އިސްލާމްެއާބާދުގައި ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި ޠާލިބާން ސަރުކާރު ގަބޫލުކުރުމަށް އެ ޖަމާއަތުން ގޮވާލައިފި

ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ކާބުލްގައި ހަރަކާތްތެރިވަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީނުންގެ 17 ވަނަ ކުއްލި ބައްދަލުވުން މި މަހުގެ ފަހުކޮޅު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައިވާއިރު، އަފްޣާނިސްތާނުގައި މިހާރު އޮތް ޠާލިބާން ސަރުކާރަކީ އެގައުމުގެ ގާނޫނީ ސަރުކާރުކަން ގަބޫލުކުރުމަށް އެ ޖަމާއަތުން އޯއައިސީގެ މެންބަރު ގައުމުތަކަށް ގޮވާލައިފިއެވެ.

"އަހަރުމެން ބޭނުން ވަނީ އޯއައިސީގެ ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ބާއްވަން. އެހެންކަމުން، ކުރިއަށް ބައްދަލުވުމުގައި އަހަރުމެންނަށް ތާއީދުކޮށް، އިސްލާމިކް އެމިރެޓް އޮފް އަފްޣާނިސްތާނުގެ ސަރުކާރު ގަބޫލުކުރުމަށް އަހަރުމެން ގޮވާލަން." ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތުދެއްވަމުން ޠާލިބާން ޖަމާއަތުގެ އިސް ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވިއެވެ.

"އަހަރުމެންނަކީ އެމީހުން އަޚުން. އެހެންކަމުން އަހަރުމެންނަށް ތާއީދުކޮށް އަފްޣާނިސްތާނުގެ ސަރުކާރު ގަބޫލުކުރުމަކީ އެމީހުން ކުރަންޖެހޭ ކަމެއް. އެމީހުންގެ ތާއީދާއި، ގަބޫލުކުރުމާއި، އެެއްބާރުލުން އަހަރުމެންނަށް ބޭނުންވޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ފާއިތުވި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ވެރިރަށް ކާބުލްއަށް އަރައި އަފްޣާނިސްތާނުގެ ވެރިކަން އަތުލުމަށް ފަހު، އެތައް ބިލިއަން ޑޮލަރެއްގެ ބައިނަލްއަގުވާމީ އެހީ މެދުކަނޑާލުމާ ގުޅިގެން އަފްޣާނިސްތާނަށް އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އިންސާނީ ހައްގުތަކާއި، ސަލާމަތީ ކަންކަމާއި، އެހެން ފަރާތްތައް ބައިވެރިކުރުުމުގެ މައްސަލަތަކުގައި ޠާލިބާން ޖަމާއަތާއެކު އުފެދިިފައިވާ ދެބަސްވުންތަކާހެދި ބައިނަލްއަގުވާމީ މުޖުތަމައުން ޠާލިބާން ސަރުކާރު ގަބޫލުނުކުރެއެވެ. އެމެރިކާ ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގެ މިލްކިއްޔާތުގައި ހުރި 9.5 ބިލިއަން އެމެރިކާ ޑޮލަރު ހިފަހައްޓައި، ޠާލިބާނުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިފިޔަވަޅުގެ ސަބަބުން ޠާލިބާން ސަރުކާރު ދުނިޔޭގެ މާލީ ނިޒާމުން އެކަހެރިވެ، އެގަައުމުގެ ބޭންކުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ފާއިތުވި ހަފުތާގައި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި އަފްޣާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިސާއާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ޚާރިޖީވަޒީރުން ކުއްލި ބައްދަލުވުމެއް މި ޑިސެންބަރު މަހު 19 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމަށް އީޔޫގެ އިތުރަށް އދ. ގެ ސަލާމަތީ މަޖިލީގެ ދާއިމީ 5 މެންބަރުން ކަމުގައިވާ އެމެރިކާ، ފްރާންްސް، އިނގިރޭސިވިލާތް، ރަޝިޔާ އަދި ޗައިނާއަށް ވަނީ ދައުވަތު ދީފައެވެ.

ބޭރުގައި ތިއްބެވި އަފްޣާން ލީޑަރުންވެސް ގައުމަށް ވަޑައިގަތުމަށް ޠާލިބާނުންގެ ތަރުޖަމާނު ވަނީ ގޮވައިލައްވާފައެވެ.

"ތަޖިކިސްތާނާއި ޔޫރަޕުގައި ތިއްބަވައިގެން ވާހަކަދެއްކެވުމުގެ ބަދަލުގައި އަހަރުމެން އެދެނީ އެބޭފުޅުން ގައުމަށް އެނބުރިވަޑައިގަތުމަށް......... އަފްޣާނިސްތާނު މިހާރު ވަނީ އަމާންވެފައި. ގައުމު ވަނީ އަހަރުމެންގެ ކޮންޓުރޯލުގެ ދަށުގައި. އަފްޣާނިސްތާނުގެ ހުރިހާ ފަރާތްތަކާ ވާހަކަދައްކަން އަހަރުމެން ބޭނުން." ޒަބީޙުﷲ މުޖާހިދު ވިދާޅުވިއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.