(10 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރުޚްސާނާ އިންކާރުކުރުމުގެ ގޮތުން ބޯ ހަލުވައިލާފައި ކުރިއަށް ހިނގަމުން ދިޔައެވެ. މުސްކުޅިމީހާ އަނެއްކާވެސް އޭނާގެ ބޯމައްޗަށް ކުޑަ ދިއްކޮށްލިއެވެ. "ކަނބުލޮ ތިޔަ ކުރަނީ ކީއް؟ ހިޔަލުން ނުހިނގައި އަވީގައި ހިނގަނީ ކީއްވެގެން؟"
އޭނާ އަނެއްކާވެސް އަތުން ކުޑަ އެއްފަރާތް ކޮށްލިއެވެ. ވަރަށް އުނދަގުލާއެކު ތުރުތުރުއަޅާ އަޑަކުން ބުނެލިއެވެ. "ބޭބޭ. ދުރަށް ދޭ. އަހަރެން ދާނީ މިހެން."
"ބޭބެ މި އަހަނީ ކީއްވެގެން ހެއްޔޭ."
"ހިޔަ… ހިޔަލުގައި… ހުރެގެން… އަވި… އަވީގެ މަތީން… ހަނދާންނައްތައިލާ… އަން… އަންހެނުންނަށް… ޖެހޭނީ… އަވީގައި ހިނގަން… އަދަބު… އަދަބު… ލިބެންވާނެ."
އޭނާ އަޅައަޅައިގެންފައި ވާހަކަދައްކަމުން ދިޔައެވެ. ގައިގައި ހުރިއްޔާ ހުރިހައި ހަކަތައެއް ބޭނުން ކޮށްގެން ލަފުޒަކުން ލަފުޒަކުން ބުނެވޭތޯ ބަލަމުން ދިޔައީއެވެ. އެވަގުތު އޭނާ އަރިއަޅާލައިފިއެވެ. މުސްކުޅިމީހާ އޭނާ ހިފަހައްޓަން އުޅުނެވެ. އޭގެ ކުރިން އޭނާ އަމިއްލައަށް ސަމާލުވެ ނުވެއްޓި ހުރެއްޖެއެވެ. އަދި އެމީހާގެ އަތް ފޮޅުވައިލިއެވެ. ރުޅިވެރިކަމާއެކު މުސްކުޅިޔާއާ ދިމާއަށް ބަލައިލީމާ އެމީހާ ޖެހިލުންވެފައި ހުރެގެން ފަހަތަށް ޖެހިލައިފިއެވެ. ކަންތައް މި ހިސާބަށް ދިޔައިރު ފަހަތުން އެހެން ބަޔަކުވެސް ހިނގައިގެންފިއެވެ. މުސްކުޅިމީހާ ބުނެލިއެވެ. "އަޖައިބެއް ކަހަލަ މަންޖެއެއް. ބޮލަށް ހިޔާ އެޅޭ ކަހަލަ ކަމެއް ކުރަން އުޅުނީމާވެސް ގަބޫލެއް ނުކުރި. ބަހަކަށް އަރުވަން އުޅުނީމާވެސް ގަބޫލެއް ނުކުރި. އެ މަންޖެގެ ފަޔަށް ވެފައި ހުރިގޮތް ނިކަން ދެކިބަލަ. އަހަންނަށް ބަލަންވެސް އުނދަގޫ. ފައިން އެހެރަ ފައިބަނީ ލޭ. އަހަރެންގެ މޫނުމައްޗަށް އަނދިރިވާގޮތް އެބަވޭ. ޔާ ﷲ. މިއީ ކޮންފަދަ މަންޒަރެއް؟"
ލޯބީގެ އަލިފާނުން އަނދަމުންދާ ސަހަރާއެއްފަދަ ތަނެއްގައި އޭނާ ނުހުއްޓި ހިނގަމުން ދަނީއެވެ.
އަންހެނަކު އައިސް އޭނާޔާ އަރައި ހަމަކޮށްފައި ބުންޏެވެ. "ކޮއްކޯ. ކޮއްކޮ ތިޔައީ ކާކުތަ؟ ސިފައާއި އަޅައިގެން ހުރި ހެދުމަށް ބަލާއިރު އަބުރުވެރި ގެއެއްގެ ކުއްޖަކުހެން ހީވޭ. ތިޔަ ދަނީ ކޮން ތަނަކަށް؟ އަހަރެން މިއީ ދައްތައެއް ކަމަށް ބަލައިގެން ވާހަކަދައްކަބަލަ."
ރުޚްސާނާ ކުރިމަތީގައި އޮތް ކާރާ ދިމާއަށް ބަލަހައްޓާއިގެން ހުރެ ހިނގަމުން ދިޔައެވެ. އަނގަޔަކުން ނުބުނެއެވެ.
އެ އަންހެންމީހާ ތަންކޮޅެއް ހަރުކަށިކަމާއެކު ބުނެލިއެވެ. "ހައިރާނެއް ފަހެ ނުވާނެތަ. މިއީ ކޮން ކަހަލަ މޮޔައެއް. އަހަރެންގެ ވާހަކަ އަޑު ނީވެނީތަ؟ ބީރުތަ؟ ޖަވާބެއް ނުދިނިއްޔާ އަހަރެމެން ކަލޭ ގެންގޮސް މޮޔައިން ބަލަހައްޓާ ތަނަކާ ހަވާލު ކޮށްލާނަން."
ރުޚްސާނާ އަނގަޔަކުން ނުބުންޏެވެ. ހިމޭންކަމާއެކު ހިނގަމުން ދިޔައީއެވެ. އެ އަންހެންމީހާ ރުޚްސާނާގެ އަތުގައި ހިފައިފިއެވެ. ގަޔާ ދިމާއަށް ދަމައިގަންނާން މަސައްކަތް ކުރުމާއެކު ރުޚްސާނާ ފޮޅުވައިލާފައި ވަރަށް ބާރަށް ހަޅޭއްލަވައިގެންފިއެވެ. އަންހެންމީހާ ބިރުން ފަހަތަށް ދެ ފިޔަވަޅެއް އަޅާފައި އައިކޮޅަށް ދުއްވައިގެންފިއެވެ. "މިއީ ބޮޑު މޮޔައެއް."
