ފަޅިމޫނު - 94

(12 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ދޮރާ ދިމާއަށް ޖެހިލިއެވެ. އަދި ޖެހި ލަތްކަކާއެކު ދޮރު ލައްޕައިފިއެވެ. ތުރުތުރުއަޅާ އަތަކުން ތަންޑު އެޅުވުމަށް ފަހު އެނބުރި ބަލައިލިއެވެ. "ފިލައިގެން ދާކަށް ދެނެއް ނުކެރޭނެ."

އެޔަށް ފަހު ކާލިއަޅަމުން ކުރިއަށް ޖެހިލިއެވެ. "އަތް ޖައްސައިލާނަން."

ދެން ފެނުނީ އެ ލޫޅާފަތި ދޮންދޮން އަތް ބޮކީގެ ސުއިޗާ ދިމާއަށް ދިޔަ ތަނެވެ. ދެވަނަ ސިކުންތުގައި ކޮޓަރި ތެރެއަށް ވެރިވީ ކަނުއަނދިރިކަމެވެ. އޭނާ ކުޑަކޮށް ކަންބޮޑުވެފައި ބުނެލިއެވެ. "ޚަބަރުދާރު. ފިލައިގެން ދާނަމޭ ހިތަށްވެސް ނާރުވާތި. ނުކުތަ ނުދޭނަން."

އޭނާ އުޅުނީ އެނބުރި ދޮރާ ދިމާއަށް ދާށެވެ. އެކަމަކު އެނބުރިލެވުނީ މާ ބޮޑަށެވެ. ދޮރުގައި އަތް ޖެހޭ ގޮތެއް ނުވިއެވެ. އެކަމަކު ފަރުޒާނާގެ ގައިގައި އަތް ޖެހިއްޖެއެވެ. ބާދްޝާ އޭނާގެ ގައިގައި ބާރަށް ބައްދައިފިއެވެ. އެކަމަކު އޭނާ އަތްދަށުން ދެމިގެންފިއެވެ. ބާދްޝާ އަނެއްކާވެސް ބައްދައިފިއެވެ. އެއް ފަހަރު އަތު ތެރެއަށް ވަދެއެވެ. އަނެއް ފަހަރު ސޮހިގެން ހިނގައިދެއެވެ. "ޖާނީ. އަހަރެން ނުދާނަން. އަހަރެން މި އައީ މަޖުބޫރު ވެގެން. ހިތުގެ ގޮވައިލުމާ ދެކޮޅުހެދެން ނެތިގެން. ބޭނުމަކީ އަނދިރިކަމުގެ ތެރެއިން ޖާނީ ނެރެދިނުން."

"ވަރަށް ފައްކާ ވާހަކައެއް. އަނދިރިކޮށްފައި ތިޔަ ބުނަނީ މި އައީ އަނދިރިކަމުގެ ތެރެއިން ނެރެދޭށޭ. ނުކުމެގެން ދާކަށް ލާހިކެއް ނޫން. މޫނު ކޮބާ؟ އާނ... މިއީ ދޯ؟ މޫނު ހުންނަނީ ފޮރުވައިފައެއްނު؟ ހާދަހާ ކަޅު ބުރުގާއެކޭ... އެއްވެސް އެއްޗެއް ނުފެނޭ. މޫނު..."

ބާދްޝާ ބޭނުންވީ ބުރުގާ ނަގާށެވެ. މޫނު ދެކޭށެވެ. ވާހަކަދައްކާށެވެ. އެކަމަކު ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ސަމާލު ވެލައިފައި ބުންޏެވެ. "ބާދްޝާގެ ކުރިމައްޗަށް ނުކުންނަން އަހަރެންވެސް ބޭނުން. އެކަމަކު ހާދަހާ އަނދިރިއޭ. ބޮޑު އުނދަގުލެއްނު."

"އުނދަގުލަކީ އަހަންނެއް ނޫން. ފަރުޒާނާ. ދިމާވީމާވެސް ނުއެއް ފެނޭ. ފެނުނަސް އިރުކޮޅަކުން ގެއްލެނީ. ކޮބާ؟ މިހާރު ދިޔައީ ކޮން ތަނަކަށް؟"

އަނެއްކާވެސް ގެއްލިއްޖެއެވެ. އޭނާ އަނދިރީގައި އަތްފުނާ އަޅަމުން ކަނަކު ހިނގާހެން ހިނގަނީއެވެ. އެއް ފާރުގައި ޖެހިފައި އަނެއް ފާރުގައި ޖެހިފައި، އެކައްޗެއްގައި އަޅައިގެންފައި އަނެކައެްޗެއްގައި އަޅައިގެންފައެވެ.

