(21 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ދެ އިނގިލިކުރިން އެ އިސްތަށި ނަގައި ކުޑަދޮރާ ދިމާއަށް ދިއްކޮށްލިއެވެ. ފުރަތަމަވެސް އޭނާއަށް ޝައްކު ކުރެވުނީ ފަރުޒާނާގެ މައްޗަށެވެ. އިސްތަށީގެ ދިގުމިން ފެނުނީމާ އެކަން ޔަގީން ވެއްޖެއެވެ. އޭނާ ކާމްރާން އޮތް ތާނގައި ބާއްވާފައި ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެ ކޮޓަރީގައި ފަރީދު އަހްމަދު އިނެވެ. އޭނާ އަތުގެ އިޝާރާތުން ފަހަތުން އަންނާށޭ ބުނީމާ ފަރީދު ތެދުވެގެން ހިނގައިގެންފިއެވެ. "ރަންގަނޑާ. ތިޔަހެން އިޝާރާތް ކޮށްފައި އަންނާށޭ ތިޔަ ބުނީ ހާދަހާ ދުވަހެއް ކޮށްފައޭ. މިހާރު ވިއްސަކަށް އަހަރު ވެދާނެ."
އެނބުރި އައިސް އަނެއް ކޮޓަރިއަށް ވަންނަމުން އޭނާ ފިރިމީހާޔާ ދިމާއަށް ކަޅި އަޅައިލިއެވެ. "ބަލާބަލަ. މިއީ ކޯނޗެއް؟"
ފަރީދު އަޙްމަދު ހިނިތުންވެލިއެވެ. "ތިޔައީ ވަކި އެއްޗެއް އަހަންނަށްވުރެ ބޮޑަށް އެނގޭނީ ކާކަށް؟ ތިޔައީ އަހަރެން ދޫނީގެ ލޫޅާފަތި އިނގިއްޔެއްނު؟"
"މިއީ ކަލޭގެ ބޯ. ނިކަން އައިނު އަޅައިގެން ބަލާބަލަ."
ފަރީދު އަޙްމަދު ޖީބުން އައިނު ނަގައިގެން އަޅައިފިއެވެ. އަނބިމީހާގެ އަތުގައި އޮތް ކުޑަކުޑަ ޕުލާސްޓިކު ފޮށި އޭނާއަށް ފެނުނީ ދެނެވެ. ދެ އިނގިލިކުރިން ހިފަހައްޓައިގެން އިން އިސްތަށިވެސް ފެނިއްޖެއެވެ. "ތިޔައީ ކޮން ސަކަރާތެއް؟"
"މިއީ އަހަރެމެންގެ ދަރިފުޅުގެ ކާވެނި ކުރެވުނު ދުވަހުން ފެށިގެން ޖަހަމުން އަންނަ ސަކަރާތް. އަހަރެމެން ދަންނަ އަންހެނުންގެ ތެރެއިން މިހައި ދިގު ކަޅު އޮފުދާރު އިސްތަށިގަނޑެއް އޮންނަނީ ހަމައެކަނި ފަރުޒާނާގެ. ޖާނީ މި އިސްތަށި ގެންގުޅެނީ މި ފޮށީގައި ރައްކާކޮށްގެން. ރުޚްސާނާ ދިއުމާއެކީ އަނެއްކާވެސް ފަރުޒާނާޔާ ބައްދަލުކުރަން ފެށީތާ."
"ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ. ޖާނީ އެ މަންޖެޔާ ބައްދަލު ކުރުމުގެ ވާހަކައަކީ މުޅީން އެހެން ވާހަކައެއް. ބައްދަލުވީމާ ހަދިޔާއަކަށް އެ މަންޖެ ދެނީ އިސްތަށިތަ؟"
"މި ހަދިޔާ ލާނީ ޖަހަންނަމައަށް." އޭނާ ކުޑަދޮރު ކައިރިއަށް ގޮސް އިސްތަށްޓާއި ފޮށްޓާއެކު ބޭރަށް އެއްލައިލިއެވެ. އެޔަށް ފަހު އެނބުރި ފަރީދާ ދިމާއަށް ބަލައިލިއެވެ. "އަހަރެން މިއަދު އެ ކަނބުލޭގެ ކަތިލާނަން."
