(8 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރުޚްސާނާ އަނގަޔަކުން ނުބުންޏެވެ. ހީވާ ގޮތުގައި އޭނާވެސް އެހެރީ ކޮންމެވެސް ކަމެއް ނުވަތަ ވާހަކައެއް ސިއްރުކޮށްގެންނެވެ. އަދި ބޭނުންވަނީ އެ ކަމެއް ނުވަތަ ވާހަކައެއް ސިއްރުކޮށްފައި ބާއްވާން ކަހަލައެވެ.
ބާދްޝާ ޖާނީ ބުންޏެވެ. "އެކަމަކުވެސް އަހަރެން ތެދު ބަހުން ބުނެލާނަން. އިއްޔެއާ ހަމައަށް އަހަރެން މަސްތުވާ އެއްޗެހީގެ ބޭނުން ކުޑައިކޮށް ކުރިން. އަހަރެންގެ އަތުގައި އޮތް އެ ބާވަތުގެ އެންމެ ފަހުގެ ސިގިރޭޓު މިއަދު އެއްލާލައިފިން. މީގެ ފަހުން ދުވަހަކުވެސް އެބާވަތުގެ އެއްޗެއްގެ ބޭނުމެއް ނުކުރާނަން."
ރުޚްސާނާ ފުން ނޭވައެއް ލުމަށް ފަހު ބުނެފިއެވެ. "އަހަންނަށް އެންމެ ކަމުދާ ސިފައަކީ ބާދްޝާގެ ތެދުވެރިކަން. ތިޔަ ދައްކާ ހުރިހައި ވާހަކައަކީ ތެދު ވާހަކަ ކަން އަހަންނަށް ޔަގީން. މީގެ ފަހުން އެކަހަލަ ކަމެއް ނުކުރާނެކަންވެސް އަހަންނަށް ކަށަވަރު. ހެނދުނުއްސުރެ ބާދްޝާގެ ސާދާ ވާހަކަތައް އަހަރެން މި ގެންދަނީ އަޑުއަހަމުން. އެހެންވީމާކަން ނޭނގެ..."
އޭނާއަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އިސްދަށަށް ޖަހައިލިއެވެ. މޫނުމަތީން ފެންނަނީ ލަދުވެތިކަމުގެ އަސަރެވެ. ޢައްބާސީ ހަސްފަތާލާ ހަމައަށް ދެވުނީމާ ދާނޭ މަގު ބާދްޝާއަށް ކިޔައިދޭން ފަށައިފިއެވެ. ބާދްޝާ ގޮސް މަޑުކޮށްލީ އޭނާގެ ގޭގެ ދޮރުމައްޗަށެވެ.
ރުޚްސާނާ ކާރުން ފައިބައިފައި ބުންޏެވެ. "ނުގޮސް މަޑުކުރާތި. އަހަރެން ގޮވައިލީމާ ގެއަށް ވަދޭ."
ބާދްޝާ ބިރުން ކަހަލަ ގޮތަކަށް ބުނެލިއެވެ. "ކީކޭ؟ ގެއަށް ވަންނާށޭ؟ ގޭ މީހުން ބުނާނީ ކީކޭ؟"
ރުޚްސާނާ ހިނިތުންވެލިއެވެ. "އަހަރެން ކުރިންވެސް ބުނީމެއްނު؟ މަންމައަކީ ހަމައެކަނި މަންމައެއް ނޫން. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެން އެބަ އަންނަން. މަޑުކުރޭ."
