(15 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރްޒާނާގެ މަންމަ އުޅެނީ މެހުމާނުންނަށް ޚިދުމަތް ކުރުމުގައެވެ. އޭނާގެ އުފަލުގެ ކޮޅެއް ނެތެވެ. ބަޔަކު ފަރުޒާނާގެ ކާވެންޏަށް އެދިގެން އައީއެވެ. އައީ މެދު އުމުރުގެ ދެ އަންހެނުންނާއި ޒުވާން ދެ އަންހެން ކުދިންނެވެ. އެ އާއިލާގެ ފިރިހެން ކުއްޖާ އަކީ ޑަކްޓަރެކެވެ. މަސައްކަތް ކުރަނީ އެމެރިކާގައެވެ. ހިތުގެ ބައްޔަށް ޚާއްސަ ޑަކްޓަރެކެވެ. ފަރުޒާނާއާ ވަރަށް ގުޅޭ ކުއްޖެކެވެ.
އެ ވަގުތު ފަރުޒާނާ ގެޔަކު ނެތެވެ. މަންމަ ވިސްނައިގެން އިނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ދަރިފުޅުގެ ރުހުން ހޯދައިގެން ކާވެނީގެ ކަންތައް ނިންމާށެވެ. ފަރުޒާނާ ދެކޮޅު ހަދައިފިއްޔާ ކަންތައް ކުރާނޭ ގޮތްވެސް އޭނާ އިނީ ރާވައި ނިންމައިގެންނެވެ. އޭނާގެ ލޯބީގެ ނަމުގައި ނުވަތަ އޭނާގެ މައިވަންތަކަމުގެ ނަމުގައި ނުވަތަ މަރުހޫމު ބައްޕަގެ ނަމުގައި އާދޭސްކޮށްގެން ނަމަވެސް ފަރުޒާނާ އެއްބަސް ކުރުވާނީއެވެ. ފަރުޒާނާ މީހަކާ ދެވުނީމާ އޭނާގެ ބޮލުގައި އޮތް ބުރަ ލުއިވެގެން ހިނގައިދާނެއެވެ. ދިރިއުޅުމުގައި ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކުން ސަލާމަތް ވެގެން ހިނގައިދާނެއެވެ. ސުންޕާ ހިޔަންޏެއްހެން ބޯމަތިވެފައިވާ ބާދްޝާ ޖާނީވެސް ފިލައި ހިނގައިދާނެއެވެ.
ގެއަށް އައި އަންހެނުންގެ ތެރެއިން އެކަކު ބުންޏެވެ. "ފަރުޒާނާ ނުދެކޭތާ އެތައް އަހަރެއް ވެއްޖެ. މިހާރު ވަރަށް ބޮޑު ވެދާނެތާ."
ފަރުޒާނާގެ މަންމަ ހިނިތުންވެލިއެވެ. "އާނ. ﷲ ގެ ރަޙްމަތުން ބޮޑު ވެއްޖެ. ރީތިވެސްމެ. އަޚުލާގުވެސް އެހައި ރަނގަޅު. އަހަރެން ދިރިހުންނަނީވެސް އެ ހިތްހަމަޖެހުން އޮތީމާ."
މިހާރު އެންމެން ތިބީ ސައިބޯށެވެ. އެއް ކުއްޖަކު އޭނާގެ މަންމަޔާ ދިމާއަށް ބުނެލިއެވެ. "މަންމާ. އޭރު އަހަރެންވެސް ކުޑަވާނެ. ފަރުޒަނާ ދައްތަ ދުށް ހަނދާނެއްވެސް މިހާރަކު ނުވޭ. މިއަދު ފެންނާނެތާ."
ފަރުޒާނާގެ މަންމަ ބުންޏެވެ. "އޭނާ މިހާރު އަންނާނެ."
