ފަޅިމޫނު - 87

(4 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާ އިސްތިރި ނިއްވައިލުމަށް ފަހު މޭޒުމަތީން ފަޓުލޫނު ނަގަމުން ބުނެލިއެވެ. "ތިޔަހެން ބުނަނީ ކީއްވެގެން؟ އެތައް ހާސް މޭލު ދުރު ތަނަކަށް ދިޔައީމާ ޖާނީއާއި ކާމީއަށް އަހަރެން ބީރައްޓެއްސަކަށް ވާނެތަ؟"

ބާދްޝާ ލޯތްބާއި އުދާހުގެ ނަޒަރަކުން އޭނާއާ ދިމާއަށް ބަލައިލިއެވެ. "މާދަމާ ތިޔަ ފުރަނީނު؟ ކޮންމެވެސް މީހަކު އަހަރެންގެ އަތުން ރުޚްސާނާ ޖަހައިގަންނަނީއޭ ހިތަށް އަރަނީ ކީއްވެގެން ކަމެއް ނޭނގޭ."

ރުޚްސާނާ ސިހިފައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. ބާދްޝާގެ ނަޒަރުގައި މާ ބޮޑު ތޫނުކަމެއް ނެތް ނަމަވެސް އޭނާގެ ހިތް ފޫއަޅުވައިލިއެވެ. އެވަގުތު ހިތުގެ އަޑީގައި ފިލައި އޮތް ވަގުކަލޭގެ އަހައިލިއެވެ. "ޖަމްޝީދު ޖާނީގެ އަތުން ކަލޭ ޖަހައިގަންނަނީ ހެއްޔެވެ؟"

"އެހެންނެއް ނުވާނެއެވެ." އޭނާ ވަރުގަދަ އަޒުމަކާއެކު ހިތާހިތާ ކިޔައިލިއެވެ. "ޖަމްޝީދު ކަހަލަ ފައިސާވެރި ޒުވާން އެތައް ބައެއްގެ ތެރޭގައި އުޅެމުންވެސް ޖާނީގެ އަތުން ދޫކޮށްލުމަކީ އަހަރެން ކުރާނޭ ކަމެއް ނޫނެވެ."

އޭނާ ޖާނީގެ އަތުގައި ހިފެހެއްޓުމަށްޓަކައި އެ ދިމާއަށް ހިނގައިގެންފިއެވެ. އެކަމަކު ޒަމީރުގެ ހިނގުން އެޔަށްވުރެ މާ ބާރެވެ. އެތެރެހަށިން ބުނެލީ އަޑު އިވުނެވެ. ރުޚްސާނާއެވެ. ކަލޭގެ ދޮގުގެ ސަބަބުން ޖާނީ އަތުން ބީވެގެން ދަނީއެވެ. އޭނާ ކަލެއަށް ހާދަހާ ބޮޑަކަށް އެބަ އިތުބާރު ކުރެއެވެ. ކަލޭގެ މޫނުގެ އެއް ފަޅި ލިބޭން އުޅެނީ ޖަމްޝީދުގެ ލޯތްބާއި ހެޔޮ ކަމުގެ ސަބަބުންނޭ އޭނާ ގާތު ބުނާށެވެ.

އޭނާ ކަންފަތުގައި މަސްލަހަތުގެ އިނގިލި އަޅައިގެން ހުރެ ޖާނީއާ ހަމައަށް ހިނގައްޖެއެވެ. އަދި ބާދްޝާގެ އަތުގައި ހިފައިލިއެވެ. "ތިޔަހެން ނުވިސްނާ. އަހަންނަކީ އެހައި ބަލިކަށި މީހަކީމެއް ނޫން. ތަގުދީރަކަށްވެސް އަހަރެމެން ދެމީހުން ވަތްކެއް ނުކުރެވޭނެ." މިހެން ބުނެވުނު އިރު އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.