ކުޑަ އިރުކޮޅަކަށް ފަހު އަނެއްކާވެސް މަޑުމަޑު އަޑަކާއެކު ބޮކި ދިއްލިއްޖެއެވެ. ބާދްޝާ ދެ ލޯ ބޮޑުކޮށްފައި ބަލައިލިއެވެ. އޭނާ އެހެރީ ސުވިޗުބޯޑުގެ ކައިރީގައެވެ. ބާދްޝާ ބޯ ހޫރައިލިއެވެ. "އަހަރެން މިހިރީ އަމަލުވެފައި ކަމަށް ހީކުރަނީތަ؟ ނޫން... ނޫން. އެއްގޮތަކަށްވެސް އެހެންނެއް ނޫން. އަހަރެން މިހިރީ ހަމަހޭގައި. ހުރިހައި ކަމެއް އެބަ އެނގޭ. މިތާނގައި ފަރުޒާނާ ނެތްކަން އަހަންނަށް އެނގޭ. އަނިދިރިވީމާ އަނދިރިގަނޑެއް. އަލިވީމާ އަލި. ތިޔައީ އަނިދިރިގަނޑެއް. އަދި އަލިވެސްމެ. ލޮލަށް ފެންނަ ވަހުމެއް. ބަލާކަށްވެސް އަހަރެން ބޭނުމެއް ނޫން..."

އޭނާ އެނބުރިލިއެވެ. އެޔާއެކު ކަނޑައި ވައްޓައިލީ ރުކެއްހެން ވެއްޓިއްޖެއެވެ. އެއްބައި އޮތީ އެނދުގައެވެ. އަނެއްބައި އެނދުން ބޭރުގައެވެ. އަނގައިން އެކި ކަހަލަ އަޑުތައް ނެރޭން ފަށައިފިއެވެ. ބައެއް ފަހަރު ގުގުރި ދަމާހެން ހީވެއެވެ. އަނެއްބައި ފަހަރު ހީވަނީ ތުނބުން ފުމޭ ހެންނެވެ. އޭނާ މަޑުމަޑުން ކައިރިއަށް އަތުވެއްޖެއެވެ. "ޖާނީއަށް ތިޔަ މަގުއޮޅެނީ ރާގެ ސަބަބަކުންނެއް ނޫން. ޖާނީއަށް މަގު އޮޅުވައިލަނީ އަނބިމީހާ. ހޭ އަރާނީ ކޮން ދުވަހަކު؟ ތިޔަ މަސްތު ފިލާނޭ އިރެއް ނިކަން ބުނެބަލަ؟ ފަތިސް ވުމާއެކު އަހަރެން ހިނގައިދާނަން. ދިއުމުގެ ކުރިން އަހަރެން ބޭނުން ވަނީ މިގޭގައި ހިނގާ ކަންތައްތައް ޖާނީއަށް ކިޔައިދޭން. އަހަރެން ކުރީ ކޮން ކަމެއްކަން އެނގޭތަ؟ އަހަރެން ކުރި ކަމަކީ ޖާނީއާއި ރުޚްސާނާގެ ގެ އާބާދުކޮށް ދިނުން. އެކަން ކުރީ މަކަރު ހަދައިގެން. އެކަމަކު މިހާރު މި ގެ ހަލާކު ކުރަމުން އެ ގެންދަނީ މިގޭގެ ދަރި. ޖާނީގެ އަނބިމީހާ. އޭނާ އެގެންދަނީ އަހަރެންގެ ހެޔޮކަމަކީވެސް ނުވާ ކަމަކަށް ހަދަމުން. އެކަމަށް ފަސްއަޅައި ފޮރުވަމުން."

އޭނާ ބާދްޝާގެ ގައިގައި ކޮއްޓައިލިއެވެ. "އަހަރެން މި ދައްކާ ވާހަކަ އެބަ ވިސްނޭތަ؟ ﷲއަށްޓަކައި ހޭ އަރާބަލަ. އަހަރެންގެ ޒަމީރު ގެންދަނީ އަހަންނަށް މަލާމާތް ކުރަމުން. އަހަރެންގެ އެތެރެހަށީގައި ދަނީ ބޮޑު ހަނގުރާމައެއް ކުރެވެމުން. މި ގެއަށް އައިސް މިހައި ދަންވާންދެން އިނީވެސް އެހެން ވެގެން. އަހަރެން މިއީ ލަދެއް ހަޔާތެއް ނެތް މީހެކޭ ކިޔަސް ހެޔޮ. އޭނާ އެ ގެންދަނީ ޖާނީއަށް މަކަރު ހަދައި އޮޅުވައިލަމުން. އޭނާއާއި ޖާނީގެ ގުޅުމަކީ ނަމެއްގައި އޮތް ގުޅުމެއް. އަހަރެން މި އައީ އަހަރެންގެ ޒަމީރުގެ ލަދު ފޮރުވާންވެގެން. އަހަރެންގެ ވާހަކަ އަޑު އަހާބަލަ. ހޭ އަރާބަލަ."

