ފަޅިމޫނު - 159

(5 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރުޚްސާނާފަހަރިއާއި ބާދްޝާއާއި ފަރުޒާނާގެ ހާލަތު ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ. ބާދްޝާގެ ކާވެނިން ފެށިގެން މިހައި ތަނަށް ހިނގި ހުރިހައި ކަމެއް ދެނަހުރިން. ފަރުޒާނާއަކީ ވަރަށް ސާފު ހިތެއްގެ ވެރިއެއް. އޭނާ އަހަންނަށް ހުރިހައި ވާހަކައެއް ކިޔައިދީފި. ބާދްޝާ ބޭނުން ވަނީ ވީހައިވެސް ކުރުކޮށް ވާހަކަ ދައްކާށޭ ބުނެފީމެއްނު؟ އެހެންވީމާ އަހަރެން ސީދާ ސުވާލެއް ކޮށްލާނަން. އަހަރެންގެ އަނބިމީހާއަށް އަބުރުވެރިކަމާއި ގަދަރުވެރިކަމާއެކު އަހަންނާ އެކީ ޒަވާޖީ ހަޔާތެއް ވޭތު ކުރެވިދާނެތަ؟"

"އޭނާގެ ފިރިއަކީ ތިޔައީ. އޭނާގެ ގަދަރާއި އަބުރުވެރިކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ޒިންމާދާރަކީ ތިޔައީ. އަހަންނާ ތިޔަ ސުވާލު ކުރަނީ ކީއްވެގެން؟"

"ސަބަބަކީ އަހަންނާއެކު ފަރުޒާނާ އުފާވެރިކަމާއެކު އުޅުނު ކަމަށް ވިޔަސް ބާދްޝާ ދެކެ އޭނާ ބިރުގަތުން. އޭނާގެ ފަރާތުން ކުރެވުނު ކުށަށް އަދިވެސް އޭނާއަށް އެ ދަނީ އަދަބު ލިބެމުން. ބާދްޝާގެ ސަބަބުން އަދި ފަހުން ވާނެ ބަދުނާމުގެ އިންޒާރުވެސް އޭނާއަށް ދަނީ ލިބެމުން. މިފަދަ ހާލަތެއްގައި އަހަރެން މިއީ ފިރިމީހާ ކަމަށް ވިޔަސް އޭނާގެ ހިތް ހަމަޖައްސައިދިނުމަކީ ކުރެވޭނޭ ކަމެއް ނޫން."

ބާދްޝާ އަނެއްކާވެސް ރެކިސާއާ ދިމާއަށް ބަލައިލިއެވެ. ކުރިން ބަލައިލީއިރު އޭނާ އިނީ ރެކިސާގެ ފަހަތު ގޮނޑީގެ ދުރު ފަރާތުގައި އިށީނދެގެންނެވެ. މިހާރު އިނީ ގާތް ފަރާތުގައި އިށީނދެގެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. ބާދްޝާއަށް ވަރަށް ސާފުކޮށް އޭނާ އެބަ ފެނެއެވެ. ގަހަނާ އަޅައިގެން ކާވެނީގެ ހެދުމުގައެވެ. އޭނާއާ ދިމާއަށް ނުބަލައެއް ބާދްޝާއަކަށް ނުހުރެވުނެވެ. އެކަމަކު މިހާރު އެއީ އޭނާއަކަށް އޮތް ހައްގެއް ނޫނެވެ. އެއީ އެހެން މީހެއްގެ ހައްގެކެވެ. "ރަޖަބް ޢަލީގެ އަނބިމީހާގެ ނަންވެސް މީގެ ފަހުން ނުގަންނާނޭ ކަމަށް އަހަރެން ވައުދުވަން. އެކަމަކު އަހަރެންގެ ސުވާލެއްވެސް އެބައޮތް. އޭނާޔާއެކު ފުރިހަމަ އިތުބާރާއެކު ދިރިއުޅުން ވޭތުކުރުމަކީ ރަޖަބަށް ކުރެވިދާނެ ކަމެއްތަ؟"

"އާނ. ނޫޅެވެންވީ ކީއްވެގެން؟ ބާދްޝާގެ ހިތުގައި ތިޔަ ސުވާލު އުފެދުނީ ކީއްވެގެން؟"

"އެއީ އޭނާ މިހާރުވެސް އެހެރީ އަހަރެންގެ ނަމާއެކު ވާނެ ވަރަކަށް ބަދުނާމުވެފައި ކަމަށް ވާތީ. ބަދުނާމު ވެފައި އިން އަންހެނަކު އަބަދުވެސް ހުންނަނީ ފިރިމީހާގެ ޝައްކުގެ ދާއިރާގެ ތެރޭގައި. އެކަމަކުވެސް އަހަރެން ހުވައި…"

ރަޖަބް ޢަލީ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ހުވައި ނުކުރޭ. އަހަރެން އަނބިމީހާއަށް ފުރިހަމައަށް އިތުބާރު ކުރަން. ކީއްވެގެންކަން އެނގޭތަ؟ އަހަރެން ދުވަހަކުވެސް ހިލޭ އަންހެނަކު ދެކެ ލޯތްބެއް ނުވަން. އަނބިމީހާއަށް ޝައްކު ކުރާނީ ހިލޭ އަންހެނުންގެ ފަހަތުން ދުވާ މީހުން."

ބާދްޝާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ކުޑަކޮށް ނުރުހިފައި އަހައިލިއެވެ. "އަހަންނަށް މަލާމާތް ކުރަނީތަ؟"

"ނޫނޭ. ބާދްޝާގެ ވާހަކައަށް ޖަވާބުދިނީ. ފަރުޒާނާ ވަނީ އަހަންނަށް ހުރިހައި ވާހަކައެއް ވަރަށް ތަފުސީލުކޮށް ކިޔައިދީފައި. އެއް ރެއަކު އޭނާ މިގެއަށްވެސް އައި. ބާދްޝާގެ ކޮޓަރިއަށްވެސް ވަން. ރޭގަނޑު ހަތަރުދަމު ކޮޓަރީގައި އޮވެފައި ގެއަށް ދިޔައީ ފަތިހު. އޭނާ އެރޭ ދިޔައީ ލަދުހަޔާތުގެ ލިބާސް ކޮޓަރިއަށް ދޫކޮށްލާފައި ކަމަށް ވަންޏާ އަހަންނަށްވެސް ޖެހޭނީ އޭނާއަށް އެކަމުގެ އަދަބު ދޭން. އެކަމަކު އެރޭވެސް އޭނާގެ ލަދުހަޔާތާއި އަބުރު ފުރިހަމައަށް ރައްކާތެރި ކުރި ކަމަށް ވަންޏާ ބާދްޝާވެސް ރުޚްސާނާފަހަރިއަށް ޝައްކު ކޮށްގެން ނުވާނެ. އަދަބެއްވެސް ދީގެން ނުވާނެ. ސަބަބަކީ ލަންޑަނުގައި ރުޚްސާނާފަހަރި ހިލޭ ފިރިހެނަކާއެކު އެއް ގެއެއްގައި ރޭގަނޑުގެ ވަގުތު ހޭދަކުރީ ފަރުޒާނާ މި ގޭގައި ހޭދަކުރި ގޮތަށް. ތިމާގެ އަނބިމީހާ އެހެން ފިރިހެނަކާއެކު ވަގުތު ހޭދަކޮށްފިއްޔާ ފިރިމީހާގެ ފިރިހެންވަންތަކަށް ހޭލައިގަނޭ. އެކަމަކު އެހެން އަންހެނަކު ތިމާޔާއެކު ވަގުތު ހޭދަކުރީމާ ހޭލައިގަންނަނީ ލޯބި. އަނބިމީހާގެ ގުޅުމަކީ އެކަހަލަ ގުޅުމެއް. އަނބިމީހާއަށް އިތުބާރު ކުރުމަކީ އެކަހަލަ މީހުންނަކަށް ކުރެވޭ ކަމެއް ނޫން."

ބާދްޝާ ބުންޏެވެ. "އަނބިމީހާއަށް މާފުކުރުމާއި އަދަބުދިނުމާ އެއީ އަހަރެންގެ އަމިއްލަ ކަމެއް. ރަޖަބާއި ރަޖަބުގެ އަނބިމީހާގެ ދެމެދަށް ނުވަންނާނޭ ކަމަށް އަހަރެން ވައުދު ވެއްޖައިން. އަހަރެންގެ ފަރާތުން ބަދުނާމުގެ ވާހަކައެއްވެސް ނީވޭނެ. އެހެންވީމާ ހިތްހަމ ޖައްސާލައިގެން ދާންވީނު؟"

ބާދްޝާ ސަލާންކުރަން އަތްދިއްކޮށްލިއެވެ. ރަޖަބް ޢަލީ އޭނާޔާ ސަލާން ކުރުމަށް ފަހު ދާން ހިނގައިގެންފިއެވެ. ބާދްޝާ ބަލަހައްޓައިގެން ހުރީއެވެ. އޭނާ ބަލަނީ ރެކިސާއާ ދިމާއަށެވެ. ފަރުޒާނާ މިހާރުވެސް އެބަފެނެއެވެ. ރަޖަބްޢަލީ ރެކިސާ ދޮށަށް ގޮސް ހުއްޓިއްޖެއެވެ. ފަރުޒާނާ އޭނާ ގާތު ކޮންމެވެސް އެއްޗެކޭ ބުނީމާ އަނެއްކާވެސް އެނބުރި ބާދްޝާ ގާތަށް އަތުވެއްޖެއެވެ. "އަހަރެންގެ އަނބިމީހާ އެބަ އަހާ ކާމީ ކޮބައިހެއްޔޭ."