ފުރަގަހުން ބަޔަކު ހޭނއަޑު އިވެއެވެ. އެކަކު ބުންޏެވެ. "މޮޔައީ އަހަރެމެން. ބަސްހުއްޓާތަން ފަސްދީފައި މި މަންޖެގެ ފަހަތުން ހިނގަމުން މިދަނީ އެހެންވެގެން."
މުސްކުޅި ފިރިހެނަކު ބުނެލިއެވެ. "ނުދާންވީ ކީއްވެގެން؟ އެއީ ޒުވާން އަންހެންކުއްޖެއް."
އެ އަޑު މަޑުމަޑުން ދުރަށް ދާން ފަށައިފިއެވެ. ރުޚްސާނާ ދިޔައީ ކުރިއަށެވެ. ފަހަތަށް ދިޔަ މީހުން ގޮސް ނިމއްޖެއެވެ. މޮޔަ ކުއްޖެއްގެ ފަހަތުން ހިނގުމުގެ ބޭނުމެއް އެ މީހުންނަކަށް ނުވިސްނުނެވެ. ރުޚްސާނާ އެ ދަނީ އަދަބެއް ތަންފީޒު ކުރަމުންކަން އެނގުނަސް މީހަކު އޭނާގެ ފަހަތަކުން ނާންނާނެއެވެ. އެހެން މީހެއްގެ އަދަބުގައި ބައިވެރިވާ ބަޔަކު މި ދުނިޔެއަކު ނޫޅެއެވެ. އެމީހެއްގެ ބުރަ އުފުލާނީ އެމީހެކެވެ.
މިހާރު ރުޚްސާނާގެ ގައިން ވަރު ދޫވާން ފަށައިފިއެވެ. އަނބުރައިގަންނަ ގޮތް ވާން ފަށައިފިއެވެ. ވަށައިގެން ފެންނަ ތަންތަން އެނބުރޭ ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ. އަމަލު ވެފައި ހުރި މީހެއް ފަދައެވެ. ކާލިއަޅަމުން ދަނީއެވެ. ފިޔަވަޅު އެޅެނީ ކޮން ދިމާއަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ މަންޒިލް ކައިރިވަމުން އަންނަކަމެވެ.
މިހާރު އޭނާ ހިނގަމުން ދަނީ ތަންކޮޅެއް މީހުން މަދު ދުއްވާ އެއްޗެހި މަދު މަގަކުންނެވެ. ނާގިންޗޯރަންގީއަކާ މާ ދުރެއް ނޫނެވެ. އެ ވަގުތު އައި ކުލީކާރަކުން އެ ފޭބީ ފަރީދު އަޙްމަދާއި އޭނާގެ އަނބިމީހާއާއި ފަރުޒާނާއާއި ރަޖަބް ޢަލީއެވެ. އެމީހުން ރުޚްސާނާއާ ދިމާއަށް ހިނގައިގެންފިއެވެ. އެމީހުން އޭނާއަށް ގޮވައިލިއެވެ. އޭނާ ޖަވާބެއް ނުދިނެވެ. ކުރިންވެސް ހިނގަމުން ދިޔަ ގޮތަށް މަސްތުވެފައިވާ މީހަކު ފަދައިން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައީއެވެ. އޭނާ ކޮންމެވެސް އެއްޗެކޭ އެބަ ބުނެއެވެ. ތުންފަތް ތަޅުވާތަން ފެނެއެވެ. އެކަމަކު އަޑެއް ނުނުކުމެއެވެ.
ފަރުޒާނާއަށް ރުޚްސާނާގެ ހާލަތު ފެނުނީމާ ކެތެއް ނުކުރެވުނެވެ. ކާރު ދޮށަށް ގޮސް ބާދްޝާއާ ދިމާއަށް ބުންޏެވެ. "އަނިޔާވެރިކަމުގެ ހައްދެއް އޮންނަން ވާނެ. ކަލޭ ތިޔައީ ވަލު ޖަނަވާރެއް."
ރަޖަބް ޢަލީވެސް ކާރުދޮށަށް އަތުވެއްޖެއެވެ. "ޖާނީ. އިންސާނަކަށް ވެބަލަ. އަވަހަށް ފަހަރި ކާރަށް އަރުވާ."
ބާދްޝާ ކުއްލިއަކަށް ކާރު ބާރަށް ދުއްވާލައިފިއެވެ. ރަޖަބް ޢަލީ ފަހަތަށް ލައިފައެވެ. ކާރުގެ ދުވެލި ބާރުކޮށްލައިފިއެވެ. ކާރު ދުރަށް ދަނީއެވެ. ރަޖަބް ޢަލީ ދަތްކުނޑިވިކައިލާފައި ވަށައިގެން ހޯދައި ބަލައިލިއެވެ.
ފަރުޒާނާ ބުންޏެވެ. "އޭނާ އެކަކުގެ ވާހަކައެއްވެސް އަޑެއް ނާހާނެ. އަހަރެން ނިކަން ރަނގަޅަށް އޭނާ ދަންނަން."
ދެމީހުން އެނބުރި ރުޚްސާނާގެ ގާތަށް އަތުވެއްޖެއެވެ. އޭނާގެ މަންމައާއި ބައްޕަޔާ ދެމީހުން އޭނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަނީއެވެ. "ދަރިފުޅާ. ހިނގާ ކާރަށް އަރަން."
ފަރުޒާނާވެސް އާދޭސް ކުރިއެވެ. ރަޖަބް ޢަލީވެސް ވިސްނައިދެވޭތޯ އުޅުނެވެ. ރުޚްސާނާ ވަރަށް ހިތްވަރު ކޮށްފައި މަޑުމަޑުން ބުނެލިއެވެ. "އަހަރެން ލައްވައި ވާހަކަ ދައްކުވަން ނޫޅޭ. ވާހަކަދައްކަން އުޅެފިއްޔާ އަހަރެން ވެއްޓިދާނެ. ދޭ. އެންމެން ދުރަށް ދޭ."
