ޠާލިބާނުންގެ ހަމަލާއެއްގައި އަފްޣާން ސިފައިންގެ 30 މީހުން މަރާލައި އަސްކަރީ މަރުކަޒެއް ހިފައިފި

ޠާލިބާން ހަނގުރާމަވެރިން އަފްޣާނު ސިފައިންގެ މަރުކަޒަކަށް ހަމަލާދީ ސިފައިންގެ 30 މީހުން މަރާލައި އެ މަރުކަޒު ހިފައިފިއެވެ.

ބަދްޣީސް ޕްރޮވިންސުގެ ގަވަރުނަރު ޢަބްދުލް ޣަފޫރު މަލިކްޒާއީ ވިދާޅުވި ގޮތުގައި މިއަދުގެ ފަތިހުގެ ވަގުތެއްގައި ޠާލިބާން ހަނގުރާމަވެރިން، ސިފައިންގެ ދެ ޗެކްޕޯސްޓަކަށް ހަމަލާދީފައި ވެއެވެ. އަދި ޕްރޮވިންސް ކައުންސިލްގެ ރައީސު ޢަބްދުލް ޢަޒީޒު ބެކް ވިދާޅުވިގޮތުގައި، ޠާލިބާނުން ވަނީ ބާލާ މުރްޣަބް ޑިސްޓްރިކްޓްގެ ސިފައިންގެ މަރުކަޒަށް އެ ވަގުތު ހަމަލާދީފައެވެ.

"ގިނަ އަދަދެއްގެ ޠާލިބާން ހަނގުރާމަވެރިން ހުރިހާ ދިމާލަކުން އައީ. އެތައް ގަޑިއިރެއްގެ ހަނގުުރާމައަށް ޠާލިބާން ހަނގުރާމަވެރިން ވަނީ އަފްޣާން ސަލާމަތީ ބާރުގެ 30 މީހުން މަރާލައި އެ މަރުކަޒު ހިފާފަައި." އޭނާ ވިދާޅުވިއެވެ.  

އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ އިއުލާންކުރެއްވި ސުލްހަ ސަރުކާރުން ދެމެހެއްޓި ނަމަވެސް، ފިޠުރު އީދާ ދިމާކޮށް ޠާލިބާނުން އަމިއްލަ އަށް އިއުލާންކުރި 3 ދުވަހުގެ ސުލްހަ އާދީއްތަ ދުވަހު ނިމުމާއެކު ޠާލިބާނުން އެމީހުންގެ ހަމަލާތައް ފަަށައި އަފްޣާނު ސިފައިންނަށް ހަމަލާދޭން މިވަނީ ފަށާފައެވެ. މިއާއެކު އަފްޣާނިސްތާނަށް ދެމެހެއްޓެނިވި ސުލްހައެއް ގެނެވިދާނެ ކަމަށް ކުރެވެނު އުއްމީދު ހާސިލުވުމުގެ ފުރުސަތު އަނެއްކާވެސް ގެއްލުނީއެވެ.

ޢަބްދުލް ޢަޒީޒު ބެކް އިތުރަށް ވިދާޅުވި ގޮތުގައި އެ ޕްރޮވިންސުގެ އެކި ހިސާބުތަކުގައި ބަދަލުކުރެވުނު ހަމަލާތަކުގައި ޠާލިބާންގެ 15 ހަނގުރާމަވެރިން މަރުވެފައި ވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސުލްހަ ދެމިއޮތް ތިން ދުވަހު ޠާލިބާނުން ވަނީ ރަނގަޅަށް ހަމަލާއަށް ތައްޔާރުުވެ އެ ސަރަހައްދާ ބެހޭ ގިނަ މައުލޫމާތުތަކެއް އެއްކޮށްފައެވެ.

ޠާލިބާނުން ބުނި ގޮތުގައި ހަމަލާތައް ބަދަލުކުރުން އަދިވެސް ދަނީ ކުރިއަށެވެ. އަދި ސަރުކާރު ސިފައިންގެ "އެތައް ބަަޔަކު" ވަނީ މަރާލެވިފައެވެ.

ރައީސު އަޝްރަފު ޣަނީ އިއުލާންކުރެއްވި ސުލްހައާއެކު ޠާލިބާނުންގެ އެތައް ބަޔަކު ވަނީ ސަރުކާރުގެ ކޮންޓުރޯލުގައިވާ ސަރަހައްދުތަކަށް ވަދެ އެސަރަހައްދުތަކުގެ މީހުންނާއެކު ޢީދުގެ އުފަލުގައި ބައިވެރިވެފައެވެ.

މިކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ އޭގެ ސަބަބުން ސަރުކާރުގެ ސަރަހައްދުތަކުގެ މައުލޫމާތު ހޯދައި އެއްކުރުމުގެ ފުރުސަތު ޠާލިބާނުންނަށް ލިބިގެން ދިޔަކަމުގައެވެ. "އޭގެ ނަތީޖާ ވަރަށް ގެއްލުން ބޮޑު ގޮތަކަށް އަތުވެދާނެ" ކަމުގައި ކާބުުލްގައި ހުންނަ ހުޅަނގުގެ ޑިޕްލޮމޭޓަކުވެސް ބުނެފައި ވެއެވެ.

2001 ވަނަ އަހަރު ކާބުލްގައި އޮތް ޠާލިބާން ސަރުކާރު ވައްޓާލައި، އެމީހުން ކާބުލުން ބޭރުކުރި ފަހުން ޠާލިބާނުން ދަނީ އެމެރިކާއާއި، ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށާއި،  އަފްޣާނިސްތާނު ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރަމުންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.