"ޖާނީ ކަލޭ ކަތިލާނެ."
"ބަލަ މިހާރު ތިޔަހަރީ މި ލަދު ހަޔާތްކުޑަ ދެމީހުންގެ ހިމާޔަތުގައި ނުކުމެތަ؟"
"އަހަރެން މިއީ އަހަރެންގެ އުފަން ދަރީގެ ދުޝްމިނެއް ނޫން. އަހަރެން މި ކުރާ ކަމަކީ ކަލެއަށް ވިސްނައިދިނުން. ފާޅުގައި ފަރުޒާނާއާ ދިމާއަށް އެއްޗެހި ކިޔައި އުޅެގެންފިއްޔާ ޖާނީ ކަލެއަށް ހަމަޖެހިލައިގެން ދިރިއުޅުނަކަ ނުދޭނެ."
"އަހަރެން އޭނާ ދެކެ ބިރެއް ނުގަނޭ. އޭނާ ކުރާނީ ކީއް؟ އަހަރެން މަރައިލާނީތަ؟"
ފަރީދު އަޙްމަދު ބުންޏެވެ. "ކެތްތެރިވޭ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސިއްރުސިއްރުން ފާރަލައިގެން ޖާނީ ފަރުޒާނާއާ ބައްދަލު ކުރޭތޯ ބެލުން."
"ބައްދަލު ކުރާކަން ޔަގީން. އެ އިސްތަށި..."
"އިސްތަށީގެ ވާހަކަ ބާއްވާ. އެ އިސްތަށްޓަކު ފަރުޒާނާގެ ނަން ޖަހައިފައެއް ނެތް. އެއީ މާ ވަރުގަދަ ހެއްކެއް ނޫން."
"ފޮށްޓަކަށް ލައިގެން ފަރުވާތެރިކަމާއެކު ރައްކާކޮށްގެން ގެންގުޅުމަކީ ހެއްކެއް ނޫންތަ؟"
"ރައްކާކޮށްގެން ގެންގުޅޭ އެއްޗެއް ކަލެއަށް ލިބުނީ ކިހިނެއް؟"
"އޭނާ އެ އޮތީ މަރު ނިދީގައި. އެ ފޮށި އޮތީ ޖީބުން ވެއްޓިފައި."
ފަރީދު އަޙްމަދު ކަންބޮޑުވެފައި ބުނެލިއެވެ. "އެހެން ވެއްޖެއްޔާ ތިޔަ ކުރީ ވަރަށް ދެރަ ކަމެއް. ޖާނީއަށް ހޭލެވުމާއެކު އެ ފޮށި ނުފެނިގެން ހޯދާން ފަށާނެ. އޭނާގެ މިޒާޖު ކަލެއަށްވެސް ރަނގަޅަށް އެނގޭނެ. ހަޅޭއް ލަވައި ތަންގަނޑު މީހުން އެއްކޮށްލާނެ. މީހުންގެ ކުރިމަތީގައި އަހަރެމެންގެ އަގު ވެއްޓި ނިމިދާނެ."
"ތިޔަ ކަމަކާ ވިސްނައިލެވިފައެއް ނެތޭ."
"ރުޅި އައީމާ ވިސްނުމުގެ ބާރު ކެނޑިދާނެ."
"އަހަރެން ރުޅިއެއް ނާދޭ. މައިވަންތަ ލޯބީގައި ބައެއް ފަހަރަށް ކަނުވަނީ. އަހަރެންގެ ދަރިފުޅުގެ ޖާގައަށް އެކަހަލަ ޑައިނަކު ވެރިވެގަންނަތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ."