އޭނާގެ އަޑުގައި ހުރި އާދޭހާއި ވޭނުގެ އަސަރެއްގެ ބޮޑުކަމުން އެމީހުން ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. އަދި އިސްޖަހައިލައިގެން ތިބެ އޭނާގެ ފަހަތުން މަޑުމަޑުން ހިނގައިގެންފިއެވެ. އެ މީހުން އޭނާއަށް އެހީތެރިވާން އުޅެފިއްޔާ ނުވަތަ ގަދަކަމުން ކާރަށް އަރުވައިފިއްޔާ ބާދްޝާ އޭނާއަށް މާފުނުކުރާނޭކަން އެމީހުންނަށް އެނގެއެވެ. ރަޖަބް ޢަލީއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އަރައިފިއެވެ. "ނާގިންޗޯރަންގީއަށް ހިނގާ."
ކާރު ދުއްވާލައިފިއެވެ. މާ ގިނަ އިރުތަކެއް ނުވެ ބާދްޝާ ޖާނީގެ ގެއަށް ދެވިއްޖެއެވެ. ބާދްޝާގެ ކާރު ބޭރުގައި އޮތެވެ. އޭނާ ގޭ ދޮރުމަތީގައި ހުއްޓެވެ. ރަޖަބް ޢަލީ ކާރުން ފައިބައި ވަރަށް ބާރަށް ދޮރު ލައްޕައިފިއެވެ. އަދި ރުޅި އައިސް ރަތްވެފައި ހުރެގެން ބުނެލިއެވެ. "މިއީ ކޮން ކަހަލަ ދިރިއުޅުމެއް؟ އަނބިމީހާގެ މައްޗަށް ކަލޭގެ ހިތުގައި އެއްވެސް ރަހުމެއް ނެތީތަ؟ ކަލޭ ތިޔައީ އިންސާނެއްތަ؟"
"އަހަރެން މިއީ ފަޅި އިންސާނެއް. ފަޅި ފިރިއެއް. އެއީ ފަޅި އަންހެނެއް. ފަޅި އަނތްބެއް. ލަންޑަނުން މޫނު ފުރިހަމަކުރީ އަންހެނެއްގެ. އަހަރެން މި ކުރާ ކަމަކީ އަނތްބެއްގެ މޫނު ފުރިހަމަކުރުން. އަނބިމީހާގެ މޫނު ފުރިހަމަވާނީ އަދަބު ލިބި ނިމުނީމާ."
ރަޖަބް ޢަލީ ކުރާނޭ ކަމެއް ނެތް ކަހަލަ ރާގަކަށް ބުންޏެވެ. "އަނބިމީހާއަށް އަދަބެއް ދޭށޭ ކިޔާފައި ލާއިންސާނީ ކަމެއް ކުރުމަކީ ލާޒިމު ކަމެއް ނޫން."
ބާދްޝާ ކެތްތެރިކަމާއެކު ބުނެލިއެވެ. "ލާއިންސާނީ ކަމެއް ކުރަން އަހަންނަށް މަޖުބޫރު ކުރުވީ. މަޖުބޫރު ކުރުވި މީހުންނާ ސުވާލު ނުކުރީ ކީއްވެގެން؟"
ރަޖަބް ޢަލީގެ ރުޅިގަނޑު ތަންކޮޅެއް މަޑުވެއްޖެއެވެ. އެހެންވީމާ ތަންކޮޅެއް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "ތިޔަކަން އަހަރެން ދެނަހުރިން. ޖާނީއާމެދު ކަންތައް ކުރެވުނީއަކީ ރަނގަޅަކަށް ނޫން. އެކަން އަހަރެން ގަބޫލު ކުރަން. އެކަމަކު މިހާރު ދެން ވާވަރު ވެއްޖެއެއްނު؟ ﷲ އަށްޓަކައި ފަހަރިއަށް މާފުކޮށްލާ. އޭނާ ކާރަށް އަރުވާ."
ބާދްޝާ ދުރަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. "އޭގެ ބޭނުމެއް ދެނެއް ނެތް. ނިކަން ބަލައިލަބަލަ. އޭނާ އެހެރަގެން އަންނަނީ."
ރަޖަބް ޢަލީ އެ ދިމާއަށް ބަލައިލިއެވެ. ރުޚްސާނާ ހިތްވަރާ އަޒުމާއެކު ކާލި އަޅަމުން މަޑުމަޑުން ހިނގާފައި އެބަ އާދެއެވެ. ބައެއް ފަހަރު ފެންނަނީ މޭގައި އަމިއްލައަށް ފިރުމައިލާ ތަނެއެވެ. އަނެއްބައި ފަހަރު ކަނދުރާގައި ފިރުމައިލައެވެ. ނުވަތަ ބޮލުގައި އަތް އަޅައިލައެވެ. އެކަމަކު ހިނގުން ހުއްޓައެއް ނުލައެވެ.
ރަޖަބް ޢަލީ ވަރަށް ދެރަވެފައި ބުންޏެވެ. "ޖާނީ. ދެން ފަހަރިއަށް މާފުކޮށްލާ. ބަލައިލަބަލަ. ކުށްވެރިޔާ އެހެރީ އަދަބުގެ ބޮޑުބައި ފުރިހަމަ ކޮށްފައި. ބޮޑެތި ކުށްވެރިންނަށްވެސް އަދަބުގެ ބޮޑުބައި ފުރިހަމަ ކުރީމާ ބާކި އޮތްބައި މާފުކުރޭ. ޖާނީވެސް އެހެން ހަދާ."
ބާދްޝާ ބުންޏެވެ. "ރޭހުން އެއް ވަނައަށް އަންނަ އަސް ރޭސް ނިންމަނީ އެ ސޮރު ދުވަން ފެށި ތަނަށް. އިނާމު ލިބެނީ ފެށި ތަނަށް ގޮސް ރޭސް ނިންމީމާ. އެހެން ނޫނީ އިނާމެއް ނުލިބޭނެ."