އޭނާ ހިނގައްޖެއެވެ. ބާދްޝާ ކަންބޮޑުވާން ފަށައިފިއެވެ. މިކަހަލަ ގޮތަކަށް އެއްވެސް ގެއަކަށް ދާން ޖެހިދާނޭ ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. އެ ގެއަށް ވަދެ ހަދާނީ ކިހިނެއް ހެއްޔެވެ؟ ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ އިށީންނާނީ ކިހިނެއް ހެއްޔެވެ؟ ރުޚްސާނާގެ މައިންބަފައިން ބުނާނެއެވެ. އަހަރެމެން ދަރިފުޅަކީ ނުލާހިކު ރީތި ކުއްޖެކެވެ. އެހައި ވިސްނުންތޫނު ހުސިޔާރު ކުއްޖެއްވެސް މެއެވެ. އެ އުޅެނީ ޑަކްޓަރަކަށް ވާށެވެ. ބޮޑެތި މީސްމީހުން އޭނާޔާ އިންނާން އެބަ އަހައެވެ. ޑަކްޓަރަކަށް ވީމާ އޭނާއަށް ލައްކައިން އާމްދަނީ ލިބޭނެއެވެ. ކަލޭގެ ހައިސިއްޔަތަކީ ކޮބައި ހެއްޔެވެ؟ މި ވާހަކަތަކަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
އޭނާގެ ހަމައެކަނި ބޭނުމަކީ މީހަކާ އިނުން ކަމުގައި ވީނަމަ ބޯޖެހިތާ ނަގޫ ޖަހައިފައި ދުވެ ފިލައިފީހެވެ. އެކަމަކު އެފަދަ ކަމެއް ނުކޮށް އެއިނީ ރުޚްސާނާގެ ކަޝިޝްގެ ވަރުގަދަ ކަމުންނެވެ.
ދެތިން މިނިޓެއް ފަހުން ރުޚާސާނާ ބޭރަށް ނުކުމެއްޖެއެވެ.
"އާދޭ. އަހަރެން މިއައީ މަންމަ ގާތު ބާދްޝާގެ ވާހަކަ ބުނެފައި."
އޭނާ ކާރު ތަޅުލައިފައި، ޖެހިލުންވެފައި ހުރެގެން ރުޚްސާނާގެ ފަހަތުން ހިނގައިގެންފިއެވެ. ގޮސް ވަދެވުނީ ގޭގެ ބޮޑު ކޮޓަރިއަށެވެ. އެއީ އެހައި ބޮޑު ކޮޓަރިއެއް ނޫނެވެ. ފެންނާން ހުރީ ބައު ފަރުނީޗަރެވެ. ބައު ޓީވީއެކެވެ. ދޫލަ އޮތީ އެކި ދިމަދިމާއިން ވީދިފައެވެ. ކޮޓަރި ކުޑަނަމަވެސް ބާދްޝާއަށް ކަމުދާ ގޮތަށް ހުރި ތަނެކެވެ. ބައު ވެފައި ހުރި ނަމަވެސް ކޮޓަރި ތެރެއިން ވަކި ތަރުތީބެއް ފެންނާން ހުއްޓެވެ. ގެވެހި ވައްޓަފާޅިއެއް އެބަހުރިކަން އެނގޭހައި ވެއެވެ. ބާދްޝާގެ ދިރިއުޅުމައި މަދީ އެފަދަ ވައްޓަފާޅިއެކެވެ. އެ ވައްޓަފާޅި ހުރި، ގެވެހި އަނތްބެކެވެ.
ބަނިޔާދަންކަން ހުރި މެދު އުމުރުގެ އަންހެނަކު ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އޭނާ ފެނުމާއެކު ބާދްޝާ ކޮޅަށް ތެދުވެއްޖެއެވެ. އަދި އަތް އުފުލައި ސަލާން ގޮވައިލިއެވެ. އަންހެންމީހާ ހިނިތުންވެލައިފައި ސަލާމުގެ ޖަވާދު ދީފިއެވެ. އަދި އިށީންނާން އަތުން އިޝާރާތް ކޮށްލައިފައި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
ފުރަތަމަ އެހީ ނަމެވެ. ދެން މަގާމެވެ.
"އުޅެނީ ކޮންތާކު؟ އާއިލާގައި އިތުރަށް އުޅެނީ ކޮން ބައެއް؟"
"އިތުރު އެއްވެސް މީހަކު ނޫޅޭ. ދުރުތާ ތިމާގެ ބަޔަކު ބަނގްލާދޭޝްގައި އުޅޭ."
"ކިޔެވީ ކިހައި ވަރަކަށް؟"
"އަށްވަނަ ކުލާސް ނިންމިން."
"އެޔަށްވުރެ ބޮޑަށް ނުކިޔެވީ ކީއްވެގެން؟"
"ކާންބޯން ދޭނޭ މީހަކު ހުރި ނަމަ ކިޔެވީމުސް. ދިރިހުރެވޭނީ ކައިގެން ކަމަށް ވާތީ މަސައްކަތް ކުރަން މަޖުބޫރުވީ."