"އަދި ޖެހޭނީ ކެތްތެރިވާން. އެހެންނޫނީ ވާނީ ކިހިނެއްކަން އެނގޭތަ؟ ކަލޭގެ ކިބައިން ބަދަލު ހިފަން ވެގެން ޖާނީ ފަހަރެއްގައި ފަރުޒާނާޔާ އިނދެވެސްފާނެ. އަދި ދަރިފުޅުވެސް ގޮވައިގެން ހިނގައިދާނެ."
މައިދައިތަ މޭގައި އަތް ޖައްސައިލިއެވެ. "ކާމީ ގެންދިޔަޔަކަ ނުދޭނަން."
"އެކަން ހުއްޓުވަން ކަލޭ ތިޔައީ ކާކު؟ އެއީ ކާމީގެ ބައްޕަ. ދަރިފުޅު ގެންގޮސް ދޮންއަމައެއްގެ އުނގަށް ވައްޓައިލާނެ. އެހެންވީމާ އޭނާ ހޭލުމުގެ ކުރިން ގޮސް އެ ފޮށި ހިފައިގެން އާދޭ."
މައިދައިތަ ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުމެއްޖެއެވެ. ފަރީދު އަހްމަދުވެސް ފަހަތުން ނުކުމެއްޖެއެވެ. ހޯދަމުން ދަނިކޮށް އެ ފޮށި ފެނުނީ ގަހެއްގެ ބުޑުގައި ހުޅުވިފައި އޮތްވައެވެ. އޭނާ ހިތްހަމަޖެހިފައި ކިޔައިލިއެވެ. "ފެނިއްޖެ."
ފަރީދު އަޙްމަދު އައިނު އަޅައިގެން ރަނގަޅަށް ބަލައިލާފައި އަހައިލިއެވެ. "މީގައި ހުރި އިސްތަށި ކޮބާ؟ އެތާނގައި ބާއްވާނީ ހުސް ފޮށިތަ؟ އޭނާއަށް އިސްތަށި ނުފެނިއްޖެއްޔާ އަހަރެމެން ދެމީހުންގެ ބޮލުގައި ބާކި ހުރި އިސްތަށިކޮޅު ލުހެލާނެ."
ދެމަފިރިން ބިންމަތީގައި އިށީނދެއްޖެއެވެ. ކުކުޅުތަކެއްހެން ކަރު ދަމަދަމާފައި ދުރު ހޯދަނީއެވެ. އިސްތަށިތައް ވަޔާ އެކު އެ ދިޔަ ތަނަކަށް ގޮސް ނިމިއްޖެއެވެ. އެ ހޯދުމަކީ މިހާރަކު ކުރެވޭނޭ ކަމެއް ނޫނެވެ. ފަރީދު އަޙްމަދު ކޮޅަށް ތެދުވަމުން ބުނެލިއެވެ. "އެ އިސްތަށްޓެއް ދެނެއް ނުފެންނާނެ. އަހަރެމެން މިތާނގައި ހޯދަން ތިއްބާ އޭނާ ހޭލައިގެން ތެދުވެދާނެ. އަވަހަށް ތިޔަ ފޮށި ގެންގޮސް އެނދުމަތީގައި ބާއްވާ."
ފަރީދުގެ އަންހެނުންވެސް ތެދުވެއްޖެއެވެ. "އެންމެ ރަނގަޅު. ހުސް ފޮށި ބާއްވަމާ ހިނގާ."