ރަޖަބް ޢަލީ ދަތްކުނޑި ވިކައިލުމަށް ފަހު ރުޚްސާނާއާ ދިމާއަށް ހިނގައިގެންފިއެވެ. ރުޚްސާނާގެ ފަހަތުން ފަރީދު އަޙްމަދުގެ ދެމަފިރިންނާއި ފަރުޒާނާއާ ތިން މީހުން އެބަ އާދެއެވެ. ބާދްޝާ މަޑުމަޑުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ގޭތެރޭގައި އާދަނުގެ މަންމަ ކާމީ ގޮވައިގެން އިނެވެ.
ބާދްޝާ ބުނެލިއެވެ. "މަންމާ. އަހަރެންގެ އަނބިމީހާ އެބަ އާދޭ."
އޭނާ މިހެން ބުނެލުމާއެކު އެ މުސްކުޅި އަންހެންމީހާ ކާމީ ގޮވައިގެން ތެދުވެއްޖެއެވެ. "ކޮބާ؟ އަހަންނަށް ދައްކަބަލަ. އަހަރެންގެ ޅީދަރިއަށް އިސްތިގުބާލުކުރަން އަހަރެން ބޭނުން." އޭނާ ގޭ ދޮރުމައްޗަށް ނުކުމެ އެ އަތް ނިތްކުރިމައްޗަށް ދިއްކޮށްލުމަށް ފަހު ދުރަށް ބަލައިލިއެވެ. "ޖާނީ. ދަރިފުޅު ކަންތައް ކުރީ މަންމަ ގާތު ބުނި ގޮތަށްތަ؟"
"އާނ މަންމާ."
"އޭނާ މި ރަތްދަކަ އަވީގައި ހިނގާފައި އެ އަންނަނީ އޭނާގެ ގެއިން ފެށިގެންތަ؟"
"އާނ މަންމާ."
"ދެން ހެޔޮ. އަވަހަށް ގޮސް އޭނާ އުރާލައިގެން އާދޭ."
"ނޫނޭ މަންމާ. އޭނާ އަމިއްލައަށް ހިނގާފައި އަޔަދީ."
"މި ބުނީނު ގޮވައިގެން އަންނާށޭ. އޭނާ އުރާލައިގެން އާދޭ. އެހެން ނޫނީ މަރުވެދާނެ."
"މަރެއް ނުވާނެ." ބާދްޝާ ޖާނީ ދެއަތް އުކުޅުގައި ވިދެލުމަށް ފަހު މޭ ފުއްޕައިލައިފައި ބުންޏެވެ. "އެއީ ބާދްޝާ ޖާނީގެ އަނބިމީހާ. ފުރާނަ ދިޔަޔަސް ގެޔާ ހަމައަށް އަންނާނެ."
ރުޚްސާނާ ހިނގަހިނގައި ހުރެފައި ކުޑަ ހިނދުކޮޅަކަށް ހުއްޓިފައި ދުރަށް ބަލައިލިއެވެ. އޭނާއަށް ދުރު ފެންނަނީ ކުޑަކޮށް ފުސްކޮށެވެ. ގޭ ދޮރުމަތީގައި ހުއްޓިގެން ހުއްޓައި އޭނާއަށް ފުރަތަމަ ފެނުނީ ބާދްޝާ ޖާނީއެވެ. ދެން ފެނުނު މަންޒަރާއެކު އޭނާއަށް އައު ބާރަކާއި ދިރުމެއް ލިބުނު ކަހަލައެވެ. އޭނާ ކުރިއަށް ހިނގައިގެންފިއެވެ. ކުޑަކޮށް އަރިއަޅައިލިއެވެ. އެކަމަކު ސަމާލުވެލުމަށް ފަހު ހިނގައިގެންފިއެވެ. ފައިން ލޭ ފައިބައެވެ. ހުރީ ދުޅަވެގެން އަރައިފައެވެ. އެކަމަކު ހިނގުން ހުއްޓައެއް ނުލިއެވެ. މިހާރު އޭނާ ހިނގާފައި އެދާ ގޮތެއް ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ އެވެ. އޭނާ މަޑުމަޑުން އައިސް ގޯތިތެރެއަށް ވަދެއްޖެއެވެ. އޭނާގެ މުޅި ހަށިގަނޑު މިހާރު ރޫރުއަޅަނީއެވެ. ހިއްލާފައިވާ ދަލުން މުޅި މީހާ ހުރީ ތެމި ފޯވެފައެވެ. ހީވަނީ ފެނާއި އަލިފާނާއެކުވެފައިވާ ދިގު މަގަކުން ހިނގައިފައި އައި ހެންނެވެ. އޭނާ ގެއަށް ވަންނަ ދޮރާ ހަމައަށް އަތުވެއްޖެއެވެ. އާދަނުގެ މަންމަ ކުރިއަށް ޖެހިލައި އޭނާގެ ބޮލުގައި ފިރުމައިލިއެވެ. "ދަރިފުޅާ. ދަރިފުޅަށް ތިޔަ ލިބުނު އަދަބަށްޓަކައި މަންމަ ހިތާމަކުރަން. އަވަހަށް ދަރިފުޅު އުރައިލާ."
ރުޚްސާނާ އަނބުރައިގަންނަ ގޮތް ވާން ފަށައިފިއެވެ. މުޅި ދުނިޔެ އެނބުރެމުންދާ ކަމުގައި އިހުސާސް ކުރެވެން ފަށައިފިއެވެ. އޭނާއަށް މިހާރު ޚުދު ތިމާއަކީ ކާކުކަންވެސް ރަނގަޅަކަށް ނޭނގެއެވެ. އެނގެނީ އެންމެ ކަމެކެވެ. އެއީ އޭނާ މި ވަގުތު ހުރި ތަނެވެ. އޭނާ ލޯ ހުޅުވައި ބަލައިލިއެވެ.