"ކުލީކާރު ދުއްވަނީ ދޯ؟"
"ޑިރައިވަރަކު ނެތިއްޔާ ދުއްވަން. އެހެންނޫނީ ނޫނީ ދުއްވަނީ ޑިރައިވަރެއް."
"ކިތައް ކާރު އޮވޭ؟"
"އަދި މި އޮތީ އެކަތި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިތުރު ކާރެއް ގަންނާނަން."
"ގެއަކީ އަމިއްލަ ގެއެއްތަ؟"
"ލައްބަ. މުޅީން އަމިއްލަ ގެއެއް."
"ކިތައް ގަޒުގެ ގޯއްޗެއް؟"
"މިހާރު އެއް ގަޒު. މި އުޅެނީ އިތުރު އެއް ގަޒުގެ ގޯއްޗެއް ގަންނާން."
އޭނާ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. "ރުޚްސާނާ ދެކެފީމެއްނު؟ އެމަންޖެއާ އިންނާން ބޭނުން ވެގެން ވަރަށް ގިނަ މީހުން އާދޭ. އެމީހުން ތިބެނީ އަމިއްލަ ގެވެސް އެ މަންޖެގެ މައްޗަށް ރަޖިސްޓަރީކޮށްދޭން ތައްޔާރަށް. ކޮންމެ މަހަކު ޚަރަދަށް ދެހާސް ރުފިޔާ ދޭން ބުނާ މީހުން އެބަތިބި. ރަނުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދޭން ބުނާ މީހުންވެސް އެބަތިބި."
ބާދްޝާ އިސް ޖަހައިލައިގެން އަޑުއަހާން އިނެވެ. އޭނާގެ ދެރަކަމާއި ނިކަމެތިކަމުގެ އިހުސާސް އެ ވަގުތު ވަރަށް ބޮޑަށް ކުރެވުނެވެ. އެހެން އިނދެފައި މަޑުމަޑުން ބުނެލިއެވެ. "އަޅުގަނޑު ހުރި ގޮތަށް މިހިރީ ފެންނާން. ހާލަތުވެސް އެނގިލައްވާނެ. އެކަމަކުވެސް އަޅުގަނޑުގެ ފެންވަރުން ކުރެވުނު ކޮންމެ ކަމެއް ކުރާނަން."
އެވަގުތު ސަޔާއި ހެދިކާ ތަބަކެއް ހިފައިގެން ރުޚްސާނާ އަތުވެއްޖެއެވެ. ލަދުރަކި ގޮތަކަށް ހިނިތުންވެލުމަށް ފަހު މަޑުމަޑުން އައިސް ވަރަށް އަދަބުވެރިކަމާއެކު އޭނާގެ މަންމަގެ ކުރިމަތީގައި ހުރި ތިރި މޭޒުމަތީގައި ތަބައް ބަހައްޓައިފިއެވެ. އެޔަށްފަހު ޖޯޑަކަށް ސައި އެޅުމަށް ފަހު ބާދްޝާއާ ދިމާއަށް ޖައްސައިލިއެވެ. ސައިދިނުމުގެ ތެރޭގައި ބަދްޝާއާ ދިމާއަށް އޭނާ ބަލައިލާ ކޮންމެ ފަހަރަކުމެ ބަލައިލަނީ ނުލާހިކު ލޯބިންނެވެ. އެބެލުމުގެ އަސަރު ބާދްޝާގެ ހިތުގެ އެންމެ ފުނަށް ދިޔައީ ކުރަމުންނެވެ. އެ ބަލައިލުމާއި، އެ މައުސޫމު އަދާތަކަށްޓަކައި އޭނާ އެހެރީ ފިދާވާން ތައްޔާރަށެވެ. އޭނާގެ ގެއާއި ކާރުވެސް ގުރުބާންކޮށްލާން ތައްޔާރަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ވާން އޮތީ މަންމަ ރުހި ގަބޫލު ވީމައެވެ.
ސައި ހަދައި ދީފައި ރުޚްސާނާ ހިނގައްޖެއެވެ.
މަންމަ ބުންޏެވެ. "ސައި ބޮއި."
