ރަޝިޔާއާއި ޔުކްރޭންގެ ޚާރިޖީ ވަޒީރުން ތުރުކީގައި ބައްދަލުކުރައްވަނީ

ޔުކްރޭންގެ ޚާރިޖީ ވަޒީރު ޑްމިޓްރޯ ކުލެބާ (ކ) އަދި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް

ރަޝިޔާގެ ޚާރިޖީ ވަޒީރާއި ޔުކްރޭންގެ ޚާރިޖީ ވަޒީރުން އަންނަ ބުރާސްފަތި ދުވަހު ތުރުކީގެ އަންޓާލިޔާގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މައުލުދް ޖާވުޝްއޮގްލޫ ވިދާޅުވެއްޖެއެވެ. މިއީ ރަޝިޔާއިން ޔުކްރޭނާ ދެކޮަޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ތުރުކީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޖާވުޝްއޮގްލޫ ވިދާޅުވީ މި ބައްދަލުވުން އިންތިޒާމުކުރެވުނީ ތުރުކީން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކަމުގައެވެ.

"ރަޝިިޔާގެ ޚާރިޖީ ވަޒީރު ލަވްރޯވްއާއި ޔުކްރޭންގެ ޚާރިޖީ ވަޒީރު ކުލެބާ މާރިޗު މަހުގެ 10 ވާ ބުރާސްފަތި ދުވަހު އަންޓާލިޔާގައި ބައްދަލުކުރައްވާނެ." ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި އަންޓާލިޔާގައި މިހާރު ކުރިއަށްދާ ޑިޕްލޮމަސީ ފޯރަމްގެ ހަވާސާގައި ބާއްވާ މި ބައްދަލުވުމަކީ ތިން ފަރާތުން ބައިވެރިވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަކީ "ހާލަތު ބަދަލުކޮށްލާނެ" ބައްދަލުވުމަކަށް ވާނެކަމަށާއި، ބައްދަލުވުމުގެ ސަބަބުން "ސުލްހައާއި ހަމަޖެހުމުގެ މަގުގައި މުހިއްމު ފިޔަވަޅެއް އެޅިގެންދާނެ" ކަމަށް އުއްމީދުކުރައްވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ "ދެމެހެއްޓެނިވި ސުލްހައަކަށްޓަކައި ތުރުކީން ކުރާ މަސައްކަތް" ކުރިއަށް ގެންދާނެ ކަމުގައެވެ.

ރަަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވަނީ މިބައްދަލުވުން ހަމަޖެހިިވާކަން ޔަގީންކޮށްދެއްވާފައެވެ. އަދި ޔުކްރޭން ޚާރިޖީ ވަޒީރު ވިދާޅުވީ ލަވްރޯވްއާ ބައްދަލުކުރުމަކީ މާނައެއްހުރި ކަމެއް ކަމުގައިވާނަމަ އޭނާ އެކަމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.

ތުރުކީ މެދުވެރިއެއްގެ ގޮތުގައި ބައިވެރިވާ ގޮތަށް ރަޝިޔާއާއީ ޔްކްރޭންގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަން ހަަމަޖެހުނުއިރު، ހުޅަނގު ބެލާރޫސްގައި ޕޮލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާއާއި ޔުކްރޭނާ ދެމެދު ބޭއްވި ސުލްހައިގެ ވާހަކަތަކުގެ ތިންވަނަ ބުރުންވެސް ލިބިފައި ވަނީ ކުޑަ ކުރިއެރުމެކެެވެ.

ހަނގުރާމަ ހުއްޓައި ސުލްހަ ގާއިމުކުރުމަށް ތަފާތު މަސައްކަތްތައް ކުރެވުމުން ދާއިރު، ރަޝިޔާއިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ބޮޑެތި ޝަރުޠުތަކެއް ހުށަހަޅާފައެވެ. އަދި ހަނގުރާމަ ހުއްޓާނީ ޔުކްރޭނުން އެ ޝަރުޠުތައް ގަބޫލުކުރުމުން ކަމަށް ބުނެފައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި ރަޝިޔާ ބޭނުންވާ ގޮތަށް ޔުކްރޭންގެ ގާނޫނު އަސާސީ ބަދަލުކުރުމާއި، ކްރައިމިޔާއަކީ ރަޝިޔާގެ ސަރަހައްދެއްކަން ގަބޫލުކުުރުމާއި، ޔުކްރޭންގެ އިރުމަތީގައި މިނިވަންކަން އިއުލާންކޮށްފަައިވާ ޑޮނެޓްސްކް އަަދި ލޮހާންސްކްއަކީ މިނިވަން ދެ ގައުމު ކަމަށް ގަބޫލުރުމާއި، ނޭޓޯ ފަދަ އަސްކަރީ ހިއްތިހާދެއްގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ދިނުމާއި، ރަޝިޔާއަށް ނުރައްކާވާފަދަ ހަތިޔާރު ނެތް ގައުމަކަށް ޔުކްރޭން ހެދުން ހިމެނެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.