އެކަމަކު އޭނާ ދަރިފުޅު އުރައެއް ނުލިއެވެ. އެވަރުގެ ބާރެއް އޭނާގެ ގަޔަކު ނެތެވެ. ހިކި ފަތެއް ހިއްލައިލާނޭ ވަރުވެސް ނެތެވެ. އޭނާ ބާދްޝާއާ ދިމާއަށް ހިނގައިގެންފިއެވެ. ތުރުތުރުއަޅައަޅައި އޮތް ދެ އަތް ދިއްކޮށްގެންނެވެ. އަނގައިން ނުބުނެވުނީމާ ދެ އަތުން އާދޭސްކުރާ ކަހަލައެވެ. އެ ވަގުތު އޭނާ އަރިއަޅައިލައިފިއެވެ. ބާދްޝާ އަވަސްއަވަހަށް އޭނާ އަތުލަފިކޮށްލިއެވެ.
ބާދްޝާގެ އަތުތެރޭގައި އޭނާ ހަމަޖެހިލެވޭތޯ އުޅުނެވެ. އެކަމަކު ދެން ވީ ގޮތެއް ނޭނގުނެވެ. ހޭނެތިއްޖެއެވެ. އެ އަތުތެރެއަށް ވަނުމުގެ އުއްމީދުގައި އޭނާ ބުރައުފުލި އަތުތެރެއަށް ވަދެވުނުކަން ކިރިޔާ އެނގޭވަރުވީއެވެ. ހިމޭންކަމާއި އަނދިރިކަން ވެރިވެއްޖެއެވެ. ވަށައިގެން ފެތުރިފައި އޮތީ ހިމޭންކަމެވެ. އޭނާގެ ހަށިގަނޑުގެ އެތެރޭގައިވެސް އޮތީ ހިމޭންކަމެވެ. ސިކުނޑި ވަނީ ގަބުވެފައެވެ. ހުއްޓިފައެވެ. މުޅި ކާއިނާތު އޮތީ ފަޅަށެވެ. ދުރުދުރުންވެސް އަޑެއްބަޑެއް ނީވެއެވެ.
އޭނާއަށް ފެންނަ މަންޒަރު ވަރަށް ރީއްޗެވެ. އޭނާ އޮތީ އުޑުގައި ހިނގާ ވިލައިން ހެދިފައިވާ އެނދެއްގައި އޮށޯވެގެންނެވެ. އޭނާގެ ފަޔަށް ލުޔެއް ދޭން މަސައްކަތް ކުރަމުން ގެންދަނީ ޕަރީންނެވެ. އެމީހުން އޭނާގެ ފައިގައި ބޭސް އަޅަނީއެވެ. ހޭހަން ކުރަނީއެވެ. ވަށައިގެން ތިބީ ހުދު ހެދުމުގައި ތިބި ނޯކަރުންނެވެ. އެވަގުރު އެތަނަށް އެ ވަޑައިގަތީ މަލާއިކަތެކެވެ. މަލާއިކަތާ ހިނިތުންވެވަޑައިގެންފައި ވިދާޅުވަނީއެވެ. "ރުޚްސާނާ. ކަލެއަށް އޮތީ ވަރަށް އުފާވެރި ޚަބަރެއް. މިހާރު ޞިރާޠު މަގު ހުރަސްކޮށް ސުވަރުގޭގެ ދޮރުމައްޗަށް އާދެވިއްޖެ. އަވަހަށް ސުވަރުގެއަށް ވަދޭ."
އޭނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޫން. ނޫން. އަޅުގަނޑުގެ ފިރިމީހާއާއި ދަރިފުޅު ނެތް ސުވަރުގެއަކަށް އަޅުގަނޑެއް ނުވަންނާނަން. ޖާނީ… ޖާނީ…"
ދެން އިވުނީ ބާދްޝާ ޖާނީގެ އަޑެވެ. "ރުޚްސާނާ. އަހަރެން މިހިރީ. ރުޚްސާނާގެ ގާތުގައި މިހިރީ. ބަލައިލަބަލަ. ލޯ ހުޅުވަބަލަ. އަހަރެން މިހިރީއޭ."
އޭނާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ބާދްޝާ އޮތީ އޭނާޔާ ދިމާއަށް ގުދުވެގެންނެވެ. އޭނާ އޮތީ ކޮޓަރީގައި އޭނާގެ އެނދުގައެވެ. އެއް ފަރާތުގައި އޭނާގެ ބައްޕަ ކޮޅަށް ހުއްޓެވެ. މަންމަ އޭނާގެ ދަރިފުޅު އުރައިލައިގެން އިނެވެ. އޭނާ ޖާނީއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟
އޭނާއަކަށް ޔަގީނެއް ނުކުރެވުނެވެ. އޭނާ އަތް އުފުލައިލިއެވެ. އަތްވެސް މިހާރު ވަނީ ނުއުފުލޭވަރުގެ ބަރު އެއްޗަކަށް ވެފައެވެ. އޭނާ ހިތްވަރު ކޮށްފައި ބާދްޝާގެ އަތުގައި އަތް ޖައްސައިލިއެވެ. މިހާރު ގަބޫލުކުރެވިއްޖެއެވެ. އޭނާގެ އެންމެ ގާތުގައި އެހެރީ ބާދްޝާ ޖާނީއެވެ. އޭނާގެ ފިރިމީހާއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ލޮލުން އާދަޔާ ޚިލާފު ވިދުވަރެއް ފައުޅުވިއެވެ. ވަށައިގެން އަލިކަން ފެތުރިގެން ދިޔަކަމުގައި އިހުސާސް ކުރެވުނެވެ. ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އޭނާ ހިތްވަރާއެކު ހިނިތުންވެލިއެވެ.
* * *
އޭނާ އޮތީ އެނދުގައެވެ. ނިދައިފައެވެ. މޫނު އޮތީ މަޑު ބާލީހެއްެގެ ތެރެއަށް ވަދެފައި ކަހަލަ ގޮތަކަށެވެ. ނިދީގެ ތެރެއިން އިވުނީ ރުޚްސާނާގެ އަޑެވެ. "ޖާނީ. ދެން ތެދުވޭ. މިހާރު މާ ލަސްވެއްޖެ."
