ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިސް އުވާލައިފި

ބޮޑުވަޒީރު އިމްރާން ޚާން (ކ) ރައީސު އާރިފް އަލްވީއާ ބައްދަލުކުރައްވަނީ

ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމުގެ މަތިން ޕާކިސްތާނުގެ ރައީސު އާރިފް އަލްވީ އެގައުމުގެ ގާނޫނުހަދާ މަޖިލިސް (ނޭޝަނަލް އެސެމްބްލީ) އުވާލައްވައިފިއެވެ. މިއާއެކު އެގައެމު ވަނީ ގާނޫނީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައެެވެެ.

ގާނޫނުހަދާ މަޖިލިސް އުވާލާފައި ވަނީ ބޮޑުވަޒީރު އިމްެރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް މިއަދު ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނުހަދާާ މަޖިލީހުގެ އިދާރާއަށް ވެއްދީ ފާއިތުވި މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މިއަދު އެ މައްސަލައަށް ވޯޓުލާން ތައްޔާރުވެފައި ވަނިކޮށް މަޖިލީހުގެ ޑެޕިއުޓީ ސްޕީކާ ޤާސިމް ސޫރީ ވަނީ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައެްވައި، ޖަލްސާ މެދުކަނޑުއްވާލައްވާފައެވެ. ސްޕީކާ އަސަދް ޤައިސަރްއާ ދެކޮޅަށްވެސް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވާތީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޑެޕިއުޓީ ސްޕީކާއެވެ.

342 މެންބަރުން ހިމެނޭ ގާނޫނުހަދާ މަޖިލީހުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް 177 މެންބަރުންގެ ތާއީދު އެބައޮތެވެ. އަދި ވެރިކަންކުރާ ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ 12 މެންބަރަކު ވަނީ އިތުބާރުނެތްކަމުގެ ވޯޓުގައި އިދިކޮޅާ ގުޅޭނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން، މިއަދު ވޯޓުނެގި ނަަމަ އިމްރާންޚާން ބޮޑުވަޒީރުކަމުން ދުރުކުރާނެކަަމަށް އޮތީ ބެލެވިފައެވެ.

ރައީސު އަލްވީ ގާނޫނުހަދާ މަޖިލިސް އުވާލައްވާފައި ވާއިރު، ސަރުކާރުން ބުނެފައި ވަނީ 90 ދުވަހުގެ ތެރޭގައި އަވަސް އާއްމު އިންތީޚާބެއް ބާއްވާނެ ކަމުގައެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިންފޯމޭޝަން ފައްރޫޚް ހަބީބް ކުރެއްވި ޓުވީޓެއްގައެވެ. އެހެންނަަމަވެސް، އިންތިޚާބު ބޭއްވުމާ ބެހޭ އެންެމެ ފަހުގެ ނިންމުން ނިންމަވާނީ ރައީސު އަލްވީގެ މަޝްވަރާއާއެކު އިލެކްޝަންސް ކޮމިޝަނުންނެވެ.

ގާނޫނުހަދާ މަޖިލީހުގައި އޮތް އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އެ މަޖިލިސް އުވާލުމަކީ ގާނޫނާ ޚިލާފު ކަމެއްކަމުގައި ގާނޫނީ މާހިރުންނާއި އިދިކޮޅު ޕާޓީތަކުން ބުނަމުންދާއިރު، އިދިކޮޅު ލީޑަރު ބިލާވަލް ބުއްޓޫ ޒަަރްދާރީ ވިދާޅުވި ގޮތުގައި އިދިކޮޅުން އޮތީ އަވަސް އިންތިޚާބެއްގައި ވާދަކުރަން ތައްޔާރަށެވެ.

"އަހަރުމެން މިތިބީ އާއްމު އިންތިޚާބަކަށް ތައްޔާރަށް. އެހެންނަމަވެސް، އުސޫލުތަކާއި، ގާނޫނު އަސާސީއާއި ޚިލާފުވާން އަހަރުމެން ފުރުސަތު ނުދޭނަން. އެމީހުން (ސަރުކާރުން) ބޭނުންވަނީ ޕާކިސްތާނު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން. އަހަރުމެން އަނެއްކާވެސް އެމީހުން ބަލިކުރާނަން." ބިލާވަލް ބުއްޓޫ ވިދާޅުވިއެވެ.

އަނެއްކޮޅުން ޕާކިސްތާން ސުޕްރީމް ކޯޓުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޗީފް ޖަސްޓިސް ޢުމަރް އަޠާ ބަންދިޔާލް ވަނީ ގާނޫނުހަދާ މަޖިލިސް އުވާލި މައްސަލަ ސޫމޯޓޫ މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަން ފާހަގަކުރައްވާފައެވެ. ގުޅިފައިވާ އިދިކޮޅު ޕާޓީތަކުންވެސް ދަނީ އެ މައްސަލަ ކޯޓަށް ވެއްދުމަށް މަސައްކަތްކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.