ބާދްޝާ ބުންޏެވެ. "އަނެއްކާ ރޯން ފެށީތަ؟ ހަވީރުއްސުރެ މިހާރު އެތައް ފަހަރަކު ރޮއިފީމެއްނު؟ ބާކީ ރުއިން އެއާޕޯޓަށް ގޮސް ރޯން ބަހައްޓަންވީއެއްނު؟"

ރުޚްސާނާ ކަރުނަ ފޮހެލިއެވެ. "އަހަންނަށް އަލްވަދާއު ކިޔާ ވަގުތު ޖާނީވެސް ރޯނަމެއްނު ދޯ؟"

އެވަގުތު ރުޚްސާނާގެ މަންމަ ކޮޓަރިއަށް ވަދެއްޖެއެވެ. ބާދްޝާ އޭނާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ތިޔަ ދަނީ އަހަރެން ރޯން ޖެހޭ ސަބަބު އަހަންނާ ހަވާލު ކޮށްފައެއްނު؟ ދެން އަހަރެން ހުންނާނީ އަބަދު ރޮއިރޮއި."

"އަހަރެން މި ދަނީ ރީތި ހަނދާންތަކެއް ޖާނީއާ ހަވާލު ކޮށްފައި. އެޔަށް ތިޔަ ކިޔަނީ ރޯން ޖެހޭ ސަބަބޭ. އެކަމަކު ވަރަށް ރީތި ވާހަކައެއް ތިޔަ ބުނީ. ތިޔައީ ކުލީކާރު ދުއްވާ މީހެކޭ ބުނާނީ ކާކު؟"

މަންމަ މޫނު ކުނިކޮށްލިއެވެ. "ދަރިފުޅާ. ބުއްދި އިސްކޮށްބަލަ. މި ސޮރު އެހެން އެ ބުނީ އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނދެ. އެ ބުނަނީ އަހަންނާ ހެދި ރޯން ޖެހޭނެއޭ."

ރުޚްސާނާ އެނބުރި ބަލައިލިއެވެ. އަދި ކޮޅަށް ތެދުވެފައި ބުންޏެވެ. "މަންމާ. ބާދްޝާ ދައްކާ ކޮންމެ ވާހަކައެއް މާ ނުބައިކޮށް މަންމަ މާނަ ކުރަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނުވިސްނޭ. އަހަރެމެން ދެމަފިރިން މި ދައްކަނީ އަމިއްލަ ވާހަކަ. މަންމަ މި ދޭތެރެއަށް ވަނީނު؟"

ޖާނީ ބުންޏެވެ. "ލަންޑަނަށް ދިޔައީމާ މަންމަ ބަލަހައްޓައްޗޭ ރުޚްސާނާ ބުނީމެއްނު؟ ރަނުގެ ގޮތުގައި ލިބުނު އެއްޗެހީގެ ތެރެއިން އަހަންނާ ނުގުޅޭ އެއްޗަކީ ހަމައެކަނި މިއީ."

މަންމަ ބާދްޝާއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. "ދަރިފުޅާ. އެކިޔާ އެއްޗެއް އެބަ އިވޭތަ؟ އަހަރެން މިއީ އެއްޗެއްތަ؟ އަހަރެން އައީ ރަނުގެ ގޮތުގައިތަ؟"

"މަންމާ. ޖާނީ އެހެން ބުނީ ރުޅި އައިސްގެން. ރުޅި އެރުވީ މަންމަ."

