(8 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާއަކަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ގޮށްމުށް ކަވައިލުމަށް ފަހު ދަތްކުނޑި ވިކައިލިއެވެ. އަދި ބާރަށް ހިނގައިގެންފިއެވެ. މުސައްވިރު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ފަހަތުން ދާނީ ބާވައޭ ނުދާނީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. މީގެ ކުރިން ބާދްޝާ އައި ދުވަހު އޭނާ ފަހަތުން ދިޔައެވެ. އަދި އޭނާ އައިސް އުޅޭ ވާހަކަ ފަރުޒާނާއަށް އެންގިއެވެ. ފަރުޒާނާގެ ދެމަފިރިން ބާދްޝާގެ ގެއަށް ދިޔައެވެ. އޭގެ ފަހުން ބާދްޝާ އެނބުރި ދިޔަ ދުވަހުވެސް ފަހަތުން ގޮސް އޭނާ އުޅޭ ތަނެއް އެނގޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އެކަމުގައި ކާމިޔާބީއެއް ނުހޯދުނެވެ.
ބާދްޝާ ގޮސް އޮބާލައިފިއެވެ.
މުސައްވިރު އަދިވެސް ވިސްނަނީއެވެ. އެ ވަގުތު ފަރީދު އަޙްމަދު އެ ތަނަށް އަތުވެއްޖެއެވެ. އޭނާ ފެނުމާއެކު މުސައްވިރު ބުންޏެވެ. "ބާދްޝާ ދެންމެއަކު އައި. އެ ދިމާއަށް ހިނގައްޖެ."
ފަރީދު އަޙްމަދު އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. "ކޮން ދިމާއަކަށް؟"
"އެ ދިމާއަށް. ބަސް ހުއްޓާ ތަނާ ދިމާއަށް. ބަލައިލާން ދަމާ ހިނގާ."
ދެ މީހުން އެކީގައި އެ ދިމާއަށް ހިނގައިގެންފިއެވެ. ފަރީދު އަޙްމަދު އަހައިލިއެވެ. "ކަލޭ އޭނާ ނުހުއްޓުވީ ކީއްވެގެން؟ އޭނާގެ ފަހަތުން ދިޔަނަމަ."
"އެއީ ވަރަށް ބޯހަރު މީހެއް. އަހަރެން އޭނާގެ ފަހަތުން ދާކަން އެނގިއްޖެއްޔާ އަހަރެންގެ ދުވަސް ދުއްވައިލާނެ. ތަޅައިގަންނަ ގަތީނުން އަހަންނަށް ހިރިވެސް ނުލެވޭވަރު ކޮށްލާނެ." ދެ މީހުން ބަސް ހުއްޓާ ތަނަށް ގޮސް ބާދްޝާ ފެނޭތޯ ހޯދަން ފަށައިފިއެވެ. އެއްވެސް ދިމާއަކުން އޭނާ ފެންނަ ގޮތެއް ނުވިއެވެ.
މުސައްވިރު ބުންޏެވެ. "އޭނާ ރޭލު އިސްޓޭޝަނަށް ދިޔައީކަމަށް ވާނީ. އެ ދާ ތަނަކަށް ދަނީ ރޭލުގައި. ކުރީ ފަހަރުވެސް ހެދީ އެހެން."
ފަރީދު އަޙްމަދު މުސައްވިރު ގޮވައިގެން ރޭލު އިސްޓޭޝަނަށް ހިނގައްޖެއެވެ. އެ ތަނަކުންވެސް ބާދްޝާގެ ހިލަމެއް ނުވިއެވެ. މެންދުރުފަހު ދެ މީހުން ބާދްޝާގެ ގޭ ދޮށަށް ގޮސް ބަލައިލީއިރު ގެ ހުރީ ތަޅުލައިފިއެވެ. އިރުއޮއްސުނުއިރުވެސް އޭނާ ގޮސް ބަލައިލިއެވެ. އޭރުވެސް ހުރީ ތަޅުލައިފައެވެ.
ފަރީދު އަޙްމަދު ބުންޏެވެ. "އޭނާ މި ރަށުގައި އުޅޭ ކަމަށް ވަންޏާ، އެ އުޅޭ ތަނެއްގައި އުޅެފައި ރޭގަނޑު ނިދަން ގެއަށް އަންނާނެ. އެހެންވީމާ މިރޭ ދަންވަރު އައިސް ބަލާނީ."
