މިމަހު ކުރީކޮޅު ޕާކިސްތާނުގެ ރައީސުކަމާ ހަވާލުވެވަޑަގެންނެވި އާރިފު އަލްވީ އޭނާގެ އުފަން ރަށް ކަރާޗީއަށް ވަޑައިގަތުމުން އޭނާ އެރުވި 'ޝާހީ ޕްރޮޓޮކޯލާ މެދު ހިތްޕުޅު ހަމަނުޖެހޭކަން އޭނާ ހާމަކުރައްވައިފިއެވެ.
އޭނާއަށް އެހާ މަތީފެންވަރުގެ ޕްރޮޓޮކޯލް ބޭނުންފުޅު ނުވާކަން އެންގަވާފައި ވަނިކޮށް، ރައީސުކަމާ ހަވާވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރަސްމީ ދަތުރުފުޅެއްގައި ކަރާޗީއަށް ވަޑައިގަތުމުން ސިންދު ސަރުކާރުން ވަނީ އެންމެ މަތީ ފެންވަރުގެ ޕްރޮޓޮކޯލްއާއެކު އޭނާއަށް މަރުހަބާކިޔާފައެވެ.
"ކާރުތަކުގެ ދިގު ސިލްސިލާއެއް އަހަރެންގެ ފަހަތުން އެބަ އާދޭ. ބިޔަ ޕްރޮޓޮކޯލަކާއެކު އަހަރެން ލަދުނުގެންނެވުމަށާއި، އަހަރެންގެ ކުރީގައި 1 ނުވަތަ 2 ކާރު އަދި އަހަރެންގެ ފަހަތުގައި 1 ނުވަތަ 2 ކާރު އޮތުމުން އެމީހުން ބޭނުންވާ ފެންވަރުގެ ރައްކާތެރިކަން އަހަރެންނަށް ދެވިދާނެކަމަށް އެއާޕޯޓުގައި ތިބި އޮފިޝަލުން ގާތު އަހަރެން ވާނީ ބުނެފައި. އެކަން އެހެނެއް ނުވި. އަހަރުމެން ޖެހެނީ މިކަމަށް އަދި ބޮޑަށް މަސައްކަތްކުރަން" ހިތްޕުޅާނުވެ ހުންނަވައި ރައީސު އަލްވީ ކުރެއްވި ޓުވީޓެއްގައި ވެއެވެ.
ސިންދު ޕްރޮވިންސުގެ ވެރިރަށް ކަރާޗީއަށް ރައީސު އަލްވީ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ ސިންދުގެ ގަވަރުނަރު އިމްރާން އިސްމާއީލާއި، ޗީފް މިނިސްޓަރު ސައްޔިދު މުރާދު އަލީ ޝާހެވެ.
އަދި ޚަބަރު ލިބޭ ގޮތުގައި ކަރާޗީ އެއާޕޯޓަށް ވަޑައިގެން ބެލްޓް މަތިން ފޮށިކޮޅު ނެންގެވީވެސް އަމިއްލަފުޅަށެވެ. އަދި ވީއައިޕީ ޚިދުމަތް ނުހޯއްދަވައި، ފްލައިޓަށް އަރާވަޑައިގަތީވެސް ކިއުގައި ހުންނަވައިގެން އާދައިގެ ފަސިންޖަރެއްގެ ގޮތުގައެވެ.
ރައީސު އާރިފު އަލްވީ ކަރާޗީގައި ހުންނަވާ ގެކޮޅުގެ ވަށައިގެން ފުލުހުން މާގިނައިން ތިބޭތީ އެކަމާ ހިތްޕުޅު ހަމަނުޖެހިގެންވެސް އޭނާ ވަނީ ޓުވީޓުކުރައްވާފައެވެ.
"އަހަރުމެން ޖެހެނީ މިކަމާމެދުވެސް ގޮތެއް ނިންމަން. އަހަރުންގެ މުޅި ދިރިއުޅުން އެބަޔަކާއެކު ހޭދަކުރި އަވަށްޓެރިން މިކަން އުނދަގުލަކަށް ވެގެން ނުވާނެ. އަހަރެންނާ ސެކިއުރިޓީ މީހުންނާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް. އެހެންނަމެވެސް، އެކަމުން އާއްމުންނަށް އުނދަގޫ ވަންޏާ އަހަރުމެން ޖެހޭނެ ކޮންމެވެސް ހިސާބަކުން ރޮނގެއް ދަމަން." އޭނާގެ ގެކޮޅުގެ ވަށައިގެން ފުލުހުން މާގިނަ ވެގެން އަވަށްޓެރިއަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން ރައީސު އަލްވީ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވަނީ ބޮޑު ވަޒީރުގެ އޮފީހުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރައްވައި، މިނިސްޓަރުންގެ ބައެއް އެލަވަންސުތައް ވެސް ކުޑަކުރައްވާފައެވެ.