މަންމަ އެ ދިޔަ ގޮތަށް ގޮސް ބާދްޝާގެ އުނގުގައި އިން ކާމްރާން ޖަހައިގަންނަ ކަހަލަ ގޮތަކަށް ނަގައިފިއެވެ. "ފިރިމީހާގެ ކުށެއް އޮތް ކަމަކަށް ދަރިފުޅު ދުވަހަކުވެސް ގަބޫލެއް ނުކުރާނެ. އެކަން މަންމައަށް އެނގޭ. އަހަރެން މިއީ ދަރިފުޅުގެ މީހަކީމެއް ނޫން. އަހަރެން މިއީ ދުޝްމިނެއް. ކީއްކުރާނީ؟ މާމަދަރި ދެކެ ވާ ލޯތްބެއްގެ ސަބަބުން ދުރަކުވެސް ނުހުރެވޭ. އެހެން ނޫންނަމަ މި ގެ ހުރި ކޮޅަށް ބޯލައިގެން ނުވެސް ނިދީމުސް."

މަންމަ ކުދި ކިޔަމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ބާދްޝާ ބުންޏެވެ. "ކާމީއަކީ އަހަރެންގެ ދަރިއެއް. އެކަމަކު ޖަހައިގަނެގެން ދިޔަގޮތް ނިކަން ދެކިބަލަ."

"އަހަރެން ޖަހައިނުގަނެ ދޫކޮށްލައިފިއެއްނު؟"

ބާދްޝާ ހިނިތުންވެލިއެވެ. "އެހެން ވެއްޖެއްޔާ އަހަރެންވެސް ރުޚްސާނާ ދުލެއް ނުކުރާނަން."

ދެމީހުން އެކީގައި ބާރަށް ހީނގެންފިއެވެ. އެ ހުނުމުގެ އަޑު ބަދިގެއަށްވެސް އިވެއެވެ. ބަދިގޭގައި ހުރި ފަތްޖެހި އެނދުގައި ފަރީދު އަޙްމަދު އޮށޯވެގެން އޮތެވެ. ރުޚްސާނާގެ މަންމަ ކާމްރާން މަސަލަސް ކުރަން އުޅެމުން އޭނާގެ ފިރިމީހާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "އަހަރެމެންގެ ދަރިފުޅަށް ބާދްޝާ ޖާނީގެ ފުށުން ލިބިގެން އުޅެނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގޭ. އުފަލުން ހޭނވަރު ނިކަން ބަލާބަލަ. އެ ބާދްޝާގެ ކުރިމައްޗަކު އެއްވެސް މީހަކުގެ އަގެއް ނޯވޭ. އަހަރެންވެސް މިއީ ލުއްޗާއެއް ކަމަށް ބަލަނީ."

ފަރީދު އަޙްމަދު ބުންޏެވެ. "އަހަރެން މިއީ ނުލާހިކު ރަނގަޅު އަބުރުވެރި މީހަކީން. ކަލޭގެ ކުރިމަތީގައި އަހަރެންގެ އަގެއް އޮވޭތަ؟"

"އޭތް. އަހަރެންގެ އަނގަ ގޮއްވަން ނޫޅޭ. ކަލޭ ދުވަހަކުވެސް އަހަރެން އުފަލުން ހޭނވަރުގެ ކަމެއް ކުރިންތަ؟"

"ތިޔަ ވާހަކަ ހުއްޓައިލާ އަނބިކަނބުލޭގެޔާ. މުސްކުޅި އުމުރުގައި ލުއްޗާއަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން."

ކާމްރާން ރޯން ފަށައިފިއެވެ. އޭނާ ކާމްރާން ގެންގޮސް ފަރީދު އަޙްމަދުގެ ބަނޑުދޮށުގައި ބާއްވައިފިއެވެ. "އެ ސޮރު މަސަލަސް ކުރެވޭތޯ ބަލައިލަބަލަ. އަހަރެން ކިރުފޮދެއް ހަދައިގެން އަންނާނަން. އެ އުޅެނީ ބަނޑުހައިވެގެން."

ފަރީދު އަޙްމަދު ކާމްރާން ނަގައި މޭމަތީގައި ބާއްވައިގެން ބުރަކަށީގައި ފިރުމާން ފަށައިފިއެވެ. "އަމަޔާ ނުލައި މި ސޮރު އުޅޭނީ ކިހިނެއް؟ ވަރަށް އުނދަގޫ ކުރާނެ."