ދެ މީހުން އެރޭ ދަންވަރު އެ ގޭ ދޮށަށް އަތުވެއްޖެއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. ފަރީދު އަޙްމަދު ވަރުބަލިވެފައިވާ ދަތުރުވެރިއެކޭ އެއްފަދައިން ބިންމަތީގައި އިށީނދެއްޖެއެވެ. "ދެން ހަދާނީ ކިހިނެއް؟ އަހަރެންގެ ދަރިފުޅު އެ އަންނަނީ ވަރަށް ބޮޑު އުއްމީދަކާއެކު. އަހަރެމެން މިތިބީ އޭނާއަށް ވަރަށް އުފާވެރި މަންޒަރެއް ދައްކައިގެން. އޭނާއަށް ހަގީގަތް އެނގުނީމާ ހިތް ފަޅައިގެން ދާނެ. ދެން ހަދާނީ ކިހިނެއް؟"
މުސައްވިރު ބޯ ހޫރައިލިއެވެ. "ވަރަށް ދެރަ. މާދަމާ ކަންތައް ވާނީ ކިހިނެއްބާ؟ މާދަމާ އޭނާ އެ އަންނަނީ އަހަރެމެންނަށް ހުރި ނުލާހިކު ބޮޑު އުފަލަކާއެކު. އެކަމަކު އަހަރެމެންނަށް އޭނާއަށް ދޭން މި ޖެހެނީ ކަރުނައާއި ހިތާމަ. މާދަމައަކީ ޢީދު ދުވަސް. މާދަމައަކީ ހިތާމައިގެވެސް ދުވަސް."
* * *
ޢީދު ދުވަހަށް އިރު އަރައިފިއެވެ. އެންމެން ނަލަހެދިގެން ވައިގެބަނދަރަށް ހިނގައްޖެއެވެ. ފެންނަ ފެނުމުގައި އެންމެންމެ ތިބީ އުފަލުންނެވެ. އެހެންނަމަވެސް ހިތަށް ވެރިވެފައިވަނީ މަރުގެ ހިތާމައެވެ.
ފަރުޒާނާއާއި ފަރީދު އަޙްމަދާ ދެމީހުން ވެގެން ރުޚްސާނާގެ މަންމައަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. "އުފާވެރިކަން ދައްކައިގެން ހުރެވޭތޯ މަސައްކަތް ކުރޭ. އެހެންނޫނީ ރުޚްސާނާ މިތާނގައި ހުރެގެން ރޯން ފަށައިފާނެ. އެންމެ ފުރަތަމަ މި ތަނުން މައްސަލައެއް ކުރިމަތިނުވެ ގެއަށް ދެވޭވަރު ވާންވާނެ. އޭނާއަށް ހުރިހައި ވާހަކައެއް ކިޔައިދޭނީ."
ފަރީދު އަޙްމަދު ބުންޏެވެ. "ކަނބުލޮ ދައްތަ ގާތު މަޑުކޮށްލާ. ބޭބެ މި ހިސާބުގަނޑު ކުޑަކޮށް ބަލައިލާނަން. ޖާނީ ފަހަރެއްގައި މި ހިސާބުގައި ހުރެދާނެ. ފެނުނީމާ އޭނާ އުޅޭކަމުގެ ހިތްހަމަޖެހުން އެންމެ ކުޑަމިނުން ލިބޭނެތާ."
ފަރުޒާނާ ބުންޏެވެ. "ބޭބެ މިހާރު ނުދޭ. ކުޑަ އިރުކޮޅަކުން ބޯޓު ޖައްސާނެ. މުސައްވިރު. ކަލޭ ގޮސް ބާދްޝާ ފެނޭތޯ ބަލައިލާ."
