ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ވަށާލައިފިއެވެ. އެ ޖަމާއަތުން ވަނީ ހަނގުރާމަކޮށް ލޭ އޮހޮރުވައިގެން ކާބުލް ހިފަން ބޭނުންނުވާ ކަމުގައެވެ.
އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި ޠާލިބާން މަންދޫބުން ދަނީ ރިޔާސީ ގަނޑުވަރުގައި އަފްޣާން ސަރުކާރުގެ މަންދޫބުންނާއެކު، ވެރިރަށް ސުލްހަވެރިކަމާއެކު ހަވާލުކުރުމާ ބެހޭ ވާހަކަތައް ދައްކަމުންނެވެ.
ޠާލިބާންގެ ތަރުޖަމާނު ހާމަކުރި ގޮތުގައި ހަނގުރާމަވެރިންގެ ތެރެއިން ކާބުލްއަށް ވަން ބަޔަކު ފަހަތަށް ޖެހުމަށް ވަނީ އަންގާފައެވެ. އަދި ސަރުކާރާ މަޝްވަރާކޮށް ސުލްހަވެރިގޮތުގައި ކާބުލް ހަވާލުކުރުމުން ނޫނީ ރަށަށް އެރުމުގެ ވިސްނުމެއް އެ ޖަމާއަތުގެ ނެތެވެ.
"އަހަރުމެންގެ ވެރިން ވަނީ އަހަރުމެންގެ ބާރުތައް ކާބުލްގެ ދޮރާށި ދޮށުގައި ތިބުމަށާއި ރަށަށް ނުވަނުމަށް އަންގާފައި. އަހަރުމެން މިިތިބީ ސުލްހަވެރި ގޮތުގައި ވެރިކަން ބަދަލުކުރުމުގެ އިންތިޒާރުގައި." ތަރުޖަމާނު ސުހައިލް ޝާހީން ބުނެފައި ވެއެވެ.
އިންޓީރިޔާ މިނިސްޓްރީން ކުރިން ބުނެފައި ވާގޮތުގައި ހަނގުރާމަވެރި ދަނީ ހުރިހާ ފަރާތަކުން ކާބުލްއަށް ވަންނަމުންނެވެ. ޠާލިބާން ޖަމާއަތާ އަފްޣާން ސަރުކާރާ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން ސުލްހައިގެ ވާހަކަތައް އެރަށެގައި ކުރިއަށް ދިޔަ ދޯހާގައި ހުރި ޠާލިބާންގެ އިސްވެރިއަކު މައުލޫމާތު ދިންގޮތުގައި އެޖަމާއަތުގެ ހަނގުރާމަވެރިން އަންގާފައިވަނީ ހަރުކަށިކަން އިސްނުކުރުމަށާއި އަނިޔާވެރި އަމަލު ނުހިންގުމަށެެވެ. އަދި ކާބުލް ދޫކުށް ދާން ބޭނުން ބަޔަށް އެކަމުގެ ފުރުސަތު ދިނުމަށެވެ.
ޠާލިބާން ޖަމާއަތުން ބުނި ގޮތުގައި ލޭ އޮހޮރުވުމަކާއި ނުލައި ކާބުލް އެޖަަމާއަތާއި ހަވާލުކޮށް އަމާންދިނުމަށް މިހާރު ދަނީ އަފްޣާން ސަރުކާރާއި ވާހަކަދައްކަމުންނެވެ.
"އަހަރުމެން ބޭނުމެއް ނޫން ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަނގުރާމަކޮށްގެން ވެރިރަށަށް ވަންނާކަށް. އަހަރުމުން އިސްކަންދޭނީ ސުލްހަވެރިކަމާއެކު ވަނުމަށް." ބަޔާނުގައި ވެއެވެ.
ޠާލިބާންގެ ފަރާތުން ވާހަކަދެއްކި މީހަކު ޖަރުމަނުގެ ޚަބަރު ފަތުރާ އެޖެންސީއަށް މައުލޫމާތުދެމުން ބުނީ ކާބުލްއާ ބެހޭގޮތުން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
"ރައްޔިތުންނަށް ޔަގީންކަން ދޭން އަހަރުމެން ބޭނުންވަނީ ކާބުލް ހަނގުރާމައިގެ ހާލަތުގައި އޮންނަން އަހަރުމެން ބޭނުން ނުވާކަން." އޭނާ ބުނެފައި ވެއެވެ. އަދި ވިޔަފާރިވެރިންނާއި ބޭންކްތަކުގެ މުއްދާ ރައްކާތެރިކުރާނެ ކަމުުގެ ޔަގީންވެސް އެ ޖަމާއަތު ޓުވިޓާގައި ވަނީ ދީފައެވެ.
ރިޔާސީ އަޝްރަފް ޣަނީގެ ޗީފް އޮފް ސްޓާފް ވަނީ ކާބުލްގެ ރައްޔިތުން ކަންބޮޑުނުވެ ހިމޭނުން ތިބުމަށާއި، "މައްސަލައެއް ނެތް" ކަމަށާއި "ހުރިހާ ކަމެއްވެސް ވަނީ ކޮންޓުރޯލުކުރެވިފައި" ކަމަށް ވިދާޅުވެ ޓުވީޓުކުރައްވާފައެވެ.
ކުރިން ރެކޯޑުކޮށްފައިވާ ޚިޠާބެއް އިއްޔެ ހަވީރު އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިވުނު ފަހު، ރައީސު އަޝްރަފް ޣަނީގެ އެއްވެސް ޚަބަރެއް ނުވެއެވެ.
ކާބުލް ވަށާލުމުގެ ކުރިން ޠާލިބާން ހަނގުރާމަވެރިން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖަލާލްއާބާދާއި މަޒާރެޝަރީފް ހިފާފައެވެ. މަޒާރެޝަރީފަކީ މަޝްހޫރު ކޮމާންޑަރު ޢަބްދުއްރަޝީދް ދޯސްތަމްގެ މައި މަރުކަޒެވެ. ޚަބަރު ލިބޭގޮތުގައި އޭނާ މިހާރު ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އުޒްބަކިސްތާނަށް ވަދެފައެވެ.