އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ ތަފާތު ނުކޮށް ޚިދުމަތްތައް ދިނުމަށް: ރައީސް ސާލިހު

އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ ތަފާތު ނުކޮށް ޚިދުމަތްތައް ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން މިއަދު ގުޅި އަށް ވަޑައިގެން ސަޕޯޓަރުންތަކަކާ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ސާލިހު ވިދާޅުވީ އެ ސިޔާސަތު މިއަދު އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ކަމުނުދިއުމަކީ އެ ޕާޓީން ގެންގުޅުނު އެ ސިޔާސަތު ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކ. ގުޅިއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެ ރަށަށް ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަން ވެސް ރައީސް ސާލިހު ވަނީ އިއުލާން ކުރައްވާފަ އެވެ.

ރައީސް ސާލިހު ވިދާޅުވީ ގުރައިދު އާއި މާފުށީގެ ބިން ބޮޑުކުރެވި، އެދެރަށުގެ ރައްޔިތުންނަށް ދަތުރު ދެވޭނެ ރަށެއް ވެސް ހިމެނޭހެން ބިން ހިއްކާފައިވާ ކަމަށާއި ކުރިއަށް އޮތީ ގުޅި ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ގުޅި ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ގުޅީގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބިން ހިއްކުމަށްފަހު ހަވާލު ކުރަނީ ކައުންސިލުތަކަށް ކަމަށާއި އެ ބިން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ ރައްތިޔުން ބޭނުންވާ ގޮތަށް ކައުންސިލުން ގޮތް ނިންމައިގެން ކަމަށެވެ. އަދި އެކަމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގުޅީގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެދާއިރާގައި ހިމެނޭ ގުރައިދޫގައި ކުރިން އަޅާފައިއޮތް ނަރުދަމާގައި މައްސަލަތައް ހުރުމުން މިސަރުކާރުން އެކަން ހައްލު ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ އެއްވެސް ރަށެއް ބާކީނުކޮށް، ތަފާތު ނުކޮށް ހިދުމަތްތައް ދިނުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.