މުސައްވިރު ބޭރަށް ނުކުމެ އެކި ތަންތަން ބަލަމުން ހިނގާން ފަށައިފިއެވެ. އެއްވެސް ދިމާއަކުން ބާދްޝާއެއް ނުފެނުނެވެ. ފެންނާނީވެސް ކިހިނެއް ހެއްޔެވެ؟ ބާދްޝާއަށް ވަރަށް ރަނގަޅަށް މުސައްވިރު އެބަ ފެނެއެވެ. އެހެންވީމާ އޭނާ ދާ ކޮންމެ ދިމާއަކުން ބޮނދަމުން ފިލަމުން ހިނގަމުން ދިޔައެވެ. އެންމެ ފަހުން މުސައްވިރު މާޔޫސީއާއެކު އެނބުރި ފަރީދު އަޙްމަދުމެން ގާތަށް ހިނގައްޖެއެވެ.
އެ ވަގުތު ބޯޓު ޖެއްސުމަށް ފަހު ދުއްވާފައި އަންނަތަން ފެނެއެވެ. މާ ގިނަ އިރުތަކެއް ނުވެ ހުއްޓަން ޖެހޭ ތަނަށް އައިސް ހުއްޓައިފިއެވެ. ސިޑި ކައިރި ކޮށްފިއެވެ. ދޮރު ހުޅުވައިފިއެވެ. ފަސިންޖަރުން ފައިބާން ފަށައިފިއެވެ.
ޖާނީ ހުރީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެންނެވެ. ކީއްވެގެން ހެއްޔެވެ؟ ރުޚްސާނާގެ މައްޗަށް ހިތުގައި ނަފުރަތު އޮވެފައި ދުޝްމިނެއް ކަމަށް ގަބޫލުވެސް ކޮށްފައި އަދަބު ދޭން ބޭނުން ވެފައިވެސް ބަލަހައްޓައިގެން ހުރީ ކީއްވެގެން ހެއްޔެވެ؟ އޭނާޔާއެކު ދިރިއުޅުން ވޭތުކުރަން ބޭނުން ނުވާއިރުވެސް ބަލަހައްޓައިގެން ހުރީ ކީއްވެގެން ހެއްޔެވެ؟
އޭނާއަށް މަކަރު ހަދާފައި ރުޚްސާނާ ހުރީ ކިހައި އުފަލަކުންތޯ ބަލަން އޭނާ ބޭނުން ވަނީއެވެ. އޭނާ އައީ ކިހައި ފައިސާއެއް ހިފައިގެންތޯ ދެނެގަންނާން ބޭނުން ވަނީއެވެ. އޭނާ އަންނަނީ އެކަނިތޯ ނުވަތަ ޖަމްޝީދާ އެކީގައިތޯ ބަލަން ބޭނުން ވަނީއެވެ. އައީ ކިހައި ދުވަކަށްތޯ ބަލަން ބޭނުން ވަނީއެވެ. އައީ އޭނާއަށްޓަކައިތޯ ނުވަތަ ދަރިފުޅަށްޓަކައިތޯ ބަލަން ބޭނުން ވަނީއެވެ.
މިހާރު އެ ފެންނަނީ އޭނާއެވެ. އޭނާ ބޯޓުން ނުކުމެފައި ސިޑިމަތީގައި ކުޑަކޮށް މަޑުކޮށްލިއެވެ. ފެންނަނީ ވަރަށް ދުރުންނެވެ. އެކަމަކު ފެނުމާއެކު ބާދްޝާގެ ހިތުގެ ހިނގުން އަވަސް ވެއްޖެއެވެ. ކުރީގެ އެތައް ހަނދާނެއް އައު ވެގެން ހިނގައްޖެއެވެ. އޭނާ ލައިގެން ހުރީ ވަރަށް ގަދަ ކުލައެއްގެ ރީތި ހެދުމެކެވެ. އޭނާ ފަހަރަކު ހަރުފަތަކުން ފައިބަމުން ދިޔައެވެ. އެންމެ ފަހުން އައިސް ބިންމައްޗަށް ފައިބައިފިއެވެ. ހިނގަމުން އައީ މަޑުމަޑުންނެވެ. މިހާރު ހުރީ ހިނގުން ބަދަލު ވެފައެވެ. އެއީ މޫނު ފުރިހަމަވީމާ އަމިއްލަ ނަފުސަށް ލިބުނު އިތުބާރަކާއެކު އައި ބަދަލެއް ކަމުގައި ވެދާނެއެވެ.
