާނެއެވެ. މީގެއިތުރަށް، ޝާހީޢާއިލާގެ މެންބަރެއްކަމަށްވިޔަސް، އެކަނބަލުންގެ ފިރިން އެކަނބަލުން ބާކީކޮށް، ދެއަނތްބަށް އެހެންމީހަކާ އިންނާނެއެވެ. ނުވަތަ އެކަނބަލުން ވަރިކުރާނެއެވެ. ސުޢޫދީ އަންހެނުންނަށް އެނގޭނެ އެއްޙަޤީޤަތަކީ، އަންހެނަކު ވަރިވާ ހިސާބުން އެމީހެއްގެ ދުވަސް އެދިޔައީއެވެ. ކުދިންވެސް ބާކީވާނެއެވެ. ވަރިކުރާ ފިރިހެނާ، ޢިއްދައިގެ ޚަރަދާއި ކުދިންގެ ޚަރަދެއްވެސް ނުދޭނެއެވެ. ޖަމާޢަތުގައި އެއްވެސް އަގެއްނެތް މީހަކަށް ބަދަލުވެގެންދާނެއެވެ. އެކަންކަން ހިނގައިދިއުމަށް އެހައި ވަގުތެއް ނުނަގާނެއެވެ. ދާދިމިދާކަށްދުވަހުވެސް، އަޅުގަނޑުގެ ތިމާގެ ކުއްޖެއްކަމުގައިވާ، ޙަޟުރަތު ޢާލްސައުދު ވަނީ ރާބުއިމުގެ ޙާދިސާއަކާގުޅިގެން، އޭނާގެ ފިރިމީހާ ވަރިކޮށްލާފައެވެ. ޙަޟުރަތު ވަރިކުރި ފިރިހެނާގެ އިތުރު ދެއަނބިން ތިބެއެވެ. ޙަޟުރަތުގެ ފަސްކުދިން ތިބެނީ ދެދޮންމަންމައިންގާތުގައެވެ. ޙަޟުރަތާ ވާހަކަދައްކައި ގުޅުން ބޭއްވުން، އެދެމީހުންނަށް އޮންނަނީ މަނާކުރެވިފައެވެ. ޙަޟުރަތުގެ ބަލަދުވެރިން އޭނާ ބަލައެއް ނުގަނެއެވެ. ޙަޟުރަތު، މިހާރުދިރިއުޅެމުންގެންދަނީ، އޭނާގެ ލޯފަން ދައްތައެއްގެ ގާތުގައެވެ. ޚިދުމަތްކުރަން ލާފައިތިބެނީ ފިލިޕީންސްގެ ދެ ނޯކަރުންނެވެ. އެހާ ދަތިޙާލުގައި އުޅެމުންވެސް ރާފޮދެއްބޯލަން ފުރުޞަތެއްލިބޭހިނދު، އޮޅުމަކުންވެސް އެފުރުޞަތު ނަގައެއްނުލައެވެ.

މޭބިސްކަދުރާއި ހަކުރާ އަދި ޔީސްޓް އެއްކޮށްގެން ޢަމަލުވާ ރާފަދަ އެއްޗެއް، ޙަޟުރަތު އަމިއްލަޔަށް ތައްޔާރުކުރަން އުޅެނިކޮށް، ގޮވާފައި ވެއެވެ. މި ޚަބަރު ލިބުނީ މީގެ ހަފުތާއެއްކުރިން، އަޅުގަނޑުގެ ދައްތަ ނޫރާއަށެވެ. ދައްތަ ބުނިގޮތުގައި، ޙަޟުރަތުގެ ލޯފަން ދައްތަގެ ފަރާތުން ދައްތަޔަށް މަޢުލޫމާތު ލިބުނުގޮތުގައި، އެގޮވި އެއްޗެއް ގޮވީ ވަރަށް ބާރަށެވެ. އެމީހުން ހީކުރީ، ޢިރާޤުން ރިޔާޛަށް ބޮންއަޅަންފެށީ ކަމަށެވެ. އެދައްތަ ރަޖާގަނޑެއްއަޅައިގެން އެނދުތަންދޮށަށް ވަދެ އޮތެވެ. އެތަނުން ނުކުތީ، އެގޮވިގޮވުމާއެކު މުޅިތަނަށް އޮއްސިފައިހުރި ރާތައް ކަހައި އެއްކޮށް އެއެއްޗެހި ފުޅިޔަކަށް އަޅަން، ޙަޟުރަތު މަސައްކަތްކުރާ އަޑަށެވެ.  ޝައއްކެއްނެތްގޮތުގައި، ޙަޟުރަތުގެ މުޅިޙަޔާތް ބަރުބާދުވެ ދެދުނިޔެއިން ގެއްލިނިމިގެންގޮސްފައިއެވަނީ، ރާބުއިމަށް ދެވިހިފުމާގުޅިގެންނެވެ. އެކަން މިހާރު ތަޖުރިބާ ކުރަމުންމިގެންދަނީ އަޅުގަނޑެވެ.

