
އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވައިފިއެވެ.
މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ، ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މިދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.