ފަޅިމޫނު - 149

(23 ޖަނަވަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރުޒާނާ ގޮށްމުށް ކަވައިލިއެވެ. ދަތްކުނޑިވިކައިލިއެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ ރުޅި ކޮންޓުރޯލު ކުރާށެވެ. ހިތަށް އައިހާ އެއްޗެއް އޭނާޔާ ދިމާއަށް ކިޔައިފާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު އެހެން ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފަރުޒާނާ ކިޔާ އެއްޗެއް އޭނާއަކަށް ރަނގަޅަކަށް ނުއެއް ވިސްނޭނެއެވެ. އަނެއްކޮޅުން އެއީ މުސްކުޅި އަންހެނެކެވެ. ފަރުޒާނާގެ މަންމަގެ އެކުވެރިއެކެވެ. މަންމަޔާއި އޭނާޔާ ދެމެދު އޮތީ ރަނގަޅު ގުޅުމެކެވެ. އެއީ ހެޔޮ އަވަށްޓެރިއެކެވެ. އޭނާގެ ދަރިފުޅަކީ ފަރުޒާނާގެ ގާތް ރައްޓެއްސެކެވެ. ރުޚްސާނާއަށްޓަކައި އޭނާ ވަނީ އެތައް ހިތާމައެއް ބަރުދާސްތު ކޮށްފައެވެ. އެއީ އޭނާއަށް އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެއްވެސް މެއެވެ. މިއަދު އެ ދައިތަޔާ ދިމާއަށް އެއްޗެހި ކިޔާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ކަމެއް ނުކުރެވޭނެއޭ ހިތަށް އެރުމާއެކު އެއްވެސް އިޚުތިރާކާ ނުލައި ބާރަށް ރޮއިގަނެވިއްޖެއެވެ.

ފަރީދު އަޙްމަދު ރުޅިއައިސްފައި ބުންޏެވެ. "ކަލެއަކީ ކޮން ކަހަލަ ވިޔާނުދާ މީހެއް. ކަލޭ ކަހަލަ ޖާހިލު އަންހެނަކު އަހަރެން ދުވަހަކުވެސް ނުދެކެން."

ރުޚްސާނާގެ މަންމަވެސް ރުޅި ދައްކައިލިއެވެ. "އަހަރެންވެސް ފަރީދު ކަހަލަ ދެފުށްކެހެރިއަކު ނުދެކެން. މިހައިތަނަށް ހުރީ އަހަރެން ދެއްކިހައި ވާހަކައަކަށް އާނއެކޭ ކިޔަކިޔާ. މިހާރު ތިޔަހަރީ އޭނާގެ ކޮޅުގައި. އަހަރެންގެ ލޯތްބަކީ އެއްވެސް މީހަކަށް އެނގނު އެއްޗެއް ކަމަކަށް ނުވި. އަހަރެން މިހިރީ އަހަރެންގެ ކުޑަކުޑަ ދަރިފުޅު ނުފެނިގެން ފުރާނަ ދާވަރު ވެފައި. އެކަމަކުވެސް އެންމެން ވެގެން އަހަރެންގެ ބޮލުގައި އެކި ކަހަލަ އިލްޒާމު އަޅުވަމުން ގެންދަނީ. ހުރިހައި ނުބައެއް ހެދީ އަހަރެން އެކަނިތަ؟ ޖާނީގެ ކުށެއް ނެތްތަ؟ އެހެން މީހަކުގެ ކުށެއް ނެތްތަ؟ މީނާ ރޮއިހޭރިގެން އެންމެންގެ ރުހުން ހޯދަން މަސައްކަތް ކުރަނީ. ނިކަން އަހައިލަބަލަ. މިހައި ރީތި ވެގެން އައީ ކާކަށް ތިއްތި ދެއްކެންތަ؟"

ފަރުޒާނާ ކުއްލިއަކަށް އެނބުރި ވަރަށް ބާރަށް ހިނގައިގެންފިއެވެ. ޖަމްޝީދު އޭނާގެ ފަހަތުން ހިނގައިގެންފިއެވެ. "ފަރުޒާނާ. މަޑުކުރޭ. އާންޓީގެ ކަންތައް ވަރަށް ބޮޑު ކަމަށް އަހަރެންވެސް ގަބޫލުކުރަން. އޭނާގެ ވާހަކަތަކަކީ ކެތްކުރެވޭ ވަރަށްވުރެ ވިޔާނުދާ ވާހަކަތަކެއް ކަމަށްވެސް ގަބޫލުކުރަން. ހިނގާ އަހަރެން ފަރުޒާނާ ގެންގޮސް ގެއަށް ލައިދޭނަން. ކާރަށް އަރާ."

