ދުބައިގެ ވެރިޔާ ޝައިޚް މުޙައްމަދުގެ އަނބިކަނބަލުން ހަޔާ ފިއްލަވައިފި

ދުބައިގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އާލް މަކްތޫމު އޭނާގެ އަނބިކަނބަލުން އަމީރާ ހަޔާ ބިންތި އަލްޙުސައިން އާއެކު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނާއިބު ރައީސު އަދި ބޮޑުވަޒީރު އަދި ދުބައިގެ ޙާކިމް (ވެރިޔާ) ޝައިޚް މުޙައްމަދު ބިން ރާޝިދުގެ އަނބިކަނބަލުން އަމީރާ ހަޔާ ބިންތި އަލްޙުސައިން ދުބައި ދޫކުރައްވައި ފިއްލަވައިފި ކަމަށް ޚަބަރު ލިބެއެވެ.

އިނގިރޭސީ ނޫސް ޑެއިލީ މޭލް އިން ބުނި ގޮތުގައި ހަޔާ ހުންނެވީ އެކަމަނާގެ ފިރިކަލުން ދޫކުރައްވާފައި، އެކަމަނާގެ ދެ ބޭފުޅުން ކަމުގައިވާ އަލްޖަލީލާ (12 އަހަރު) އަދި ޒާޔިދު (7 އަހަރު) އާއެކު ފިއްލަވައިގެން އެކަމަނާ އުޅުއްވަނީ ލަންޑަނުގައެވެ. ޚަބަރު ލިބޭ ގޮތުގައި އެކަމަނާ ވަޑައިގަތީ 40 މިލިއަން އެމެރިކާ ޑޮލަރު އެކަމަނާގެ އެކައުންޓަކަށް ޖަމާރެއްވުމަށް ފަހުގައެވެ.  

އެ ނޫހުން ބުނި ގޮތުގައި އަމީރާ ހަޔާ ދުބައިން ފިއްލަވައިގެން ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ.އަދި މިހާރު އެކަމަނާ ފިއްލަވައިގެން އުޅުއްވަނީ ލަންޑަނުގައެވެ. އެކަމަނާ ވަނީ ޖަރުމަނުން ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައެވެ. ޚަބަރު ލިބޭގޮތުގައި ދުބައިން އެކަމަނާ ފިއްލެވުމުގައި އެކަމަނާއަށް އެހީތެރިވެދިނީ ޔޫއޭއީގައި ހުންނަ ޖަރުމަނު އެންބަސީގެ ޑިޕްލޮމޭޓެކެވެ. މި މައްސަލައިގެ ސަބަބުން ޔޫއޭއީއާއި ޖަރުމަނާ ދެމެދު ޑިޕްލޮމެޓިކް އަރައިރުމެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ހަޔާ އަކީ ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިންއާ އެއްބަފާފުޅު ކޮއްކޯފުޅެކެވެ. އެކަމަނާގެ މަންމާފުޅަކީ ޙުސައިން ރަސްގެފާނުގެ ތިންވަނަ އަނބިކަނބަލުން ރާނީ ޢަލްޔާއެވެ.

ދުބައިގެ ޝާހީ އާއިލާގެ އަރިސް ބޭފުޅަކުވެސް ވަނީ އެކަމަނާ ފިއްލަވާފައިވާކަން ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް ޔަގީންކޮށްދެއްވާފައެވެ.

އަމީރާ ހަޔާއާއި އެކަމަނާގެ ފިރިކަލުން މުޙައްމަދު ބިން ރާޝިދުއާ ދެމެދު މައްސަލަ ޖެހިގެން އުޅޭކަމުގެ ޚަބަރުތައް ފާއިތުވި ފެބުރުވަރީ މަހުއްސުރެ ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށްދީފައި ނުވެއެވެ.

ފެބްރުވަރީ މަހުން ފެށިގެން ޢަލްޔާގެ މީސްމީޑިޔާ އެކައުންޓުތައް ބަންދުކުރެވިފައިވާއިރު، މޭ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެކަމަނާ އާއްމު ތަނަކުން ފެނިފައި ނުވެއެވެ.

2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޝައިޚް މުޙައްމަދު ބިން ރާޝިދުގެ ދަރިކަނބަލަކު ކަމުގައިވާ ލަޠީފާ ބިންތި މުޙައްމަދު ބިން ރާޝިދު ފިއްލަވައިގެން އެމެރިކާގެ ސިޔާސީ ހިމާޔަތް ހޯއްދަވަން އުޅުއްވި ޚަބަރުވެސް ފެތުރުނެވެ. އެކަމަނާގެ އެމަސައްކަތްޕުޅު ނާކާމިޔާބު ވުމަށްފަހު އެކަމަނާ ފެނިފައި ނުވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.