ރުޚްސާނާގެ މަންމަ ނުރުހުން ވެފައި ބުންޏެވެ. "ކަލޭ އުނދަގޫ ކުރާ ވަރަކަށް ނުކުރާނެ."

ކޮޓަރީގެ ފަނޑު އަލީގެ ތެރޭގައި ރުޚްސާނާ އޮށޯވެގެން އޮތެވެ. ދަރިފުޅު ރޯ އަޑު އޭނާއަށް އިވެއެވެ. އެ އުޅެނީ މަންމަ ގެއްލިގެންނެވެ. މަންމަގެ ފިރުމުމަށް އެދި ރޮނީއެވެ. އަނެއްކޮޅުން ބާދްޝާ އޭނާ ދަމަމުން ގެންދަނީ ފިރިއެއްގެ ލޯބީގެ އެހީގައެވެ. މިރެއަކީ މަޔަކަށާއި އަނތްބަކަށް އޮތް އެންމެ ފަހުގެ ރެއެވެ. ދެން ފެންނާނީ ހައެއްކަ މަސް ދުވަސް ފަހުންނެވެ. މިފަދަ ރެއެއް ދެން އަންނާނީ ކިހައި މުއްދަތެއް ފަހުން ކަމެއް ނޭނގެއެވެ. އޭނާ ބޭނުން ވަނީ އެއް ފަރާތުގައި ބާދްޝާ އަނެއް ފަރާތުގައި ކާމްރާން ބާއްވައިގެން އޮންނާށެވެ. ކަނޑުތައް ހުރަސްކޮށް އެހެން ބައްރަކަށް ދިއުމުގެ ކުރިން އޭނާ ބޭނުން ވަނީ އެ ދެބަފައިންގެ ލޯބީގެ ކަނޑަށް ޣަރަގު ވެގަންނާށެވެ. ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ދޫކޮށްލައިފިނަމަ ބާދްޝާއާ ހަވާލުވާން ގޮނޑުދޮށުގައި ފަރުޒާނާ ހުންނާނެކަން އޭނާއަށް އެނގެއެވެ.

އޭނާ ގެނބެމުންދާ ހިތަކާއެކު އަހައިލިއެވެ. "އަހަރެންގެ ޖާނީ. އަހަރެންގެ މަތީން ހަނދާން ކުރާނަން ދޯ؟"

ބާދްޝާ މަޑުމަޑުން ބުނެލިއެވެ. "ތިޔައީ ކުރާ ކަހަލަ ސުވާލެއްތަ؟"

"އެހެން މީހަކުގެ ފަހަތުން ނުދުވާނަން ދޯ؟"

އެއްޗެއް ނުފެނިގެން ހަނަފަސް ސަހަރާއެއްގެ ތެރޭގައި ހޯދަމުން ދަނިކޮށް ވަރުބަލިވެގެން ވެއްޓިފައިވާ މުސާފިރެއް ކަމުގެ އިހުސާސް ބާދްޝާއަށް ކުރެވުނެވެ. "ރުޚްސާނާ. ތިޔަ ދަނީ އެތައް ހާސް މޭލު ދުރުގައި އޮތް ރަށަކަށް. ރުޚްސާނާގެ ހިތްހަމަ ޖައްސައިދޭން އިރުއިރުކޮޅާ އެ ރަށަށް ދިއުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އެހެންވީމާ ދިއުމުގެ ކުރިން ހިތުގައި އޮތް ޝައްކުކަމެއް މުޅީން ފިލުވައިލާ."

"ކާމީގެ ހައްގުގައި އެއް ފަހަރު ހުވާ ކޮށްފައި ޖާނީ ބުނެލީމާ އަހަރެންގެ ހިތް ހަމަ ޖެހިދާނެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.