ފަރުޒާނާ ހުއްޓިއްޖެއެވެ. "އަހަންނަށް މަޖުބޫރު ނުކުރޭ. އަހަރެންގެ ފަހަތުން ނާދޭ. އަހަރެން އެކަނި ގެއަށް ހިނގައިދާނަން."

"ފަރުޒާނާ. ތިޔަ ކަހަލަ ވާހަކަނުދައްކާ. ފަރުޒާނާއަކީ ވިސްނުން ތޫނު ކުއްޖެއް. ހުރިހައި ބަދުނާމެއް ފަރުޒާނާއާ ދިމާއަށް އަންނަނީ ކީއްވެގެން ކަމާމެދު ވިސްނާލިންތަ؟"

ފަރުޒާނާ ރުޅި އައިސްފައި އަހައިލިއެވެ. "އަހަންނާ ދިމާއަށް އަންނަނީ ކީއްވެގެންނޯ؟"

"މަގުމަތީގައި ތިބެގެން ހުރިހައި ވާހަކައެއް ނުދެއްކޭނެ. ކާރަށް އަރާ. ވާހަކަދައްކަމުން ގެއަށް ދެވިދާނެ. އަހަރެން ކާރު މިތަނަށް ގެންނާނަން. ނުގޮސް މަޑުކުރާތި."

ޖަމްޝީދު ގޮސް ކާރަށް އަރައިފިއެވެ. އަދި މަޑުމަޑުން ކާރުގައި އައިސް ފަރުޒާނާ ހުރި ތަނަށް މަޑުކޮށްފިއެވެ. ފަރުޒާނާ ކަރުނަ ފޮހެލުމަށް ފަހު ކުރިއަށް އަރައި އިށީނދެއްޖެއެވެ.

ކާރު ދުއްވާލައިފިއެވެ. ތަންކޮޅަކަށް ދިއުމަށް ފަހު ޖަމްޝީދު ބުންޏެވެ. "ކާވެނި ކުރެވުނު ގޮތުގެ ވާހަކަ ރުޚްސާނާ އަހަންނަށް ކިޔައިދިން. ފަރުޒާނާ ދައްކާފައި އޮޅުވާލައިގެން އޭނާ ބާދްޝާއާ އިން ގޮތް ކިޔައިދިން. އެފަދަ ހާލަތެއްގައި ބާދްޝާ ފަރުޒާނާގެ ފަހަތުން ދުވުމާއި ފަރުޒާނާގެ ހިތް ބާދްޝާގެ މައްޗަށް ލެނބުމަކީ ގުދުރަތީ ކަމެއް. އަހަރެން ތަންކޮޅެއް ޒާތީ ސުވާލެއް ކޮށްލިޔަސް އެންމެ ރަނގަޅުތަ؟"

ފަރުޒާނާ އޭނާޔާ ދިމާއަށް ބަލައިލާފައި އަހައިލިއެވެ. "އަހަން ތިޔަ އުޅެނީ އަހަރެން ބާދްޝާ ދެކެ ލޯބިވޭހެއްޔޭ ދޯ؟"

"ވަރަށް ގަދަ. އަހަރެންގެ ސުވާލަކީ ތިޔައީ."

"އެއީ އެވަރުގެ ގަދަ ކަމެއްތަ؟ ރުޚްސާނާގެ ކާވެނި ކުރެވުނު ފަހުން ޖާނީ އަހަރެންގެ ފަހަތުން ދުވަން ފެށުމާއެކު ރުޚްސާނާއާއި އޭނާގެ މައިންބަފައިންނާއި ސައްކަރުގައި އުޅޭ އަހަރެންގެ ތިމާގެ މީހުންނާއި އަހަރެންގެ މަރުހޫމް މަންމައަށް ދާންދެން ބުނަމުން ދަނީ އަހަރެން ބާދްޝާ ޖާނީ ދެކެ ލޯބިވެޔޭ."

"އެހެން މީހުންގެ ވާހަކަ ބާއްވާފައި އަމިއްލަ ވާހަކަދައްކާ."