އެތެރެޔަށް ލެވުނު މާނޭވާޔަކާއެކު އަޅުގަނޑުގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ. ރަލުގެ މަސްތުގައި ޖެހި އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުވެގެންދާއިރު ކަންވާނެގޮތް ހިތަށް އަރާފައެވެ. ހެނދުނު ގަޑީގައި އަޅުގަނޑު ރާބޯކަން، ކަރީމަށް ފަޅާނާރާނެގޮތަކަށް އެކަން ހަމަޖައްސަން އެބަޖެހެއެވެ. ހެނދުނު އަޅުގަނޑު ރާބޯކަން ފިރިމީހާއަށް އެނގިގެންނެއްނުވާނެއެވެ. އަޅުގަނޑަށް އެތައްދުވަހެއްކުރީއްސުރެ، އެނގި ކަށަވަރުވެފައިވާ ގޮތުގައި، އަޅުގަނޑާ އަޅުގަނޑުގެ ފިރިމީހާގެ ދިރިއުޅުމުގެ ހުރިހައިވެސް ފޮނިމީރުކަމެއް އެލިބެނީ، އަޅުގަނޑުގެ ކިބައިގާ ހުރި ހަރުދަނާކަމެއްގެ ސަބަބުން، ފިރިމީހާއާ އޮންނަ ގުޅުން ގާތްވާތީއެވެ. ޔަޤީނުންވެސް، ކަރީމަށް އަޅުގަނޑުގެ ސިއްރު ފަޅާއަރާތަނުން، ދެމީހުންގެ ދެމެދުގައި މިހާރު މިއޮންނަ ގާތްކަމާއި ލޯތްބެއް ނުއޮންނާޏެއެވެ. އަޅުގަނޑުގެ ޙަޔާތުގައި ރާ އަދާކުރާ ދައުރާމެދު ކަންބޮޑުވެ ހާސްވިއެވެ. ބިރުވެސް ގަތެވެ. މިކަނ ކޮންޓްރޯލް ނުކުރެވިގެންގޮސް، އަޅުގަނޑުގެ ޙަޔާތް ދަތުރުކޮށްދާނީ ކިހާ ކަށިގިނަ ކަށިކުނބުރު ޖަންގައްޔަކަށްކަމެއްވެސް ނޭނގެއެވެ. ހަރުއަޑުން، އޮނަސައްތަ އިސްމުފުޅު ކިޔަވަން ފެށީމެވެ. މިއާދަޔާ ދުރުހެލިވެވި، ﷲ ގެ މިންވަރުފުޅާއި އިރާދަފުޅުން، މިކުރެވޭ ނުބައި ޢަމަލުން ސަލާމަތްކުރައްވާތޯ ދުއާކުރަނ ފެށީމެވެ. ﷲ އީ ހުރިހައިކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ރަޙީމުވަންތަ ރަޙުމާންވަންތަ ރަސްކަލާނގެއެވެ.

އަޅުގަނޑު، ﷲ ގެ ޙަޟުރަތަށް ދަންނަވަމުންދިޔަ ދުޢާއަށް ހުރަސް އެޅުނީ ލާނެތް މަހާއެވެ. ދަރިފުޅުބުނިގޮތުގައި، މުނީރާ ގުޅާފަ މަހާއާވާހަކަ ދައކައިފިއެވެ، މަހާއާ ވާހަކަދެއްކީ ރޮމުން ގިސްލަމުންނެވެ. މަހާގާތު މުނީރާ ބުނެފައިވާގޮތުގައި، އެދުވަހު އޭނާ އަނގައިން ނުބުނެ މަޑުންހުރީ ސަބަބެއް އޮވެގެންނެވެ. އެއީ އަޅުގަނޑުވެސް ޔަޤީންކޮށްގެންހުރި ގޮތެވެ. ހާދީއާ އިންނަން ދެކޮޅު ހަދައިފިނަމަ، މުނީރާއާއި ތައްމާމާދެމައިން ގައިގައި ތަޅައި މަރާނެކަމަށްބުނެ، ޢަލީވަނީ މުނީރާ އަށް އިނޒާރުދީ ބިރުގަންނުވާލައިފައެވެ. މިއީ އެކަން ހިނގާނެގޮތްކަމަށް، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ހިތަށް އައިގޮތެވެ. ކައިވެނިކުރާ ދުވަސް އައުމުގެކުރިން މަރުގަންނަވާތޯ، ކޮންމެ ނަމާދެއްގެފަހުގައި މުނީރާ މިހާރުގެންދަނީ ﷲ ގެ ޙަޟުރަތަށް ދުއާ ދަންނަވަމުންނެވެ. އެވަގުތު، ސިއްސައިގެން ދިއުމާއެކު އަޅުގަނޑަށް އެނދުން ފުންމައިގެން ތެދުވެވުނެވެ. ސާރާ، މުސްކުޅިޔަކާ ދެވީމަ މޮޔަވެގެންގޮސް، އަމިއްލަޔަށް މަރުވާން އުޅުނުކަން ހަނދާންވެފައެވެ. މަހާއާ ދެމައިންވެގެން، މުނީރާ އެކަމުން ސަލާމަތްކުރެވޭނެގޮތްތަކާމެދު ވިސްނަން ފެށީމެވެ. އެންމެ ފަސޭހައިން ހިނގާނީ، އޮޅުން ބޮޅުން މަދު، އާދައިގެ ޕްރޮގްރާމެކެވެ. އަޅުގަނޑުމެންނަށް ވިސްނުނީ، ކައިވެނީގެ ދުވަހު މުނީރާ ފޮރުވުމަށެވެ. އަދި ޖިއްދާގައި ހުންނަ އަޅުގަނޑުމެންގެ ގޭގައި މުނީރާ ފޮރުވާނީއެވެ. މުނީރާ ފިލުމާގުޅިގެން، ހާދީ އޭނާމަތިން ފޫހިވެ، ކައިވެނިކުރުން ހުއޓާލަންދެން މުނީރާ ބަހައްޓާނީ ފޮރުވާފައެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް، މުނީރާއަށްޓަކައި އެޤުރުބާނީވުމަށް އަޅުގަނޑުމެން ތައްޔާރެވެ.

