އދ. ސުލްހައިގެ މަޝްރޫއު ކާމިޔާބުނުވެ، ލީބިޔާގައި އަނެއްކާވެސް ދެ ބޮޑުވަޒީރުން

ލީބިޔާގެ އިރުމަތީގައި ގާއިމުވެފައި އޮތް ގާނޫނުހަދާ މަޖިލީހުން ބޮޑުވަޒީރުކަމަށް އައްޔަންކުރި ފަތުޙީ ބާޝާާޣާ

ލީިބިޔާގެ އިރުމަތީގެ ރަށެއްކަމުގައިވަ ޠުބްރުޤުގައި އޮންނަ ލީބިޔާގެ ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓެޓިވްޒް އެ ގައުމުގެ ބޮޑުވަޒީރުކަމަށް އާ ބޭފުޅަކު އައްޔަންކޮށްފިއެވެ. މި ފިޔަވަޅުގެ ސަބަބުން ލީބިޔާގައި ސުލްހަ ގާއިމުކޮށް، ގައުމު އެއްބައިވަންތަކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން އެކުލަވާލައި ތަންފީޒުކުރުމަށް މަސައްކަތްކުރަމުން އައި ސުލްހައިގެ މަޝްރޫއު ހުއްޓުމަކަށް އައިސް ގައުމުގައި އަނެއްކާވެސް ވާދަވެރި ދެ ސަރުކާރު އުފެދުމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން މި ފިޔަވަޅު އެޅީ އދ. ގެ ބެލުމުގެ ދަށުން އެކުލަަަަވައިލި އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލްޙަމީދު ދުބައިބާއަށް ފާއިތުވި ޑިސެންބަރު މަހު އިންތިޚާބު ނުބޭއްވެވުމުންެނެވެ. އދ. ގެ ސުލްހައިގެ މަޝްރޫއުގައި ކަނޑައަޅާފައި އޮތީ ޑިސެންބަރު މަހު އާއްމު އިންތިޚާބާއި ސިޔާސީ އިންތިޚާބު ބޭއްވުމަށެވެ.

ގާނޫނުހަދާ މަޖިލީހުގެ ތަރުޖަމާނު ވިދާޅުވީ އިއްޔެ އެ މަޖިލީހުގައި ލީ ވޯޓުގައި ކުރީގެ ދާޚިލީ ވަޒީރު ފަތުޙީ ބާޝާޣާ ބޮޑުވަޒީރުކަމަށް އައްޔަންކުރުމަށް ފާސްކޮށްފައިވާ ކަމުގައެވެ. އޭނާ މިމަގާމަށް ހޮވިވަޑައިގަތީ އެއްވެސް ވާދަވެރިއަކު ނެތިއެވެ.

އެހެންނަމަވެސް، ޓްރިޕޮލީސް (ޠަރާބުލުސް) ގައި ގާއިމުވެފައި އޮތް އެއްބައިވަންތަކަމުގެ ސަަރުކާރު، ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް(ޖީއެންއޭ) ގެ ބޮޑުވަޒީރު ދުބައިބާ ވިދާޅުވީ އޭނާ އިސްތިއުފާ ނުދެއްވާނެ ކަމުގައެވެ. އަދި އިންތިޚާބަކުން ހޮވޭ ސަރުކާރަކާ ނޫނީ ވެރިކަން ހަވާލުނުކުރައްވާނެ ކަމުގައެވެ. މިއާއެކު، 2014 ވަނަ އަހަރު ވީ ގޮތަށް އަނެއްކާވެސް ގައުމުގައި ވާދަވެރި ދެ ސަރުކާރު އުފެދުމުގެ ބިރު މިހާރު މިވަނީ ބޮޑުވެފައެވެ.

އދ. ގެ އިސްނެގުުމުގެ މަތިން ބޭއްވި ސުލްހައިގެ މަޝްވަރާތަކަށް ފަހު ފާއިތުވި އަަހަރު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަންދެން ޠުބްރުޤާއި އޮތް އިރުމަތީ ލީބިޔާގެ ސަރުކާރާއި، ޓްރިޕޮލީގައި އޮތް ހުޅަނގު ލީބިޔާގެ ސަރުކާރު އައީ ވަކި ދެ ސަރުކާރުގެ ގޮތުގައި މަސަައްކަތްކުރަމުންނެވެ. ދެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ ލަޝްކަރުތައް އޮތްއިރު، ދެ ސަރުކާރަށް ތާއީދުކުރާ ގައުމުތައްވެސް ތިއްބެވެ. އެެހެންނަމަވެސް، އދ. ން ލީބިޔާގެ ގާނޫނީ ސަރުކާރެއް ކަމުގައި ބަލައިގެންފައި ވަނީ ޓްރިޕޮލީގައި އޮތް ޖީއެންއޭގެ ސަރުކާރެވެ.

އިތުމަތީގައި އޮތް ގާނޫނުހަދާ މަޖިލީހުން އައްޔަންކުރި ބޮޑުވަޒީރު ދުބައިބާ ނިންމަވާފައި ވަނީ ހުޅަނގުގެ ޓްރިޕޮލީއަށް ވަޑައިގެން އެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށެވެ. ދެ ބޮޑުވަޒީރުންގެ މައްސަލަ ސުލްހަވެރި ގޮތެއްގައި ނިމޭކަން ނުވަތަ ނޫންކަން އެނގޭނީ މިދަތުރުފުޅުގެ ނުކުންނަ ނަތީޖާއަކުންނެވެ.

ޠުބްރުޤުގެ ގާނޫނުހަދާ މަޖިލީހުން އައްޔަންކުރި ކަމުގައި ވިޔަސް، ބާޝާޣާއަކީ ހުޅަނގު ލީބިޔާގެ ނުފޫޒުގަދަ ބޭފުޅަކަށްވެފައި އޭނާއަށް ހުޅަނގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތާއީދުވެސް އެބައޮތެެވެ. އަދި ޓްރިޕޮލީން ކޮންޓްރޯލްކުރާ ހަނގުރާމަވެރިންގެ ތެރޭގައި އޭނާއަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި، ބޮޑުވަޒީރު ދުބައިބާއަށް ތާއީދުކުރާ ހަނގުރާމަވެރިން ހިމެނެއެވެ. އެހެންކަމުން، މި ދެބޭފުޅުންގެ ދެބަސްވުން ދިގުލައިގެން ގޮސްފިނަަމަ ޓްރިޕޮލީގައި އެއްބަަަޔަކު އަނެއް ބަޔަކަށް ހަމަލާދޭން ފެށުމަކީ ދުރުކަމެއް ނޫނެވެ.

އދ. ގެ ތަރުޖަމާނު ސްޓެފެނީ ޑުޖަރިކް ވިދާޅުވިގޮތުގައި އދ. އަދިވެސް ތާއީދުކުރަނީ ޓްރިޕޮލީގައި ގާއިމުވެފައިއޮތް ބޮޑުވަޒީރު ޢަބްދުލްޙަމީދު ދުބައިބާގެ ސަރުކާރަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.