ޕުޓިންއަކީ "ހަނގުރާމައިގެ މުޖުރިމެއް": ބައިޑަން

ޔުކްރޭނަށް 800 މިލިއަން ޑޮަރަލުގެ އެހީ ދިނުމުގެ ރިޔާސީ ގަރާރުގައި ރައީސު ޖޯ ބައިޑަން އިއްޔެ ސޮއިކުރައްވަނީ

ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިން އަކީ "ހަނގުރާމައިގެ މުޖުރިމެއް ކަމުގައި އެމެރިކާގެ ރައީސު ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ އިއްޔެ މިހެން ވިދާޅުވިފައި ވަނީ ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައި ހިންގާފައިވާ ބައެއް އަމަލުތައް ދައްކައިދޭ ވީޑިޔޯ މަންޒަރުތަކެއް ބެއްލެވުމަށް ފަހުގައެވެ. އޭނާ މިހެންވިދާޅުވުމާއެކު ރަޝިޔާއިން ވަނީ ހޫނު ރައްދެއް ދީފައެވެ.

މިއީ ރައީސު ޕުޓިން ސިފަކުރައްވަން މިހާ ހަރުކަށި އިބާރާތެއް ބޭނުންކުރެއްވި ފުރަތަމަ ފަހަރެވެ. މި ބަސްފުޅު ވިދާޅުވުމަށް ފަހު، ރައީސު ބައިޑަން ވަނީ ޕުޓިންއަށް އިތުރަށް ފާޑުވިދާޅުވެ ޓުވީޓުވެސް ކުރައްވާފައެވެ. "ޕުޓިން ގެންދަވަަނީ ޔުކްރޭންގެ މައްޗަށް ސުންނާފަތިކުރުމާއި، ބިރުވެރިކަމުގެ ވޭން އިތުރުކުރައްވަމުން. އެޕާޓްމަންޓް އިމާރާތަަކާއި މާބަނޑު އަންެހެނުންގެ ހޮސްޕިޓަލްތަކަށް ބޮން އަޅުއްވަމުން." ބައިޑަންގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރަޝިޔާ ސިފައިން މާރިއުޕޯލްގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި، ބަލިމީހުން ރަހީނުކޮށްފައިވާކަމަށް ބުނާ ޚަބަރުތަކަށް އިޝާރާތްކުރައްވަމުން ރައީސު ބައިޑަން ވިދާޅުވެފައި ވަނީ "އެއީ އަނިޔާވެރި އަމަލުތަކެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ފަހުން ވިދާޅުވިގޮތުގައި ރައީސު ބައިޑަން ފާޅުކުރައްވާފައި ވަނީ އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުއޫރުތަކެވެ. އެއީ "އަނިޔާވެރި ޚުދުމުޚުތާރު ވެރިއެއްގެ އަނިޔާވެރި އަމަލުތައް" ބެއްލެވުމަށް ފަހުގައެވެ.

ރައީސު ބައިޑަންގެ ވާހަކަފުޅުތަކަށް ރަޝިޔާއިން ވަނީ ރުޅިވެރިކަމާއެކު ރައްދުދީފައެވެ.

"އެގައުމެއްގެ ބޮންތަކުން ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ލައްކަ ބަޔަކު މަރުވެފައިވާ ގައުމެއްގެ އެންމެ އިސް ވެރިޔާ (އެފަދަ ވާހަކަފުޅުތަކެއް ދެއްކެވުމަކީ) ބަލައިގަނެވޭނޭ އަދި މާފުކުރެވޭނޭ ކަމެއް ނޫން." ރައީސު ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ.

ރައީސު ބައިޑަންގެ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވާއިރު، އޭނާ އިއްޔެވަނީ ޔުކްރޭނަށް 800 މިިލިއަން ޑޮލަރުގެ ސަލަމާތީ ކަންކަމާބެހޭ އެހީދިނުގެ ގަރާރެއްގައި ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ދުރުރާސްތާގެ ވައިގެ ދިފާއީ ނިޒާމާއި، ޑްރޯން ހިމެނެއެވެ.

ވައިޓް ހައުސްއިން އިއްޔެ ބުނިގޮތުގައި ޔުކްރޭނަށް 800 ސްޓިންގާ އެންޓިއެއާކްރާފްޓް މިސައިލް ސިސްޓަމާއި، 9000 އެންޓިޓޭންކް ރޮކެޓާއި، 7000 ލުއި ހަތިޔާރާއި، 20 މިލިއަން ވަޒަން ދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރަށް 300 ޑްރޯންވެސް އެމެރިކާއިން ޔުކްރޭނަށް ދޭނެއެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައަށް 3 ހަފުތާ ވެފައިވާއިރު، ރަޝިިޔާއިން ދަނީ ޔުކްރޭންގެ ބޮޑެތި ރަށްތައް ހިސާރުކޮށް އެރަށްރަށް ހަމަލާދެމުންނެެވެ. އާއްމުން ރަށްތަކުން ނުކުތުމުގެ ފުރުސަތު ދިން ނަމަވެސް، އެ ރަށްތަކުގެ ތިބި އާއްމުންގެ ތެރޭން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.