އައްޑޫ ސިޓީގެ މޭޔަރު ޕާކިސްތާނުގެ ހައި ކޮމިޝަނަރާ ބައްދަލު ކުރައްވައިފި

އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު ދިވެހި ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) އަޠުހަރް މުޚުތާރާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުންނާއި ޕާކިސްތާނު ހައި ކޮމިޝަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިނިން އަޙްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލު ކުރެއްވުމުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މި އަހަރުގެ އޯގަސްޓް މަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީގެ މޭޔަރާއި އޭނާގެ ޓީމުން އަދާކުރެއްވި ޚާއްސަ މެހުމާންދާރީއަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. ހައިމޮކިޝަނަރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ ޕާކިސްތާނު މީހުންގެ "ދެވަނަ ގެ"އެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުން ވަނީ އައްޑޫ ރައްޔިތުންނަށް ބެޑްމިންޓަން ސާމާނު ހަދިޔާ ކޮށްފައެވެ. އޭގެ ތެރޭގައި ނެޓާއި ރެކެޓާއި ބޯޅައާއި ޓީޝާޓް ހިމެނެއެވެ.

އައްޑޫ މޭޔަރު ޢަލީ ނިޒާރު ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށާއި ހައި ކޮމިޝަނަރަށް ޝުކުރު އަދާކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.