ބާދްޝާގެ ހަށިގަނޑަށް ހަރަކާތެއް އަތުވެއްޖެއެވެ. ބޯ ހިއްލައިލިއެވެ. އަލިކަމުގެ ތެރެއިން އޭނާއަކަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ލޮލަކު ވަރެއް ނެތެވެ. މެރެނީއެވެ. އެކަމަކު އަޑެއް އިވުނުހެން ހީވިއެވެ. "ޖާނީ. އަހަރެން މިހިރީ. މި ދިމާއަށް ބަލާބަލަ."

ބާދްޝާ އަނެއްކާވެސް ބޯ ހިއްލައިލިއެވެ. އަދި ދެ އުޅަނބޮށި ވިއްދައިގެން ހަށިގަނޑު އެކީގައި ހިއްލައިލެވޭތޯ މަސައްކަތް ކޮށްލިއެވެ. "ﷲ. މި ވަނީ ކިހިނެއް؟ އޭނާ ނުލިބެންޏާ އަޑު އިވެނީ ކިހިނެއް؟ އަހަރެން މަރުވަނީބާ؟ މަރުވީމާ އަޑުވެސް ކެނޑިދާނެ."

ބާދްޝާގެ އަޑުގައި ހުރި ހިތާމައާއި ކެކުޅުމުގެ ސަބަބުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ. އޭނާ މޫނުގައި އަތްއަޅައިގެން އިނދެ ރޯން ފަށައިފިއެވެ. "ކުށްވެރިއަކީ އަހަރެން. އަނިޔާ ކުރީ އަހަރެން. މަކަރު ހެދީ އަހަރެން. ރުޚްސާނާއަށް ހެޔޮ އެދިގެން ކުރާ ކޮންމެ ކަމެއްގެ ގެއްލުން ވާނީ ޖާނީއަށްކަން އަހަންނަށް މާކުރިންވެސް އެނގެން ވާނެ. ޖާނީ... ތެދުވޭ. އަހަންނަށް އަދަބުދީ."

ބާދްޝާ ބޯ ތަޅުވައިލިއެވެ. ރޯ އަޑު އެބައިވެއެވެ. އެކަމަކު މީހަކު ފެންނަ ގޮތެއް ނުވެއެވެ. އެހެން އިރުކޮޅަކު ބަލަހައްޓައިގެން އޮވެފައި ކުއްލިއަކަށް އެނދުމައްޗަށް ދެމިއްޖެއެވެ.

އޭނާ އިރުކޮޅަކު އިންތިޒާރު ކުރިއެވެ. އެޔަށް ފަހު ކަރުނަ ފޮހެލާފައި ކޮޅަށް ތެދުވެއްޖެއެވެ. އަދި ބާދްޝާގެ ބޫޓު ބާލައިދޭން ފަށައިފިއެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. "އަހަރެން މިއީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ ޖާނީގެ ކުރިމައްޗަށް ނުކުމެވުނީމާ ހެޔޮ ވިސްނުމެއް ނައީތާއެވެ. ޑޮކްޓަރަކަށް ވެ ހުރެވެސް ހުތް އެއްޗެއް ދިނީމާ އަމަލު ފިލާނެކަންވެސް ނޭނގުނެވެ."

އޭނާ ބާދްޝާގެ ޖީބުތައް ހާވަން ފަށައިފިއެވެ. އެއް ޖީބުން ތަޅުދަނޑިފަތި އަތުޖެހިއްޖެއެވެ. އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އަދި ބޭރުގެ ބޮކި ދިއްލައިލިއެވެ. ފުރަތަމަ ހުޅުވި ކޮޓަރިއަކީ ކުޑަ ބަނޑަހަގެއެކެވެ. ދެވަނައަށް ހުޅުވި ކޮޓަރިއަކީ ބަދިގެއެވެ. ބަދިގެ ތެރެއަށް ބަލައިލުމާއެކު ރުޚްސާނާއަކީ ވަރަށް ސާފުތާހިރު މީހެއްކަން އެނގުނެވެ. ބަދިގެވެސް ނިދާކޮޓަރިހައި ސާފެވެ. އެއްޗެހި ބަހައްޓައިފައި ހުރީ ވަކި ތަރުތީބަކުންނެވެ. އޭނާ ދަޅުދަޅާއި ފުޅިފުޅި ހުޅުވައި ބަލާން ފަށައިފިއެވެ. ލުނބުއެއް، އަސާރަފޮދެއް ކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ. އޭނާ ފާރަށް ލެނގިލައިގެން ހުރެ ވިސްނާން ފެށިއެވެ.