ވަގުތުން، ސާރާއާ ގުޅައި، އަޅުގަނޑުމެންގެގެޔަށް ޖައްސައިލަދިނުމަށް އެދުނީމެވެ. އަޅުގަނޑު އުއްމީދުކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ ވިސްނުންތޫނު ދައްތަ، އަޅުގަނޑުމެންގެ މި މަސައްކަތަށް އެއްބާރުލުން ދޭނެކަމުގައެވެ. ސާރާ އަތުވެއްޖެއެވެ. އަޅުގަނޑުމެންގެ ރޭވުން، އެނގުމުން ސާރާގެ ދެލޯބޮޑުވިއެވެ. އަދި ކަރީމަށް އެކަން ނާންގައި ސިއްރުކޮށްފައި ނުބޭއްވޭނެކަމުގެ އިންޒާރުވެސް، ސާރ ދިނެވެ. އަޅުގަނޑޫ ބުނީމެވެ.

"ސާރާއެވެ! ދައްތަ ތިވަނީ މުނީރާއަށް ކުރިމަތިވާން އެއުޅޭ މުޞީބާތާ ކުރިމަތިލައި، އޭގެ ހިތިކަން ތަޖުރިބާ ކޮށްފައެވެ. ދައްތަ އެއުފުއްލި ވޭނާއި ތަކުލީފު، މުނީރާ ފަކީރަށް ލިބުމަށް ހުރަހަކަށްވާން ބޭނުންނުވަނީ ކީއްވެހެއްޔެވެ؟  އެކުއްޖާ ފަކީރު، މިކަމުން ސަލާމަތްކުރުމަށް އަހަރެމެންނާ ބައިވެރިވެ، އެހީތެރިވުމަށް ދައްތައަށް ހުރަސްއަޅަނީ ކޮން ކަމެއް ހެއްޔެވެ؟"

ސާރާ އިނީ ގަނޑުވެފައެވެ.

"ސުލްޠާނާ އެވެ!" ސާރާގެ އުއްމީދެއްނެތި އަލިކަންގެއްލިފައިވާ މޫނުމަތިން އެފައުޅުވެގެންދާ ހަމަހިމޭންކަމާއެކު، އޭނާގެ އަޑުވެސް ބައިވެރިވިއެވެ.

"ސުލްޠާނާއެވެ!  އަހަރެންގެ ޙަޔާތުގެ އެންމެ ސިކުންތަކީވެސް، އެއަނިޔާއިންފުރިގެންވީ ހިތްދަތިދުވަސްތައްމަތިން ހަނދާން ނައްތައިލެވޭނެ ވަގުތުކޮޅެއްނޫނެވެ. އަހަރެން، އަސަދާއެކު ހޭދަކުރި އެންމެ އުފާވެރި ހިނދުކޮޅުވެސް، ތޫނު ތަދެއްހިތުގައި އުފެދި އަހަރެން ހޭނެތޭވަރަށް އެތަދުގެވޭން ހަށިގަނޑުގައި ދައުރުވަމުންދެއެވެ." ސާރާ ބޯޖަހާލަމުން ވާހަކަ ދެއްކިއެވެ.

"އަހަރެންނަށް މުނީރާ މިކަމުން ސަލާމަތްކޮށްދެވެން އޮތްނަމަ، އެއީ ކޮންމެ ކަމެއްކަމަށްވިޔަސް، އަހަރެން އެކަމެއްކުރާނަމެވެ. އެކަމަކު، މުނީރާ ސަލާމަތްކޮށްދެއްވޭނީ ﷲ އަށެވެ. ސުލްޠާނާއެވެ! މުނީރާ މިމުސީބާތުން ސަލާމަތްކޮށްދެއްވޭނީ ހަމައެކަނި ﷲ އަށެވެ."

"އަންހެނުންނަށް ހިޔަޅުގެ ބުއްދި، ﷲ މިންވަރުކުރެއްވީ ކަމެއްވެގެންނެވެ. އެހެންނޫންނަމަ ފިރިންގެ އަނިޔާވެރިކަމުން އަހަރެމެން ސަލާމަތްވާނީ ކިހިނަކުން ހެއްޔެވެ؟" ސާރާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.