"ބާދްޝާ ބުންޏެވެ. "އަޅުގަނޑު މެންދުރު ކެއީ ދާދި ދެންމެއަކު. އެހެންވީމާ ސައިތަށި ބޮައިލާނީ." ސައިތަށި ނަގައި ކޯވަރެއް ބޮއިލުމަށް ފަހު އޭނާ ވާހަކަ ދައްކާން ފަށައިފިއެވެ. "އަޅުގަނޑަކަށް ދުވަހަކުވެސް މީހެއްގެ ލޯތްބެއް ނުލިބޭ. ދުނިޔޭގައި އަޅުގަނޑު މި އުޅެނީ އެކަނިމާއެެކަނި. މީހެއްގެ ގެއަކަށްވެސް އަޅުގަނޑު މި ވަނީ އެތައް ޒަމާނެއް ކޮށްފައި. އަޅުގަނޑު ބޭނުންވަނީ މަންމަގެވެސް ލޯބި. އެ ލޯބި ލިބިއްޖެއްޔާ އަޅުގަނޑުގެ އަތުގައި ހުރިއްޔާ ހުރި ހުރިހައި އެއްޗަކީ މަންމައާއި ރުޚްސާނާއަށްޓަކައި ހުރި އެއްޗެހި. އަޅުގަނޑަކީ ފައިސާވެރިއަކީމެއް ނޫން. އެކަމަކު އެކަށީގެންވާ އާމްދަނީއެއް ލިބޭ. އެހެންވީމާ އަތްމަތި ދަތިވެގެންނެއް ދުވަހަކުވެސް ނޫޅެން. ހަމަޖެހިލައިގެން ދިރިއުޅެވޭވަރުވޭ."
މަންމަވެސް ސައި ބޯން ފަށައިފިއެވެ. ބާދްޝާގެ ވާހަކައަކަށް ޖަވާބެއް ނުދެއެވެ. ހިމޭނުން އިނދެގެން އޭނާއާ ދިމާއަށް ބަލަނީއެވެ.
ބާދްޝާވެސް އިސް ޖަހައިލައިގެން އިނީއެވެ. މަޑުމަޑުން ސައި ބޮމުން ގޮސް އެންމެ ފަހުން ސައިތަށި ހުސްވެއްޖެއެވެ. ހުސްތަށި މޭޒުމަތީގައި ބެހެއްޓުމަށް ފަހު އަނެއްކާވެސް ޖަވާބަކަށް އިންތިޒާރު ކުރާން ފަށައިފިއެވެ. އިރުކޮޅަކަށް ފަހު މަންމަ ބުންޏެވެ. "އެންމެ ރަނގަޅު. ރުޚްސާނާގެ ބައްޕަޔާ ވާހަކަ ދައްކާފައި އަހަރެން ޖަވާބެއް ދޭނަން. ތިޔަހައި ބޮޑު ކަމެއް އެކަނި ނިންމާކަށް ނުކެރޭނެ. ދެން ގެއަށް ދޭ."
ބާދްޝާ ތެދުވެއްޖެއެވެ. އަދި ސަލާން ގޮވައިލުމަށް ފަހު މަޑުމަޑުން ގޮސް ނުކުމެއްޖެއެވެ. ކާރާ ހަމައަށް ދިޔައިރު ރުޚްސާނާ ކާރު ދޮށުގައި ހުއްޓެވެ. ކާރުގެ ދޮރު ހުޅުވައިލަމުން އޭނާ ބުންޏެވެ. "ރުޚްސާނާގެ މަންމަ ޖަވާބެއް ދޭނީ ކޮން އިރަކުން ކަމެއް ނޭނގޭ. ދޭނީ ކޮން ޖަވާބެއް ކަމެއްވެސް ނޭނގޭ. އަހަރެން މިހިރީ ހިތްބިރުގެންފައި. ވަރަށް ގިނަ މީހުން ރުޚްސާނާއާ އިންނަން އެބަ އަހައެއްނު؟"
އޭނާ ކާރަށް އަރައިފިއެވެ. ރުޚްސާނާ ކައިރިއަށް ޖެހިލައިފައި ބުންޏެވެ. "އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވާނީ ރަނގަޅަށް. މަންމަ ބުނާ އެއްޗެއް އަހަރެން މާދަމާ ބުނާނަން. ކަންބޮޑު ނުވޭ."
"މާދަމާ ކޮލެޖަށް ގެންގޮސްދޭން އަހަރެން އަންނާނަން."