އޭނާ އައިސް ވައިގެބަނދަރުގެ އަންނަ މީހުންގެ ގިމަތައަށް ވަދެއްޖެއެވެ. އިރުކޮޅަކަށް ބާދްޝާއަށް ގެއްލިއްޖެއެވެ. ދެން ފެނުނީ ދާގީނާ ނަގާ ތާނގައި ހުއްޓައެވެ. އެކަމަކު އެތާނގައި ހުރެގެން އޭނާ ގެންދިޔައީ ވަށައިގެން ހޯދަމުންނެވެ. ބާދްޝާގެ ހިތަށް އެރިއެވެ. އޭނާ އެ ހޯދަނީ އަހަރެން ކަމުގައި ވެދާނެއެވެ. މަންމަ ގޮސް އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. އޭރުވެސް އޭނާ ނަޒަރު ހިންގަމުން ދިޔައީ ދުރަށެވެ. ފަރީދު އަޙްމަދު ރުޚްސާނާގެ ބޮލުގައި ފިރުމައިލިއެވެ. ދެން ރުޚްސާނާ ޖެހިލީ ފަރުޒާނާ ގާތަށެވެ. ބާދްޝާއަށް ފަރުޒާނާ ފެނުނީ އެ ވަގުތުއެވެ. އޭގެ ކުރިއަކުން ފަރުޒާނާއެއް ނުފެނެއެވެ. ފަރުޒާނާވެސް ހުރީ ވަރުގެ ކޮޅަށް ނަލަހެދިގެންނެވެ. އޭނާގެ ގާތުގައި ރަޖަބް ޢަލީވެސް ހުއްޓެވެ. ރުޚްސާނާ އުފާވެރިކަމާއެކު ފަރުޒާނާގެ ގައިގައި ބައްދައިލިއެވެ. ފަރުޒާނާ ރަޖަބް ޢަލީއަށް އިޝާރާތް ކޮށްލިއެވެ. ރުޚްސާނާ ރަޖަބާ ދިމާއަށް ބަލަބަލާފައި ހިނިތުން ވަނީއެވެ. ވާހަކަ ދައްކަދައްކާފައި ހޭނތަންވެސް އެބަ ފެނެއެވެ. ހީނހީނ ހުރެފައި އަނެއްކާވެސް ރުޚްސާނާ ވަށައިގެން ހޯދަން ފަށައިފިއެވެ.
ރުޚްސާނާގެ ސާމާނު ބަލައި ދިޔައީ ރަޖަބް ޢަލީއެވެ. ކަސްޓަމު މީހުންގެ ސުވާލުތަކަށް ޖަވާބު ދެނީވެސް ރަޖަބެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ފެންނަނީ ރުޚްސާނާ ފަހަރަކު މީހަކާ ސުވާލުކުރާ ތަނެވެ. ކޮންމެ މީހަކުވެސް ފެންނަނީ އޭނާގެ ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރާ ތަނެވެ. ބައެއް ފަހަރު ހިތްހަމަޖެހިއްޖެހެން ހީވާ ކަހަލަ ގޮތަކަށް ފެނެއެވެ. ދެން ފެންނަނީ އަނެއްކާވެސް ކަންބޮޑުވެގެން އުޅޭތަނެވެ.
ސާމާނު ގެނެސް ނިމުމާއެކު އެންމެން ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ފުރަތަމަ ކާރުގެ ފަހަތަށް އެރީ ރުޚްސާނާގެ މަންމައާއި ފަރުޒާނާއާއި ރުޚްސާނާއެވެ. ކުރިއަށް އެރީ ރަޖަބް ޢަލީއެވެ. އެހެން ކާރެއްގައި ދާގީނާ ގެންދަން ފަރީދު އަޙްމަދާއި މުސައްވިރާ ދެ މީހުން މަޑުކުރީއެވެ.
ކާރު ދުއްވައިލުމާއެކު ރުޚްސާނާ ބުންޏެވެ. "ހީވާ ގޮތުގައި އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރެވޭ. ޖާނީ އަހަރެން ބަލައި ނައީ ކީއްވެގެން؟"
ރުޚްސާނާގެ މަންމަ ބުންޏެވެ. "މަންމަ ބުނެފީމެއްނު ކާމީ އުޅެނީ ކުޑަކޮށް ބަލިވެއޭ. އެހެންވީމާ ޖާނީ ބުނީ އަހަރެމެން ދާށޭ ތިމަން މަޑުކުރާނީއޭ. ގެއަށް ދިޔައީމާ އޭނާޔާ ބައްދަލު ވެދާނެއެއްނު."
