ޕާކިސްތާނުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކުރަނީ

ޖަސްޓިސް ޢާއިޝާ މަލިކް

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ލާހޯރު ހައި ކޯޓުގެ ފަނޑިޔާރު ޖަސްޓިސް އާއިޝާ މަލިކް އައްޔަންކުރުމަށް ޖުޑިޝަލް ކޮމިޝަން އޮފް ޕާކިސްތާން (ޖޭސީޕީ) އިން ފާސްކޮށްފިއެވެ. މިއީ ޕާކިސްތާނުގެ 74 އަހަރުގެ ތާރީޚުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

މައުލޫމާތުހުރި ބައެއް ފަރާތްތަކާ ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖީފް ޖަސްޓިސް ގުލްޒާރު އަޙްމަދުގެ ރިޔާސަތުގައި ބޭއްވި ޖޭސީޕީގެ ބައްދަލުވުމުގައި އާއިޝާ މަލިކް ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ 5 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. 4 ބޭފުޅަކު ވަނީ ދެކޮޅަށް ވޯޓުދެއްވާފައެވެ.

ޕާކިސްތާނުގެ މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމާބެހޭ އުސޫލުގައި ވާގޮތުން ޖޭސީޕީގެ ނިންމުން ދެން ފޮނުވާނީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ޕާލަމެންޓްރީ ކޮމިޓީ އޮން އެޕޮއިންޓްމަންޓް އޮފް ޖަޖަސްއަށެވެ.  އެ ކޮމިޓީ ފާސްކުރުމަށް ފަހު ނުވަތަ ގޮތެއް ކަނޑަނާޅާ 14 ދުވަސްވުމަށްފަހު، ފަނޑިޔާރު އައްޔަކުރުމުގެ މައްސަލަ ފޮނުވަނީ ބޮޑުވަޒީރަށެވެ. ބޮޑުވަޒީރުގެ އޮފީސް އެ މައްސަލަ ރައިސަށް ފޮނުވުމުން ފަނޑިޔާރު އައްޔަންކުރައްވާނީ ރައީސެވެ.

ޕާކިސްތާނު ސުޕްރީމް ކޯޓު

އުމުރުފުޅުން 55 އަހަރުގެ އާއިޝާ މަލިކު 27 މާރިޗު 2012 އިން ފެށިގެން ހުންނެވީ ލާހޯރު ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ކަރާޗީގެ ގަވަމެންޓް ކޮލެޖް އޮފް ކޮމާސް އެންޑް އިކޮނޮމިކްސްއިން ބެޗެލާސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު އޭނާ ވަނީ ލާހޯރުގައި ހުންނަ ޕާކިސްތާން ކޮލެޖް އޮފް ލޯއިން ގާނޫނީ ދާއިރާއިން ޑިގްރީ ހައްދަވާފައެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާގެ ހާވާޑް ސްކޫލް އޮފް ލޯއިން އެލްއެލް.އެމް. (މާސްޓަރ އޮފް ލޯ) ހައްދަވާފައެވެ.

2001 ވަނަ އަހަރުއްސުރެ ގާނޫނީ ދާއިރާގައި މަސައްކަތްޕުޅުކުރައްވާ ޢާއިޝާ މަލިކް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރުމުގެ މައްސަލަ ޖޭއެސްޕީއަށް ފުރަތަމަ ހުށަހެޅުނީ ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އޭރު އެކޮމިޝަނުން އެކަން ފާސްވެފައި ނުވެއެވެ. މިފަހަރު އޭނާ އައްޔަންކުރަން ފާސްވިނަމަވެސް، އެކަން ވެގެން ގޮސްފައި ވަނީ އެގައުމުގައި ޚިޔާލު ތަފާތުވުން ބޮޑު މައްސަލައަކަށެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލުންގެ ދަ ސުޕްރީމް ކޯޓް ބާ އެސޯސިއޭޝަނުން ވަނީ ޢާއިޝާ މަލިކް ސުޕްރީމް ކޯޓަށް އައްޔަންކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ބާ އެސޯސިއޭޝަންގެ ރައީސު ޢަބްދުއްލަޠީފް އަފްރީދީ ވަނީ އެކަމާ ދެކޮޅަށް ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރުމަށް ގޮވައިލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޢާއިޝާ މަލިކް އައްޔަންކޮށްފައި ވަނީ ޕާކިސްތާނު ފަސް ހައި ކޯޓުގައި އޭނާއަށްވުރެ ފަނޑިޔާރުކަމުގައި ގިނަ ދުވަސްވީ ފަނޑިޔާރުން ތިއްބަވަނިކޮށް އެބޭފުޅުން ފަހަތަށް ޖައްސާލާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޖަސްޓިސް ޢާއިޝާ މަލިކް ވެވަޑައިގެންފިނަމަ 2031 ވަނަ އަހަރު އުމުރުފުޅުން 65 އަހަރުގައި ރިޓަޔާކުރައްވަންދެން އޭނާ އެމަގާމުގައި ހުންނަވާނެއެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.