'ގަނޑުކޮށްފައިވާ' އަފްޣާން ފައިސާގެ ތެރޭން 1 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭނުންކުރުމަށް ވާލްޑްް ބޭންކުން ނިިންމައިފި

ކާބުލްގެ ބޭންކެއް ކައިރީގައި ބަޔަކު ކިޔުގައި

'ގަނޑުކޮށްފައި' ހުރި އަފްޣާން ފަންޑުގެ ފައިސާގެ ތެރޭން 1 ބިލިއަން ޑޮލަރު އަފްޣާން މީހުންނަށް އެހީގެ ގޮތުގައި ދިނުމަށް އެ ބޭންކުގެ ގަވަނިންގ ބޯޑުން ނިންމައިފިއެވެ.

ބޭންކުން ބުނިގޮތުގައި މި ފައިސާ ބޭނުންކުރާނީ ތައުލީމާއި، ދަނޑުވެރިކަމާއި، ސިއްހަތުގެ ދާއިރާތަކަށް އަަވަސް ގޮތަކަށް ބޭނުންވެފައިވާ ފައިސާ ފޯރުކޮށްދިނުމަށެވެ.

މި ފައިސާގެ ހެރީ ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތުން، އެކަން ކުރާނީ ބައިނަލްއަގުވާމީ ގޮތުން ބަލައިނުގަންނަ ޠާލިބާން ސަރުކާރު މެދުވެރިނުކޮށް، އދ. ގެ އިދާރާތަކާއި، ބައިނަލްއަގުވާމީ އެހީދޭ ޖަމްއިއްޔާތައް މެދުވެރިކޮށެވެ. އަދި ވާލްޑް ބޭންކުން ދެކޭގޮތުގައި، މި ފައިސާގެ އެހީގެ ސަބަބުން އަފްޣާން މީހުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގުތިސާދީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެއެވެ.

މި ޕްލޭންގެ މަގުސަދަކީ "ކޮންމެހެން ބޭނުންޖެހިފައިވާ އަސާސީ ޚިދުމަތްތައް ދިނުމާއި، ނުރައްކަލަށް ހުށަހެޅިފައިވާ އަފްޣާން މީހުންނަށް ރައްކާތެރިކަން ދިނުމާއި، މުހިއްމު އިގުތިސާދީ، އިޖުތިމާއީ ޚިދުމަތްތައް ދެމެހެއްޓުމަށް އެހީތެރިިވުމާއި، މުސްތަގުބަލުގައި އިންސާނީ އެހީއަށް ބޭނުންޖެހޭ މިންވަރު ކުޑަކުރުން." ކަމުގައި ވާލްޑް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަފްޣާނިސްތާނު އަލުން ބިނާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން ފަންޑް (އޭއާރްޓީއެފް) ވަނީ ފާއިިތުވި އޮގަސްޓު މަހު ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ވެރިކަން އަތުލައި، 20 އަހަރު ވަންދެން އެގައުމުގައި ތިިބި އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިން ފޭބުމާއެކު ގަނޑުކޮށްފައެވެ.

އަފްޣާން ސަރުކާރުގެ ޚަރަދުގެ %70 އޭގެ މައްޗަަށް ބިނާވެފައި އޮތް ބޭރުގައުމުގެ މާލީ އެހީ މެދުކަނޑާލާފައި ވާއިރު، އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ 9 ބިލިއަން ޑޮލަރު ހިފަހައްޓާފައެވެ. ފައިސާގެ އެހީ މެދުކަނޑާލުމާ، މަރުކަޒީ ބޭންކުގެ ފައިސާ ހިފެހެއްޓުމުގެ ސަބަބުން އަފްޣާނިސްތާނުގެ އިގުތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވާއިރު، އދ.ން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 39 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ ބަނޑަށް ޖެހުމުގެ މަގުމަތީގައެެވެ.

ވާލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ޓްރަސްޓް ފަންޑަށް އެހީދިން ގައުމުތަކުން ކަނޑައަޅާ 600 މިިލިއަން ޑޮލަރުގެ 4 މަޝްރޫއެއް ފުރަތަމަ ފަށަން ވަނީ ނިންމާފައެވެ. އެއީ، ތައުލީމީ، އަދި ސިއްހީ ދާއިރާގެ އިތުރަށް، ދަނޑުވެރިކަމާއި، އާއިިލާތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް ހިންގޭ މަޝްރުއުތަކެކެެވެ. މިއެހީން އަންހެނުންނަށާއި، އަންހެން ކުދިންނަށް ފައިދާވާ ގޮތް ހެދުމަށް އިސްކަންދޭނެ ކަމަަށްވެސް ވާލްޑް ބޭންކުން ބުނެފައި ވެއެވެ.

ޠާލިބާން ވެރިކަމަށް އައުމާއެކު ގްރޭޑް 7 އަށްވުރެ މައްޗަށް އަންހެން ދަރިވަރުން ކިޔެވުމާއި، އަންހެނުން ވަޒީފާތަކަށް ނުކުތުން އެގައުމުގެ ގިނަ ސަރަހައްދުތަކުގައި ވަނީ މަނާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.