ފަރުޒާނާވެސް މަސައްކަތް ކުރަމުން ގެންދިޔައީ އޭނާގެ ހިތްހަމަ ޖައްސައިދެވޭތޯއެވެ. "ތިޔަދައްކަނީ މުޅިން އަމިއްލަ ވާހަކަނު؟ އަހަރެންގެ ވަޒީފާއަށް ވީ ގޮތެއް ބުނެބަލަ. އަހަރެން މިހިރީ ޕާސްޕޯޓުވެސް ހައްދައިގެން. ދާން ތައްޔާރު ވެގެން. އަހަރެންގެ ކުލިނިކު ހުންނަ ގެ ވިއްކާވެސްލައިފިން."
ރުޚްސާނާ ބުންޏެވެ. "އަހަރެން މި އައީ ބޭނުންވާ ހުރިހައި ކަރުދާހެއް ހިފައިގެން. ލަންޑަނުގައި މިސިޒް ސަލްމާ ޤާދިރު އިންތިޒާރުގައި އެބަހުރި. ބޭނުން ދުވަހަކު ފުރާ. އަހަރެމެންގެ ޅިޔަނުވެސް ދާނެތަ؟"
ރަޖަބު ޢަލީ ބުންޏެވެ. "ނޫނޭ ފަހަރި. ލަންޑަން ކަހަލަ މާހައުލެއްގައި އަހަންނަކަށް ނޫޅެވޭނެ. އަހަރެން މާ ކުރިން ފަރުޒާނާ ގާތު އެ ވާހަކަ ބުނެފިން. ފަރުޒާނާ ހަމަ ކޮންމެހެންވެސް ލަންޑަނަށް ވަޒީފާ އަދާކުރަން ދާން ބޭނުމިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަހަރެން އުޅެން ރަނގަޅު ތަނަކީ މިއީ."
ރުޚްސާނާ އަހައިލިއެވެ. "ފިރިމީހާ މި ރަށުގައި… އަނބިމީހާ އެ ރަށުގައި… އެއީ ކޮން ކަހަލަ ކަމެއް؟"
"މިއީވެސް ގޮތެއް. ދެމީހުންގެ ތެރެއިން ޖާޒުބިއްޔަތު ގަދައީ ކާކުގެކަން އެނގިދާނެތާ. ފަރުޒާނާ ނުހުރެވިގެން އެނބުރި އަންނަނީތޯ އަހަންނަށް ނުހުރެވިގެން ލަންޑަނަށް ދަނީތޯ ބަލަމާ ހިނގާ."
ރުޚްސާނާ ހިނިތުންވެލިއެވެ. "އަހަރެންގެ އެކުވެރިޔާގެ ޖާޒުބިއްޔަތު މާ ގަދަ ވާނެ. ލަންޑަނަށް ދާނީ ޅިޔަނުކަން އަހަންނަށް ކަށަވަރު."
އެންމެން އެކީގައި ބާރަށް ހީނގެންފިއެވެ. ދަތުރު ދިޔައީ މި ގޮތަށް ހުނުމާއި ސަމާސާ ކުރުމުގައެވެ. ކާރުގޮސް ނާޒިމްއާބާދުގެ ގޭ ދޮށަށް މަޑުކޮށްފިއެވެ. މަންމަ ފައިބައިގެން ގޮސް ގޭ ދޮރުގައި ލާފައި އޮތް ތަޅު ހުޅުވާން އުޅެގަތީމާ ރުޚްސާނާ އަހައިލިއެވެ. "މަންމާ. ތިޔައީ ކޮން ކަމެއް؟ މަންމަ ބުނީމެއްނު ޖާނީ ކާމީޔާއެކު ގޭގައި އެބައުޅެއޭ؟"
ފަރުޒާނާ ރުޚްސާނާގެ އަތުގައި ހިފައިލިއެވެ. "ޖާނީއެއް ނެތް. އޭނާ ކާމީ ގޮވައިގެން ހިނގައްޖެ."