ކުޑަ އިރުކޮޅެއް ވާންދެން ހިމޭންކަން ވެރިވެފައި އޮތެވެ. ފަރުޒާނާ ބަލަމުން ގެންދިޔައީ ކުރިމަތީން ފެންނާން އޮތް މަގަށެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ވާހަކަދެއްކިއެވެ. އޭނާގެ އަޑު އިވެނީ ވަރަށް ދުރުން އިވޭ އަޑެއް ކަހަލަ ގޮތަކަށެވެ. "އާނ… އަހަރެން ލޯބިވޭ."

"ތިޔަހައި ސާފުކޮށް އިއުތިތާފު ވާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން."

"އަހަރެން ބިރު ގަންނަވީ ކީއްވެގެން؟ އަހަރެން ކުށެއް ނުކުރަން. ލޯބީގެ މާނައަކީ މީހެއްގެ އަތުން ވަކި މީހަކު ޖަހައިގަތުން ކަމަށް ވަނީވިއްޔާ އެއީ ލޯތްބެއް ނޫން. އެޔަށް ކިޔާނީ މޮޔަކަމޭ. ލޯތްބަކީ ލޯބިވާ މީހާގެ ގެ އާބާދުކޮށް ދިނުން. ލޯބިވާ މީހާ ނުބައި މަގުން އެއްކިބާކޮށް ދިނުން."

"އޭނާ ނުބައި މަގުން އެއްކިބާ ކޮށްދޭން ފަރުޒާނާ ކުރީ ކޮން ކަމެއް؟"

"އަހަންނަށް ކުރެވުނު ކޮންމެ ކަމެއް ކުރިން. ޖާނީއާ ދުރަށް ދުވުމަކީ އޭގެ ތެރެއިން އެއް ކަމެއް."

"އެހެން ހެދީމާ އޭނާގެ މޮޔަކަން ހައްތަހާ ބޮޑުވާނީ."

"އެޔަކު އަހަރެން ކުރާނެ ކަމެއް ނެތް. މޮޔަބޮޑުވަނީ ޖާނީގެ. އަހަރެންގެއެއް ނޫން."

"ނަފްސިއްޔާތީ ނަޒަރަކުން ވިސްނާ ނަމަ މީހަކަށް އެއްޗެއް ހާސިލު ނުކުރެވޭ ގޮތް ވެއްޖެ ނަމަ ނުވަތަ ލިބޭން އުޅެފައި ނުލިބިއްޖެނަމަ މުޅި އުމުރު ދުވަހު އެ ހަނދާނުގައި ތެޅިފޮޅޭނެ. ފަރުޒާނާވެސް އަމިއްލަ ކުށަށް އިއުތިރާފުވޭ. ބާދްޝާ ލޯބީގައި ޖައްސާ މީހަކީ ފަރުޒާނާ."

ފަރުޒާނާ ނުރުހިފައި އަހައިލިއެވެ. "ތިޔަ ކިޔަނީ ކީކޭ؟ އަހަރެން އަމިއްލައަށް މަރުވެގަންނާންވީތަ؟"

"ނޫނޭ. ނުލާހިކު ފަސޭހަ މަގެއް އެބައޮތް. މީހަކާ އިނީމާ ހުރިހައި ކަމެއް ހަމަޖެހިދާނެ."

"މީހަކާ އިނުމަކީ އަހަރެންގެ އަމިއްލަ ކަމެއް. އެއީ އެހެން މީހަކަށް ދެއްކޭނޭ ވާހަކައެއް ނޫން."

"އެހެން މީހަކަށް އެ ވާހަކަ ދެއްކިދާނެއެކޭ އަހަންނެއް ނުބުނަން. ތިޔައީ ފަރުޒާނާ ވިސްނާ ގޮތް. މީހެއްގެ ފިރިއަކު ފަރުޒާނާޔާ ހެދި މޮޔަވެގެން އެބަ އެނބުރޭ. އެމީހާގެ މޮޔަކަން ބޮޑުވަމުންދާ މަންޒަރު ފެނުނީމާވެސް ފަރުޒާނާ އެހެން މީހަކާ ދިމާއަށް އެނބުރޭކަށް ނުވޭތަ؟ ފަރުޒާނާ އިންނަން ކަމުދާ މީހަކު މިއޮތް ބޮޑު ދުނިޔޭގައި ހަމަ ނެތީތަ؟"

"އަހަރެން މި އުޅެނީ މީހަކާ އިންނަ ހިތަކުންނެއް ނޫން."