"އޭނާ ތެދުވެ އަހަރެމެންގެ ސިކުނޑި ނެރެ ހޮއި ބޮލަކަށް ހަދައިލާނެ. ކިތަންމެ ވަރަކަށް ބަހަނާ ދެއްކިޔަސް އޭނާ ގަބޫލެއް ނުކުރާނެ. އޭނާ ބުނާނީ ހަސަދަވެރިކަމުގެ ގިނީގައި ކަލޭ އެ އިސްތަށިތައެް އުކައިލީއޭ. މިވީވެސް އެހެންތާ؟"
އަންހެނުން ހާސެވަފައި އަހައިލިއެވެ. "ދެން ހަދާނީ ކިހިނެއް؟ އަހަރެންގެ އިސްތަށިގަނޑު ނޮޅަންވީތަ؟"
"އިސްތަށިގަނޑު ނޮޅާނީ ރުޅިއައީމާ. ނޫނީ މޮޔަވީމާ. ހަމަޖެހިލައިގެން އިނދެ ދެތިން އިސްތަށި އުފުރާފައި ފޮށްޓަށް ލާ."
"އޭނ..." އޭނާ ވިސްނާން ފަށައިފިއެވެ.
"މިއީ ވިސްނާން އިނދެގެން ވާ ކަހަލަ ދަނޑިވަޅެއް ނޫން."
"އަހަރެންގެ އިސްތަށިގަނޑު އެ ޑައިނުގެ އިސްތަށިގަނޑުހައި ދިގެއް ނޫން."
"މާ ކުރެއްވެސް ނޫން. އޭނާ އިސްތަށީގައި މިނެއް ނާޅާނެ. ފޮށި ހުޅުވައި ބަލައިލާފައި ހިތް ހަމަ ޖައްސައިލާނެ."
ދެމީހުން އެކީގައި ހިނގާފައި އައިސް ގޭތެރެއަށް ވަދެ ދޮރު ލައްޕައި ތަންޑު އަޅުވައިފިއެވެ. ފަރީދު އަޙްމަދު އޭނާގެ އަނބިމީހާގެ ބޮލުން ދެތިން އިސްތަށި އުފުރުމުގެ މަސައްކަތް ފަށައިފިއެވެ. އެއް އިސްތަށި ހުދިއްޔާ އަނެއް އިސްތަށި ހުރީ ރަންކުލައިގައެވެ. ދޭތެރެއަކުން ކަޅު އިސްތަށްޓެއްވެސް ފެނެއެވެ. ވަރަށް މަސައްކަތުން ދެތިން ކަޅު އިސްތަށި އުފުރައި ފޮށްޓަށް ލުމަށް ފަހު ފޮށި ލައްޕައިފިއެވެ. އަނބިމީހާ ނުރުހުމުގެ ރާގަކަށް ބުންޏެވެ. "އަހަންނަށް ލިބިފައި މިހިރީ ވަރުގަދަ ދަނބިދަރިއެއް. އޭނާގެ މޫނަށް ކަޅިއެއް އެއްލާކަށްވެސް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ދަރިފުޅު ފުރައިގެން ދިއުމާއެކު ފިޔަފަޅައިފި. އަހަރެން ހަމަނޭވައެއް ލާނީ އޭނާގެ ފިޔަ ކޮށާލާފައި. ކީކޭތަ ހީކުރަނީ؟"
އޭނާ ކުދިކިޔަން ހުއްޓާ ފަރީދު އަޙްމަދު އެ ކުޑަ ފޮށި ބާދްޝާގެ އެނދުމަތީގައި ބާއްވަން ހިނގައްޖެއެވެ. އެވަގުތު ބޭރު ދޮރުގައި މީހަކު ޓަކި ޖަހާލައިފިއެވެ. ފަރީދުގެ އަންހެނުން ދޮރުބުޑަށް އައިސް އަހައިލިއެވެ. "ކާކު؟"
ބޭރުން ބުނެލީ އަޑު އިވުނެވެ. "އަހަރެން މިއައީ އޯރަންގީ އެއް ނަންބަރުން ޑަކްޓަރު ފަރުޒާނާ ފޮނުއްވީމާ..."
(ނުނިމޭ)