މުޙައްމަދު ޢަލީ ޖިނާޙްގެ އުފަން ދުވަސް ޕާކިސްތާނު އެމްބަސީގައި ފާހަގަކޮށްފި

ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙްގެ 146 ވަނަ އުފަންދުވަސް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި މިއަދު ފާހަގަ ކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ވައިސް އެޑްމިރަލް (ރ) އަޠްހަރް މުޚްތާރު ވިދާޅުވި ގޮތުގައި މުޙައްމަދު ޢަލީ ޖިނާޙަކީ މުޅި ސަބްކޮންޓިނެންޓުގެ މުސްލިމުންނަށްޓަކައި ޚާއްސަ ތަސައްވަރެއް ގެންގުޅުއްވި ބޭފުޅެކެވެ. ޕާކިސްތާން އުފެއްދެވި މައިގަނޑު ސަބަބަކީ އެއީއެވެ. އޭނާ ވަނީ ޕާކިސްތާނުގައި ޖިނާޙަށް އޮންނަ ލޯބީގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ.

އެމްބެސެޑަރު ވިދާޅުވި ގޮތުގައި އިންސާނީ ތާރީޚަށް ބަލާއިރުވެސް ޕާކިސްތާނުގެ ބާނީއަށް ލިބިވަޑައިގެންފައިވާ މަޝްހޫރުކަމާއި ލޯބި ލިބިވަޑައިގެންފައި ވަނީ މަދު ބޭފުޅަކަށެވެ. ޖިނާޙް މަސައްކަތް ކުރައްވާފައި ވަނީ ދިމާވީ އެތައް ހުރަހަކާއެކުވެސް ގައުމު ކުރިއަށް ގެންދެވޭތޯއެވެ. މި މަސައްކަތުގައި ހޯއްދަވާފައިވާ ކާމިޔާބީއަކީ ފާހަގަ ކުރުން ހައްގު ކާމިޔާބީއެކެވެ. އޭނާއަކީ ﷲ އަށާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލޯބި ކުރެއްވި ބޭފުޅަކަށް ވުމާއެކު ކުރިއަށް ވަޑައިގަތުމުގައި ފަސޭހަފުޅުވީއެވެ. އޭނާއަކީ ހަމައެކަނި ޕާކިސްތާނުގެ ރައްޔިތުންނަށްޓަކައި ހުރި ނަމޫނާއަކަށް ވަނީއެއް ނޫނެވެ. ޕާކިސްތާނު އުފެއްދެވުމާއި ކުރިއަށް ވަޑައިގަތުމުގައި ގެންގުޅުއްވި އުސޅުތަކަކީ މުޅި ދުނިޔެއަށް ހުރި ނަމޫނާއެއް ކަމުގައި އެމްބެސެޑަރު ވިދާޅުވިއެވެ.

ޖިނާޙަކީ ޕާކިސްތާނުގެ މުސްލިމުންގެ އިތުރަށް އަގުލިއްޔަތު ދީންތަކަށްވެސް ހައްގުތައް ހޯއްދަވައި ދެއްވި ބޭފުޅެކެވެ. އެކި ދީންތަކުގެ މީސްމީހުން އަޅުކަން ކުރުމާއި ދީނަށް އުޅުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރު ކޮށްދެއްވި ބޭފުޅެކެވެ.

އެމްބެސެޑަރު ވަނީ މިއަދުވެސް ކަޝްމީރުގެ މުސްލިމުންގެ ހަނދާން އައު ކުރައްވައި ޕާކިސްތާނު އަބަދުވެސް ކަޝްމީރުގެ ރައްޔިތުންނާއެކުގައި އޮންނާނޭ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިން އަޙްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ޖިނާޙް ފަދަ ލީޑަރެއްގެ ދަށުން ޕާކިސްތާން އިފެދިގެން އައިސް ކުރިއަށް ފިޔަވަޅު އަޅަން ފެށުމަކީ ﷲ ލެއްވި ނަސީބެކެވެ. ސަބްކޮންޓިނެންޓްގެ މުސްލިމުންނަށްޓަކައި ވަކި ގައުމެއް އުފެއްދެވި ކަމަށްޓަކައި އޭނާ ވަނީ ޖިނާޙަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ޕާކިސްތާނު އުފެދުމުގައި ޤުރްބާން ވެގެން ދިޔަ ޝަހީދުންގެ ޒިކުރާ އޭނާ އައު ކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖިނާޙްގެ އުފަންދުވަހުގެ ކޭކު ފެޅުންވެސް އޮތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.