ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި މިއަދު ހެނދުނު އެ ގައުމުގެ ގައުމީ ދުވަސް ފާހަގަކޮށްފިއެވެ. ޕާކިސްތާނުގެ ގައުމީ ދުވަހަކީ މާޗް މަހުގެ 23 ވަނަ ދުވަހެވެ. މިއަހަރަކީ ޕާކިސްތާނުގެ މިނިވަންކަމަށް ނުވަތަ އެ ގައުމު އުފެދުނުތާ 75 އަހަރު ފުރޭ އަހަރެވެ.
ހައި ކޮމިޝަނުގައި އޮތް ރަސްމިއްޔާތުގައި ފުރަތަމަ އޮތީ ދިދަ ނެގުމެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިންވެސް ބައިވެރިވިއެވެ.
ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޕާކިސްތާނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިނިން އަޙްމަދެވެ. ޕާކިސްތާނުގެ ރައްޔިތުންނަށާއި ދިވެހިންނަށް މަރުހަބާ ދެންނެވުމަށް ފަހު އޭނާ ވަނީ ޕާކިސްތާނު ދުވަސް ނުވަތަ ގައުމީ ދުވަސް ކަމުގައިވާ 23 މާޗް ގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަހަރަކީ މީގެ 75 އަހަރު ކުރިން އިންޑިއާގެ ހިންދޫންގެ އަނިޔާވެރިކަމުގެ ދަށުން މުސްލިމުން މިނިވަންވެ އަމިއްލަ އިސްލާމީ ގައުމެއް އުފެއްދި އަހަރެވެ. އަދި މިއަދު ޕާކިސްތާނުގެ ގައުމީ ދުވަސް ފާހަގަކޮށް އުފާކުރި ނަމަވެސް އިންޑިއާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިފާފައިވާ ކަޝްމީރުގެ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ހާލުގެ މަތީން ހަނދާން ނައްތައިނުލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލިފުދާލިގެ ގަރާރުތަކަށް ބަލާއިރުވެސް ކަޝްމީރުގެ ރައްޔިތުންނަށް މުސްތަގިއްލުކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށްވެސް ޒުލްޤަރްނައިނިން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) އަޠަރް މުޚްތާރު ވަނީ ޕާކިސްތާނުގެ ބާނީ އަލްމަރްޙޫމް މުޙައްމަދު ޢަލީ ޖިނާޙަށް ހަނދާނުގެ ޖިޒީއެއް ވެދުން ކުރައްވައިފައެވެ. މުޙައްމަދު ޢަލީ ޖިނާޙަކީ އިނގިރޭސިންގެ ދަށުގައި އޮތް އިންޑިއާގެ މުސްލިމުން އެކަތިގަނޑަކަށް ހައްދަވައި އިސްލާމީ ދައުލަތެއް އުފައްދަވަން ޖިހާދު ކުރެއްވި ބޭފުޅެކެވެ. ޕާކިސްތާޏު އުފެދުނީ 14 އޯގަސްޓް 1947 ގައެވެ. މިއަދަކީ ޕާކިސްތާނު އުފެދުނު ހަގީގީ މަގުސަދު ހަނދާން ކުރަން ޖެހޭ ދުވަހެއް ކަމުގައިވެސް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
ހައި ކޮމިޝަނަރު ފާހަގަ ކުރެއްވި ގޮތުގައި އޯއައިސީގެ ޚަރިޖީ ވަޒީރުންގެ ކައުންސިލުގެ 48 ވަނަ ބައްދަލުވުން މި އަހަރު ޕާކިސްތާނުގެ ބޭއްވުމަކީ ގައުމަށް ލިބުނު މަތިވެރި ޝަރަފެކެވެ. މި ބައްދަލުވުން އޮތީ މި މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހުއެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ނުވަތަ އޯއައިސީއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިސްލާމީ ޖަމްޢިއްޔާއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޯވިޑް 19 ގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދަށް ލޮޅުން އެރި ނަމަވެސް މިހާރު އޮތީ އިގްތިސާދު ހަމައަކަށް އެޅުމުގެ މަގުމަތީގައެވެ.
މިހާރުގެ ސަރުކާރުން ޕާކިސްތާނުގެ ތަރައްގީއަށާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތައް އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ދިހަ ބިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި ޕާކުތައް ހެދުމާއި ސިއްހީ އިންޝުއަރަންސް ސްކީމް ފަދަ އެތައް ކަމެއް ފާހަގަ ކުރެއްވިއެވެ.
ހައި ކޮމިޝަނަރު ވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވައިފައެވެ. ދިވެހި ސަރުކާރާއެކު ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި އިޖްތިމާއީ ތަރައްގީގެ ދާއިރާގައި އެއްބާރުލުމާއި އެހީތެރިކަމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.