ދެވަނައަށް އިން ކުއްޖާ އޭނާގެ ކޮއްކޮއާ މުޚާތަބުކުރިއެވެ. "ދައްތާ. ފަރުޒާނާ ދައްތަގެ ނަން އިވުނީމާ ހަނދާނަށް އަންނަނީ ނޫހުގައި އޮތް ޚަބަރެއް. ކޮންމެވެސް މޮޔައަކު ހަސްފަތާލަކަށް ވަދެ ހިންގި ހަމަނުޖެހުމެއްގެ ވާހަކަ. އެމީހާވެސް އުޅުނީ ޑޮކްޓަރ ފަރުޒާނާއެއް ނުފެނިގެން ކަމަށް ވަނީ. ފުލުހުން އެމީހާ ހައްޔަރުކޮށްގެން ގެންދިޔައީ. ފަރުޒާނާ ދައްތަގެ ވާހަކަ މަންމަ ދެއްކީމާ ހިތަށް އެރީ މިއީ އަނެއްކާ އެ ފަރުޒާނާއެއް ނޫން ބާވައޭ. މިއީވެސް ޑަކްޓަރެއްނު؟"
ދޮރުމަތީން އެ އިވުނީ ފަރުޒާނާގެ އަޑެވެ. "ތިޔަ ބުނީ ހަމަ ރަނގަޅަށް. އެ ޑަކްޓަރަކީ އަހަރެން. އެ މީހަކު ހަމަނުޖެހުން ހިންގީ އަހަރެން ނުފެނިގެން."
އެންމެން ސައި ބުއިން ހުއްޓާލައިފައި ފަރުޒާނާޔާ ދިމާއަށް ބަލާން ފަށައިފިއެވެ. ފަރުޒާނާގެ މަންމަ ވަރަށް ކަން ބޮޑު ވެއްޖެއެވެ. ކުއްލިއަކަށް އައިސް ހުރިހައި ކަމެއް މުޅީން ހަލާކު ކޮށްލަފާނެއެކޭ ހިތަކަށްވެސް ނާރައެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "މިއީ އަހަރެންގެ ދަރިފުޅު ފަރުޒާނާ. ސަމާސާ ކުރުމަކީ މީނާގެ އާދައެއް. ދަރިފުޅާ މިއީ..."
މަންމަ ބާރަށް ހިނގާފައި ގޮސް ފަރުޒާނާގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަދި އާދޭހުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަނގައިން ނުބުނެ ހުރިހައި ވާހަކައެއް ދެއްކީ ލޮލުގެ އިޝާރާތުންނެވެ. މެހުމާނުންނަށް ފުރަގަސް ދީގެން ހުރެ އޭނާ ދަރިފުޅުގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލިއެވެ. ފަރުޒާނާ ކުރިއަށް ޖެހިލައި މަންމަގެ އަތުގައި ބޮސްދިނެވެ. "މަންމާ ދޮގާއި މަކަރަކުން ދުވަހަކުވެސް ފައިދާއެއް ނުވާނެ. އޭގެ މިސާލު އަހަރެމެންގެ ކުރިމަތީގައި މިހާރު އެބަ އެނބުރޭ. އަހަރެން ދޮގެއް ނުހަދާނަން. މެހުމާނުން ގާތު ދައްކާނީ ސީދާ ތެދު ވާހަކަ. ނޫހުގައި ޖަހާފައި އޮތީ ތެދު ވާހަކައެއް. ތިޔަ ބުނާ މޮޔަ މީހާ ހަސްފަތާލަށް ވަދެ ހަމަނުޖެހުން ހިންގީ އަހަރެން ނުފެނިގެން. އޭނާ ހޯދާން އުޅުނު ޑޮކްޓަރު ފަރުޒާނާއަކީ އަހަރެން."
އެ އަންހެނުން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އަދި އެކަކު ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށް އަހައިލިއެވެ. "ހަމަ ތެދެއްތަ؟"
"ދޮގު ހަދަންވީ ކީއްކުރަން؟ ދޮގެއް ހެދިޔަސް ފަހުން ބޭޒާރު ވާނެ. ބޭޒާރުވާ ދުވަހު އެ ލިބޭ ގެއްލުން ދުވަހަކުވެސް ފޫބެއްދޭ ގޮތެއް ނުވާނެ. ތެދު ބަހުން ވާހަކަ ދައްކައިގެން މިހާރަކު އެކަކަށްވެސް ވާނޭ ގެއްލުމެއް ނެތް."
