އެެމެރިކާއަށް އެތެރެވުމަށް އެދިފައިވާ އަފްޣާން 28 ހާސް މީހުންގެ ތެރޭން އަދި ހުއްދަދިނީ އެންމެ 100 މީހުންނަށް

އަފްޣާން ރެފިއުޖިއަކާއި އޭނާގެ ދަރިފުޅު އެމެރިކާގެ ޑަލަސް އެއާޕޯޓުގައި

ޠާލިބާން ޖަމާައަތުން ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަން އަތުލުމާގުޅިގެން އެގައުމު ދޫކޮށް ދިޔަ މީހުންގެ ތެރޭން އިންސާނީ ސަބަބުތަކަށްޓަކައި އެމެރިކާއަށް އެތެރެވުމަށް އެދުނު 28 ހާސް މީހުންގެ ތެރޭން އަދި ހުއްދަދީފައި ވަނީ އެންމެ 100 މީހުންނަށް ކަމުގައި އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

އެމެރިކާއަށް އެތެރެވުމަށް އެދޭ މީހުން މީގެ ކުރިން ވަރަށް މަދުން ނޫނީ ބޭނުންކޮށްފައި ނުވާ 'ހިއުމަނިޓޭރިއަލް ޕެރޯލް' ޕްރޮގްރާމް މެދުވެރިކޮށް އެތައް ހާސް ބަޔަކު އެއްފަހަރާ އެމެރިކާއަށް އެތެރެވާން އެދުމުން ޔޫއެސް ސިޓިޒެންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސް (ޔޫއެސްސީއައިއެސް) އަށް ވަނީ އެޕްލިކޭޝަންތައް ފުނިޖެހި ޕްރޮސެސް ނުކުރެވުމުގެ މައްސަލަ ކުރިމަތިވެފައެވެ. އެ އިދާރާއިން ބުނި ގޮތުގަައި އިތުރު މުވައްޒަފުން ހޯދައިގެން މަސައްކަތް ހަލުވިކުރުމަށް ދަނީ މަސައްކަތްކުރަމުންނެެވެ.

އަފްޣާން އާއިލާތަކާއި، އެމެރިކާއަށް ހިޖުރަކޮށްފައި ތިބި މީހުންގެ ތެރޭން އެމީހުންނަށް އެހިތެރިވާ މީހުން ބުނާ ގޮތުގައި އެޕްލިކޭޝަންތައް ޕްރޮސެސްކުރުން ލަސްވުމަކީ އެކަކަށް އެދިފައި ތިބި މީހުންނަށް ނުރައްކާތައް ކުރިމަތިވެދާނެ ކަމެކެވެ. އެއީ އަފްޣާން މީހުންގެ ތެރޭން ހުޅަނގަށް ތާއީދުކުރާކަން އެނގޭ މީހުންނާ ދެކޮޅަށް ޠާލިބާނުން ފިޔަވަޅު އަޅާފާނެތީއެވެ.

އެޕްލިކޭޝަން ފޯމުތައް ޕްރޮސެސްކުރުން އެތައް ދުވަހަކަށް ދިގުލައިގެން ދާއިރު، އެކަމަށް އެދުނު މީހުން ވަނީ އެތައް ލައްކަ ޑޮލަރު އެކަމަށް ދައްކާފައެވެ. ކޮންމެ ފޯމަކާ އެކު 575 ޑޮަލަރު ދައްކަން ޖެހޭއިރު، ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި އަފްޣާން މީހުން އަތުން އެކަނި ޔޫއެސްސިއައިއެސްއަށް 11.5 މިލިއަން ޑޮަލަރު ލިބިފައިވާނެ ކަަމަށް ލަފާކުރެވެއެވެ.

ޔޫއެސްސީއައިއެސްގެ ފަަރާތުން ވާހަކަދެއްކި ވިކްޓޯރިޔާ ޕާމަރ ބުނިގޮތުގައި، އެޕްލިކޭޝަންތައް ކުއްލިއަކަށް ގިނަވެ ފުނިޖެހުމާ ގުޅިގެން އެ އިދާރާއިން ވަނީ އިތުުރު 44 މުވައްޒަފަކު އެކަމަށް ތަމްރީނުކޮށްފައެވެ. ފާއިތުވި އޮކްޓޯބަރުގެ މެދުތެރެއާ ހަމައަށް އެ އިދާރާގައި އެމަސައްކަތުގައި ހަރަކާތްތެރިވެފައި ވަނީ ހަ މުވައްޒަފުންނެވެ.

މިހާތަނަށް ހުއްދަދީފައިވާ 100 މީހުންގެ ތެރޭން ބައެއް މީހުން އަދި ތިބީ އަފްޣާނިސްތާނުގައި އަނެއްބައި މީހުން ވަނީ އެހެން ގައުމަކަށް ދަތުރުކޮށްފައެވެ.

ހިއުމެނިޓޭރިއަން ޕެރޯލް ޕްރޮގްރާމްގެ ދަށުން އެމެރިކާާއަށް އެތެރެވުމަށް އެދި އަހަރަކު އާއްމުކޮށް ލިބެނީ ދެ ހާހެއްހާ އެޕްލިކޭޝަނެވެ. އެހެންނަމަވެސް، މިފަހަރު އަފްޣާނިސްތާނުގެ މައްސަލަ ގޯސްވުމާ ގުޅިގެން މިއަހަރު އެޕްލިކޭޝަންތައް މިވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ.

މި ޕްރޮގްރާމްގެ ދަށުން އަފްޣާން އެތައް ހާސް ބަޔަކު އެމެރިކާއަށް އެތެރެވާން އެދިފައި ވާއިރު، މިހާރު ވެސް އެމެރިކާ ސިފައިން ހިންގި 'އޮޕަރޭޝަން އެލައިސް ވެލްކަމް' ޕްރޮގްރާމުގެ ދަށުން 73 ހާސް އަފްޣާން މީހުން ވަނީ އެމެރިކާއަށް އެތެރެވެފައެވެ. އެއީ، އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އިރު އެމީހުންނަަށް މަސައްކަތްކޮށްދިން މީހުންނާ އެމީހުންގެ އާއިލާތަކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.