
ނޫސްވެރިކަމުގެ ޒިއްމާ އަދާކުރަމުންދަނިކޮށް ފާއިތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޕާކިސްތާނުގައި 26 ނޫސްވެރިން މަރާލާފައިވާ ކަމުގައި އެ ގައުމުގެ ކަމާބެހޭ ފަރާތުން ހާމަކޮށްފިއެވެ.
ފަސް އަހަރުގެތެރޭގައި 26 ނޫސްވެރިން މަރާލެވުނުކަމަށްވިޔަސް ކޯޓާހަމައަށް ގެންދެވުނީ 16 މައްސައެވެ. އަދި ޝަރީޢަތް ހިންގައި އަދަބުދެވިފައި ވަނީ އެންމެ މައްސަލައަކާ ގުޅޭ މީހުންނަށެވެ.
ފްރީޑަމް ނެޓްވޯކުގެ އެގްޒެކްޓިވް ޑައިރެކްޓަރ އިޤްބާލް ޚަޓަކް ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ނޫސްވެރިން މެރުމަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް ބިރުދެއްކުން ދަނީ އިތުރުވަމުންނެވެ. އެހެން ވާންޖެހެނީ ފުލުހުންގެ ޤާނޫނީ ނިޒާމު ނާކާމިޔާބުވުމުގެ އިތުރަށް ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ނިޒާމު ވެސް ރަނގަޅަށް ނުހިނގާތީކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ކަންތައްތައް ބަލަހައްޓާ ބައިނަލްއަޤްވާމީ ދާއިރާތަކުން ބުނާ ގޮތުގައި ނޫސްވެރިންނަށް ދުނިޔޭގައި އެންމެ ނުރައްކާތެރި ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ. ޕާކިސްތާނުން ނޫސްވެރިންނަށް އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާންޖެހެނީ ޕަންޖާބުންނެވެ.