ހެޔޮ ޢަމަލު - 1

ރަޙުމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާންމަހުގެ ދުވަސްތަކަކީ، އަޅަމެންގެ ޢަމަލުތައް ސީދާކުރައްވައި، ވަގުތުން ނަމާދު ޤާއިމްކޮށް، ގިނަގިނައިން ކީރިތ ޤުރުއާން ކިޔެވުމަށް ވާގިވެރިވެވޮޑިގެން، ހެޔޮޢަމަލުތަކުން ފުރިގެންވާ މައްސަރެއްކަމުގައި ލައްވާށިއެވެ. ހެތޮނިޔަތެއްގައި އިންސާނާކުރާ ކިތަންމެކުޑަނަމަވެސް ހެޔޮޢަމަލަކީ، ކީރިތި ﷲ ގެ ޙަޟުރަތުގައި ޤަބޫލުކުރައްވާނެ ޢަމަލެކެވެ. ޒައްރެއްގެ މިންވަރުކަމަށްވިޔަސް މެއެވެ. " ހެޔޮ ޢަމަލު " މިކޮލަމުގައި މިމައްސަރުގައި ﷲ ގެ އިރާދަފުޅާއި މިންވަރުފުޅާއެކު، އަޅުގަނޑު ލިޔަމުންގެންދާނީ ހެޔޮޢަމަލަށް އިންސާނާގެ ވިސްނުން ގެންގޮސްދޭނެ ޢީބްރަތްތެރި ބައެއް ވާހަކައެވެ. ދީނީހަމަތަކުން ވިސްނައިގެން ހެޔޮޢަމަލަށް ބާރުއަޅާ ބައެއްކަހަލަ ވާހަކައެވެ.

"ކިރުގެ ފެންގަނޑު" މިވާހަކަޔަކީ، ވެސް ޢިބްރަތެއްލިބިގެންދާނެ ވާހަކައެއްކަމަށް ޤަބޫލުކުރަމެވެ. އެއްޒަމާނެއްގައި ރަސްކަލަކު އުޅުއްވިއެވެ. ރަސްގެފާނުގެ، ރަސްކަމުގެ ކޮއިލުތެރޭގައި އުޅޭމީހުން އެއްކުރައްވައިގެން ފެންގަނޑެއް ހެއްދެވިއެވެ. އަދި އިޢުލާނު ކުރެއްވިއެވެ.

"މިސަހަރުގެ ކޮންމެ ގެޔަކުން ކޮންމެ ރެޔަކުވެސް ކިރުތައްޓެއްގެނެސް މި ފެންގަނޑަށް އަޅަންވާނެއެވެ. އޭރަށް ހެނދުނުވާއިރު، ފެންގަނޑު އޮންނާނީ ކިރުފެންގަނޑަކަށް ވެފައެވެ." ރަސްގެފާނު އެކަން އިޢުލާންކުރެއްވުމުން އެންމެން ގެޔަށްގޮސް ނިދައިފިއެވެ. އެރޭ، އޭގެތެރެއިން، އެކަކު ކިރުތަށި ތައްޔާރުކުރަން ވިސްނިއެވެ. އޭނާއަށް ޤަބޫލުކުރެވުނުގޮތުގައި އެރޭ ކިރުތަށިގެނެސް ފެންގަނޑަށް އަޅާނެ ވަކިމީހަކު ކަނޑައެޅިގެންނެއް ނުދެއެވެ. އެކަންކުރަން ވަކިމީހަކާ ޙަވާލެއް ނުކުރެވެއެވެ. އެހެންކަމުން، ކިރުތަށި ތައްޔާރުކުރަން ވިސްނިމީހާވެސް ހީކުރީ، ކޮންމެވެސްމީހަކު ނުވަތަ ކޮންމެގެޔަކުން، ކިރުތަށްޓެއްގެނެސް ފެންގަނޑަށް އަޅާނެކަމަށެވެ.