އެތަނުން އަންހެނަކު އަހައިލިއެވެ. "ދަރިފުޅާ. ކިހިނެއްވީ؟ އެ މީހަކު ދަރިފުޅުގެ ފަހަތުން ދުވަނީ ކީއްވެގެން؟"
ފަރުޒާނާ މަޑުމަޑުން އައިސް އެ އަންހެންމީހާގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "އެކަކު އަނެކެއްގެ ހާލަތު ރަނގަޅަށް އެނގިގެން ތިބެ އުފައްދާ ގުޅުމެއް ނޫނީ ދެމިއެއް ނޯންނާނެ. އަހަރެންގެ ހާލަތު ރަނގަޅަށް ކިޔައި ދިނީމާ ކާވެނި ނުކުރިޔަސް ވާނޭ ގެއްލުމެއް ނޯންނާނެ. ދެމީހުންނަށްވެސް ވާނީ ފައިދާ. އެހެންވީމާ ހުރިހައި ވާހަކައެއް ރަނގަޅަށް ކިޔައި މި ދެނީ. މިއީ އަހަރެންގެ އެކުވެރި އަވަށްޓެރިއެއްގެ ވާހަކަ. އޭނާގެ ނަމަކީ ރުޚްސާނާ."
އެތަނުން ޒުވާން އަންހެން ކުއްޖަކު ބުނެލިއެވެ. "އާނ... އަހަރެން އޭނާ ދަންނަން. އެއީ މޫނުގެ އެއްފަޅި އެނދި ކުއްޖާއެއްނު؟"
ފަރުޒާނާ ބުންޏެވެ. "އާނ. އޭނާގެ މޫނު އެނދުމުގެ ސަބަބުން އެއްވެސް މީހަކު އޭނާޔާ އިންނާކަށް ބޭނުމެއް ނުވި. މީހަކާ ނީނދެ ގޭގައި އިނދެ އޭނާ ނަފްސާނީ ބަލިމީހަކަށް ވެއްޖެ. އޭނާގެ ފަރުވާއެއް ކަމަށް ޑަކްޓަރުން ބުނީ މީހަކާ ދެވުން. ތެދުމަގުން ހިނގައިގެން އޭނާގެ ކާވެނި ކުރެވޭ ގޮތް ނުވީމާ އަހަރެން މަކަރު ހެދީ. ކާވެނީގެ ކުރިން ރުޚްސާނާއަށް ވެގެން ފިރިހެން ކުއްޖާގެ ކުރިމައްޗަށް ނުކުތީ އަހަރެން. އެކަމަކު އޭނާޔާ ދެވީ ރުޚްސާނާ. އެ ދުވަހުން ފެށިގެން ރުޚްސާނާގެ ފިރިމީހާ ދުވަނީ އަހަރެން ނުފެނިގެން. އޭނާ ބޭނުން ވަނީ ބަދަލު ހިފަން ކަމުގައިވެސް ވެދާނެ. ނޫނީ އަހަރެންގެ ބުރުސޫރަ އޭނާއަށް މާ ކަމުދިޔައީ ކަމުގައިވެސް ވެދާނެ. އަހަރެން ކުރި ކަމަކީ ނުބައި ކަމެއްތޯ ރަނގަޅުކަމެއްތޯ އަމިއްލައަށް ކަނޑައަޅައި ނިންމާ. މިހާރު، މި ވަގުތު ވަކި ގޮތެއް ނުނިންމިޔަސް ހެޔޮ. ގެއަށް ގޮސް ރަނގަޅަށް ވިސްނައި ފިކުރު ކުރުމަށް ފަހު ވަކި ގޮތެއް ކަނޑައަޅާ. އަހަރެންގެ މަންމަ ޖަވާބެއްގެ އިންތިޒާރުގައި އިންނާނެ."
އޭނާ ކޮޅަށް ތެދުވެއްޖެއެވެ. އަދި އެމީހުންނާ ސަލާން ކުރުމަށް ފަހު ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބުރުގާ ނަގަމުން އޭނާގެ ހިތަށް އެރިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހެދުން ބަދަލުކޮށްގެން އޮށޯވެ އަރާމު ކުރާނީ ހެއްޔެވެ؟ އޭނާ ގަޑިއަށް ބަލައިލިއެވެ. ކުލިނިކު ހުޅުވަން އަދި ގަޑިއެއްހައި އިރު އެބައޮތެވެ. އެހެންވީމާ ކުޑައިރުކޮޅަކު އަރާމު ކޮށްލެވިދާނެއެވެ. އޭނާ ގޮނޑިއެއްގައި އިށީނުމަށް ފަހު ފަންގިފިލައަށް ނަޒަރު ހުއްޓައިލިއެވެ.