ރުޚްސާނާ ހުރި ތަނަށް ގަނޑު ވެއްޖެއެވެ. ދެ ލޯ ބޮޑުކޮށްގެން އޭނާ ފަރުޒާނާއާ ދިމާއަށް ބަލަނީއެވެ. އެކަމަކު އޭނާއަށް އެއްވެސް ތަނެއް ފެންނަ ހެންނެއް ހިއެއް ނުވެއެވެ. ވިސްނަނީ ކަހަލައެވެ. ފަރުޒާނާ އޭރުވެސް ހުރީ ރުޚްސާނާގެ އަތުގައި ހިފަހައްޓައިގެންނެވެ. މަންމަ އައިސް އޭނާގެ ކޮނޑުގައި ހިފައި ގަޔާ ކައިރި ކޮށްލިއެވެ. "ދަރިފުޅާ. ހިނގާ."
އޭނާ ކުއްލިއަކަށް ދެ މީހުންގެ އަތުން ވީއްލިގެންފިއެވެ. "ނުދާނަން. އެންމެން ވެގެން އަހަންނަށް ދޮގު ހެދީ. މަކަރު ހެދީ. އަހަރެން ދާނީ އަހަރެންގެ ގެއަށް."
"ދަރިފުޅާ. އެ ގެ ހުރީ ތަޅުލާފައި. ރޭއްސުރެ އަހަރެމެން އެގެ ވަށައިގެން މި އެނބުރެނީ. އޭނައެއް ނާދޭ. ކާމީ ގޮވައިގެން ގޮސް ވަދެ ފިލިތަނެއްވެސް ނޭނގޭ. އަހަރެމެން ފެންނަ ހިސާބަކަށްވެސް ނާދޭ."
ރުޚްސާނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. "އޭނާ ދިޔައީ ކީއްވެގެން؟ ކާމީ ގޮވައިގެން ދިޔައީ ކީއްވެގެން؟ ޖަމްޝީދު އަހަރެން ގާތު ދެއްކީ ތެދު ވާހަކަތަ؟"
ފަރުޒާނާ ބުންޏެވެ. "ޖަމްޝީދު ދެއްކީ ކޮން ވިޔާނުދާ ވާހަކައެއް ކަމެއް ނޭނގޭ. ގޭ ތެރެއަށް ހިނގާ. މިހެން މަގުމަތީގައި ތިބެން ވެއްޖެއްޔާ ހިސާބުގަނޑު މީހުން ފާޑުފާޑުގެ ވާހަކަ ދައްކަން ފަށައިފާނެ. ކަންތައް ކުރާނޭ ގޮތް ވިސްނަމާ ހިނގާ. ކޮންމެވެސް ފިޔަވަޅެއް އަޅަން ވާނެ. އަހަރެމެން އެންމެން ވެގެން ޖާނީ ވީ ތަނެއް ހޯދުމުގެ މަސައްކަތް ކުރާނީ."
އެމީހުން އޭނާއަށް ވިސްނައި ދީގެން ގެނެސް ގޭތެރެއަށް ވައްދައިފިއެވެ. އެއީ ޖޫން މަހުގެ ދުވަހެކެވެ. ހޫނު ގަދަ ދުވަހެކެވެ. ހެނދުނު ދިހައެއް ޖެހީއްސުރެ ހީވަނީ އަލިފާން ފައިބަނީހެންނެވެ. ރުޚްސާނާވެސް ހުރީ ދާ ހިއްލައި ފޯ ވެފައެވެ. މަންމަ ފަންކާ ޖަހައިލިއެވެ.
"ކަންތައް ހިނގި ގޮތް ސާފުކޮށް އަހަންނަށް ނޭންގީ ކީއްވެގެން؟"
"ދަރިފުޅާ. މަންމަމެން ހުރިހައި ވާހަކައެއް ތެދަށް ކިޔައިދިން ނަމަ ދަރިފުޅަށް ހަމަޖެހިލައިގެން މިހައި ދުވަސް ވާންދެން އެ ރަށަކު ނޫޅެވުނީސް."