އޭނާ އޮތް ގޮތަށް އޮތީއެވެ. ރުޚްސާނާގެ އަޑު ދެން އިވުނީ އޭނާގެ ކަންފަތްބުޑުންނެވެ. "ޖާނީ. އަހަރެންގެ ލޯބިވާ ޖާނީ."
އޭނާގެ ހަށިގަނޑަށް ފާޑެއްގެ ހީލިކެރުވުމެއްގެ އަސަރު ވެރިވިއެވެ. ލޯ ހުޅުވައި ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި އުދަވެފައިހުރީ ރީތިރީތި ހަނދެކެވެ. އެ ހަނދުގައި ފޮރުވިފައި ވަނީ އޭނާގެ މުޅި ދުނިޔެއެވެ. އެނޫން އެއްޗެއް އޭނާއަކަށް ނުފެނެއެވެ. އެ ހަނދު އޭނާޔާ ވާހަކަދައްކަނީއެވެ. "ލަސްވެއްޖެ މިހާރުވެސް. އަވަހަށް ތެދުވޭ. އެހެން ނޫނީ ގަޑިއަށް ވައިގެބަނދަރަކަށް ނުދެވޭނެ."
ބާދްޝާގެ ނިދި ފިލައިފިއެވެ. ފަރުޒާނާ ގައުމު ދޫކޮށް ފުރައިގެން ދަނީކަން ހަނދާނަށް އައީ ދެނެވެ. އޭނާ ތެދުވެ އިށީނދެއްޖެއެވެ. ޚިޔާލަށް އައީ ފަރުޒާނާއެވެ. ކުރިމަތީގައި އެހެރީ ރުޚްސާނާއެވެ. އޭނާ އެނދުން ފައިބައިފިއެވެ.
ރުޚްސާނާ ހުރީ ވަރަށް ރީތި ހެދުމެއް ލައިގެންނެވެ. ވަރުގެ ކޮޅަށް ނަލަހެދިގެން ތައްޔާރު ވެގެންނެވެ. ރުޚްސާނާގެ ގައިން ނަޒަރު އެއް ފަރާތް ކޮށްލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ފަރުޒާނާގެ ޚިޔާލުވެސް ކުރާކަށް ބޭނުމެއް ނުވެއެވެ. ފަރުޒާނާ އެ ދަނީއެވެ. މިހާރު ރުޚްސާނާވެސް އެހެރީ ފުރިހަމަވެ ނިމިފައެވެ. މިހާރު އޭނާގެ މުޅި ދުނިޔެއަކީ ރުޚްސާނާއެވެ.
އޭނާ ވިސްނައިލާފައި ރުޚްސާނާގެ ފައިތިލައަށް ބަލައިލިއެވެ. މިހާރު ފައިގެ ޒަޚަމެއް ނެތެވެ. ފަނޑުފަނޑު ދެތިން ލަކުނު ފިޔަވައި ނިޝާނެއްވެސް ނެތެވެ. އޭނާ ގޮނޑިއެއްގައި އިށީނުމަށް ފަހު ބުނެލިއެވެ. "ރުޚްސާނާ. ގަބޫލުކޮށްބަލަ. އަހަރެން ވައިގެބަނދަރަށް ދާކަށް ބޭނުމެއް ނޫން."
"އެހެން ނުހަދާ. ފަރުޒާނާއާއި އޭނާގެ ފިރިމީހާ މިގެއަށް ކާން ގެންނަ އުޅުނީމާވެސް ޖާނީ ދެކޮޅު ހެދީ. ކުއްލިއަކަށް އޭނާ ދެކެ ތިޔަހައި ބޮޑު ރުޅިއެއް އައީ ކީއްވެގެން؟"
"އެހެންވެގެންނެއް ނޫން. މިގެއަށް އޭނާ ނުގެނައުމާއި ކާން ނުދިނުމަކީ އޭނާ ދެކެ ރުޅި އައުމެއް ނޫންނެއްނު؟ އޭނާއަށް އަލްވަދާއު ކިޔަން ވައިގެނދަނދަރަށް ދިޔައީމާ އޭނާ ދެކެ ލޯބިވީ ކަމަކަށެއްވެސް ނުވާނެ. ރުޚްސާނާއަކީ އަހަންނަށްވުރެ މާ ބޮޑު ބުއްދިވެރިއެއް، ވިސްނުން މާ ތޫނު ކީހެއް. ނިކަން ވިސްނައިލަބަލަ. އަހަރެން މިހާރު އުޅެން ޖެހޭނީ އޭނަޔާ ވީހައިވެސް ދުރެއްގައި. އޭނާޔާ ބައްދަލުކުރުމާއި ވާހަކަދެއްކުމާއި އޭނާގެ ކުރިމައްޗަށް ނުކުތުމަކީ ބޭނުމެއް އޮތް ކަމެއް ނޫން."
ރުޚްސާނާ ގޮނޑިން ތެދުވެއްޖެއެވެ. "އެންމެ ރަނގަޅު. އަހަރެން ޖާނީގެ ވާހަކަ ގަބޫލުކޮށްފިން. އެކަމަކު އަހަރެން ވައިގެބަނދަރަށް ލައިދޭން ހިނގާ."
"އަހަރެން މަންމަގެއަށް ރުޚްސާނާ ލައިދޭނަން. މަންމަޔާއެކު ދޭ."
ބާދްޝާ ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
ބައިގަޑިއިރު ފަހުން އޭނާ ރުޚްސާނާއާއި ކާމީ ގޮވައިގެން ގެއިން ނުކުމެއްޖެއެވެ.
ރުޚްސާނާ އަހައިލިއެވެ. "މިރޭ އަވަހަށް ގެއަށް އަންނާނަން ދޯ؟"
"އާނ. ދެތިން ދަތުރެއް ކޮށްލާފައި ގެއަށް އަންނާނަން."
