ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ގައްޒާފީގެ ދަރިކަލުން ނިންމަވައިފި

ލީބިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ސައިފުލް އިސްލާމް ގައްޒާފީ (ފަގުޑި އަޅުއްވައިގެެން) އިލެކްޝަންސް ކޮމިޝަނަށް ލިޔުންތައް ހުށަހަޅުއްވަނީ

އަންނަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ލީބިޔާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެ ގައުމުގެ ކުރީގެ ލީޑަރު ކާނަލް މުޙައްމަރުލް ގައްޒާފީ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ރަޖިސްޓަރީކުރައްވައިފި ކަމުގައި އެ ގައުމުގެ ހައި ނޭޝަނަލް އިލެކްޝަންސް ކޮމިޝަން (އެންއެންއީސީ) އިން ހާމަކޮށްފިއެވެ.

ލީބިޔާގައި އެންމެ ފުރަަަަތަމަ ބާއްވާ ރިޔާސީ އިންތިޚާބަކީ 2011 ވަނަ އަހަރު ކާނަލް ގައްޒާފީގެ 32 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައިފަހުން ލީބިޔާގައި އޮތް ބައިބައިވުން ނިމުމަކަށް ގެންނަން ފާއިތުވި އަހަރު އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ފެށި މަސައްކަތުގެ ފަހު މަރުހަލާއެވެ.

ރިޔާސީ އިންތިިޚާބުގައި ވާދަކުރައްވަން ސައިފުލް އިސްލާމް ނިންމެވިއިރު، 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވައްޓާލަން ނުކުތް މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލު ހިންގުމުގެ ކުށުގައި ބައިލަން އަގުވާމީ ޖިނާއީ ކޯޓު (އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް- އައިސީސީ) އަށް ހާޒިރުކުރަން ބޭނުންވެފައިވާ ބޭފުޅެކެވެ. އެޗްއެންއީސީން މިއަދުނެރުނު ބަޔާނެއްގައި ވާގޮތުން ސައިފުލް އިސްލާމް ކުރިމަތިލެއްވުމަށް ލިޔުންތައް ހުށަހެޅުއްވީ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގެ ދެކުނުން 650 ކިލޯމީޓަރު ދުރުގައި އޮންނަ ސަބްހާގައެވެ.

ސައިފުލް އިސްލާމަކީ ލީބިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ އެންމެ މަޝްހޫރު އެއް ބޭފުޅާއެވެ. އޭނާގެ އިތުރުން ދެން ކުރިމަތިލައްވާ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައިި ކުރީގެ ޖެނެރަލް އަދި ހަނގުރާމަވެރި ކޮމާންޑަރު ޖެނެރަލް ޚަލީފާ ޙަފްތަރު، ބޮޑުވަަޒީރު ޢަބްދުލްޙަމީދު އައްދުބައިބާ އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސު ޢަޤީލާ ޞާލިޙު ހިމެނިވަޑައިގަންނަަވައެވެ.

އަނެއްކޮޅުން ލީބިޔާގެ މިލިޓަރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސައިފުލް އިސްލާމް ގައްޒާފީއާއި ޚަަލީފާ ޙަފްތަރު ކެންޑިޑޭޓުންގެ ގޮތުގައި ގަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ. އެ އޮފީހުން ބުނިގޮތުގައި އެގޮތަށް އެދުނީ އެ ދެބޭފުޅުންނާއި ދެކޮޅަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށް ދާތީއެވެ.

ޑިސެންބަރު 24 ގައި ރިޔާސީ އިންތިޚާބު ބާއްވަން ނިންމައި، އެކަމުގެ ތައްޔާރީތައް ކުރިއަށް ދާއިރު، އިންތިޚާބު އޮމާންކަމާއެކު ބޭއްވިދާނެ ކަމާމެދު އަދިވެސް ޔަގީންކަމެއް ނެތެވެ. ވާދަވެރި ފަރާތްތަކުން ބައެއް ކަންކަމަށް އެއްބަސްވެފައި ނުވާތީއެެވެ. މި މައްސަލަތައް ހައްލުކުރުމަށް އދ.ން އިންތިޒާމުކޮށްގެން ބާއްވާ މަތީފެންވަރުގެ ބައްދަލުވުމެއް ފްރާންސުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށް އެބަދެއެވެ.

2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން ލީބިޔާގައި ވެރިކަން ކުރަމުން ދަނީ ވާދަވެރި ދެ ސަރުކާރަކުންނެވެ. ލީބިޔާގެ އިރުމަތީގައި އަދި ހުޅަނގުގައި ވެރިކަންކުރާ ވާދަވެރި ދެ ސަރުކާރަށް ދުނިޔޭގެ ތަފާތު ގައުމުތަކުން އަސްކަރީ އަދި މާލީ އެހީވަމުންދާތީ ފާއިތުވި 10 އަހަރުގެ ތެރޭގައި މައްސަލަ ހައްލުކުރަން ކުރެވުނު ގިނަ މަސައްކަތްތަކެއް ވާނީ ނާކާމިޔާބުވެފައެވެ. އެހެންނަމަވެސް، ފާއިތުވި އަހަރު އދ.ން ފެށި ސުލްހައިގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުން ލީބިޔާ އެއްބައިވަންތަކުރެވިދާނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.