"އެއްވެސް ސުވާލަކަށް އަހަރެން ޖަވާބެއް ނުދޭނަން. ގޮސް އަނބިމީހާއަށް ވިސްނައިދީ. މާޒީ ހަނދާން ނައްތައިލާފައި ބަދުނާމުން ސަލާމަތްވާން އުޅޭ މީހާ އަހަރެންގެ ކަންތައްތަކުގެ ތެރެއަށް ވަދެ ސުވާލު ކުރަން ފަށައިފިއްޔާ އަހަންނަށްވެސް ޖެހޭނީ އެ ދިމާއަށް އެނބުރެން."

ރަޖަބު ޢަލީ ބޯ ޖަހައިލުމަށް ފަހު ގޮސް ރެކިސާއަށް އަރައި އިށީނދެއްޖެއެވެ. އިރުކޮޅެއް ވާންދެން ރެކިސާ އެތާނގައި އޮތެވެ. ދެމަފިރިންގެ މެދުގައި ކޮންމެވެސް ވަރަކަށް ބަހުސު ކުރެވުނުތަން ފެނުނެވެ. އެޔަށް ފަހު ރެކިސާ ދުއްވާލައިފިއެވެ. ރެކިސާ ގޮސް އޮބައިލާންދެން ބާދްޝާ ބަލަހައްޓައިގެން ހުއްޓެވެ.

ބާދްޝާ ހަލާކުވެފައިވާ ހިތަކާއެކު އެނބުރި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ދުވާލުގެ އަލިކަމުގެ ތެރެއިން ކޮޓަރީގައި ހުރި އެއްޗިއްސަށް އަރާފައި ހުރި ހިރަފުސް ސާފުކޮށް ފެންނާން ފަށައިފިއެވެ. ރޭ އޭނާ ނިދީވެސް ހިރަފުސް އަރައި ފުރިފައިވާ އެނދެއްގައެވެ. ރުޚްސާނާއަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާ މީހެކެވެ. އޭނާއަށް ކޮޓަރީގެ މި ހާލަތު ފެނިއްޖެއްޔާ ވަގުތުން ސާފު ކުރުމާއިގެން އުޅެގެންފާނެއެވެ.

ރުޚްސާނާގެ މަތީން ހަނދާން ވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވިއްޖެއެވެ. އޭނާ ކުއްލިއަކަށް ބޮލުން ބާޥަތެއްގެ ލަތްކެއް ޖަހައިލިއެވެ. ރުޚްސާނާގެ ހަނދާންތައް ފޮޅައިލާ ކަހަލަ ގޮތަކަށެވެ. އޭނާ އަލަމާރި ދޮށަށް ގޮސް އޭގައި ހުރި ހެނދުންތައް ހާވާން ފަށައިފިއެވެ. ހެދުން ބަދަލުކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. ނުވަތަ ހަނދާނަށް އަންނަ މީހާގެ ހަނދާންތައް ފުހެލަން މަސައްކަތް ކުރަނީ ކަމުގައިވެސް ވެދާނެއެވެ. އޭނާއަށް އަލަމާރީގައި އޮތް ޑައިރީ ފެނިއްޖެއެވެ. އެ ވަގުތު ހަނދާނަށް އައީ ފަރުޒާނާ ދެއްކި ވާހަކައެކެވެ. "ޖާނީ. އަހަރެން މިއަދު ވާހަކައެއް ބުނެލަން ބޭނުން. އެއްކަލަ ރޭ ޖާނީ މަސްވެފައި ހުރި ހަނދާން ވޭތަ؟ އެރޭ އަހަރެން ޖާނީގެ އަލަމާރީގައި އޮތް ރުޚްސާނާގެ ޑައިރީން ކިޔައިލިން. ޑައިރީގެ އެންމެ ފަހު ސަފުހާގައި އޭނާ ލިޔެފައި އޮތް އެއްޗެއް އަމިއްލަށް ކިޔައިލާތި. އޭނާ ހުރީ ޖާނީއަށް އަނެއްކާވެސް މަކަރެއް ހެދުނީތީ ވަރަށް ބޮޑަށް ދެރަވެފައި. އޭނާގެ ދޮގު ބޭޒާރު ވެއްޖެއްޔާ އިންތިޒާރު ކުރާތި. އޭނާ އެނބުރި އައިސް ހުރިހައި ވާހަކައެއް ކިޔައިދޭނެ."

އޭނާ ޑައިރީ ނަގައިގެން ހުޅުވައިލިއެވެ. މަޑުމަޑުން މަތިމަތީން ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ލިޔެފައި އޮތް ވާހަކައެވެ. ރުޚްސާނާ ލިޔެފައި އޮތެވެ.