"ޖާނީ ދެއްކީ ރަނގަޅު ވާހަކައެއް. ފަރުޒާނާގެ ކުރިމައްޗަށް ނުކުތުމަކީ ބޭނުން ކަމެއް ނޫން. އެކަމަކު މިއަދު އޭނާ އެ ފުރަނީ. އެހެންވީމާ އެކަން ހަނދާން ކުރާނެ."
"އޭނާ އެކަހަލަ ވާހަކައެއް ދެއްކީތަ؟ އަހަންނޭ ކިޔައިގެން އެއްޗެކޭ ބުނީތަ؟"
"އޭނާ އެއްޗެކޭ ނުބުނޭ. އެކަމަކު އަހަންނަށް ވިސްނޭ."
"އޭނާ އެ ފުރަނީ. ފުރައިގެން ދިޔައީމާ ރުޚްސާނާ ވިސްނާނޭ ކަމެއް ނޯންނާނެ. އެވާހަކަ ދެން ހުއްޓައިލާ. އެކަން އެ ނިމުނީ."
އޭނާ ރުޚްސާނާއާއި ކާމީ މަންމަގެއަށް ލާފައި ކާރު ދުއްވާލައިފިއެވެ. އޭނާގެ ސިކުނޑީގައި ގުގުމާފައި ހުރީ އެންމެ އަޑެކެވެ. އެއީ ފަރުޒާނާ ދަނީއޭ ބުނާ އަޑެވެ. ގައުމު ދޫކޮށް އަބަދަށްޓަކައި ދަނީއޭ ބުނާ އަޑެވެ. ގާތްތިމާގެ މީހުންނާއި ދަންނަ އެންމެން ދޫކޮށްލާފައި ދަނީއޭ ބުނާ އަޑެވެ. އޭނާ އެ ދަނީ މުޅި ދުނިޔެ ދޫކޮށްލާފައި ދާ ކަހަލަ ގޮތަކަށެވެ.
ސިކުނޑީގައި އެތައް ޚިޔާލެއެއް އެބަ އެނބުރެއެވެ. ފަރުޒާނާގެ ފިރިމީހާއަކީ ބިންވެރިއެކެވެ. ބޮޑުބޭބެއަކީވެސް ބިންވެރިއެކެވެ. އާއިލާއަކީ ނުލާހިކު ތަނަވަސް އާއިލާއެކެވެ. މުއްސަނދި ބައެކެވެ. ފަރުޒާނާ ބޭނުމިއްޔާ ސަހަރުގައި އަމިއްލަ ހަސްފަތާލެއް ހުޅުވުމަކީ މާ ބޮޑު ކަމަކަށް ނުވާނެއެވެ. އެކަމަކުވެސް ވަޒީފާ އަދާކުރަން އެތައް ހާސް މޭލު ދުރަށް އެ ދަނީ ކީއްވެގެން ހެއްޔެވެ؟
ދެ ގަޑިއެއްހައި އިރުފަހެވެ. އޭނާގެ ކާރު ގޮސް އެ މަޑުކޮށްލީ ވައިގެބަނދަރުގެ ސަރަހައްދަށް ވަންނަ މައި ދޮރާށީގެ ކައިރިއަށެވެ. އެތަނުން ފުރާމީހުންގެ ގިމަތައާ ހަމައަށް ދާން ހޭދަވާނީ އެންމެ މިނިޓެކެވެ. އޭނާ ކުޑަކޮށް ވިސްނައިލާފައި ކާރު ދުއްވާލައިފިއެވެ. ދޮރާށި ފަސްދީ ހިނގައްޖެއެވެ. ދުރުގައި ހުރި ކުޑަ ދޮރާށްޓެއްގެ ކައިރިއަށް މަޑުކޮށްފިއެވެ. ކާރު ތަޅުލުމަށް ފަހު އެތެރެއަށް ދާ ކުޑަ ބަހަކަށް އަރައިފިއެވެ. އެތެރެއަށް ވަދެ ވަކި ހިސާބަކުން ބަހުން ފައިބައިފިއެވެ. އޭނާ މިހާރު އެހެރަ ތަނުން ފަރުޒާނާ އެބަ ފެނެއެވެ. އޭނާ ހުރީ ރުޚްސާނާއާ ވާހަކަދައްކާށެވެ. ކައިރީގައި ފަރީދު އަޙްމަދުގެ ދެމަފިރިންނާއި ރަޖަބް ޢަލީއާ ތިން މީހުންވެސް ތިއްބެވެ.
ބާދްޝާ ގޮސް މަޑުކޮށްލީ ކުލީކާރު ބަހައްޓާ ތާނގައެވެ. އޭނާ ބޭނުން ވަނީ ކާރުތަކުގެ ފުރަގަހުން ބޮނދަމުން ގޮސް ހުރިހައި މަންޒަރެއް ރަނގަޅަށް ފެންނަ ތަނެއްގައި މަޑުކޮށްލާށެވެ.
އެކަމަކު ފަރުޒާނާއަށް އޭނާ ފެނިއްޖެއެވެ. ރުޚްސާނާއާ ވާހަކަދައްކަން ހުރެފައި އެނބުރި ގޮސް ގިމަތައަށް ވަންނާން ހިނގައިގަތް ވަގުތު އޭނާއަށް ފެނުނީ ބާދްޝާ ކާރުތަކުގެ ތެރެއިން ހިނގާފައި ގޮސް މީހުންގެ ތެރެއަށް ވަން ތަނެވެ.
އެމީހުން ތިބީ ކައުންޓަރެއްގެ ކައިރީގައެވެ. ރުޚްސާނާގެ މަންމަ ފަރުޒާނާއަށް ހެޔޮ ދުޢާ ކުރަނީއެވެ. "ދަރިފުޅާ. ވެދިޔަތަން ހަނދާން ނައްތައިލާފައި ދޭ. މާ ގިނަ ދުވަހު ބޭރުގައި ނުހުންނާތި. ފިރިމީހާޔާއެކު ދިރިއުޅުން ވޭތުކުރަން ޖެހޭނެ."
