އަމިއްލަ ތަޖުރިބާ ހިމަނުއްވައިގެން ސާއިލް ލިޔުއްވާފައިވާ "އެދުވަސް ގެނެވޭނެ" ފޮތް ރައީސްއަށް ހަދިޔާ ކުރައްވައިފި

އަޙްމަދު ސާއިލް ޢަލީގެ އަމިއްލަ ތަޖުރިބާ ހިމަނުއްވައިގެން ލިޔުއްވައިފައިވާ "އެ ދުވަސް ގެނެވޭނެ" ފޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ހަދިޔާކުރައްވައިފިއެވެ.

ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ލިޔުއްވާފައިވާ މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތުގެ މުޞައްނިފު އަދި ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާއިލްގެ މި މަސައްކަތަށް ތައުރީފުކުރައްވައި މި ފޮތާއި ގުޅޭގޮތުންނާއި އަދި ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ސާއިލްއާ ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ މެންޓަލްހެލްތް ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސާއިލް ވަނީ ފޮތުގައި އެކުލެވޭ ބައިތަކުގެ މަޢުލޫމާތާއި ރާއްޖޭގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ކުރިމަތިވާ ބައެއް ދަތިތައް ރައީސުލްޖުހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އަދި މި ފޮތުގެ އެންމެ މުހިންމު ބޭނުމަކީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުންކަން ސާއިލް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.