"ކާމީ ގޮވައިގެން ދިޔަ ދިނީ ކީއްވެގެން؟"
"އަހަރެން ކުރާނީ ކީއް؟ ހުއްޓުވިނަމަ މި ހިސާބުގަނޑުގެ މީހުން އެއްކޮށްގެން ބޮޑު ހައިޖާނެއް އުފެއްދީސް. ދަރިފުޅު ލަންޑަނަށް ދިޔައީ މަކަރު ހަދައިގެންކަން އެންމެންނަށް އެނގުނީސް. އަހަރެމެންނަށް ލަދުން ބޭރަށް ނުކުންނާކަށްވެސް ނުކެރުނީސް. އަހަރެމެން ހިމޭނުން ތިބީ މަޖުުބޫރު ވެގެން. އޭނާ ކާމީ ގޮވައިގެން ދިޔައީ."
ރުޚްސާނާ އިނީ ހުސް ފާރާ ދިމާއަށް ބަލަހައްޓައިގެންނެވެ. "މިހާރު އަހަރެންގެ އަތުގައި އޮތީ ކޯނޗެއް؟ އޭނާ އެނބުރި އަންނާނީ އަހަރެންގެ އަތުން ކޯނޗެއް ހޯދަން؟ އަހަރެންގެ އަތުގައި ހުރި ހުރިހައި އެއްޗެއް މަކަރާއި ދޮގުގެ ތެރެއަށް ވަދެ ބީވެގެން ހިނގައްޖެ. އެންމެ ފަހުގެ އެހީތެރިކަމަކަށް އޮތީ އަހަރެންގެ ދަރިފުޅު. އަހަންނާއި ޖާނީއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ކާމީ. އޭނާ ކާމީވެސް ގެންދިޔައީ. އަހަރެން ދެން ހަދާނީ ކިހިނެއް؟ ދަރިފުޅު ހޯދަން ދާނީ ކޮން ތަނަކަށް؟"
އެންމެން ހިމޭނުން އިސް ޖަހައިލައިގެން ތިބީއެވެ. އަނެއްކާވެސް ވާހަކަދެއްކީ ރުޚްސާނާއެވެ. "ހިމޭނުން ތިބީ ކީއްވެގެން؟ ފަރުޒާނާ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. އަހަންނާ ދިމާއަށް އެއްޗެހި ކިޔާބަލަ. ބަދުދުޢާ ކޮށްބަލަ. އަހަރެން މިހިރީ އަހަރެންގެ ފިރިމީހާއަށް މަކަރު ހަދާފައި. އެއް ފަހަރަކު ނޫން. ދެ ފަހަރު. އެ މަކަރުގެ އަދަބު އަހަންނަށް ލިބެން ވާނެ. މި ލިބުނީ ކިހައި ބޮޑު އަދަބެއް؟ އަހަރެން މިހިރީ ފިރިމީހާވެސް ދަރިފުޅުވެސް ގެއްލި ހުސް އަތާ."
ދެން އޭނާ ބަލައިލީ މަންމަޔާ ދިމާއަށެވެ. "މަންމާ. އަހަރެންގެ ގެ ބަރުބާދުކޮށްލި މީހަކީ މަންމަ. ދަނބިދަރިއާ ދެކޮޅަށް އެކި ކަހަލަ ރޭވުން ރާވައި އަހަރެންގެ ބޮލަށް އެކި ކަހަލަ ވަސްވާސް ވައްދައި ހެދީމާ ބަރުބާދު ވެގެން ދަނީ އަހަރެންގެ ދިރިއުޅުން ކަމެއް މަންމައެއް ނުބަލާ. އަހަރެން މަންމަގެ އަވައިގައި ޖެހުނީ. މަންމަޔާ ދިމާއަށް އަހަރެން ބުނާނީ ކީކޭ؟ ކުށްވެރިއަކީ އަހަރެން."
އޭނާ ބާރަށް ރޯން ފަށައިފިއެވެ. އޭނާ އިނީ ދެ އަތުން ބޮލުގައި ހިފަހައްޓައިގެން އިސް ދަށަށް ޖަހައިލައިގެންނެވެ. އެހެން އިނދެފައި ދޯޕައްޓާއިން މޫނު ފޮހެލަން ވެގެން އިސް އުފުލައިލީ ވަގުތު ފެނުނު މަންޒަރު އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ގޭ ދޮރުމަތީގައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އެހެރީ ބާދްޝާ ޖާނީއެވެ. އޭނާ ބަލައިލުމާއެކު ގޭތެރެއަށް ވަދެއްޖެއެވެ.
(ނުނިމޭ)