
ރާއްޖޭގައި ގިނަ ރިސޯޓުތައް ނުހެދި އޮތީ ހަދާނެ ފައިސާ ނެތިގެން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލިސް ޖަލްސާގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ޓޫރިޒަމަށް ރަށްތައް ތަރައްގީކުރުމަށް ފަންޑު ހޯދަން ސަރުކާރުން ސޮވެރިން ގެރެންޓީ ނުދެނީ ކީއްތޯ، ކާށިދޫ މެމްބަރު ޢަބްދުﷲ ޖާބިރު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ޕްރޮޑަކްޓުތައް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލުމަށް ފަންޑިން މެކޭނިޒަމެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
" ފަންޑިންގ ލިބޭގޮތް ވުމަކީ ވަރަށް މުހިއްމު ކަމެއް. ރާއްޖޭގައި ގިނަ ރިސޯޓުތައް ނުހެދި އޮތީ ހަދާނެ ފައިސާ ނެތިގެން. ދިވެހިންނަށް ރިސޯޓް އޯނަރޝިޕް ލިބުން މަދުވެގެން ދަނީވެސް ރާއްޖޭގައި ފަނޑިންގ ނުލިބިގެން." މިނިސްޓަރ ވިދާޅުވިއެވެ.
ރިސޯޓު ހަދަން ބޭރުން އަންނަ މީހުން ވެސް ގެންނަނީ އެމީހުންގެ އަމިއްލަ ފައިސާ ނޫންކަން ފާހަގަ ކުރައްވާ ޑރ. މައުސޫމް ވިދާޅުވީ އެމީހުން ފަންޑިންގ ގެންނަނީ ރަނގަޅު ރޭޓެއްގައި ބޭރުގެ ކޮންމެވެސް ބޭންކަކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން، ނުހެދި ގަލުގައި އަޅާފައިވާކަމަށް ބެލެވޭ 83 ރަށް އެބައޮތް ކަމަށެވެ.