ވިސްނުމަކުން ވާނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ މެންދަން ވެއްޖެއެވެ. ހުރިހައި ފިހާރައެއް މިހާރު ހުންނާނީ ބަންދު ކޮށްފައެވެ. ހުޅުވާފައި ހުއްޓަސް އެކަނި ދާކަށް އޭނާއަކަށް ނުކެރޭނެއެވެ. މުޖުތަމައު ކިތަންމެ ތަހުޒީބު ވެފައި އޮތަސް ރޭގަނޑު ދަންވަރު ޒުވާން އަންހެން ކުއްޖަކު އެކަނިމާއެކަނި ބޭރުގައި އުޅުމަކީ މީހުން ގަބޫލު ކުރާނޭ ކަމެއް ނޫނެވެ. އޭނާ ދުވާލު އެއާޕޯޓުން އައިސް އެގޭގެ ފެންޑާގައި މިހައި ގިނަ އިރުވާންދެން ފިލައި އޮތީވެސް އެހެން ވެގެންނެވެ. ބާދްޝާ އޭނާ ލައްވައި ވަރަށް ބޮޑަށް އިންތިޒާރު ކުރުވައިފިއެވެ. ގެއަށް އައީ ދަންވަރުއެވެ. އައި ކަމުގައި ވިޔަސް ނައުމެކޭ އެއްވަރެވެ.

އޭނާ ބޭރަށް ނުކުމެ ބަދިގެ ލައްޕައި ތަޅު ލައިފިއެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން އިވޭ ހަމައެކަނި އަޑަކީ ބާދްޝާގެ ގުގުރިދެމުމުގެ އަޑެވެ. އޭނާ ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. ކޮޓަރީގެ ހުޅުވިފައި ހުރި ކުޑަދޮރުން ގޭތެރެއަށް އަލި އެޅިފައި ހުރިކަން އޭނާއަށް ފާހަގަ ކުރެވުނީ އެ ވަގުތުއެވެ. މީހަކަށް ފެނިއްޖެއްޔާ ވާނީ ކިހިނެއް ބާވައެވެ؟

އޭނާ އެ ކުޑަދޮރުވެސް ލައްޕައިލިއެވެ. މިހާރު އޭނާ މުޅީން ބަންދުވީއެވެ. ގައިދީއަކަށް ވީއެވެ. ފަތިސްވުމުގެ ކުރިއަކުން ނުއެއް ނުކުމެވޭނެއެވެ. ބާދްޝާ ލޯ ހުޅުވައިލާނޭ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ދޭތެރެއަކުން ހޭލެވޭނީވެސް ނިދާފައި އޮތް ނަމަ ތާއެވެ. މަސްތަކީ ވަގުތު ޖެހުމުގެ ކުރީން ފިލާ އެއްޗެއް ނޫނެވެ.

އޭނާ ބޮކި ނިއްވައިލިއެވެ. ކޮޓަރިތެރެއަށް އަނެއްކާވެސް އަނދިރިކަން ވެރިވެއްޖެއެވެ. އޭނާއަށް ޖެހިފައި މިއޮތީ ފަތިހަށް އިންތިޒާރު ކުރާށެވެ. ބާދްޝާ ތެދުވެގެން އތުވެދާނެތީ ކުޑަކޮށް ބިރުވެސް ގަނެއެވެ. އެކަމަކުވެސް އަންނާނެ ނަމައޭ ހިތަށް އެރިއެވެ. އަންނާނޭ ގޮތް މެދުވެރި ކުރައްވާތޯ ދުޢާވެސް ކުރާން ފަށައިފިއެވެ.

އެ ވަގުތު އަނދިރިކަމުގެ ތެރެއިން ބާދްޝާގެ އަޑު އިވިއްޖެއެވެ. އޭނާ ކޮންމެވެސް އެއްޗެކޭ އެބަ ކިޔައެވެ. ފަރުޒާނާ އަނިދިރީގެ ތެރެއިން މަޑުމަޑުން އެ ދިމާއަށް ހިނގައިގެންފިއެވެ. ގުގުރިދެމުން ހުއްޓިއްޖެއެވެ. މިހާރު އިވެނީ އެކި ކަހަލަ އަޑުއަޑެވެ. އޭނާ ކައިރިއަށް ޖެހިލިއެވެ. އަދި ކުޑަކޮށް ގުދުވެލިއެވެ. އިވޭ އަޑު މިހާރު ސާފުވެއްޖެއެވެ. "ފަރު... ޒާ... ހޫނ... އާނ..."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.