"އަހަރެންގެ ޖާނީ. އަހަރެން ޖާނީ ދެކެ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވެއެވެ. ފުރާނައަށްވުރެ ބޮޑަށް ލޯބިވާ އަންހެނަކަށް ކުޑަކުޑަ ދޮގެއް ހަދައިލުމުގެ ހައްގު އޮންނާނެއެވެ. އެއީ ފިރިމީހާއަށްޓަކައި ފަޚުރުވެރިވާތީއެވެ. ފިރިމީހާ ތަޅައި އަނިޔާ ކުރާނެއެވެ. އެކަމަކު އަނބިމީހާއަކީ އަމިއްލަ މިލްކެއް ކަމަށް ބަލާފައި ފަހުން މާފުކުރާނެއެވެ.

ޖާނީ. އަހަރެން މާދަމާ ފުރާނަމެވެ. ފުރައިގެން ދާ ފަހުން އަހަރެން ކަމެއް ސިއްރުކުރިކަން ޖާނީއަށް އެނގިއްޖެއްޔާ އަހަރެންގެ އެ ސިއްރުކުރުމަކީ މަކަރެއް ކަމުގައި ނުބަލާށެވެ. އަހަންނަށް އިންތިޒާރު ކުރާށެވެ. އެނބުރި އައިސް ހުރިހައި ވާހަކައެއް ރަނގަޅަށް އޮޅުންފިލުވައިދޭނަމެވެ. ބައެއް ކަންތައްތަކުގައި މަސްލަހަތަށް ބެލުމަކީ ލާޒިމު ކަމެކެވެ. އަހަރެން ދެކޭ ގޮތުގައި ފިރިމީހާއަށާއި ދަރިންނަށާއި ގެއަށް ގެއްލުމެއް ނުވާނަމަ މިކަހަލަ މަކަރަކީ ވަގުތީ ގޮތުން ހުއްދަ ކަމެކެވެ. އަހަރެން މި ދަނީ އެއްވެސް މަރުހަލާއެއްގައި ޖާނީގެ އަމިއްލަވަންތަކަން ކިލަނބުވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނޭ ކަމުގެ ވައުދާއެކީގައެވެ. އަހަރެންގެ އަތަކީ ހަމައެކަނި ޖާނީގެ އަތުތެރޭގައި އޮންނާނޭ އަތެކެވެ. އެހެން މީހެއްގެ އަތުތެރެއަކަށް ނުވަންނާނެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަހަރެން މަރުވާނެއެވެ."

ބާދްޝާއަށް ހީވީ އަތުގައި ދިރޭ އެއްޗެއް އޮތް ހެންނެވެ. ޑައިރީ ބިންމައްޗަށް އެއްލާލައިފިއެވެ. ޑައިރީގެ ގަނޑުތައް ވަޔާއެކު އުކެމުން ދަނީއެވެ. ބާދްޝާ ހައިރާން ވެފައި ބަލަހައްޓައިގެން ހުރެއްޖެއެވެ. އެ ވަގުތު އޭނާއަށް އިހުސާސް ކުރެވުނީ ބިންމަތީގައި އޮވެގެން ރުޚްސާނާ ތެޅިފޮޅެނީ ކަމުގައެވެ. އޭނާގެ ފައިބުޑުގައި އޮތީ ކަމުގައެވެ. ޑައިރީ އޮތީ އޭނާގެ ބޫޓުގެ ކައިރީގައެވެ.

* * *

އަމިއްލަ ރީތިކަން ފެނިފައި ޚުދު ރުޚްސާނާވެސް ހައިރާން ވެއްޖެއެވެ. އޭނާ އަމިއްލަ މޫނަށް ބަލަމުން ގެންދިޔައެވެ. ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވެނީހެންނެވެ. އޭނާގެ ފަޅިމޫނު ފުރިހަމަ ކުރައްވާތޯ ހުވަފެނުގައި ދުޢާ ކުރެވެނީހެންނެވެ.

އޭނާގެ ކުރިމަތީގައި ހުރި ބޮޑު އިސްކިރީނުން އެ ފެންނަނީ ހުވަފެނެއް ނޫނެވެ. ހަގީގަތެވެ. އޭނާގެ ކައިރީގައި އިށީނދެގެން އެ ތިބީ އިޝްތިހާރު ކުންފުނީގެ މިސިޒް ހޯކާއި މިސްޓަރ ޑޭވިޑް ހޯކާއި މިސްޓަރ ރިޗަރޑް ޑޭވިޑެވެ. އެމީހުން ގެންދިޔައީ އަލަށް ތައްޔާރުކުރި އިޝްތިހާރުގައި ފެންނާން ހުރި ރުޚްސާނާއާ ދިމާއަށް ބަލަމުން ފާޑު ކިޔަމުންނެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.