ބޭރުގައި ތިބެގެން އަންހެނުން ދައްކާ ވާހަކަ މުޅީން ސާފު ނުވިޔަސް އޭނާއަށް އިވެއެވެ. ވާހަކައިން އެނގުނު ގޮތުގައި މިހާރު އެމީހުން ތައްޔާރު ވަނީ އެ އައި ތަނަކަށް އެނބުރި ދާށެވެ. ކުޑަ އިރުކޮޅަކަށް ފަހު ހިމޭން ވެއްޖެއެވެ. ދެން ފެނުނީ މަންމަ އައިސް ކޮޓަރިއަށް ވަން ތަނެވެ. "އެ ވާހަކަ ސިއްރު ކޮށްފައެއް ނުބޭއްވޭނެތަ؟ އަމިއްލަ އައިބާއި ނުބައި ކަންތައްތައް ފޮރުވުމަކީ މީހުން ނުކުރާ ކަމަކީތަ؟"
"ނޫނޭ. އެއީ މީހުން ނުކުރާ ކަމެއް ނޫން. ރުޚްސާނާއާއި އޭނާގެ މައިންބަފައިން ބާދްޝާ ޖާނީއަށް ހުރިހައި ކަމެއް ސިއްރު ކުރީމާ އެމީހުންނަށް ކުރި ފައިދާއަކީ ކޮބާ؟ ދޮގާއި މަކަރުގެ ގެއްލުން ލިބެމުން އެދަނީ ރުޚްސާނާއަށް. މަންމަ ބޭނުން ވަނީ ކޮން ގޮތެއް؟ ދޮގު ހަދައިގެން މީހަކާ އިނދެގެން ފިރިމީހާގެ ގެއަށް ގޮސް މުޅި އުމުރު ދުވަހު އެމީހުން ކިޔާ އެއްޗެހީގެ އަޑު އަހަން އަހަރެން އިނުންތަ؟ ފިރިމީހާގެ ކުރިމަތީގައި އަގު ވެއްޓޭގޮތް ވުންތަ؟"
"ހަމައެކަނި ރުޚްސާނާގެ މިސާލު ނުދައްކާ. އޭނާ މަކަރު ހެދީ ފާޅުގައި. އެހެންވީމާ ބޭޒާރުވާނެކަން ކުރިންވެސް އެނގޭ. މަކަރު ހަދާފައި ސިއްރު ކޮށްގެން އުޅޭތާ އެތައް އަހަރެއް ވެފައި ތިބި އަންހެނުން މަދެއް ނޫން. ބައެއް މީހުން އުމުރު އޮޅުވައިލާ. އަނެއް ބަޔަކު ކޮންމެވެސް އައިބެއް ފޮރުވާ. މާޒީގައި ކޮށްފައި ހުރި ވިޔާނުދާ ކަންތައްތައް ފޮރުވާ. މިއީ ހައްތަހައިވެސް މީހުން ކޮށްއުޅޭ ކަންކަން. ފިރިމީހާގެ ގޭ މީހަކަށްވެސް ފިރިމީހާއަކަށްވެސް އެއިން ކަމެއްގެ ހިލަމެއްވެސް ނުވޭ. އުފަލާއި އަރާމުގައި އެ ގޮތަށް ދިރިއުޅުން ވޭތުކުރާ އަންހެނުން މަދެއް ނޫން."
"މަންމާ. މަންމަ ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ. ދޮގަކީ ބައްޔެއް. އަހަރެން މިއީ ޑަކްޓަރަކީން. ޑަކްޓަރުން ފުރަތަމަ ކުރާ ކަމަކީ ބަލި ދެނެގަތުން. ބަލި އެނގުނީމާ ބަލިމީހާއަށް ނުބައި ބޭހެއް ދިނުމަކީ ޑަކްޓަރުން ކުރާ ކަމެއް ނޫން. އެހެންވީމާ އަމުދުން އަމިއްލައަށް ނުބައި ބޭހެއް ބޭނުން ކުރެވޭނީ ކިހިނެއް؟"
(ނުނިމޭ)