ކުރީގެ އަނބިކަނބަލުންނާއި، ބޭފުޅުންނަށް ބަދަލުގެ ގޮތުގައި 550 މިލިއަން ޕައުންޑު ދިނުމަށް ދުބައިގެ ވެރިޔާގެ މައްޗަށް ލަންޑަންގެ ހައިކޯޓުން އަމުރުކޮށްފި

ދުބައިގެ ވެރިޔާ މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް އަދި އޭނާގެ ކުރީގެ އަނބިކަނބަލުން ހަޔާ ބިންތި އަލްޙުސައިން

ދުބައިގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް، އޭނާގެ ކުރީގެ އަނބިކަނބަލުން ހަޔާ ބިންތި އަލްޙުސައިންއަށާއި، އޭނާގެ ދަރިކަނބަލުން އަލްޖަލީލާ (14 އަހަރު) އަދި ދަރިކަލުން ޒާޔިދު (9 އަހަރު) އަށް ބަދަލުގެ ގޮތުގައި 550 މިލިއަން ޕައުންޑު (11.24 ބިލިއަން ދިވެހި ރުފިޔާ) ދިނުމަށް ލަންޑަނުގެ ހައިކޯޓުން އަމުރުކޮށްފިއެެވެ. މިއީ އިނގިރޭސިވިލާތުގެ ކޯޓަކުން ވަރީގެ ބަދަލުގެ ގޮތުގައި ދޭން އަމުރުކުރި އެންމެ ބޮޑު އަދަދެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރުކަމާއި، ނާއިބު ރައީސުކަންވެސް ކުރައްވާ މުޙައްމަދު ބިން ރާޝިދު މައްޗަށް ކޯޓުން ކުރި އަމުރުގައި ވަނީ އޭނާގެ ހަވަނަ އަނބިކަނބަލުންގެ ގޮތުގައި ހުންނެވި ހަޔާއަށް ބަދަލުގެ ގޮތުގައި 251.5 މިލިއަން ޕައުންޑު (5.14 ބިލިއަން ދިވެހި ރުފިޔާ) ދިނުމަށެވެ. އަދި އެ ދެބޭފުޅުންގެ ދަރިކަލުންނާއި، ދަރިކަނބަލުންގެ ޚަރަދާއި، ރައްކާތެރިކަމަށް 290 މިލިއަން ޕައުންޑު (5.92 ބިލިއަން ދިވެހި ރުފިޔާ) ގެބޭންކް ގަރަންޓީއެއް ދިނުމަށެވެ. ހަޔާއަކީ ޖޯޑަން (އުރްދުން) ގެ ކުރީގެ ރަސްގެފާނު އަލްޙުސައިން ބިން ޠަލާލްގެ ދަރިކަނބަލުންނެވެ. އަދި މިހާރުގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިންގެ ކޮއްކޯފުޅެވެ.

އުުމުރުފުޅުން 72 އަަަަހަރުފުޅުގެ މުޙައްމަދު ބިން ރާޝިދު އާއި އޭނާގެ ކުރީގެ އަނބިކަނބަލުން، އުމުރުފުޅުން 47 އަހަރުފުޅުގެ ހަޔާ ބިންތި އަލްޙުސައިންއާ ދެމެދު ގާނޫނީ އަރަައިރުން ކުރިއަށް ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހަޔާ އޭނާގެ ދެ ބޭފުޅުންނާއެކު މިހާރު އުޅުއްވަނީ ލަންޑަނުގައެވެ.

ސޮފްްޓްވެއާއެއް ބޭނުންކުރަައްވައިގެން މުޙައްމަދު ބިން ރާޝިދު އޭނާގެ ކުރީގެ އަނބިކަނބަލުންގެ ފޯނު ހެކްކުރައްވައިގެން ޖާސޫސުކުރައްވަމުން ގެންދަވާފައިވާ ކަމަށާއި، ކުރީގެ އަނބިކަނބަލުން ލަންޑަނަށް ވަޑައިގަތުމުގެ ކުރިންނާ، އޭގެ ފަހުންވެސް އޭނާއަށް އެކި ގޮތްގޮތުން ދުއްތުރާކުރައްވާފައިވާ ކަމަށްވެސް ލަަންޑަނުގެ ހައިކޯޓުން ފާއިތުވި އަަހަރު ވަނީ ހުކުމްކޮށްފައެވެ.

ވަރީގެ ބަދަލާމެދު ނެރުއްވި އަމުރުގައި ފަނޑިޔާރު ފިލިޕް މޯ ވިދާޅުވެފައި ވަނީ "އެކަށީގެންވާ ކޮންމެ ބަދަލެއް ދިނުމަށް އޭނާގެ މުއްސަނދިކަން ފުދޭކަަމަށް މުޙައްމަދު ބިން ރާޝިދު އެއްބަސްވެވަޑައިގެންފައިވާ" ކަމުގައެވެ.

"އޭނާގެ ބޭފުޅުންނަށް މަދުނުވާވަރަށް ފައިސާ ލިބޭކަން ޝައިޚް މުޙައްމަދު ރާޝިދު އަބަދުވެސް ކަށަަވަރުކުރައްވަން ބޭނުންފުޅުވޭ. ކޯޓުން މިހާރު ވަނީ އެކަަމަށް އަމުރެއް ނެރެއްވާފައި. އެކަމާ ބެހޭގޮތުން އޭނާ ވިދާޅުވާނެ އެއްޗެއް ނެތް." ހައިކޯޓުގެ ހުކުމަށް ފަހު މުޙައްމަދު ބިން ރާޝިދުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު ބިން ރާޝިދު ހަޔާ ބިންތި އަލްޙުސައިންއާ ކައިވެނި ބައްލަވައިގަތީ 2004 ވަނަ އަހަރުއެވެ. އަދި އޭނާ ވަރިކުރައްވާފައި ވަނީ 2019 ވަނަ އަަހަރުއެވެ.

ހަޔާ އޭނާގެ ދެ ބޭފުޅުންނާއެކު މިހާރު އުޅުއްވަމުން ގެންދަވަނީ އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރެއް ކަމުގައިވާ ކެންސިންގްޓަން ޕެލެސް ކައިރީގައި ހުންނަ ގެކޮޅެއްގައެވެ. އެއީ ހަޔާއަށް އޭނާގެ ބައްޕަޅު އަލްޙުސައިން ބިން ޠަލާލުގެ ފަރާތްޕުޅުން ވާރުވަތަވެފައިވާ ގެކޮޅެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.