ކިރުތަށި ފެންގަނޑަށްއަޅަން ވިސްނިމީހާ، ކިރުތަށީގެ ބަދަލުގައި ފެންތަށްޓެއްގެނެސް ފެންގަނޑަށް އަޅައިލިއެވެ. އޭނާގެ ވިސްނުމުގައިއޮތީ، ކުރިންވެސް ހީކުރެވުނުގޮތަށް ކޮންމެވެސް މީހަކު އެފެންގަނޑަށް ކިރުތަށްޓެއް އަޅާނެކަމަށެވެ. ރޭގަނޑުވީމަ، ފެންޓަށްޓެއް އަޅައިލިޔަސް މީހަކަށް ނޭނގޭނެއެވެ. ކޮންމެއަކަސް، ފެންތަށިއެޅިމީހާ ފެންތަށިއަޅާފަ ގެޔަށްގޮސް ނިދައިފިއެވެ.

އަނެއްދުވަހުގެ ހެނދުނު، ރަސްފެފާނު ފެންގަނޑު ބައްލަވައިލައްވަން ވަޑައިގަތެވެ. ރަސްގެފާނު ވަޑައިގެން ބައްލަވައިލެއްވިއިރު، ފެންގަނޑުގައި އޮތީ ހުސް ފެނެވެ. ކިރުގެ އެއްވެސް އަސަރެއް ނެތެވެ. މިކަމާ ރަސްގެފާނު ޙައިރާންފުޅުވެވަޑައިގަތެވެ. އަދި ކޯފާވެސް އިސްކުރެއްވިއެވެ. ރަސްގެފާނުގެ އަމުރުފުޅަށް ރައްޔިތުން ކިޔަމަން ނުވީމައެވެ.

އަޞްލު މިވީގޮތަކީ، ރަސްގެފާނު އެކުރެއްވި އަމުރުފުޅާގުޅިގެން، ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކުވެސް ހީކުރީ އަނެކާ އެކަންކުރާނެކަމަށެވެ.

ދީނީވިސްނުމަކުން ބަލާއިރު، ކިފާޔަތުގެ ފަރުޟަކީ މިފަދަ ކަމެކެވެ. ކިފާޔަތުގެ ފަރުޟަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. މިސާލަކަށް، މީހަކު މަރުވެއްޖެނަމަ، އެމަރުވިމީހަކު ވަޅުލުމަކީ، ދިރިތިބީންގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ. ދިރިތިބީންކުރެ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު އެކަން ކުރުން ލާޒިމެވެ. އެއްވެސް މީހަކު އެކަން ނުކޮށްފިނަމަ، އެމަރުވިމީހާ ވަޅުނުލެވި އޮންނާނެއެވެ. ދީނީ ވިސްނުމަކުން ބަލާއިރު، އެފަރުޟު، އެފެށެނީ ޚުދު ތިމާއާ ހިސާބުންނެވެ. އެހެންކަމުން، އެހެންމީހަކު ކުރާނެކަމަށް އެފަދަކަމެއް ދޫކޮށްގެން ވާކަށް ނޯންނާނެއެވެ. އެހެންކަމުން، ﷲ ގެ މަގުގައި ކަމެއްކުރަން ފުރުޞަތުލިބޭހިނދު، އަނެކާ ކުރާނެކަމަށް އެކަމެއް ދޫކޮށްނުލާށެވެ. އެކަމަކަށް، ތިބާއަށް ﷲ ހެޔޮޖަޒާ ދެއްވާނެއެވެ.

މިސާލަކަށް، މަގެއްގެ މަތީއޮންނަ ގާކޮޅެއް އެއްފަރާތްކޮށްލުމަކީވެސް ހެޔޮ ޢަމަލެކެވެ. އެގައުކޮޅު، މަގުމަތީ އޮއްވާ އެއަށްއެރޭ ދުއްވާ އެއްޗަކަށް ނުވަތަ މަގުމަތީ ހިނގާފަދާ މީހަކަށް އެއަށް އެރުމުން ލިބޭނީ ކޮންފަދަ ގެއްލުމެއްކަމެއްވެސް ނޭނގެއެވެ. އެގައުކޮޅު އެއްފަރާތް ކޮށްލުމުން، އެއިން އިންސާނަކަށް ލިބެންއޮތް ގެއްލުމުން ސަލާމަތްކޮށްދެވުނީއެވެ. އެއީ ހެޔޮ ޢަމަލަކަށްވެގެންދާނެއެވެ. އަދި ﷲ ގެ ޙަޟުރަތުން ދަރުމައާއި ސަވާބު ލިބިގެންދާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.