ފަރީދު އަޙްމަދުވެސް ދެއްކީ އެކަހަލަ ވާހަކައެކެވެ. ރުޚްސާނާގެ ސުވާލަކީވެސް އެއީއެވެ. ސަލްމާ ޤާދިރު ގާތު ވަޒީފާ އަދާކުރަން އުޅެނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟
ފަރުޒާނާ ބުންޏެވެ. "ރަޖަބު އޮތީ ތިޔަ ވާހަކަ ދައްކާފައި. އޭނާ ބުނީ އަހަރެން ދުވެފައި އޭނާގެ ގާތަށް އަންނާނެއޭ. އަހަރެން ބުނީ އޭނާ ދުވެފައި އަހަރެންގެ ގާތަށް އަންނާނެއޭ. ވާ ގޮތެއް އެނގިދާނެތާ."
ރަޖަބް ޢަލީ އެތަނަށް އަތުވެއްޖެއެވެ.
ރުޚްސާނާ ބުންޏެވެ. "ބޯޓަށް އަރާ ގަޑިވެސް ޖެހެނީ ދެން އޮތީ ވިއްސަކަށް މިނިޓު. ބާކީ އޮތް ވަގުތުކޮޅު ފިރިމީހާޔާ ވާހަކަދައްކައިލާ. މަންމާ. ހިނގާ ދާން."
އެމީހުން ފަރުޒާނާއާ ސަލާންގަލާންކޮށް ނިމިގެން ދާން ހިނގައިގެންފިއެވެ. މިހާރު އެތާނގައި ތިބީ ރަޖަބް ޢަލީއާއި ފަރުޒާނާއާ ދެމީހުންނެވެ. ދެމީހުން އެކީގައި ހިނގައިފައި ގޭޓާ ހަމައަށް އަތުވެއްޖެއެވެ. ފަރުޒާނާ މަޑުމަޑުން ބުނެލިއެވެ. "ޖާނީ އަހަންނާ ދިމާއަށް ބަލަހައްޓައިގެން އެބަހުރި."
ރަޖަބް ޢަލީ ސިހިފައި އެނބުރި ބަލއިލިއެވެ. "ކޮބާ؟"
"އެ ދިމާއަށް ނުބަލާ. ނޭނގޭ ކަމަށް ހެދިގެން ހުރޭ. އަހަރެންގެ އަތުގައި ހިފާ."
ފަރުޒާނާ އަތް ދިއްކޮށްލީމާ ރަޖަބް ޢަލީ އޭނާގެ އަތުގައި ހިފައިފިއެވެ. "ފަރުޒާނާ. ފަރުޒާނާ ތިޔަކުރި ކަމަކީ މީގެ ކުރިން އަހަރެން އޭގެ މިސާލެއް ދެކެފައިވެސް ނުވާ ކަހަލަ ކަމެއް. އަދި ކުރަން ތިޔަ އުޅެނީވެސް މީހަކު ކޮށްފާނެއޭ އަހަރެން ހީވެސް ނުކުރާ ވަރުގެ ކަމެއް."
"ރަޖަބް އަހަންނަށް އެހީތެރިވެދިން މިންވަރު އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާންން."
"ފަރުޒާނާއަށް ހަނދާން ނައްތައިނުލެވޭނީ ހަމައެކަނި ބާދްޝާ ޖާނީ."
ފަރުޒާނާގެ ބޮޑު ދެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.
ރަޖަބް ޢަލީ ބުންޏެވެ. "އޭނާ ކޮންމެވެސް ތަނެއްގައި ހުރެގެން މިހާރު ސިއްރުން ބަލާނެ. އޭނާއަށް ހީވާނީ ފިރިމީހާޔާ ވަކިވާން ޖެހުނީމާ ފަރުޒާނާއަށް ރޮވެނީއޭ. ފަރުޒާނާގެ ޑްރާމާ ވަރަށް ކާމިޔާބު. ތިޔަ ކަރުނައަކީ ތެދު ކަރުނައެއް. އެކަމަކު ތިޔައީ އަހަންނަށްޓަކައި ފައިބާ ކަރުނައެއް ނޫންކަން އެނގޭނީ އަހަރެމެން ދެމީހުންނަށް އެކަނި."
ބާދްޝާ ޖެހި ބުދެއްހެން އެ މަންޒަރު ބަލާން ހުއްޓެވެ. ފަރުޒާނާ ބަލަމުން ދިޔައީ ރުޚްސާނާމެން ނުކުންނާން ދާ ތަނަށެވެ. އެހެންވީމާ އޭނާގެ ނަޒަރުގައި ހުރީ ބާދްޝާ ޖާނީކަމެއް ނޭނގެއެވެ.
ބާދްޝާއަށް ފެންނަނީ ފިރިމީހާޔާ ވަކިވާން ޖެހޭތީ އަނތްބަކު ރޯތަނެވެ. ދެމަފިރިން އަތުގައި ހިފައިގެން ހިނގާފައި ދާ ތަނެވެ. އެތެރެއަށް ވަންނަ ހުންނަ ދޮރާ ހަމައަށް ގޮސްފައި ދެމަފިރިން ހުއްޓިއްޖެއެވެ. ފަރުޒާނާ ކަރުނަ ފޮހެލިއެވެ. ރަޖަބް ޢަލީއާ ދިމާއަށް ބަލައިލާފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެންމެންގެ ލޯމަތިން ގެއްލިއްޖެއެވެ.
އެއީ ވަރަށް އުނދަގޫ ކަމެކެވެ. ކަރުނައަކަށް ދުލެއް ލިބިފައެއް ނުހުރެއެވެ. ހިތުގެ ލޭ ކަރުނައަށް ވެގެން ލޮލުން ފައިބަނީ ކާކަށްޓަކައިކަން ނޭނގެނީ އެހެންވީމައެވެ.
(ނިމުނީ)
vvv.reethi aafathis noohun genesdhevvaa vaahakathah vvv.reethi shukuru
❤