"ފަރުޒާނާ ތިޔަހެން ތިޔަ ބުނަނީ މުޖުތަމައުގެ ހަމަތަކަށް ވިސްނާފައިތަ؟ ފަރުޒާނާ ކަހަލަ ޒުވާން ރީތި އަދި ދެ ފަރާތުން ކުރެ ފަރާތެއްގައި އަޅާލާނޭ މީހަކު ނެތް ކުއްޖަކު އެކަނި ދިރިއުޅުމަކީ ކޮން ކަހަލަ ކަމެއް ކަމާ މެދު ވިސްނައިލިންތަ؟ މީސްމީހުން ދައްކާނޭ ވާހަކައަކާ މެދު ފިކުރު ކޮށްލިންތަ؟ ތަންގަނޑު މީހުން އެކި ކަހަލަ ވާހަކަދައްކާނެ. ބަދުނާމު ކުރަމުން ދުވާނެ. މި ކުޅިގަނޑު ނުހުއްޓި ކުރިއަށް ދާން ދޫކޮށްލާފައި ބާއްވާނީ ކިހައި ދުވަހަކަށް؟ މިއިން އެއްވެސް ކަމަކާމެދު ވިސްނައިލިންތަ؟"

ފަރުޒާނާ އަނގަޔަކުން ނުބުނެއެވެ. ހިމޭނުން އިނީއެވެ. އަނެއްކާވެސް ވާހަކަދެއްކީ ޖަމްޝީދެވެ. "ފަރުޒާނާއާއި ރުޚްސާނާއާ ދެ އެކުވެރިންނަކީ ބުއްދިވެރި ތޫނުފިލި ދެކުދިންކަން ޔަގީން. އެކަމަކު އޭގެ މާނައަކީ ދެމީހުންކުރެ މީހަކަށް ކަތި ފިޔަވަޅެއް ނޭޅޭނެއެކޭ ނޫން. އަދި ނާޅައެކޭވެސް ނޫން. އެއްކޮޅުން އޮތީ ރުޚްސާނާ އެޅި ކަތި ފިޔަވަޅު. ދެން އޮތީ ފަރުޒާނާގެ ކަތި ފިޔަވަޅު. އެއީ ރުޚްސާނާއަށްޓަކައި ގުރުބާން ވެފައިމެ އޭނާގެ ފިރިމީހާ ފަހަތުން ނާންނަ ގޮތް ނުހަދައި ހުރުން. އޭނާއަށް ފަހަތުން ދުވަން މަޖުބޫރުވާ ފަދަ ހާލަތެއް ކުރިމަތި ކުރުވުން. ރުޚްސާނާގެ ވާހަކައިން އެނގޭ ގޮތުގައި އޭނާގެ ފިރިމީހާގެ ގޮތް އޭނާ ވަނީ ވަރަށް ރަނގަޅަށް ބަލާފައި. ރުޚްސާނާ ދެކޭ ގޮތުގައި ބާދްޝާ ފަރުޒާނާ ދެކެ ލޯބި ވަނީއެއް ނޫން. އޭނާ އެހެރީ އޭނާގެ އަތު ނުޖެހުނު އެއްޗެއް ހާސިލު ކުރުމަށްޓަކައި ނުކުމެ. އޭނާގެ ކިބައިގައި ހުރީ ގޮތް ދޫނުކުރުން. ކުޑަކުއްޖެއްހެން އޭނާ އެނބުރޭ ސަބަބަކީ އެއީ. ފަރުޒާނާ އެހެން މީހަކުގެ ހައްގަކަށް ވެއްޖެކަން އެނގުމާއެކު އޭނާ ގޮތް ދޫކޮށްލާނެ. ފަރުޒާނާގެ ފަހަތުން ދުވެއުޅުން ހުއްޓައިލާނެ."

"އެއީ މޮޔައެއް. އޭނާގެ އެ މޮޔަކަމެއް ނުކެނޑޭނެ."

"އަންހެނަކަށް އޭނާގެ ފިރިމީހާ އެނގޭ ވަރަކަށް އެ ފިރިހެން މީހާގެ ލޯބިވެރިޔާއަކަށް ނޭނގޭނެ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.