"މިތަނަށް... ގޭދޮށަށް ނާންނާތި. ޢައްބާސީ ހަސްފަތާލު ދޮށުގައި މަޑުކޮށްގެން އޮވޭ. ބަރާބަރު ނުވައެއް ޖަހާއިރު އަހަރެން ދާނަން."
އެ ވަގުތު މަންމަ ގޮވައިލީ އަޑު އިވިއްޖެއެވެ. "ރުޚްސާނާ. އާދެބަލަ."
އޭނާ އަވަސް އަވަހަށް ދޯޕައްޓާ ރަނގަޅު ކުރަމުން ވަދެގެން ހިނގައްޖެއެވެ.
ބާދްޝާ ބަލަހައްޓައިގެން އިނދެފައި ފިނި އާހެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ކާރު ދުއްވައިލިއެވެ.
ޖަހާންގީރް ރޯޑްގައި ހުންނަ ގަރާޖަށް އާދެވުނުއިރު އެތަން ހުރީ ހުޅުވައިފައެވެ. އޭނާ އައިތަން ފެނުނީމާ އިންޖިނޭރުބޭބެ އަހައިފިއެވެ. "ކިހިނެއްވީ؟ މިއަދު މާ އަވަހަކަށް ތިޔަ އައީޔޯ؟ ކާރު ދުއްވުން ހުއްޓާލަނީތަ؟"
"ބޭބޭ. މިއަދު އަހަރެން އެއްވެސް މީހަކު ކާރަކަށް ނާރުވަން. ދުވާލު ހަތަރުދަމު އުޅުނީ އެ އަންހެންކުއްޖާޔާ އެކީގައި."
މި އަޑު އިވުމާއެކު ގަރާޖުގައި ތިބި އެންމެން ކައިރިއަށް ޖަމާވެގެންފިއެވެ. އެމީހުންގެ ތެރޭގައި ކުލީކާރު ދުއްވާ ދެމީހުންވެސް ހިމެނެއެވެ. ދެމީހުންކުރެ އެކަކު ބުންޏެވެ. "އެހެންތަ؟ ރަންގުރައެއް އަތުޖެހުނީ ދޯ؟"
ބާދްޝާ ރުޅި އައިސްފައި ބުންޏެވެ. "އޭތް... ވިޔާނުދާ ވާހަކަ ނުދައްކާ. އޭނާ ވަރަށް އަވަހަށް އަހަރެންގެ އަނތްބަކަށް ވެދާނެ."
އެމީހާ ބުންޏެވެ. "ރުޅި ނާދޭ. ތިޔަހެން ވެއްޖެއްޔާ އަހަރެމެން ފަހަރީގެ ނަން ކިޔާނީ ގަދަރުވެރިކަމާއެކު. ކޮން ނަމެއްތަ ކިޔަނީ؟"
ބާދްޝާ މޭ ފުއްޕައިލިއެވެ. "ރުޚްސާނާ. ޑޮކްޓަރ ރުޚްސާނާ. އެނގޭތަ..؟ އޭނާއަކީ ގަބުރު ފަޅައި ކޮށައިވެސް ހަދާ ޑަކްޓަރެއް."
އެމީހުން ބޮޑަށް ކައިރިއަށް ޖެހިލިއެވެ. ހައިރާން ވެފައި ތިބެގެން އޭނާގެ ވާހަކަ އަޑު އަހަނީއެވެ. އިންޖިނޭރުބޭބެވެސް ސަމާލު ވެގެން އަޑުއަހާން ފަށައިފިއެވެ. އެވަގުތު ރެސްޓޯރަންޓަށް ގޮސް ކެއި ހަނދާން ވެގެން ބާދްޝާ ބުނެލިއެވެ. "އަދި ބުނަންތަ؟ އޭނާ ކަނީވެސް އުލާއި ސަމުސަލުން."
އެމީހުން ހައިރާންވީ ވަރުން ދެލޯ ބޮޑު ވެއްޖެއެވެ. އެކަކު ބުންޏެވެ. "ޔާރައްބީ... ގަބުރު ފަޅައި ކޮށައިގެން އުލާއި ސަމުސަލުން ކާ މީހެކޭ؟"
(ނުނިމޭ)
v.v.v. reethi